ކުދިންނަށް ކުޅޭތަކެތި ގަނެދިނުމުގައިވެސް ބަލަންޖެހޭ ކަންތައްތަކެއް ހުރޭ

29 ޖެނުއަރީ 2022 - 14:41

ކުދިންނަށް ކުޅޭއެއްޗެހި ގަނެދޭއިރު ބައެއް ބެލެނިވެރިން މާބޮޑަށް ވިސްނާހެނެއް ހިއެއްނުވެއެވެ. ކުދިން ބޭނުންވާ ކޮންމެ އެއްޗެއް ގަނެދެނީއެވެ. އެހެންނަމަވެސް ކުދިންނަށް ކުޅޭއެއްޗެހި ގަނެދޭއިރުވެސް ވަކި ޚާއްސަ ކަންކަމަކަށް ބަލަންޖެހެއެވެ. އެގޮތުން ގަނެދޭ ކުޅޭއެއްޗަކީ ހަމައެކަނި ކުދިން ފޫހިފިލުވުމަށް ގަނެދޭ އެއްޗެއްގެ ބަދަލުގައި އެއީ ކުއްޖާއަށް ތަފާތު ހުނަރެއް ދަސްވާ އެއްޗަކަށް ވާންޖެހެއެވެ. ސަބަބަކީ ގަނެދެވޭ ކުޅޭއެއްޗެހީގެ ސަބަބުން ކުއްޖާއަށް ރަނގަޅު އަދި ގޯސް އަސަރުތައް ކުރާތީއެވެ. ކުޑަކުދިންނަށް ކުޅޭއެއްޗެހި ގަނެދިނުމުގައި ބެލިދާނެ ބައެއް ކަންކަން:

ގިނަފަހަރު ބައެއް ބެލެނިވެރިންނަށް ބެޓެރި ލައްވައިގެން ކުޅޭ ސާމާނު ގިނައިން ގަނެވެއެވެ. ނަމަވެސް މިއީ އެ ކުޅޭއެއްޗަކަށް ބަލަހައްޓައިގެން އިންނަންޖެހޭފަދަ ކުޅޭއެއްޗިއްސެވެ. މީގެ ބަދަލުގައި އެ ކުޅޭއެއްޗަކުން ކުއްޖާއަށް އައު ހުނަރެއް ނުވަތަ ކުއްޖާގެ ސިކުނޑި ތަނަވަސްވާފަދަ ކުޅޭއެއްޗެއް ގަނެދިނުމުން ކުއްޖާއަށް މާބޮޑު ފައިދާއެއް ލިބޭނެއެވެ. އޭގެތެރޭގައި މެގްނެޓިކް ތައިލްސްތަކާއި، ވުޑް ބްލޮކްސްއާއި، ލެގޯއާއި، ކްލޭ ފަދަ ތަކެއްޗަކީ ކުއްޖާގެ ސިކުނޑި ތަނަވަސްވާނެ ތަކެއްޗެވެ.

advertisement

ކުޅޭއެއްޗެހި ގަންނައިރު ޕްލާސްޓިކް ތަކެތި ނުގަތުމަަށްވެސް ބެލެނިވެރިން ސަމާލުކަން ދޭންޖެހެއެވެ. ސަބަބަކީ ޕްލާސްޓިކް ކުޅޭއެއްޗެހި އަނގައަށް ލުމުގެ ސަބަބުން އޭގެ އަސަރު ކުއްޖާއަށް ކުރާނެތީއެވެ.

އެއްފަހަރާ ހުރިހައި ކުޅޭއެއްޗެއް ކުއްޖާއަށް ނުދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެއްފަހަރާ ދެތިންއެތި ދެވިދާނެއެވެ. އެތަކެއްޗަށް ފޫހިވުމުން އަނެއްކާވެސް އެތަކެތި ފޮރުވާފައި އެހެން ކުޅޭއެއްޗެއް ދެވިދާނެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0