މާބުރަކޮށް މަސައްކަތް ކުރުމަކީ ސިއްހީގޮތުންވެސް ނުރައްކާ ކަމެއް

2 ފެބުރުއަރީ 2022 - 11:16

ވަޒީފާގެ މާހައުލުގައި ބުރަކަމުން ދިރިއުޅުމުގެ އެހެން ކަމަކަށް ވަގުތު ހުސްނުވާ ފަހަރުވެސް އާދެއެވެ. މާބުރަކޮށް މަސައްކަތް ކުރުމަކީވެސް އޭގެ ސަބަބުން މީހާއަށް ގެއްލުން ލިބޭކަމެކެވެ. މަސައްކަތާއި އެއްވަރަށް މީހާއަށް އަރާމުވެސް ބޭނުންވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި މާބުރަކޮށް މަސައްކަތްކުރާނަމަ މީހާއަށް އެންޒައިޓީއާއި ކުރިމަތިލާންޖެހިދާނެއެވެ. އަދި އެންޒައިޓީގެ ސަބަބުން މަސައްކަތައް ސަމާލުކަންދޭންވެސް އުނދަގޫވެއެވެ.

advertisement

މުވައްޒަފުން ލައްވައި މާގިނައިން ނުވަތަ މާގިނައިރު މަސައްކަތްކުރުވާ އޮފީސްތައް ހުރެއެވެ. މިގޮތައް މާގިނައިން މަސައްކަތް ކުރުވާނަމަ އެ މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރެރެއެވެ.

މުވައްޒަފުންނަށް އެކިއެކި އުނދަގޫތައް ކުރިމަތިކުރުވުމަކީވެސް އޭގެ ސަބަބުން ނަފްސާނީ ފުޅަހެޔޮކަމަށް އަސަރުކުރުވާ ކަމެކެވެ. މިސާލަކަށް މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓުމާއި އަދި މުވައްޒަފުންނަށް ކޮންމެހެން ކޮށްދޭންޖެހޭ ކަންތައްތައް ނުކޮށްދިނުން ހިމެނެއެވެ.

މަސައްކަތުގެ މާހައުލުގައި ދިމާވާ އެންޒައިޓީއާއި އަދި އެނޫންވެސް ކަންތައްތައް ހައްލުކުރުމަށް ޔުނިވަރސިޓީ އޮފް ބަރގެންއިން ވަނީ ދިރާސާއެއްކޮށްފައެވެ. މި ދިރާސާގައި ވަނީ ކުރެވިދާނެ ބައެއް ކަންތައްތައް ހިމަނާފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • މަސައްކަތުގެ މާހައުލުގައި ހުސްވަގުތު ހޯދިދާނެގޮތްތައް ދެނެގަތުން
  • އެންޒައިޓީ، ޑިޕްރެޝަން ދަށްވާނެގޮތައް މަސައްކަތްތައް ބައްޓަންކުރުން
  • ތިމާގެ ސިއްހަތައް އަސަރުކުރާވަރަށް މަސައްކަތް ނުކުރުން
  • މަސައްކަތް ބުރަވުމުގެ ސަބަބުން ތިމާ ކުރަން ބޭނުންވާ އެހެން ކަންކަންމަތިން ހަނދާން ނައްތާނުލުން

ވަޒީފާ އަކީ އަދި ތިމާގެ މުޅި ދިރިއުޅުން ނޫންކަން ގަބޫލުކުރާށެވެ. އެއީ ދިރިއުޅުމުގެ އެއް ބައެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ނުވަތަ މަސައްކަތަށް ތިމާ ހާއްސަ ކުރަނީ 8 ގަޑިއިރު ނުވަތަ 10 ގަޑިއިރު ކަމުގައި ކަނޑައަޅާ އެ ވަގުތު ހަމަވުމުން މަސައްކަތް ހުއްޓާލާ އެހެން ކަމަކަށް ނުވަތަ ތިމާގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމަށް އަޒުމު ކަނޑައަޅާށެވެ.

އޮފީހަށް ވަނުމަށްފަހު މަސައްކަތް ގިނަވެ ބްރޭކެއް ނުނެގޭ ފަހަރުވެސް ބައެއް މީހުންނަށް ދިމާވެއެވެ. ނަމަވެސް މިއީ އެކަން އޮންނަންވާ ގޮތެއްނޫނެވެ. ބްރޭކް ގަޑީގައި އޮފީހުން ނުކުމެލާ މަދުވެގެން 10 މިނިޓުވިޔަސް މާހައުލު ބަދަލުކޮށްލުމަކީ ވަރަށް މުހިންމުކަމެކެވެ.

މާ ބުރަކޮށް, މާ ގިނައިން, ނުވަތަ މާ ގިނައިރު ވަންދެން މަސައްކަތްކުރުމަކީ ސިއްހީގޮތުން ބަލާއިރުވެސް ގެއްލުންތަކެއް ހަށިގަނޑަށް ލިބޭ ކަމެކެވެ. އެހެންކަމުން ތިމާ ވަޒީފާއަށް ތިދޭ އަހައްމިއްޔަތުގެ ބޮޑުކަމުން އޭގެ ނޭދެވޭ އަސަރު އަސްލު ދިރިއުޅުމަށް ކުރުމުގެ ކުރިން ވަޒީފާގެ ބައުންޑްރީ ކަނޑައެޅުން މުހިންމެވެ.

އޮފީހުން ގެއަށްދާއިރު އޮފީހުގެ ހުރިހައި މަސައްކަތެއް ނިންމާފައި ގެއަށް ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އޮފީހުގެ މަސައްކަތް ގޭގައި ކުރާނަމަ އާއިލާއާއި އޮންނަ ގުޅުން ކުޑަވެގެންދާނެއެވެ. އަދި އެމީހުންނަށް އެކަށީގެންވާ ވަގުތު ނުދެވޭނެއެވެ.

ރިއެކްޝަންސް
0
0
1
1
0
0
0