ތާރީހުގެ ތެރެއިން: ހަސަން ނޫރައްދީން ރަސްގެފާނާއި މައްކާގެ ވެރިޔާއާ ކުރެއްވި ހަނގުރާމަ
17 ޖުލައި 2026 - 10:57
ދިވެހިރާއްޖޭގެ ދިގު ތާރީހަކީ ކަނޑުފޭރޭ މީހުންނާއި ބޭރުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ރާއްޖޭގެ ފަސްގަނޑުގައި ކުރެވުނު މަތިވެރި ޖިހާދުތަކުން ފުރިގެންވާ ތާރީހެކެވެ. ނަމަވެސް، އަމިއްލަ ވަޒަނާ އެތައް ހާސް މޭލެއް ދުރުގައި، މާތްވެގެންވާ މައްކާގެ ބިމުގައި ދިވެހި ރަސްކަލަކާއި ދިވެހި ސިފައިންގެ ފައުޖަކުން ކުރިމަތިލާންޖެހުނު ހަނގުރާމައެއްގެ ވާހަކައަކީ ގިނަ ބަޔަކަށް ނޭނގޭ، އެހެންނަމަވެސް ކަރުނަ އާއި ލޭގެ ތާރީހެކެވެ. މިއީ ހުރާގޭގެ ފުރަތަމަ ރަސްކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްސުލްޠާން އަލްހާއްޖު ހަސަން ނޫރައްދީން (އެއްވަނަ) އާއި މައްކާގެ ޝަރީފާ ދެމެދު ހިނގާދިޔަ ހަނގުރާމައެކެވެ.
ޝާހީ ލަޝްކަރާ އެކު ކުރެއްވި ދެވަނަ ހައްޖު ދަތުރުފުޅު
މީލާދީން 1779 އިން 1799 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި ހަސަން ނޫރައްދީން ރަދުންނަކީ ދީންވެރިކަމަށް ލޯބިކުރެއްވި، ހިތްވަރުގަދަ ބޭފުޅެކެވެ. އެކަލޭގެފާނަކީ ދިވެހިރާއްޖެ މަލާބާރީންގެ (ހޮޅިންގެ) އަޅުވެތިކަމުން ސަލާމަތްކޮށްދެއްވި ބަތަލު، ދޮންބަންޑާރައިންގެ ދަރިކަލެކެވެ. ދިވެހި ރާއްޖެ އަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވި ރަސްކަލެކެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ރަސްގެފާނުގެ ވެރިކަމުގައި ބިނާކުރެއްވި ކަޅުވަކަރު މިސްކިތެވެ.
އެ ޒަމާނުގެ ދަތުރުފަތުރުގެ ނުރައްކާތެރިކަމާއި ދަތިކަމާ އެކު ވެސް، އެރަދުން ވަނީ ދެ ފަހަރެއްގެ މަތިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައެވެ. މައްސަލަ ކުރިމަތިވީ މީލާދީން 1798 ހިސާބުގައި ރަދުން ކުރެއްވި ދެވަނަ ހައްޖު ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ރަދުންގެ އަރިހުގައި ދައުލަތުގެ 300 ވަރަކަށް ޝާހީ ގާޑުންގެ ބޮޑު ލަޝްކަރަކާއި، މައްކާގެ ފަގީރުންނަށް ޞަދަގާތް ކުރެއްވުމަށްޓަކައި ގިނަ އަދަދެއްގެރަނާއި ރިހީގެ ބޮޑު ހަޒާނާއެއް ގެންދެވިއެވެ. ރާއްޖޭގައި ސާފު ރަނުން ފުރަތަމަ ފައިސާ ޖެއްސެވީ ވެސް ހަސަން ރަސްގެފާނެވެ.
މީގެ އިތުރުން އިންޑިއާގެ ސޫރަތުން އަގު ބޮޑު މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް ފަރަންސޭސިން ފޭރިގަތް ނަވެއް ހުވަދު އަތޮޅުން ދަތުރުކުރަނިކޮށް ފަރަކަށް އުރިފައި ވަނިކޮށް އެ ނައުގައި ހުރި މުދާތައް ވެސް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އޮތީ ގެނެސްފައެވެ. އޭގައި ގިނަ އަދަދެއްގެ ރަނާއި ރިހީގެ ގަހަނާތަކާއި އެހެން އަގު ބޮޑެތި މުދާތައް ވެސް ހުއްޓެވެ. ހަސަން ރަސްގެފާނު މައްކާ އަށް ވަޑައިގެންނެވި ނަވަށް މި މުދާތައް ވެސް އެރުއްވީއެވެ.
މައްކާގެ ވެރިޔާގެ ދަހިވެތިކަމާއި ސިޔާސީ ބިރުވެރިކަން!
އޭރު މައްކާގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ނުތަނަވަސްކޮށެވެ. މައްކާގެ ވެރިކަމުގައި ހުންނެވީ ޝަރީފް ޣާލިބު ބިން މުސާއިދެވެ. ނަޖުދުކަރައިގެ ހަނގުރާމަތަކާ ހެދި ޝަރީފް ޣާލިބުގެ ސަރުކާރު އޮތީ މާލީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑު ދަތިކަމެއްގެ ތެރޭގައެވެ. އަދި މައްކާގެ ގެފުޅަށް ޒިޔާރަތްކުރާ މީހުން އަތުން މަކަރާއި ހިލާތުން މުދާ ފޭރުން އޮތީ އާންމު ވެފައެވެ. ދައުލަތްތަކުގެ އިސްވެރިންނަށް މަޖުބޫރުކޮށްގެން މުދާ ހޯދުމާއި ރިޝްވަތު ނެގުމާއި މިހެން ގޮސް އެތައް ނުބައި އާދައެއް އޮތީ ފެތުރިފައެވެ.
ބޭރުގެ ޖަޒީރާ ގައުމެއްގެ ރަސްކަލަކު، ހަތިޔާރު އެޅި ފާހަގަކޮށްލެވޭ ފަދަ ބޮޑު ސިފައިންގެ ފައުޖަކާ އެކު މައްކާއަށް އެތެރެވުމުން ޝަރީފްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާގެ އަމިއްލަ ސަރަހައްދުގައި އެހެން ބައެއްގެ އަސްކަރީ ބާރު ދެއްކުމަކީ އޭނާގެ ސިޔާދަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކުނެވެ. މީގެ އިތުރުން، ދިވެހި ރަސްގެފާނު ގެންދެވި ބޮޑު ހަޒާނާ ފެނުމުން، އެ ތަކެތި އަތުލުމުގެ ނުވަތަ އޭގެއިން ބޮޑު “ޖިޒީއެއް” ނެގުމުގެ ދަހިވެތި ނިޔަތް ޝަރީފުގެ ކިބައިގައި އުފެދުނެވެ.
ރަދުން މައްކާ އަށް ވަޑައިގަތުމުން ގެފުޅު ހުޅުވުމަށް ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް ސައުދީގެ ފަރާތުން ރަސްގެފާނު އަރިހަށް ވަޑައިގެންނެވި އިސް ވަޒީރު އެކަމާ ދެކޮޅު ހެއްދެވިއެވެ. އެހެން ނަމަވެސް އޭގެ ފަހުން ވަޒީރުގެ އާއިލީ ބޭފުޅަކު ވަޑައިގެން ރަސްގެފާނުގެ އަރިހުން ރިޝްވަތަށް އެދުނު ކަމަށް ބުނެވެއެވެ. އެހެން ނަމަވެސް މައްކާގެ ގެކޮޅަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށް ވިދާޅުވެ ރަދުން ކޯފާ އިސްކުރައްވައި އެ މީހާ އަށް އަނިޔާތައް ދެއްވައި ފައްސާލެއްވީއެވެ. މި ކަމެއް ހިނގީ ރަސްގެފާނު ޣާލިބު ޖިއްދާގައި ހުންނަވިކޮށެވެ.
ރަދުން ބިޔަ ބޮޑު ވަފުދު މައްކާގެ ބަންދަރުގައި އޮތް ޚަބަރާ އެކު ރަސްގެފާނު ޣާލިބު އެދިވަޑައިގެންނެވީ ބައެއް ހަތިޔާރު ފޯރުކޮށްދިނުމަށެވެ. ނަމަވެސް އަރިހުގައި ތިއްބެވި ބޭފުޅުންގެ ލަފާފުޅާ އެކު ހަސަން ރަސްގެފާނު އެކަމާ ދެކޮޅު ހެއްދެވި އެވެ. އަދި އެކަމަށް އެދިވަޑައިގެންނެވި ވަޒީރު ފޮނުވާލެއްވީއެވެ.
ހަނގުރާމައިގެ ފެށުން
ހަސަން ރަސްގެފާނު ނައުކޮޅު ބައްލަވައި ލެއްވުމަށް ކަމަށް ވިދާޅުވެ ޝަރީފް ޣާލިބު ހަތިޔާރު އެޅި ސިފައިންނާ އެކު ނައުކޮޅަށް ވަޑައިގެންނެވި އެވެ. ނަމަވެސް މަގުސަދަކަށް ވެފައި އޮތީ މުދާތައް ފޭރިގަތުމެވެ. އެނބުރި ވަޑައިގެން ރަސްގެފާނު ޣާލިބު ސައުދީގެ ސަލާމަތީ ބާރުތަކަށް އެންގެވީ ދިވެހި ޝާހީ ގާޑުންގެ ހަތިޔާރުތައް އަތުލައި، އެމީހުންގެ ބާރު ކަނޑުވާލުމަށެވެ. ނަމަވެސް، އަމިއްލަ ރަސްގެފާނާއި ދައުލަތުގެ އިއްޒަތް ހިމާޔަތްކުރުމަށް ތިބި ދިވެހި ފަހުލަވާނުން އެ ބޭނުމަށް ނުކިޔަމަންތެރިވެ، ހަތިޔާރު ހަވާލުކުރަން ސާބިތުކަމާ އެކު ދެކޮޅު ހެދިއެވެ.
ދިވެހިން ޝަރީފްގެ އަމުރަށް ބޯނުލެނބުމުން، މައްކާގެ ސިފައިން ދިވެހި ލަޝްކަރު ހައްޔަރުކޮށް ބާރުކަނޑުވާލުމަށް ހަމަލާދިނެވެ. ދިވެހި ސިފައިން ކުރިމަތިލާން ޖެހުނީ ހުރިހާ ގޮތަކުން ވެސް މާ ބާރުގަދަ، އަދަދުގެ ގޮތުން ގިނަ އަދި އެ ބިމަށް އަހުލުވެރި ލަޝްކަރަކާއެވެ. އެހެންނަމަވެސް، ދިވެހި ފަހުލަވާނުން ދެއްކީ ބިރުކުޑަ ހިތްވަރެކެވެ. މި ހަމަލާގައި ދިވެހި ލަސްކަރުގެ ބައެއް މީހުން ހައްޔަރުކޮށް ޖަލުގައި ބަންދު ކުރެވުނެވެ. ނަމަވެސް ފަހުން އެ މީހުން ދޫކޮށްލިއެވެ.
ޖިއްދާއަށް ފިއްލެވުން އަދި ކަށިވިދުރީގެ ނުރައްކާތެރި ވަބާ!
މިހެން މިކަންވި ނަމަވެސް ރަދުން ނިންމެވީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށެވެ. ހައްޖުކުރައްވައި މައްކާ އިން ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް ޝަރީފް ޣާލިބު އަމުރުފުޅަށް ރަސްގެފާނު މައްކާ އިން ފުރާވަޑައިގަތުމަށް ހުރަސް އެޅިއެވެ. މިހެން ތިއްބަވަނިކޮށް ރަސްގެފާނަށް ކަށިވިދުރު ޖެހިވަޑައިގަތެވެ. ހަނގުރާމައިގެ ސަބަބުން މައްކާގައި އިތުރަށް ތިއްބެވޭނެ އެއްވެސް މަގެއް ނެތުމުން، ރަސްގެފާނާއި ބާކީ ތިބި ސިފައިން ރާއްޖެއަށް ދިޔުމަށްޓަކައި ބަނދަރުމަތީ ރަށެއް ކަމަށްވާ ޖިއްދާއަށް މިސްރާބުޖެއްސެވީ އޭގެ ބަދަލުގައި ޝަރީފް ޣާލިބަށް މުދާތަކެއް ދެއްވުމަށް ފަހުއެވެ. އުންމީދަކީ ސަލާމަތްވެގެން އެނބުރި ގައުމަށް ވަޑައިގަތުމެވެ. ނަމަވެސް، ތަގުދީރުގައި އޮތީ މިއަށް ވުރެ މާ ހިތްދަތި ނިމުމެކެވެ.
ޖިއްދާގައި ތިއްބަވަނިކޮށް، އޭރު އެ ސަރަހައްދުގައި ފެތުރެމުންދިޔަ ކަށިވިދުރީގެ ނުރައްކާތެރި ވަބާ ދިވެހި ލަޝްކަރުގެ ތެރެއަށް ވެސް ފެތުރިގަތެވެ. ހަނގުރާމައިގެ ސަބަބުން ވަރުބަލިވެ، ނަފްސާނީ ގޮތުން ބަލިކަށިވެފައި ތިބި ދިވެހިންގެ ހަށިގަނޑުތަކަށް މި ބަލިމަޑުކަން ވީ ކެތްކުރެވޭވަރުގެ ކަމަކަށް ނޫނެވެ.
ރަދުން އަވަހާރަވުން
މީލާދީން 1799 ވަނަ އަހަރު، މި ބަލިމަޑުކަމުގައި ހަސަން ރަސްގެފާނުޖިއްދާގައި އަވަހާރަވިއެވެ. ޒަމާނަކީ އެ ފަދަ ބައްޔަކަށް ފަރުވާކުރެވޭނެ މާ ގިނަ ގޮތްތަކެއް އޮތް ޒަމާނަކަށް ނުވުމާއި ސައުދީ ލަޝްކަރުގެ ބިރުވެރިކަމާއި ދެކޮޅުވެރިކަމުގެ ސަބަބުން ކުރިމަތިވި ހުރަސްތަކުން އެކަށީގެންވާ ފަރުވާއެއް ނުލިބު ރަސްގެފާނު ހަވާރަވުމާ އެކު ޝަރީފު ޣާލިބުގެ އަމުރުފުޅަށް ދިވެހި ލަޝްކަރު ދަތުރުކުރި ދެ ނަވާއި މުދާތައް އެކުއެކީ ފޭރިގަތީއެވެ. ރަސްގެފާނާ އެކު އަރިހުގައި ވަޑައިގެންނެވި އިސް އެތައް ވެރިންނަކާއި ދިވެހި އަސްކަރިއްޔާގެ ވަރުގަދަ ފަހުލަވާނުން ވެސް މި ވަބާގައި ޖިއްދާގެ ބިމުގައި ނިޔާވެ، އެ ބިމުގައި ފަސްދާނުލެވުނެވެ.
ގައުމީ ހިތާމައެއް އަދި ތާރީހީ ނިންމުން!
މި ހާދިސާއަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސިހުމާއި ބޮޑު ހިތާމައެއް ގެނުވި ކަމެކެވެ. އެއް ދަތުރެއްގައި ގައުމުގެ ރަސްގެފާނާއި، ދައުލަތުގެ ރައްކާތެރިކަމަށް ތިބި ޝާހީ ގާޑުންގެ ބޮޑު ބައެއް ބޭރު ގައުމެއްގައި ނެތިގެންދިޔުމަކީ އޭރު ރާއްޖޭގެ އަސްކަރިއްޔާއަށާއި ސިޔާސީ މަސްރަހަށް ލިބުނު ބޮޑު ލޮޅުމެކެވެ.
މައްކާގެ ޝަރީފުގެ އަމިއްލަ އެދުމާއި ސިޔާސީ ބިރުވެރިކަމުގެ ސަބަބުން އުފެދުނު މި ހަމަނުޖެހުން ނިމިގެންދިޔައީ، ރާއްޖޭގެ ރަސްކަލަކާއި، ގައުމުގެ ދިފާއީ ބާރުގެ ބޮޑު ބައެއް ދިވެހި ފަސްގަނޑަށް އެނބުރި ނާދެވި، ބޭރު ބިމެއްގައި ނެތިދިޔުމުގެ ހިތާމަވެރި ލޭއޮހޮރުވުމަކުންނެވެ. މި ހާދިސާއަށް ފަހު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން މުހައްމަދު މުއީނުއްދީން (އެއްވަނަ) އެވެ.


