ކެންސަރާއި ބެހޭ މައުލޫމާތު އިގެނީ ކިހާވަރަކަށް؟

5 ފެބުރުއަރީ 2022 - 14:49

ކެންސަރު ބަލި މިހާރުވެގެން ގޮސްފައިވަނީ ދުނިޔޭގައި މީހުން އެންމެ ގިނައިން މަރުވާ އެއް ސަބަބު ކަމުގައެވެ. 2021 ވަނަ އަހަރު 20 މިލިޔަން މީހުންނަށް ކެންސަރު ޖެހުނުއިރު، މީގެ ތެރެއިން 10 މިލިޔަން މީހުން ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.ރާއްޖޭގައިވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންނެވެ. މީގެ ނުރައްކާ ބޮޑު އިރު މި ކަމާއި ގުޅޭ މައުލޫމާތު ހޯދާ މި ކަމަށް އެންމެންވެސް އަހުލުވެރިވާން ޖެހެއެވެ. ކެންސަރަކީވެސް އެއްކޮށް ރަނގަޅު ނުކުރެވޭނެ ބައްޔެއް ނޫނެއެވެ. ނަމަވެސް ބަލި ރަނގަޅު ކުރުމަށްޓަކައި މި ބަލި ދަނެގަނެވޭ ސްޓޭޖް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

ކެންސަރަކީ އެއްވެސް ސަބަބެއްނެތި ނޫނީ އެއްވެސް ބޭނުމެއްނެތި، ހަށިގަނޑުގައި  ކޮންޓްރޯލް ނުވާވަރަށް އުފެދޭ ކޮންމެ އާއުފެދުމެކެވެ. ކެންސަރަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ވަކިކުރި ނަމަވެސް އަލުން އުފެދުމަކީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރުގެ ދުޅަ އޭގެ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް ފެތުރިގެން ދިއުން އަވަސްވާނެ އެވެ. އަދި އެފެތުރިގެން އޭގެ އަސަރު ފޯރާ ބައިތައް ވެސް ފަސޭހަ ކަމާއެކު ހަލާކު ކޮށްލައެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް ދިރާސާތަކުން ވަނީ ހޯދިފައެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ.

advertisement

ކެންސަރު ޖެހުމުގައި ތިމާވެއްޓާއި ގުޅިގެން ދިމާވާ ކަންތައްތަކާއި، އެމީހަކު އުފެދުމުގައި ހުންނަ ވާރުތަވާގޮތް ހުންނަ ކަންތައްތައް މުހިއްމު ދައުރެއް އަދާކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން 90-80 އިންސައްތަ މީހުންނަށް ކެންސަރު ޖެހިފައިވަނީ ސީދާ ގޮތުންނާއި ނުސީދާގޮތުން ދިމާވެފައިވަ ތިމާވެއްޓާއި ގުޅުންހުރި ކަންތައްތަކުގެ ސަބަބުންނެވެ. އެގޮތުން ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި، އިތުރުވަމުންދާ ސިނާއީ މަސައްކަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތަކާއި، ތިމާވެއްޓާއި އެކުވެފައިވާ ދުމާއި، ކެމިކަލްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތައް ހިމެނެއެވެ. މީގެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުފުން ފަދަ ކަންތައްތައްވެސް ހިމެނެއެވެ.

ކެންސަރު ބަލި ދަނެގަތުމަށް ބަލީގެ ނިޝާނެއް ނޫނީ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0