ޑިޕްރެޝަން މަޖަލަކަށް ނަހަދާ!

1 މާޗް 2022 - 14:50

ޑިޕްރެޝަން އަކީ އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. މި ބައްޔަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. އާދައިގެ ވަރަކަށް މިބަލި ކުރިމަތިވުމުން ބޭހާއި ނުލައި ހަމައެކަނި ކައުންސިލިންގ ނަގައިގެން ފަރުވާ ކުރެވިދާނެ އެވެ.

ނަމަވެސް މެދު މިންވަރަކަށް ނޫނީ މާބޮޑަށް ކުރިމަތިވެއްޖެނަމަ، ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސިލިންގ ވެސް ނަގަންޖެހޭނެ އެވެ. ޑިޕްރެޝަން އަކީ ނަފްސާނީ ނުކުޅެދުންތެރިކަމެކޭ ބުނެވިދާނެ އެވެ.

advertisement

ކޮންމެ 5 މީހެއްގެ ތެރެއިން އެކަކީ އެމީހެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޑިޕްރެޝަންއާ ކުރިމަތިލާނެ މީހެކެވެ. ކޮންމެ މީހަކަށް ވެސް ޑިޕްރެޝަން ކުރިމަތިވެދާނެ އެވެ. އަދި އެކިމީހުންނަށް ޑިޕްރެޝަން ކުރިމަތިވަނީ އެކި މިންވަރަށެވެ.

ޑިޕްރެޝަން ކުރިމަތިވަނީ ކީއްވެ؟

ބައެއް ފަހަރު ޑިޕްރެޝަންއާ ކުރިމަތިވި ސަބަބު އެނގިދާނެއެވެ. އަނެއްބައި ފަހަރު ނޭނގިދާނެއެވެ. ޑިޕްރެޝަންއާ ކުރިމަތިވުމުގައި ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާޢީ ސަބަބުތައް ފޮރުވިފައިވުމަކީ ވަރަށް ގާތް ކަމެކެވެ.

ޑިޕްރެޝަންގެ ސަބަބުން މީހާގެ ފިކުރުކުރުން އިތުރުވެ، މީހާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާގޮތް ވެއެވެ. ޑިޕްރެޝަންއާ ކުރިމަތިވުމުގައި ވެސް ގުޅުންތަކެއް ވެއެވެ.މިސާލަކަށް ހިތާއި ލޭހޮޅިތަކުގެ ސަބަބުން މީހަކަށް ޑިޕްރެޝަންއާ ކުރިމަތިވެދާނެއެވެ.

ޑިޕްރެޝަންއަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް މި ބަލި ކުރިމަތިވާލެއް ނިސްބަތުން ގިނަކަން ފާހަގަ ކުރެވެއެވެ. ފަހަރުގައި މިކަމުގެ ސަބަބަކީ ކަމެއް ދިމާވުމުން ނިސްބަތުން އަންހެނުން އެކަމަކަށް ފަރުވާ ހޯދާ މިންވަރު އިތުރުވާތީ ކަމަށް ވެސް ވެދާނެއެވެ.

ޑިޕްރެޝަން ކުރިމަތިވެފައިވާކަން އެނގޭނީ ކިހިނެއް؟

ޑިޕްރެޝަންއަކީ މަޑުމަޑުން އާލާވަމުން އަންނަ ކަމަކަށްވާތީ، އެކަން ކުރިމަތިވެފައިވަނީ ކިހާ މިންވަރަކަށް ފާހަގަނުވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް އަވަދިނެތި ބުރަކޮށް އުޅެގެން އެކަމުން ސަލާމަތްވާން މަސައްކަތްކުރެވިދާނެ އެވެ.

ނަމަވެސް މިކަމުން އިތުރަށް ނުތަނަވަސްވެ، ހަށިގަނޑު ވަރުބަލިވާގޮތް ވެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ތަދުތަކާ ރިހުންތައް އުފެދި، ނިދިނައުން ކުރިމަތިވާން ފަށައެވެ. ބައެއް ފަހަރު މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ރިހުމާއި، ތަދަކީ ޑިޕްރެޝަންގެ ފުރަތަމަ އަލާމާތްކަމަށް ވެސް ވެދާނެ އެވެ.

ބަލީގެ ފަރުވާ އަކީ ކޮބާ؟

މި ބަލީގެ ފަރުވާގެ ތެރޭގައި ގިނަބައިތަކެއް އެކުލެވިގެން ވެއެވެ. އަދި ފަރުވާ ބެހިގެންވަނީ ޑިޕްރެޝަންގެ ވައްތަރު، ސަބަބު އަދި ބަލިޖެހިފައިވާ މިންވަރުގެ މައްޗަށެވެ. ފަރުވާގެ ތެރޭގައި ބޭސް (އެންޓި ޑިޕްރެޝަންޓް) ބޭނުން ކުރުން އަދި ސައިކޯ ތެރަޕީ ނެގުން ވަރަށް މުހިއްމެވެ. ބޭސް ބޭނުން ކުރަންވާނީ ކަމުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. އަދި މިބަލި އެންމެ ބޮޑުވަރު ވެފައި ވާ މީހުން ނަށް އީސީ.ޓީ (އެލެކްޓްރޯ ކޮންވިއުސިވް ތެރަޕީ) ގެ ފަރުވާ ވެސް ދެވެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ބައެއް މުހިއްމު ކަންތައް

މިފަދަ ބަލިތަކުން ރައްކާތެރި ވުމަށް ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރެވިދާނެއެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގަވައިދުން ކަސްރަތުކުރުން، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން، ހަމަނިދި ނިދުން، އަޅުކަންކުރުން، އަމިއްލަނަފްސަށް އިތުބާރުކުރުން (ތައުރީފު ލިބި ގަތުން)، އެކުވެރިޔަކާއެކު ވާހަކަ ދައްކާލުން، މާޔޫސްކަން ވެރިވާހިނދު އެކަށީގެންވާ އެހީހޯދުން ހިމެނެއެވެ.

ރިއެކްޝަންސް
1
0
0
0
0
0
0