ކެލާއިން 2،000 ރުއް ބޭރުކުރަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

2 މާޗް 2022 - 15:25

ހއ. ކެލާއިން 2000 ރުއް ބޭރުކުރަން އުޅޭ ކަމުގެ ކަންބޮޑުވުން ބްލޫޕީސްއިން ހާމަކޮށްފިއެވެ. ބްލޫޕީސްއިން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ ހއ. ކެލާއިން ފޯދިފައިވާ 2000 ރުއް ނަގައި އެރަށުން ބޭރަށް ގެންދަން އުޅޭކަމުގެ ޚަބަރު ލިބިފައިވާކަމަށެވެ. މިއީ ކަންބޮޑުވާންޖެހޭ ވަރުގެކަމެއްކަން ފާހަގަކޮށް މިކަމުގެ ކަންބޮޑުވުން ވަނީ ބްލޫޕީސް އިން ފާޅުކޮށްފައެވެ.

ބްލޫޕީސްއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނުތަކަށް އިސްލާހު ގެނެސްގެން ވިއަސް ރަށްރަށުން ގަސްކަނޑައި ބޭރުކުރާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށެވެ. ރާއްޖޭގެ ޖަޒީރާ ވަންތަކަށް ދިރުވައި ދަމަހައްޓަން ޖެހޭކަމަށް ވަނީ ބުނެފައެވެ.

ކެލާއިން 2000 ރުއް ކަނޑައިގެން ގެންދަން އުޅޭ މައްސަލައިގެން ކަންބޮޑުވުން ފާޅުކޮށް ބްލޫޕީސްއިން ބުނީ މި ރުއްތައް ކެލާއިން ބޭރުކުރެވިގެން ނުވާނެކަމަށެވެ. ގޯތިއެޅުމަށް ނަގާ ރުއްތައްވެސް ރަށުގެ އެހެން ސަރަހައްދެއްގައި އިންދަން ޖެހޭކަމަށް ބްލޫޕީސްއިން ވަނީ ބުނެފައެވެ.

ބްލޫޕީސްއިން ބުނެފައިވަނީ މިހާރުވެސް ކެލާއިން 100 ރުއް މުލުން ލުހެގެން އެހެން ތަންތަނަށް ގެންދިއުމަށް ބާޖަށް އަރުވާފައިވާފައިވާކަަމަށެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުންވެސް މިގޮތައް ރުއްގަސް ކަނޑައިގެން ގެންދާ މައްސަލަ މީގެ ކުރިންވެސް ވަނީ ސަމާލުކަމަށް އައިސްފައެވެ. އަދި މިކަމުގެ ކަންބޮޑުވުން އެކި ޖަމިއްޔާ ޖަމާއަތްތަކާއި އާންމުވެސް ވަނީ ކޮށްފައެވެ.

ރިއެކްޝަންސް
0
1
1
2
0
0
3