ރިޕޯޓް: ގިނަ ކައިވެނިތައް ކުރަނީ ކުއްޔާއި ބިލްތަކާއި އިންސްޓޯލްމަންޓްތަކުގެ ބައިވެރިއެއް ހޯދުމަށް

1 މާޗް 2022 - 14:42

ކައިވެނީގެ އަމާޒުކަމުގައި ވާ ހަގީގަތަކީ ކޮބާ؟

   ރާވަމުންދާ ރޭވުމަށް އެ އަރާ ބުރޫތަކަކީ ކޮބާ؟

advertisement

     ރާވަމުންދާ ގޮތްތަކުން އެނގި ދާ އެނގުންތަކަކީ ކޮބާ؟

         ދާވަމުންދާ ސާފު ހިތަކަށް ވާނެ ގޮތަކީ ވެސް ކޮބާ؟

އިހުގެ ވަރަށް މަޝްހޫރު ލަވައެކެވެ. ކައިވެންޏާ ބެހޭ ގޮތުން ލަވައެއް ހިތަށް ގެންނަ ނަމަ އެންމެ ފުރަތަމަ ވެސް ސިފަވަނީ މި ލަވައިގެ މަންޒަރުތަކެވެ. ރީތި މި ލަވައިގައި މާނަ ފުން އެތައް ވާހަކަތަކެއް ބުނެދެއެވެ. ނަމަވެސް މުޅި ލަވަ ބިނާވަނީ ސުވާލުތަކެއްގެ މައްޗަށެވެ. މި ޒަމާނަށް ފައްތައިގެން މި ލައްވައިގައި ކުރާ ސުވާލުތައް ކޮށްލަމާ ހިނގާށެވެ. ހަގީގަތުގައި ވެސް މި ޒަމާނުގައި ކައިވެނީގެ އަމާޒަކީ ކޮބައިހެއްޔެވެ؟

އާންމު އުސޫލުން ބަލާ ނަމަ ކައިވެނީގެ މައިގަނޑު މަގުސަދަކީ ބާއްޖެވެރި ދިރިއުޅުމެއް ހޯދުމެވެ. ދެމަފިރިން އެކުގައި ކުރާ މަސައްކަތްކޮށް، ހެޔޮލަފާ ދަރިންތަކެއް ދުނިޔެ އަށް އުފަންކޮށް، ދިރިއުޅުން އާރޯކުރުމެވެ. ނަމަވެސް މި މަގުސަދު މިއަދު ކައިވެންޏަކުން ހާސިލްވޭތޯ އުފެދޭ ސުވާލު ކިތަންމެހާ ވެސް ބޮޑެވެ. ޒުވާނުން، ހާއްސަކޮށް ތޮއްޖެހިފައިވާ މި މާލޭގައި ގަނޑަތެޅެމުން އަންނަ ޒުވާނުން ކައިވެންޏެއް ކުރަނީ ރަނގަޅު ބައިވެރިއަކު ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅެން ހެއްޔެވެ؟ ނުވަތަ ދިރިއުޅުމުގައި ކުރިމަތިވަމުންދާ އެތައް އުނދަގުލަކުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ އެއީ ކަމަށް ވާތީ ހެއްޔެވެ؟

މާލޭގައި ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް މި ތަނުގައި އަމިއްލަ ގެދޮރެއް ނެތް ބަޔަކަށް އެއީ މުސީބާތެއް ފަދަ ކަމެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތުން ހޯދާ ހުރިހާ ފައިސާއެއް ހޭދަވަނީ ކުއްޔާއި އެ ނޫން ވެސް ބިލްތަކަށެވެ. ދިރިއުޅުމުގެ ގިނަ ކަންކަން ހަމަޖައްސަނީ ކޮންމެ ވެސް “ލުއި” ނަމަވެސް ޖީބަށް ބަރު ލޯނުތަކުންނެވެ. މުސާރައިގެ ބޮޑު ބައެއް ސައިކަލް ނޫނީ ފޯނުގެ އިންސްޓޯލްމެންޓަށް ދައްކަންނުޖެހޭ ޒުވާނަކު މަދެވެ. އެހެންކަމުން އެކަނި ކުރާ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދެންޖެހެނީ އެކަމުގައި ބައިވެރިވާނެ ފަރާތެއް ހޯދަންށެވެ. އެންމެ ފަސޭހަ މަގަކަށް ގިނަ މީހުންނަށް ވިސްނެނީ ބައިވެރިޔަކު ހޯދުމެވެ. ނަމަވެސް އެއީ ހަޔާތުގެ ބައިވެރިއަކަށްވުރެ ބޮޑަށް ކުއްޔާއި، ބިލްތަކާއި އިންސްޓޯލްމަންޓްތަކުގެ ބައިވެރިއެކެވެ.

ރީތި ތާރީހުގައި 80 ވަރަކަށް ކައިވެނިކުރިއެވެ. އޭގެ ތެރެއިން  ޒުވާނަކާ ސުވާލު ކޮށްލީމެވެ. ބުނީ ކައިވެންޏެއް ކުރީ ވަރަށް “ލޯބިވާތީ” ކަމަށެވެ. ދެންކުރި ސުވާލުތަކަށް އޭނާ ދިން ޖަވާބުތަކުން އެ ކައިވެނީގެ ހަގީގަތަކީ ކޮބައިތޯ ހަމަ ހަގީގަތުގައި ވެސް ސުވާލު އުފެދުނެވެ. އޭނާ ބުނީ އުޅޭ ވަޒީފާ އިން އެންމެ ގިނަވެގެން ވެސް ލިބެނީ 10،000ރ. ކަމަށެވެ. ސައިކަލާއި ފޯނުގެ އިންސްޓޯލްމަންޓަށް 4،000ރ. ހޭދަވާ ކަމަށެވެ. އާއިލާއާ އެކު ގޭގައި އުޅުނަސް މަހަކު 5،000ރ. ގެއަށް ދޭންޖެހޭ ކަމަށާއި މަސް ނިމޭ އިރު އަތުގައި ބާކީ އެއްވެސް އެޗެއް ނޯންނަ ކަމަށެވެ. ފަހަށް ރައްކާނުކުރެވޭތާނގައި ކައިވެނިކުރީ ވެސް “ލުއި” ލޯނަކާއި ރައްޓެހިންގެ އެހީތެރިކަމާ އެކުއެވެ. ސުވާލަކީ އެފަދަ ހާލަތެއްގައި ހުރި މީހަކަށް ކައިވެނި ހަލާލުވާނެ ހެއްޔެވެ؟ ނުވަތަ އޭނާގެ ހަގީގީ މަގުސަދަކީ ކައިވެންޏެއް ކުރުން ހެއްޔެވެ؟

އޭނާގެ ވާހަކަތަކުން އެނގުނު ގޮތުގައި އަނބިމީހާއަކީ އައިޖީއެމްއެޗްގެ ނަރުހަކަށްވުމުން ގާތްގަނޑަކަށް ވިއްސަކަށް ހާސްރުފިޔާ މަހެއްގެ މައްޗަށް ލިބެއެވެ. އެހެންކަމުން ވަކިން ތަނެއް ހިފައިގެން ދެ މީހުންނަށް ލިބޭ އާމްދަނީ މިހާރު އާއިލާއާ އެކު އުޅޭ ހާލަަށް ވުރެ ތަންކޮޅެއް ހަމަޖެހިގެން އުޅެވޭނެ ކަމުގެ އުންމީދު އެބަ އޮތެވެ. އޭނާ ހަގީގަތުގައި ވެސް އެ ކުއްޖާ ދެކެ ވަރަށް ލޯބި ވެއެވެ. ނަމަވެސް ހަގީގަތް ބިނާވަނީ މިހާރު ދިރިއުޅޭ ހާލުން އެހެން ހާލަކަށް ބަދަލުވުމަށް އެ ޒުވާނާ އަށް އޮތް އެންމެ ފަސޭހަ މަގަކީ ރަނގަޅު ވަޒީފާއެއްގައި އުޅޭ އޭނާ ފަދަ އެހެން ކުއްޖަކު “ހަޔާތުގެ ބައިވެރިއަކްު” ހޯދުމެވެ. ގޭ ކުއްޔާއި ބިލްތަކާއި އިންސްޓޯލްމަންޓައި “ލުއި” ލޯނުގައި ބައިވެރިވާނެ ހަގީގީ ބައިވެރިއަކު ހޯދުމެވެ.

މިއީ އެންމެ ޒުވާނެއްގެ ވާހަކައެއް ނޫނެވެ. މިއީ މިހާރުގެ ހާލަތުން ގިނަ ޒުވާނުންނަށް ޖެހިފައިވާ ހާލެވެ. ކައިވެންޏެއްގެ މައިގަނޑު މަގުސަދު ބިނާވަނީ ހަމައެކަނި ލޯތްބަކާ ނޫނެވެ. ދިރިއުޅުމުގެ ގިނަ ކަންކަން ހިއްސާކޮށް އަދި ބައިވެރިވާނެ މީހަކު ހޯދުމުގެ މައްޗަށެވެ. އިސްލާމްދީނުގައި ކައިވެންޏެއް ކުރަން އޮންނަނީ އެފަދަ ކަމަކަށް ބޭނުންވެއްޖެ ހާލަތެއްގައި ހަރަދުކޮށްގެން އަނބިމީހާ ގެންގުޅެވޭނެ ފަދަ މީހުންނަށެވެ. ނަމަވެސް މި ހާލަތުގައި ތިބޭ މީހުން ވަރަށް މަދެވެ. ދެމަފިރިން އެކުގައި މަސައްކަތް ކޮށްގެން ނޫނީ އުޅެވޭނެ ގޮތެއް މިހާރަކު ނެތެވެ. ސިޔާސަތުތައް ބައްޓަންވެފައި ހުރީ އެގޮތަކަށް ނޫނެވެ. ބޯހިޔާވަހިކަން އެހާ ދައްޗެވެ. ކުލި އެހާ ބޮޑެވެ. މުސާރައަށް ހެޔޮ ބަދަލެއް އަންނަ އިރަށް ތަކެތީގެ އަގު ބޮޑުވެއެވެ. ބިލްތައް އިންތިހާއެވެ. މިހެން ގޮސް މުޅި ދިރިއުޅުން ވަނީ ދަތި އުނދަގުލެއްގައެވެ. ހަމަޖެހިލައިގެން ދިރިއުޅެވެނީ މަދު މީހަކަށެވެ. ރީތި ތާރީހުތަކުގައި ކިތަންމެ ގިނަ ކައިވެންޏެއް ކުރިޔަސް މި ހާސްކަމުގެ ތެރޭގައި ސަލާމަތް ވަނީ މަދު ކައިވެންޏެކެވެ. ހަރަދު ބަރަދުގަ އާއި ނިމުމެއް ނެތް ޝަކުވާތަކާ އެކު ދެންޖެހެނީ ލަވައިގައި ބުނާ ފަދަ ހާލަތަކެވެ. އިތުބާރު ގެއްލި ކޮންމެ ވެސް އެކެއްގެ ރާސްތާ ބަދަލުވަނީއެވެ.

ވާނެ ކަންކަން ހުންނަނީ ނޭނގުމުގެ ތެރެއަށް ގެއްލިފާ

       ވާނެޔޭ އެހެނެއް ކަމަކު ދީފާ ވެދިޔަ ތަން ތަޖުރިބާ

        ދާނެޔޭ ލިބެމުން އެއިން އިބުރަތްތަކެއް އަގުހުރި އެހާ

          ވާނެ ނަމަ ތެދުވެރިޔަކަށް ނުދެވޭނެ އިތުބާރެއް ކޮބާ؟

ރިއެކްޝަންސް
2
1
11
4
3
3
0