ރިޕޯޓު: ނާކޯސް ރާއްޖެ – ދެކުނު އޭޝިޔާގެ މަސްތުވާތަކެތިގެ ވިޔަފާރީގެ މަރުކަޒު

27 ފެބުރުއަރީ 2022 - 16:48

އއ. ގަންގެހި ރިސޯޓް ކައިރީގައި އޮންނަ ފަޅަކަށް ފައްތާފައި ހުއްޓާ 2006 ވަނަ އަހަރުގެ އޭޕްރީލް މަހު އިހި ނަގަން އުޅުނު ބަޔަކަށް ފެނުމުން މުޅި ގައުމު ދިޔައީ ސިއްސައިގެންނެވެ. މަދަކަށް ބައިވަރެއް ނޫނެވެ. ދޮޅު ޓަނުގެ މަސްތުވާތަކެއްޗެވެ. އެތަކެތި ހުރީ ފެން ނުވަންނާނެހެން ބަސްތަބަސްތާގައި ބަންދުކޮށްފައެވެ.

އަހަރުތަކެއް ފާއިތުވެ ދިޔައީއެވެ. މިއަދު މިއީ އާކަމެއް ނޫނެވެ. ޓަނު ޓަނުން ނުވަތަ ގިނަ އަދަދަކަށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ވަނީ އާންމުވެފައެވެ. ސަތޭކަ ކިލޯއިން 200 ކިލޯ އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްތުވާތަކެތި ފެނުމަކީ މިއަދު އާ ކަމެއް ނޫނެވެ. ފަޅު ރަށްރަށުންނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިކުރުމަށް ފަހު މަސް އޮޑިފަހަރާއި ލޯންޗް ފަހަރުގައި މަސްތުވާތަކެތި އެތެރެކުރުމަކީ އާންމު ކަމެކެވެ. ސުވާލަކީ ކުޑަކުޑަ އާބާދީއެއް އޮތް މި ތަނުގައި އެވަރުގެ މާކެޓެއް އެބަ އޮތް ހެއްޔެވެ؟

advertisement

މަސްތުވާތަކެތީގެ ޓްރާންސިޓް ހަބް

ނޫނެކެވެ! ރާއްޖެއިން އަތުލައިގަންނަ މި ތަކެއްޗަކީ ހަމައެކަނި ރާއްޖޭގެ މާކެޓަށް އެތެރެކުރާ އެއްޗެއްސެއް ނޫނެވެ. ހުޅަނގު ބިތާއި އިރުމަތީ ބިތް ވަކިކޮށްލާ ރޮނގެއްގެ ގޮތުގައި އޮތް ރާއްޖެވެފައި ވަނީ މަސްތުވާތަކެތި ޓްރާންސިޓްކުރާ ތަނަކަށެވެ. ރާއްޖެ އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖޭގައި ޓްރާންސިޓްކޮށްފައި އިރުމަތީ އޭޝިޔާގެ އެހެން ގައުމުތަކަށް ގެންދާކަން ފުލުހުންގެ ތަހުގީގުތަކުން ހާމަވެއެވެ. މަޑު މަޑުން ރާއްޖެ ބަދަލުވަމުން ދަނީ ދެކުނު އޭޝިޔާގެ މަސްތުވާތަކެތީގެ ވިޔަފާރީގެ މައި ހަބަކަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ދޮންނަ ގައުމަކަށެވެ. އަދި އެ ފައިސާ އެއްތަނުން އަނެއް ތަނަށް ދައުރުކުރާ މަރުކަޒަކަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅޭ ގޮތުން ނޫސްވެރިންނަށް އަމާޒުކޮށްގެން ފުލުހުން ބޭއްވި ހަރަކާތެއްގައި މިކަމާ ބެހޭ ވަރަށް ގިނަ ތަފްސީލްތައް ވަނީ ހާމަކޮށްފައެވެ. އެ ތަފްސީލްތަކުން އެނގޭ ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމުގައި ހަބެއްގެ ގޮތުގައި ރާއްޖެ ދަނީ ބޭނުންކުރަމުންނެވެ. އަދި އެކަމުގައި ދިވެހިންގެ އެތައް ބަޔަކާއި އުޅަނދުފަހަރު ދަނީ ބޭނުންކުރަމުންނެވެ. އެކަމުން ނަފާ ހޯދާ އެތައް ބަޔަކު އެބަ އުޅެއެވެ.

ފުލުހުން ބުނި ގޮތުގައި މި ވަގުތު ވެސް އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި ދައުރުކުރުމަށް 200 ޓަނުގެ ހެރޮއިން ތައްޔާރުކޮށްފައި އެބަހުއްޓެވެ. ނޭނގެނީ އެތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް އެއްބައި ރާއްޖެ އަށް ބޭލުމަށް ފަހު ޓްރާންސިޓްކޮށް އެހެން ގައުމުތަކަށް ދާނެ މަގާއި ވަގުތެވެ. ގިނަ މައުލޫމާތުތަކެއް ހުއްޓެއްކަމަކު އެކަން ހުއްޓުވޭނެ ގޮތެއް ނެތެވެ.

އަތުލައިގަނެވެނީ އެތެރެކުރާ މަދު މިންވަރެއް

މި ގޮތަށް މަސްތުވާތަކެތި އެތެރެކުރާ ރޫޓްތައް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. ހާއްސަކޮށް ކަނޑުމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ރޫޓްތައް ފުލުހުން އަންނަނީ ދެނެގަންނަމުންނެވެ. މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އާންމުކޮށް ބޭނުންކުރަނީ ރާއްޖޭގެ ހުޅަނގު ބިތެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ހުޅަނގުން އޮންނަ ހދ. މަކުނުދޫ ހުޅަނގު ފަރާތާއި، އއ. އާއި އދ. އަދި ބ. އަތޮޅާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގެ އިތުރުން ގއ. އާއި ގދ. އަތޮޅުގެ ހުޅަނގުން އޮންނަ ސަރަހައްދު ފުލުހުން ފާހަގަކޮށްފައިވާ އިރު މި ލިސްޓްގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހުޅަނގު ސަރަހައްދުން ވެސް ޑްރަގް ޓްރެފިކިން އަށް ބޭނުންކުރާކަން ފުލުހުންގެ މައުލޫމާތުތަކުން ހާމަވެއެވެ. އަދި އެކަން ކުރަނީ ހަސްކަރީ ތަމްރީންތައް ފަދަ ކަންކަން ހިންގާ ސަރަހައްދުތައް ބަލައިގެން އެތަންތަނާ ދުރުން “ބްލައިންޑް ސްޕޮޓްތައް” ބަލައިގެން ކަމަށް ފުލުހުން ބުންޏެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ބުރަ މަސައްކަތުން އަތުލައިގަނެވެނީ ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތީގެ ތެރެއިން މަދު މިންވަރެކެވެ. ނަމަވެސް ނިސްބަތުން މި މަދު މިނަވަރުގެ އަގު ވެސް އެތައް ބިލިއަން ރުފިޔާ އަށް އަރައެވެ. ފުލުހުން ދާދި ފަހުން މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނަކުން އެކަނި ވެސް 123 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގު ހުރި މަސްތުވާތަކެތި އަތުލައިގަނެފައި ވެއެވެ.

މަސްތުވާތަކެތި ވިޔަފާރީގައި އުޅޭ މީހުން މާ ކުޅަދާނަ

މަސްތުވާތަކެތީގެ ޓްރާންސިޓް ބަނދަރެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރަމުން ދިޔަ ނަމަވެސް އެކަން ހުއްޓުވުމުގައި ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އިންޑިއާގެ އެހީތެރިކަމާ އެކު ކަނޑުގެ ސަރަހައްދު މޮނީޓާރކުރަމުން ދިޔަ ނަމަވެސް އެކަން ހުއްޓުވުމަށް ވެސް ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ. އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް މީގެ ތެރެއިން ޝަރުއީ މަރުހަލާއާ ހަމައަށް ވެސް ދަނީ މަދު ބައެކެވެ. އަދި އޭގެ ތެރެއިން އެކަށީގެންވާ ހުކުމެއް ކުރެވި ޖަލުގެ ތޭރިތަކުގެ ދަށުގައި ބަންދުކުރެވެނީ އެއަށް ވުރެ ވެސް މަދު މީހެކެވެ.

މަސްތުވާތަކެތީގެ ވިޔަފާރި އިންތިހާ އަށް ފުޅާވެ، އެ ވިޔަފާރިން ހޯދާ އާމްދަނީ ދޮވެ ސާފުކުރާނެ މަގުތައް އެކަން ކުރާ ފަރާތްތަކުން ހޯދައި އެ ފަރާތްތައް ވަނޫ ނުފޫޒު ގަދަ ބަޔަކަށް ވެފައެވެ. އެހެންކަމުން ނިޒާމުގެ ތެރެއިން އެފަދަ ފަރާތްތަކަށް ސަލާމަތްވުމަކީ “މެޓައެއް ކާލުން” ފަދަ ކަމެކެވެ. ބަންދުން ސަލާމަތްވުމާއި މައްސަލަތައް ދިގުލައި ދިއުމާއި ތަހުގީގުތައް ފުރިހަމަނުވުމާއި އެކަށީގެންވާ ހެކި ނެތުމާއި ހައްޔަރުކުރިޔަސް ކޯޓު މަރުހަލާއިން ދޫވެ އަދި ރާއްޖެ އިން ފަސޭހަކަމާ އެކު ފިލައިގެން ދިއުން ފަދަ އެތައް ކަމެއް ނިޒާމުގެ ތެރެއިން ވަނީ ހުޅުވިފައެވެ. އެހެންކަމުން ކަމާ ބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ އެކަށީގެންވާ ނަތީޖާ ނުފެނެއެވެ.

ރާއްޖެ ސަރަހައްދު ބޭނުންކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމަށް ކުރަމުންދާ މަސައްކަތަށް ފުލުހުން ތިބީ ފާރަލައިގެންނެވެ. ނަމަވެސް އެކަން ކުރާ ފަރާތްތަކަކީ އެ މަސައްކަތްތަކަށް ވެސް ފިލައިގެން އެކަންކަން ކުރެވޭހާ ގާބިލުކަން ލިބި ފައިސާ އާއި އެ ނޫން ވެސް އެތައް ގޮތަކުން ކުރިއެރުން ހޯދައިގެން ތިބި ބައެކެވެ. އަފްޣާނިސްތާނު ފަދަ ގައުމުތަކުގައި އުފައްދާ މަސްތުވާތަކެތި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭ ހަބެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާއިރު އެ މަސައްކަތް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ބުރައެވެ. އެއީ ހަމައެކަނި ފުލުހުންގެ މަސައްކަތުން ހުއްޓުވާނެ ކަމެއް ނޫނެވެ. ނުވަތަ ކަނޑުގެ ސަރަހައްދު ބަލައިގެން އެކަނި ހުއްޓުވޭނެ ކަމެއް ވެސް ނޫނެވެ. އެކަމަށްޓަކައި ޝަރުއީ ނިޒާމު ހަރުދަނާ ވާންޖެހެއެވެ. އަދަބު ތަންފީޒުކުރެވޭނެ މަގު ތަނަސްވާންޖެހެއެވެ. ގޮތް ނޭނގޭ ގޮތަށް ހޯދާ ފައިސާ ޓްރެކްކުރެވޭނެ ގޮތްތަކެއް ގާނޫނުތަކުގެ ތެރެއިން ހޯދައި ގާބިލްކަން ވެސް އިތުރުކުރަންޖެހެއެވެ. މިއީ އެއް ދުވަހުން ދެ ދުވަހުން ހާސިލްކުރެވޭނެ ކަންކަމެއް ނޫނެވެ.

ރިއެކްޝަންސް
1
0
5
1
0
1
0