ހުޅުމާލޭ ފޭސް2 ގައި ވިއްކާ ފްލެޓްތަކުގެ އެއްބަސްވުމާ ގުޅޭގޮތުން ހިޔާލެއް އޮތްނަމަ އެޗްޑީސީއަށް އެންގުމަށް އެދިއްޖެ
June 29, 2021
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް2 ގައި ވިއްކާ ފްލެޓްތަކުގެ އެއްބަސްވުމާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ހުށައަޅަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެކަން އެޗްޑީސީއަށް އެންގުމަށް އެދިއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ވިއްކާ 6720 ފްލެޓުގެ އެއްބަސްވުމާ ގުޅޭގޮތުން އެއްވެސް ހިޔާލެއް އޮތްނަމަ އެ ކުންފުނީގެ އީމެއިލް އެޑްރެސް legal@hdc.com.mv އަށް އެންގުމަށް އެދޭކަމަށެވެ.
ހިޔާ ފްލެޓުތަކުގެ ޑްރާފްޓް އެއްބަސްވުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަނީ އާންމުކޮށްފައެވެ. އެޗްޑީސީން ވިދާޅުވީ މިއީ ފްލެޓުތައް ޙަވާލުކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވަގުތު ސަލާމަތްކުރުމަށް ކުރިކަމެއްކަމަށެވެ.
އެޗްޑީސީން ވިދާޅުވީ ހިޔާ މަޝްރޫއަކީ ނިސްބަތުން ބޮޑު މަޝްރޫއަކަށްވެފައި ފްލެޓު ލިބޭ 6720 މީހުން ތިބިއިރު މިއިން ކޮންމެ މީހަކަށް ވަކިން އެއްބަސްވުން ފޮނުވުމަކީ ދަތިކަމަކަށްވާނެކަމަށެވެ. އެހެންކަމުން ދާއިމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެޗްޑީސީން ޢާއްމުކޮށްފައިވާ ކަންކަން ދެނެގަނެ ބަދަލުކުރަން ހުރި ނުވަތަ ކަންބޮޑުވާކަމެއް ހުރިނަމަ އެކަމެއް ހިއްސާކުރުމަށް މި ފުރުޞަތުގެ ބޭނުން ހިފޭނެކަމަށް އެޗްޑީސީން ބުނެއެވެ.



