ކޮންޓެކްޓް ލެންސް ބޭނުންކުރުމުގައި ގޯސްކޮށް ކުރެވޭ ބައެއް ކަންތައް

1 ފެބުރުއަރީ 2022 - 14:34

ކޮންޓެކްޓް ލެންސް ގެންގުޅުމުގައި އެންމެ އެކަށީގެންވާ ގޮތައް ނުބެލިއްޖެނަމަ ލޮލަށް ތަފާތު ގިނަ މައްސަލަތައް ދިމާވެއެވެ. އެގޮތުން އިންފެކްޝަން ހެދުމާއި އަދި ދާއިމީގޮތެއްގައިވެސް އޭގެ ނޭދެވޭ އަސަރުކޮށްފާނެއެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރޮވެންޝަންއިން ބުނެފައިވަނީ ކޮންޓެކްޓް ލެންސް ބޭނުންކުރުމުގައި އެންމެ އެކަށީގެންވާ ގޮތުގައި ނުބެލުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި 1000 އަށްވުރެ ގިނަ ކޭސް ފެނިފައިވާކަމަށެވެ. މީގެތެރެއިން ކޮންމެ 5 ކޭހަކުން 1 ކޭހުގައި ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. މި ގެއްލުންތަކުގެ ސަބަބުން ލޮލުގެ ފެނުން ގެއްލި، ބައެއް ކޭސްތަކުގައި ޓްރާންސްޕްލާންޓްވެސް ހަދަން ޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.

advertisement

ކޮންޓެކްޓް ލެންސް ގެންގުޅުމުގައި ބައެއް މީހުންނަށް ގޯސްތައް ހެދެއެވެ. އެގޮތުން ބައެއް ކަންކަން ހިމަނާލާނަމެވެ.

  • ލެންސްއާއިއެކު ނިދުން

ހަނދާންނެތިގެން ނަމަވެސް ނުވަތަ ވަރުބަލިވެގެން ނަމަވެސް ބައެއް މީހުން ލެންސްއާއިއެކު ނިދައެވެ. މިއީ ލޮލަށް ވަރަށް ނުރައްކާކަމެކެވެ. ލޮލުގެ ވަޑައިގެންވާ ސަރަހައްދުގައި އުފެދޭ ޖަރާސީމުތަކާއި ހަނގުރާމަކުރަން އެންޒައިމްސްއާއި އެންޓިބޮޑީޒްއަށް އޮކްސިޖަން ބޭނުންވެއެވެ. ނަމަވެސް ނިދާފައި އޮންނައިރު ލޮލަށް އޮކްސިޖަން ލިބޭ މިންވަރު ލޯމަރައިގެން ހުރުމުގެ ސަބަބުން ދަށްވެއެވެ. އަދި ލެންސް ލައްވައިގެން ނިދާނަމަ އޮކްސިޖަން ލިބޭ މިންވަރު އިތުރަށް ދަށްވެއެވެ.

  • އަތް ހަޑިކޮށް ހުއްޓައި ލެންސްގައި އަތްލުން

ލެންސްގައި އަތްލުމުގެ ކުރިން ރަނގަޅަށް އަތް ސާފުކުރަން ޖެހެއެވެ. އެހެން ނޫންނަމަ ލެންސަށް ހަޑިއާއި ބެކްޓީރިއާ ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ ސަބަބުން ލޮލުގައި އިންފެކްޝަން އުފެދުމަށް މަގުފަހިވެއެވެ.

  • ސޮލިއުޝަން ކޮންމެ ދުވަހަކު ބަދަލުނުކުރުން

ކޮންމެދުވަހަކުވެސް ބޭނުންކުރަންވާނީ އައު ސޮލިއުޝަން ފެނެވެ.

  • ލެންސްއާއިއެކު ފެންވެރުން އަދި މޫދަށް ދިއުން

ލެންސް ލައްވައިގެން ފެނުގެ ތެރޭގައި އުޅޭނަމަ މީހާގެ ފެނުމަށް އެކަމުގެ ސަބަބުން އަސަރުކޮށްފާނެއެެވެ. އެހެންކަމުން ފެންވަރާއިރާއި އަދި މޫދަށްދާއިރުގައި ލެންސް ނަގަންޖެހެެއެވެ.

  • މާގިނައިރު ލެންސް ލައްވައިގެން އުޅުން

ޗުއްޓީ ދުވަސްތަކުގައި ގޭގައި އުޅޭއިރު ލެންސް ލެއްވުމުގެ ބަދަލުގައި އައިނު އެޅިދާނެއެވެ. އެއިރުން ލޮލަށް ބްރޭކެއް ލިބޭނެއެވެ. މާގިނައިރު ލެންސް ލައްވައިގެން އުޅުމަކީ ރަނގަޅުކަމެއްނޫނެވެ.

  • ބޭނުންކުރަންޖެހޭ މުއްދަތައްވުރެ އިތުރަށް ބޭނުންކުރުން

ލެންސްވެސް ބޭނުންކުރަން ރަނގަޅު ވަކި މުއްދަތެއް އޮވެއެވެ. އެ މުއްދަތައްވުރެ ގިނަ ދުވަހު ބޭނުންކުރުމުން ލޮލަށް އޭގެ ސަބަބުން ގެއްލުން ލިބޭނެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0