ސިޔާސީ ނުފޫޒުން ވަޒީފާ ހޯދާ މުވައްޒަފުން ލައްވާ މަސައްކަތްކުރުވުން އުދަގޫވެފައި!
17 އެޕްރީލް 2026 - 10:16
ސަރުކާރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ ބޭނުމަށް ނުވަތަ ސިޔާސީ ގުޅުންތަކުގެ ތެރެއިން މުވައްޒަފުން ނެގުމަކީ ކޮންމެ ސަރުކާރެއްގައި ވެސް ހިނގާ ކަމެކެވެ. އެކި ސަރުކާރުކާރުތަކުގައި އެކި މިންވަރަށެވެ. މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން ކުރިން އިދިކޮޅުގައި ތިބެގެން ވެސް އެ ވާހަކަ ދެއްކިއެވެ. އޭރު އޮތް ސަރުކާރަށް ފާޑުކިޔަމުން ދިޔައީ ސިޔާސީ މުވައްޒަފުން ގިނަ ވެގެންނެވެ. އެހެން ނަމަވެސް މި ސަރުކާރުގައި އެކަން އޮތީ ހަމަ އެހެންނެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ވެސް ވަނީ ސިއްރުކުރެވިފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުން ނަމަ އެ އަދަދު ހާހަކަށް ވުރެ މައްޗަށް ގޮސްފައި ވެއެވެ.
ސަރުކާރުގެ ވަޒީފާތަކަށް އެންމެ ގިނައިން އެއްފަހަރާ މުވައްޒަފުން ނަގަނީ އިންތިހާބުތަކާ ދިމާކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް 2024 ވަނަ އަހަރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނެގިއެވެ. މި މަހު ނިމިގެން ދިޔަ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ހިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް ވެސް އެތައް ސަތޭކަ ވަޒީފާތަކަކަށް މީހުން ނެގިއެވެ. އިންތިހާބުގެ ފަހު ރޭ ވެސް ދަންވަރުގެ ވަގުތު ވެސް ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުން މުވައްޒަފުން ހޯދަން އިއުލާނުކުރީ ކުރިމަތިލުމަށް 24 ގަޑިއިރު ވެސް ނުދީއެވެ. އޭގެ ކުރިން ވެސް އެތައް ރަށަކުން ވަޒީފާތައް ބެހިއެވެ. ކުންފުނިތަކަށް ނުކަތާ ވަރަށް ވަޒީފާތަކަށް މީހުން ނެގިއެވެ.
އިގްތިސާދީ ދަތި ދުވަސްވަރެއްގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިއީ އުނދަގޫ ކަމަކަށް ވިޔަސް، ދައުލަތުގެ އިގްތިސާދީ ދުޅަހެޔޮކަމާއި މުޖުތަމައުގެ ހަމަޖެހުމަށްޓަކައި، މިފަދަ މުވައްޒަފުންނަށް ދެވޭ މުސާރަ އާއި އިނާޔަތްތައް ޕްރައިވެޓް ސެކްޓަރާއި ސިވިލް ސަރވިސް އަށް ވުރެ ބޮޑުނުވާނެ ގޮތަކަށް އޮނިގަނޑު ބައްޓަންކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އަދި ހަމައެހެންމެ، އެ މީހުންނަކީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަކީ ގައުމުގެ ކުރިމަގަށް ނުހަނު މުހިންމު ކަމެކެވެ.
މުސާރައިގެ ފަރަގު ކުޑަކުރުމާއި ދައުލަތުގެ ހަރަދު ކުޑަކުރުން
ސަރުކާރުތަކަށް އެންމެ ބޮޑަށް ފާޑުކިޔުން ރައްދުވާ އެއް މައްސަލައަކީ ސިޔާސީ މަގާމުތަކުގެ މުސާރައެވެ. އަދި އެ މަގާމުތަކަށް ނަގާ ފަރާތްތަކުގެ ތައުލީމީ ފެންވަރު ނެތުމެވެ. މާ ބޮޑު އިލްމެއް ނުވަތަ ހުނަރެއް ނެތް ނަމަވެސް ސިޔާސީ މަގާމުތަކަށް ބޮޑު މުސާރައިގައި މީހުން ނަގާ މައްސަލާގައި އެތައް ބަޔަކު ޝަކުވާކުރެއެވެ. ހާއްސަކޮށް އުމުރުގެ ބޮޑު ބައެއް ތައުލީމު އުނގެނުމުގައި ހޭދަކޮށް މަތީ ފާސް ނަގާ މީހުންގެ ބަދަލުގައި ގްރޭޑް 10 ނިންމާފައި ނުވަތަ އަސާސީ ތައުލީމު ފެންވަރު ހުރި މީހުން އެ ވަޒީފާތަކަށް ނެގުމަކީ އިލްމު އުނގެނުމަށް ޒުވާނުން ކުރާ މަސައްކަތަށް ކުރެވޭ މަލާމާތެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އައްޔަންކުރާ މީހުންނަށް، އާންމު ސިވިލް ސަރވިސް މުވައްޒަފުންނާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ވުރެ ބޮޑު މުސާރައެއް ދިނުމަކީ އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ. މަސައްކަތާ ނުބައްދަލު ބޮޑެތި މުސާރަތައް ދިނުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން މުސާރައަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެއެވެ. މީގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކަށާއި، ސީއްޙީ އަދި ތައުލީމީ ދާއިރާއަށް ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓްތަކަށް ހުރަސްއެޅެއެވެ.
ސަރުކާރު ކުންފުނިތަކުން ހައްދެއް ނެތި ބޮޑެތި މުސާރަ ދޭން ފެށުމުން އޭގެ ނޭދެވޭ އަސަރު އަމިއްލަ ވިޔަފާރިތަކަށް ވެސް ކުރެއެވެ. އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ވަޒީފާތައް ދޫކޮށް ސަރުކާރުގެ ވަޒީފާތަކަށް ބަދަލުވަނީ އެ ވަޒީފާތަކުގައި ފަސޭހައިން އުޅެވޭތީއެވެ. އަދި ސިޔާސީ އެ މަގާމުތަކުގައި މުސާރަތައް ބޮޑުވުން ރަނގަޅު މީހުން ހޯދުމުގައި އަމިއްލަ ކުންފުނިތަކަށް ކޮމްޕީޓްކުރަން އުނދަގޫވެ އެވެ.
އުފެއްދުންތެރި ބަޔަކަށް ހެދުން!
ސިޔާސީ ގޮތުން ވަޒީފާ ދޭ މީހުން މިހާރު ވެފައި އޮންނަނީ ހަމައެކަނި “ނަމެއްގައި” ވަޒީފާގައި ތިބޭ ބަޔަކަށެވެ. ބައެއް މީހުންނަށް ކުރާނެ އެއްވެސް މަސައްކަތެއް ނޯވެއެވެ. އިށީންނާގެ ގޮނޑިއެއް ނުވަތަ މޭޒެއް ނެތް މީހުން ވެސް އެބަ ތިއްބެވެ. ބައެއް މީހުން ކާޑު ޖަހާލާފައި ގޮސް ތިބެނީ ކެފޭތަކުގަ އެވެ. ކުރާނެ އެއްވެސް މަސައްކަތެއް ނެތުމާއި މެންޑޭޓެއް ނޯވެއެވެ. އެފަދަ މީހުން ލައްވާ އުފެއްދުންތެރި މަސައްކަތެއް ކުރުވުމަކީ ވެސް ދަތި ކަމަށް އޮންނަނީ ވެފައެވެ. އެހެން ނަމަވެސް މިއީ ބަދަލުވާންޖެހޭ ކަމެކެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ އިތުރުން އެފަދަ މީހުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދޭނެ ގޮތްތަކެއް ވެސް ހަމަޖައްސަންޖެހެ އެވެ. ހަމައެކަނި މުވައްޒަފުންތަކެއް މަގާމުތަކަށް ނެގުމުގެ ބަދަލުގައި މަސައްކަތަށް ބޭނުންވާނެ މުވައްޒަފުން ނެގުން މުހިންމެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ފަރާތްތަކުގެ ބޭނުން ހިފޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރަންޖެހެއެވެ.
މި ނިޒާމަށް ބަދަލު ގެންނަ އިރު ކޮންމެ މީހަކީ ވެސް ޒިންމާތަކެއް ހަވާލުކުރެވިފައިވާ މީހަކަށް ވާންޖެހެއެވެ. ކޮންމެ މީހަކަށް ވެސް ހާސިލްކުރަންޖެހޭ ކަންތައްތަކެއް ކަނޑައެޅުން މުހިންމެވެ. އަދި އެކަންކަން ހާސިލްކުރުމަށް ވަގުތަކެއް މުއްދަތުތަކެއް ކަނޑައެޅުމަކީ ވެސް އުފެއްދުންތެރި ބަޔަކަށް ހެދުމަށް ކުރެވިދާނެ ކަމެކެވެ. ސިޔާސީ ގުޅުންތަކުގެ ތެރެއިން ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ މަސައްކަތް ވެސް ވިލަރެސްކުރެވޭނެ ނިޒާމެއް އޮންނަޖެއެވެ. އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނުނެރެވޭ ނަމަ ފިޔަވަޅު އަޅައި ނުވަތަ މަގާމުން ވަކިކުރެވޭނެ ނިޒާމެއް ގާއިމުކޮށް ތަންފީޒުކުރެވެންޖެހެއެވެ. އެހެން ނަމަވެސް މިޙާރު އޮންނަ ގޮތުން އެފަދަ މީހަކަށް ފިޔަވަޅު އެޅުމަކީ ވެސް ސިޔާސީ ސަބަބުތަކަށްޓަކައި ވެރިން ވެސް ފަސްޖެހޭ ކަމެކެވެ.
އިޖުތިމާއީ އަސަރު!
ތައުލީމާއި ތަޖުރިބާ ހުރެގެން، ބުރަކޮށް މަސައްކަތްކުރާ ސިވިލް ސަރވިސް އަދި ކުންފުނިތަކުގެ އާންމު މުވައްޒަފުންނަށް ވުރެ، މަސައްކަތެއް ނުކުރާ ސިޔާސީ މުވައްޒަފުންގެ މުސާރަ ބޮޑުވުމަކީ އިޖުތިމާއީ ގޮތުން ބަލާއިރު ބޮޑު ބޭއިންސާފެކެވެ. މިފަދަ ނާއިންސާފު މާޙައުލެއްގެ ސަބަބުން، ކިޔަވައިގެން ތިބި ގާބިލު ޒުވާނުން މާޔޫސްވެ، ގައުމަށް ޚިދުމަތްކުރުމުގެ ރޫހު ގެއްލެއެވެ. މުސާރަ ހަމަހަމަ ކުރުމަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށް އޮތް ބޮޑު ހައްލެކެވެ. ސިޔާސީ މަގާމުތަކާއި އާންމު މަގާމުތަކާ ދެމެދު އޮންނަ މުސާރައިގެ ފަރަގަކީ ވެސް އެތައް ބައެއްގެ ޝަކުވާއެކެވެ. މާ ބޮޑު މަސައްކަތެއް ނެތި އަދި ތައުލީމެއް ނެތް އެތައް ބަޔަކަށް ބޮޑު މުސާރަ ދިނުމަކީ އާ ޖީލުގެ ހިތް މަރާލުން ފަދަ ކަމެކެވެ. ތައުލީމު ހޯދުމަށް އޮތް ޝައުގުވެރިކަން ކުޑަވާނެ ކަމެކެވެ.
ރައްޔިތުންގެ އިތުބާރު ހޯދުން މުހިންމު!
ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ނަގައިގެން، އެއްވެސް އުފެއްދުންތެރި މަސައްކަތެއް ނުކޮށް، އޮފީސްތަކުގައި މީހުން ތިބުމަކީ މުޖުތަމައުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާ މެދު އޮންނަ އިތުބާރު ގެއްލޭ ކަމެކެވެ. ސިޔާސީ މުވައްޒަފުންނަކީ ވެސް ވަކި އުސޫލެއްގެ ދަށުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ، އަދި ޕްރައިވެޓް ސެކްޓަރާ އެއްވަރުގެ މުސާރައެއް ލިބޭ ބަޔަކަށް ހެދުމުން، މުޖުތަމައުގެ ނަޒަރުގައި އެމީހުންގެ އަގު އުފުލި، ނިޒާމާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާއިރު، އެ ފެންވަރުގެ ސިވިލް ސަރވިސް ނުވަތަ ޕްރައިވެޓް ސެކްޓަރ މަގާމުތަކަށް ލިބޭ މުސާރަ އަށް ވުރެ ބޮޑު ނުވާނެހެން ގާނޫނީ ނުވަތަ ސިޔާސަތުގެ އޮނިގަނޑެއް އެކުލަވާލުން މުހިންމެވެ.
ސިޔާސީ ގޮތުން ވައްދާ ކޮންމެ މުވައްޒަފަކަށް ވެސް ސާފު ވަޒީފާގެ ބަޔާނެއް ދިނުމާއެކު، އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން އުފެއްދުންތެރި ކަމަކާ ހަވާލުކުރުމަކީ ވެސް މި މައްސަލަ ހައްލުކުރުމަށް އެޅިދާނެ ވިޔަވަޅެކެވެ. މީގެ އިތުރުން އަހަރީ ގޮތުން ނުވަތަ ކޮންމެ ކުއާޓަރަކު އެއްފަހަރު މި މުވައްޒަފުންގެ މަސައްކަތް ވަޒަންކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ނަތީޖާ ނުނެރެވޭ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮތުމާއި ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ މައުލޫމާތާއި، އެމީހުންގެ މަސްއޫލިއްޔަތުތައް އާންމުކޮށް ފެންނަން ހުންނާނެހެން ހާމަކުރުމަކީ ވެސް މި ނިޒާމާ މެދު އާންމު ރައްޔިތުންގެ އިތުބާރު ހޯދުމަށް ސަރުކާރަށް ކުރެވިދާނެ ކަންކަމެވެ.
ސިޔާސީ ނުފޫޒުގައި ވަޒީފާތަކަށް މީހުން ވެއްދުމުގެ ސަގާފަތް އެއްކޮށް ނައްތާލުމަކީ ރާއްޖޭގެ މިހާރުގެ ހާލަތުގައި ގޮންޖެހުން ބޮޑު ކަމަކަށް ވީނަމަވެސް، އެކަން ރެގިއުލޭޓް ކުރުމަކީ ކުރެވިދާނެ ކަމެކެވެ. މުސާރަތައް އާންމު މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމާއި، އުފެއްދުންތެރި މަސައްކަތްތަކަކަށް އެމީހުން އަމާޒުކުރުމަކީ، ދައުލަތުގެ މާލިއްޔަތު ސަލާމަތްކޮށް، އިންސާފުވެރި އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމެއް ގާއިމުކުރުމަށް އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅެވެ. މި ބަދަލަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި މިއަދުން މިއަދަށް ގެންނަން މަޖުބޫރުވެފައިވާ ބަދަލެކެވެ.
ސިޔާސީ މުވައްޒަފުން އިތުރުވަމީ ދައުލަތަށް ކުރިމަތިވާ ބޮޑު މާލީ ބުރައެކެވެ. އޭގެ ސަބަބުން ތަރައްގީގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅެއެވެ. އުފެއްދުންތެރިކަން ދަށްވެ އެވެ. ކުންފުނިތަކުގެ ހިންގުމަށް އެތައް ހުރަހެއް ކުރިމަތިވެއެވެ. މިހާރު ވެސް ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާއެއް ނެރެވެނީ މަދު ކުންފުންޏަކުންނެވެ. އެފަދަ މަދު ކުންފުނިތަކަށް ވެސް މީގެ ސަބަބުން ހަރަދު ބޮޑުވެ ފައިދާ ދަށަށް ދިއުމަކީ މުޅި ދައުލަތަށް އަދި މުޅި ރާއްޖެ އަށް ވެސް ލިބޭ ގެއްލުމެކެވެ. ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރަތަކާއި މަސްއޫލިއްޔަތުތަކާއި އަދި ޒިންމާތައް އަދާކުރާ މިންވަރު ރައްޔިތުންނަށް އެނގިގެން ދިއުމަކީ އެ މުވައްޒަފުންގެ އުފެއްދުންތެރިކަނއް އިތުރުވެ މުޅި ގައުމަށް ވެސް އޭގެ ފައިދާކުރާނެ ކަމެކެވެ.


