ރިޕޯޓު: ރާއްޖޭގެ ސިޔާސީ “ސްޓޭޓަސް ކޯ” ބަދަލުވުން — ރައްޔިތުން ކުރަހާ މަންޒަރު ލީޑަރުންނަށް ފެނޭބާ؟
23 އެޕްރީލް 2026 - 15:00
“ސްޓޭޓަސް ކޯ ދެމެހެއްޓޭކަށް ނެތް.އުފެދެމުންދާ ޚިޔާލުތަކުގައި އޮއްޓަރު އެބަހުރި، ފަރުވާތެރިކަމާއެކު ވިސްނާލަންޖެހޭ، ހިލޭ ބިން ދިނުން ހުއްޓާލުމާއި، ދާއިމީ އެޑްރެސް އަށް ބަލައިގެން ހައްގުތަަށް ކަނޑައެޅުން ނިމުމަކަށް ގެނައުން ފަދަ މައްސަލައާ ގުޅޭ ގޮތުން ގައުމީ ލެވެލްގައި ވާހަކަ ދައްކަން ޖެހޭ.” މިއީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް 4 ނޮވެމްބަރ 2025 ގައި ވިދާޅުވި ބަސްފުޅެކެވެ. މިއާއެކު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެ ނިޒާމު އިޞްލާޙުކުރުމަށް “ސުން ކަރުދާހެއް” (ޒީރޯ ޑްރާފްޓް) ހުށަހަޅުއްވައި، އެއަށް ކުލަޖެއްސުން ރައްޔިތުންނަށް ދޫކޮށްލައްވާފައެވެ. ނަމަވެސް، ދިރާސީ ނަޒަރަކުން ރާއްޖޭގެ ސިޔާސީ މަސްރަޙާއި ނިމިދިޔަ އިންތިޚާބުތަކުގެ ނަތީޖާތަކަށް ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ ރައްޔިތުން ތިބީ އެ ސުން ކަރުދާހުގައި މާކުރިން ފެށިގެން މަންޒަރު ކުރަހައި، ކުލަޖައްސައިގެން ކަމެވެ.
މައްސަލައަކީ ސިޔާސީ ލީޑަރުންނަށް އެ މަންޒަރު ނުފެނުމެވެ. ނުވަތަ، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި، މިހާރު އޮތް ނިޒާމު (ސްޓޭޓަސް ކޯ) ދެމެހެއްޓުމަށްޓަކައި ގަސްތުގައި އެ މަންޒަރަށް ލޯމަރާލައިގެން ތިބުމެވެ. ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ގެންދިއުމަށްޓަކައި ރައްޔިތުން ގޮވާލަމުންދާ، އަދި ޢަމަލީ ގޮތުން ގެންނަން މަޖުބޫރުވެފައިވާ އަސާސީ ބަދަލުތަކަށް މި ރިޕޯޓުގައި އަލިއަޅުވާލާނަމެވެ.
1. ދާއިމީ އެޑްރެހުގެ ކަސްތަޅާއި ވޯޓުލުމުގެ ޙައްޤު
ރާއްޖޭގެ އިދާރީ އަދި ސިޔާސީ ނިޒާމު ބިނާވެފައި އޮތީ “ދާއިމީ އެޑްރެސް” ގެ މައްޗަށެވެ. މިއީ ޙަޤީޤަތާ ޚިލާފު، އަދި އެތައް ރައްޔިތެއްގެ އަސާސީ ޙައްޤުތައް ގެއްލިގެންދާ ކަމެކެވެ.
- ދާއިމީ އެޑްރެހަށް ބަލައި ޙައްޤު ކަނޑައެޅުން ނިމުމަކަށް ގެނައުން: މާލޭގައި ނުވަތަ އެހެން ރަށެއްގައި 30 އަހަރު ދިރިއުޅުނު ކަމުގައިވިޔަސް، ބޯހިޔާވަހިކަމާއި އިޖުތިމާޢީ އެހެނިހެން ޙައްޤުތައް ހޯދުމުގައި އެމީހެއްގެ އުފަން ރަށް ނުވަތަ ދާއިމީ އެޑްރެސް މިންގަނޑަކަށް ބެލުމަކީ ބޯދާ ވިސްނުމެކެވެ. މިއީ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމެވެ.
- ދިރިއުޅޭ ތަނަށް ވޯޓުލުން: ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި، މީހަކު ދުވަހަކުވެސް ނުދާ، އަދި ދިރިނުއުޅޭ ރަށެއްގެ ކަންކަން ނިންމުމަށް ވޯޓުލުމުގެ ބަދަލުގައި، އެމީހަކު ދިރިއުޅޭ، އަދި ޓެކްސް ދައްކާ، ޚިދުމަތް ހޯދާ މުޖުތަމަޢުއެއްގެ މަންދޫބުން ހޮވުމުގެ ޙައްޤު ލިބެންޖެހެއެވެ. މީގެ ސަބަބުން މަޖިލިސް އިންތިޚާބުތަކުގައި ފައިސާގެ ނުފޫޒު ފޯރުވުންވެސް ކުޑަވެގެންދާނެއެވެ.
2. ޕާޓީގެ ވެރިކަމުން މުޅި ރައްޔިތުންގެ ވެރިކަމަކަށް
ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށްފަހު، ދައުލަތް ހިންގަނީ ޕާޓީގެ ޖަގަހައެއްގެ އުސޫލުންނެވެ. މި ސްޓޭޓަސް ކޯ ބަދަލުކުރަން ރައްޔިތުން ބޭނުންވެއެވެ.
- ޕާޓީގެ މެންބަރުންނަށްވުރެ ރައްޔިތުން އިސްކުރުން: ވަޒީފާތަކާއި، ލޯނުތަކާއި، ސަރުކާރުގެ މަޝްރޫޢުތައް ހަމައެކަނި ވެރިކަންކުރާ ޕާޓީގެ އެކްޓިވިސްޓުންނަށް ބެހުމުގެ ސަގާފަތް ނިމުމަކަށް އަންނަންޖެހެއެވެ. ވެރިކަމަކީ މުޅި ރައްޔިތުންނަށް ކުރާ ކަމަކަށް ވާންޖެހެއެވެ.
- ސަރުކާރު މުވައްޒަފުންނާއި އާންމުންގެ ފަރަގު: ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރެވިފައި އޮންނަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ފައިދާވާ ގޮތަށެވެ. ޕެންޝަނާއި، ލޯނު ސްކީމްތަކާއި ފްލެޓް ދިނުމުގައި އަމިއްލަ މަސައްކަތްކުރާ މީހުންނާއި (މަސްވެރިން، ދަނޑުވެރިން، ފްރީލާންސަރުން) ޕްރައިވެޓް ސެކްޓަރގެ މުވައްޒަފުން ބާކީކޮށްލެވިފައި އޮންނަ އޮތުން ބަދަލުކޮށް، ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދޭން ޖެހެއެވެ.
3. އިޤްތިޞާދީ ފުންވަޅުގަނޑާއި ދައުލަތުގެ ޚަރަދުތައް
ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ފައްތަރެއްގައެވެ. ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ރައްޔިތުން ގޮވާލަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޒިންމާދާރުވުމަށެވެ.
- ސިޔާސީ މުސާރަތައް ކުޑަކުރުން: ތަޢުލީމާއި ތަޖުރިބާ ހުރި ސިވިލް ސަރވިސް މުވައްޒަފަކަށްވުރެ، ސިޔާސީ ގޮތުން އައްޔަންކުރާ މީހެއްގެ މުސާރައާއި އިނާޔަތްތައް ބޮޑުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ އޮނިގަނޑު ހަމަޖެހިފައި އޮންނަންވާނީ ސިޔާސީ މަގާމުތަކުގެ މުސާރަ ސިވިލް ސަރވިސްއަށް ވުރެ ބޮޑު ނުވާނެ ގޮތެއްގެ މައްޗަށެވެ.
- ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން: ދައުލަތުގެ ބަޖެޓުންނާއި ކުންފުނިތަކުން ހައްދެއް ނެތް މިންވަރަށް ވައްކަން ކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން ހުއްޓުވޭނެ ހަރުދަނާ، މިނިވަން ނިޒާމެއް ގާއިމުކުރުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ޑިމާންޑެވެ.
- ދަރަނި ކުޑަކުރުން: ސިޔާސީ ބޭނުމަށް، އަނބުރާ ނުދެއްކޭވަރުގެ ބޮޑެތި ލޯނުތައް ނަގައިގެން ދައުލަތް ދަރަނިވެރިކުރުން ހުއްޓުވައި، ދެމެހެއްޓެނިވި އިޤްތިޞާދީ ސިޔާސަތެއް ތަންފީޒުކުރަން ޖެހެއެވެ.
4. ތަރައްޤީގެ މޮޑެލް ބަދަލުކުރުން: ކޮންކްރީޓާއި ވޯޓުގެ ގުޅުން
މާޒީގައި ސިޔާސީ ލީޑަރުން ގަބޫލުކޮށްގެން ތިބީ ރަށަކަށް ބޮޑު ހިލަ އޮއްސާލުމުން، ބިން ހިއްކާލުމުން ނުވަތަ އެއަރޕޯޓެއް އެޅުމުން ވޯޓު ކަށަވަރުވީ ކަމަށެވެ. ނަމަވެސް މަންޒަރު ވަނީ ބަދަލުވެފައެވެ.
- ކޮންކްރީޓަކީ ވޯޓެއް ނޫން: ތާރު އެޅި މަގުތަކާއި، ހުއްޓުމެއްނެތި ބިން ހިއްކުމާއި، އެއަރޕޯޓުތައް އެޅުމަކީ އޭގެ ޒާތުގައި ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭ ކަމަކަށް ނުވާނަމަ، އެއިން ލިބޭނެ ވޯޓެއް ނެތްކަން ނިމިދިޔަ އިންތިޚާބުތަކުން ވަނީ ސާބިތުކޮށްދީފައެވެ.
- މާލެ ނޫން ސަރަޙައްދުތައް ތަރައްޤީކުރުން: ޙަޤީޤީ ތަރައްޤީއަކީ މާލެއަށް ތޮއްޖެހުން ކުޑަކޮށް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ފެންވަރު ރަނގަޅު ޞިއްޙީ، ތަޢުލީމީ އަދި އިޤްތިޞާދީ ފުރުޞަތުތައް ޤާއިމުކުރުމެވެ. ރައްޔިތުން ބޭނުންވަނީ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނެ ހަގީގީ ލާމަރުކަޒީ ނިޒާމެކެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި “ސުން ކަރުދާސް” އޮތީ ހުސްކޮށެއް ނޫނެވެ. ރައްޔިތުން އިންތިޚާބުތަކުގައި ލާ ވޯޓުންނާއި، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ކުރާ ޝުޢޫރުތަކުން އެ ކަރުދާހުގައި ލިޔަންވީ އެއްޗެއް ވަނީ ސާފުކޮށްދީފައެވެ. ފައްޔާޒު އިސްމާޢީލް އެ ވިދާޅުވި ފަދައިން، ކުރިން ކަންކަން ހިނގަމުން އައި ގޮތަށް، “ސްޓޭޓަސް ކޯ” ދެމެހެއްޓުމަކީ ދެން ސިޔާސީ ލީޑަރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ވިސްނުން ހުރީ މާ ކުރީގައެވެ. ދެން އޮތް ސުވާލަކީ، މި ބަދަލުވަމުންދާ އޮއިވަރާ އެއްގޮތަށް ސިޔާސީ ލީޑަރުންނާއި ޕާޓީތަކަށް އެމީހުންގެ ސިޔާސަތުތައް ބަދަލުކުރަން ކެރޭނެބާވައެވެ؟ ނުވަތަ ހަގީގަތް އެނގިތިބެ، ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށްޓަކައި ރައްޔިތުން ކުރަހާ މަންޒަރަށް ބީރުކަންފަތެއް ދީގެން ތިބޭނީތޯއެވެ؟


