ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލް މެމްބަރުންނާއި މިނިސްޓަރ ޒާހިރު ބައްދަލުކުރައްވައިފި
August 12, 2021
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ މެމްބަރުންނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލު ކުރެއްވައިފިއެވެ. މިނިސްޓްރީގައި ކުރިއަށް ދިއަ މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މަޝްވަރާ ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ދެކަމަކާއި ގުޅޭގޮތުންނެވެ.
އެއީ ހިރިލަންދޫގެ ރައްޔިތުން ނަމާދުކުރުމަށް މިހާރު އިމާރާތް ކޮށްފައިވާ މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން އާ މިސްކިތެއް އިމާރާތް ކުރުމާއި ގުޅޭގޮތުންނާއި އެ ރަށުގައި ދީނީ ނަޞޭހަތްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުންނެވެ. މިބައްދަލުވުން ކުރިއަށްގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަލަށް މިސްކިތްތައް އިމާރާތްކުރުމާއި ދީނީ ނަޞޭޙަތްދިނުމުގެ ޕްރޮގްރާމްތައް މިނިސްޓްރީގެ ފަރާތުން އެކި ރަށްރަށުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. ރައްޔިތުންނަށް ބޭނުންވާ ޞައްޙަ ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުކީ މިނިސްޓްރީގެ ވަރަށް މުޙިއްމު އަމާޒެކެވެ.



