އިބަމަ ވ. ފެލިދޫގައި އިފްތިތާޙްކޮށްފި

8 ފެބުރުއަރީ 2022 - 12:51

ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ވ. ފެލިދޫގައި އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާޙްކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.

އިބަމަ އިފްތިތާޙްކޮއްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ސެންޓަރެއް އަތޮޅުގެ އެންމެ ރަށެއްގައި ޤާއިމްކުރެވިފައި ވީނަމަވެސް، ކޮންމެ ރަށެއްގައިވެސް، ގިނަ މުއައްސަސާތައް ޤާއިމްކުރެވިފައި އެބަހުރި ކަމަށާއި މި އެންމެހާ މުއައްސަސާތަކަކީވެސް، އިޖުތިމާޢީ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް، ޤާނޫނުގެ ތެރެއިން ޒިންމާތައް މަތިކުރެވިފައިވާ ތަންތަން ކަމަށެވެ. އެހެންކަމުން ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެ ކަމަށާއި މިއަދުން ފެށިގެން މިދާ ތަމްރީން ޕްރޮގްރާމަކީ މި އަތޮޅުގެ، މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ  ބިންގަލުގެ ފެށުން ކަމުގައި މިނިސްޓަރ ޢާއިޝަތު މުހައްމަދުދީދީ ވިދާޅުވިއެވެ.

advertisement

ޖެންޑަރ މިނިސްޓްރީ ގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ، ނާޒުކު ހާލަތަކަށް ގޮސްފައިވާ ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެކަމުގައި ބެލެވޭ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ގެވެށި އަނިޔާ އަދި އެހެނިހެންވެސް އަނިޔާ ލިބިފައިވާ އަންހެނުންނާއި ފިރިހެނުންނާއި އާއިލާތައް ފާހަގަކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކަކީ އިޖްތިމާޢީ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމަށް މަސައްކަތްކުރާ އެންމެހާ ދައުލަތުގެ މުއައްސަސާތައް ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ މުޖުތަމަޢުތަކުގައި މަދަދުވެރިންގެ ގްރޫޕްތަކެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.

އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރީން) އަކީ ދިވެހިރާއްޖޭގެ މުޖްތަމަޢުތަކުގައި ‘ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް’ ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެކެވެ.

އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާފަރާތްތަކަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ޙައްޤުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެއެވެ.

އިބަމަ އިފްތިތާޙްކުރުމަށްފަހު ފެލިދޫ ހިމެނޭހެން ތިނަދޫއާއި ރަކީދޫގެ މެމްބަރުންނަށް މިކަމާއި ގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މިސެޝަންތަކުގައި ބައިވެރިންނަށް ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުން މަޢުލޫމާތުދީ ތަމްރީން ކުރިއަށްގެންދާނެއެވެ.

މިހާތަނަށް އދ.، ށ އަދި ފުވައްމުލަކު ސިޓީގައި އިބަމަގެ ތަމްރީނު ޕްރޮގްރާމްތައް ހިންގާ، 73 މެންބަރުން ތަމްރީނުކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0