ބޭސް ނުކައި ޑިޕްރެޝަން ރަނގަޅު ކުރެދިވާނެ؟

20 ފެބުރުއަރީ 2022 - 16:07

ޑިޕްރެޝަން އަކީ ދިވެހިންގެ ތެރޭގައި ވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. ހިތާމަ ކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަންއަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. މިއީ މުޅި ދުނިޔޭގައި ވެސް އާންމު ނަފްސާނީ ބައްޔެކެވެ.

ޑިޕްރެޝަން ދެނެގަތުމުގައި 3 ވައްތަރެއްގެ އަލާމާތެއް ހުރެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އަމިއްލަ ނަފްސާ ދޭތެރޭ ދެކޭ ގޮތް ދަށްވުމެވެ. ދެވަނަ ކަމަކީ އަމިއްލަ ނަފްސަށް މަލާމާތްކުރުން ނުވަތަ ބޭނުންނެތް މީހެކޭ ހީވުމެވެ. ތިންވަނަ ކަމަކީ ދެރަވާ މޫޑު އައުމެވެ. މީގެ އިތުރުންވެސް ގުޅުން ހުރި ސިފަތައް ފާހަގަ ކުރެވިދާނެއެވެ. މިސާލަކަށް ދިރިއުޅުމުގެ އެއްވެސް އުފަލެއް އިހްސާސް ނުވުން، މޫޑު ބަދަލު ވާންޖެހޭ ދަނޑިވަޅު ތަކުގައި މޫޑު ބަދަލު ނުވުން (އުފާވެރި ވަގުތު ތަކުގައި އުފާވެރިކަން ނެތުން)، އަމިއްލަ ނަފްސު ބޭކާރު ކޮށްލުން، އެއްވެސް ކަމެއް ކުރުމުގެ ޝައުގުވެރިކަން ނެތުން، އަދި އަމިއްލަ އަށް މަރުވުމުގެ ހިޔާލު އައުން ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން ކަމެއް ހަމަ އެއްފަހަރު ދިމާވާއިރަށް އެއީ ޑިޕްރެޝަން އޭ ނުބުނެވޭނެއެވެ.

ބަޔާން ކުރެވުނު އަލާމާތްތަކުގެ އިތުރުންވެސް މާޔޫސް ކަން ގެނުވާ އިހުސާސްތައް ބައެއް ފަހަރު މީހުންނަށް ކުރެވޭނެއެވެ. އެއީ ޑިޕްރެޝަން އަށް ހާއްސަ ނޫން ސިފަތަކަކަށް ވެސް ވެދާނެއެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހަމަނިދި ނުލިބުން، ވަރުބަލިވުން، ކާހިތްވުން އަދި ކާހިތް ނުވުން، ބަރުދަނަށް ބަދަލު އައުން، އަދި ބޭރު ފުށުން ފެންނަ ބައެއް އަލާމާތްތައް ހިމެނެއެވެ. މި ސިފަ ތަކަކީ ހަމައެކަނި ޑިޕްރެޝަނަށް ހާއްސަ ސިފަތަކެއް ނޫނެވެ.

advertisement

ޑިޕްރެޝަން 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ މެލަންކޮލިކް ޑިޕްރެޝަން، ނޮންމެލަން ކޮލިކް ޑިޕްރެޝަން، އަދި ސައިކޯޓިކް ޑިޕްރެޝަން އެވެ. މި ތިން ވައްތަރުގެ ތެރެއިން އެންމެ އާންމު ވައްތަރަކީ ނޮން މެލަން ކޮލިކް ޑިޕްރެޝަންއެވެ. ނުވަދިހަ އިންސައްތަ މީހުންނަށް ދިމާވަނީ އެވައްތަރުގެ ޑިޕްރެޝަން އެވެ.

އާދައިގެ ވަރަކަށް މިބަލި ކުރިމަތިވި ނަމަވެސް ބޭހާއި ނުލައި ހަމައެކަނި ކައުންސެލިންގ ނަގައިގެން ފަރުވާ ކުރެވިދާނެ އެވެ. ނަމަވެސް މެދު މިންވަރަކަށް ނޫނީ މާބޮޑަށް ކުރިމަތިވެއްޖެނަމަ، ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސެލިންގ ވެސް ނަގަންޖެހޭނެ އެވެ. ބޭހައި ނުލައި އަމިއްލައަށްވެސް ޑިޕްރެޝަންއަށް ފަރުވާކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ހުރެއެވެ. އެގޮތުން ބައެއް ކަންތައްތައް މި އާޓިކަލްގައި ހިމަނާލާނަމެވެ.

  • ރިލެކްސްވުން

ޑިޕްރެޝަންއަށް އެއްވެސް ބޭހަކާއިނުލައި އަމިއްލައަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަމިއްލަ މީހާ ރިލެކްސް ވުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. އެގޮތުން ރިކެލްސް ވުމުން މީހާގެ މޫޑު ރަނގަޅުވެ ޑިޕްރެޝަން މެނޭޖްކުރުމަށް އެހީތެރިވެދޭނެއެވެ.

  • ގަވައިދުން ކަސްރަތުކުރުން

ކޮންމެދުވަހަކު ކަސްރަތުލިބޭ ކޮންމެވެސް ކަމެއްކުރުން މިސާލަކަށް ހިނގުން، ޔޯގާ ފަދަ ކަމެއް ކުރުމުގެ ސަބަބުން ސިކުނޑީގެ ޑޮފަމިން ލެވެލް އިތުރުވާނެއެވެ. މީގެ ސަބަބުން މީހާގެ މޫޑު ރަނގަޅުވެއެވެ.

  • ކުރާހިތްވާ ކަމެއް ކުރުން

ޑިޕްރެޝަންއަށް އަމިއްލައަށް ފަރުވާ ހޯދުމަށްޓަކައި އެމީހަކު ކުރާހިތްވާ ގަޔާވާކަހަލަ ކަމެއް ކޮއްލެވިދާނެއެވެ. މަޑުމަޑުން ކަންކަން ކުރަން ފެށުމުގެ ސަބަބުން ކުރިން ކުރާހިތްވި ކަންކަމަށް އަނެއްކާވެސް ލޯބިޖެހޭނެއެވެ.

  • ޒިންމާނެގުން

ޑިޕްރެޝަންއަށްދާ މީހަކު ޒިންމާތަކުން ރެކެން މަސައްކަތްކުރާނެއެވެ. ގޭތެރެގެ ކަންކަމާއި އަދި އޮފީސް މާހައުލުގައި އެކަހެރިވެ މަސައްކަތް ކުރުމާއި ދުރުހެލިވެއެވެ. ނަމަވެސް މީގެ ބަދަލުގައި ޒިންމާތައް ނަގައި ގޭތެރެއާއި އަދި އޮފީސް މާހައުލުގައި މަސައްކަތް ކުރުމަކީ ފިކުރުތަކުން ދުރުވާނެކަމެކެވެ.

  • ވަކި ރޫޓިންއެއް ކަނޑައެޅުން

ކޮންމެ ދުވަހެއްގައިވެސް ތިމާ ކުރަންޖެހޭ ކަންތައްތަކުގެ ރޫޓިންއެއް ހަދާށެވެ. އަދި އެ ރޫޓިންއަށް އަމަލުކުރާށެވެ. އެއިރުން ޑިޕްރެޝަން މެނޭޖްކުރުމަށް އެހީއަކަށްވާނެއެވެ.

  • މީހަކާ ވާހަކަދައްކާލުން

ތިމާ އިތުބާރުކުރާ މީހަކާއި ވާހަކަދައްކާލާ ހިޔާލު ބަދަލުކޮށްލުމުން މީހާގެ މޫޑް ރަނގަޅުވުމަށް ވަރަށް ބޮޑަށް އެހީއަކަށްވާނެއެވެ. މިއީ ކުރެވިދާނެ މުހިންމު ކަމެކެވެ.

ރިއެކްޝަންސް
3
0
2
2
1
1
1