ސައިނަސް އަށް ގޭގައި ދެވިދާނެ ފަރުވާ

2 މާޗް 2022 - 17:08

“ސައިނަސް ހުރުން” މިއީ ވަރަށް އާންމުކޮށް ދިވެހިންގެ މެދުގައި ބޭނުން ކުރެވޭ އިބާރާތެކެވެ. އާންމުކޮށް މި އިބާރާތް ބެނުން ކުރެވެނީ ސައިނަސްގައި މައްސަލައެއް ހުރުމަށް ނުވަތަ ސައިންސް ދުޅަވުމަށް ނިސްބަތް ކޮށެވެ

ސައިނަސްއަކީ ކޮންމެ މީހެއްގެ ވެސް ނޭފަތާއި ލޯ ވަށައިގެންވާ ސަރަހައްދުގެ މޫނުގެ ކަށިގަނޑުގައި ހެދިފައިވާ ހޮއިތަކެކެވެ. ސައިނަސްއަކީ މޫނުގެ މި ސަރަހައްދުތަކުގައި އެކުލެވިގެންވާ ވައި ކޮތަޅުތަކެކޭ ބުނެވިދާނެ އެވެ. ސައިނަސައިޓިސް އަކީ ކޮންމެވެސް ސަބަބަކާހުރެ މި ވައި ކޮތަޅުތަކުގެ ވަށައިގެންވާ ތެތް ދުލިފަށަލަ ދުޅަވުމެވެ. އެހެނީ ސައިނަސް ބްލޮކް ވުމުގެ ސަބަބުން އާންމުކޮށް ސައިނަސްގައި އުފެދޭ ދިޔަތައް ނޭފަތުގެ ތެރެއަށް ފޭބުމަށް ހުރަސް އެޅި، އޭގެ ސަބަބުން ސައިނަސްގައި ޕްރެޝަރު ބޮޑުވެ އިތުރު އުނދަގޫތައް ކުރިމަތި ކުރުވަ އެވެ. ސައިނަސްގެ   އުނދަގޫ އެންމެ ބޮޑުވަނީ ވިއްސާރަވެ ފިނިވުމުންނެވެ.

advertisement

ސައިނަސްގެ ބައެއް އަލާމާތްތައް:

  • ނޭފަތް ފުރިފައި ހުންނަހެން ހީވުން
  • ނޭފަތުން ފެން / ރީނދޫ ނުވަތަ ފެހި ކުަލައިގެ އަރިދަފުން ފޭބުން
  • ބޮލުގައި ރިހުން
  • ދަތުގައި ރިއްސުން (ހާއްސަކޮށް މަތީ ދަތްޕިލައިގަ)
  • ހުން އައުން
  • ނޭވާލާ އިރު ނުބައި ވަހެއް ހުރުން
  • ނޭފަތުން ވަސް ނުދުވުން
  • ސައިނަސް ދުޅަވުމަށް މެދުވެރިކުރުވާ ސަބަބުތައް

ސައިނަސް ދުޅަވުމަށް މެދުވެރިކުރުވާ އެންމެ އާންމު އެއް ގޮތަކީ އަރިދަފުސް ރޯގާ ޖެހުމަށްފަހު ސައިނަސައިޓިސް އަށް ބަދަލުވުމެވެ. އާންމުކޮށް ސައިންސް ދުޅަވުމަށް މެދުވެރި ކުރުވަނީ ވައިރަހެއްގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. ނަމަވެސް ބެކްޓީރިއާ އަދި މަދު ހާލަތްތަކުގައި ފަންގަހުގެ ބާވަތްތަކުގެ ސަބަބުންވެސް ސައިނަސައިޓިސް މެދުވެރިވެދާނެ އެވެ. ސައިނަސް ދުޅަވުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންތައްތަކެއް ހުރެ އެވެ.

  • އެލާޖީސް ހުރުން
  • އެސްމާ ހުރުން
  • ނޭފަތުގައި ޕޮލީޕްއެއް އުފެދުން
  • ދުންފަތުގެ އިސްތިއުމާލު ކުރުން
  • ދިފާއީ ނިޒާމް ބަލިކަށިވުން
  • ވަށައިގެންވާ މާހައުލު މާ ބޮޑަށް ފިނިވުން
  • ވަށައިގެންވާ މާހައުލުގެ ޖައްވު ނުސާފުވުން
  • ވަށައިގެންވަ މާހައުލުގެ ޕްރެޝަރު ބަދަލުވުން (ގިނައިން ވައިގެ ދަތުރު ކުރާ ފަރާތްތަކާއި ފީނާ މީހުން)

ތިރީގައި މި ގެނެސްދެނީ ސައިނަސްގެ އުނދަގޫ ވާނަމަ ބޭނުންކުރުން ރަނގަޅު ބައެއް ތަކެއްޗެވެ.

ގިނައިން ދިޔާއެއްޗެހި ބުއިން

ސައިނަސްގެ އުނދަގޫ ވުމުން ތަރުކާރީ މޭވާ ޖޫސް ގިނަ އަދަދަކަށް ބޭނުންކޮށްލާށެވެ. އޭރުން ލުޔެއް ލިބޭނެއެވެ.

ތެލުން މަސާޖްކޮށްލުން

ސައިނަސް ހުންނަ ނަމަ ބާރުގަދަ އެންޓިބައޮޓިކްސް ބޭނުންކުރުމުގެ ބަދަލުގައި ތެޔޮކޮޅަކުން ބޯ މަސާޖްކޮށްލާށެވެ. އެގޮތުން ލެވެންޑާ ތެޔޮ، އިއުކެލިޕްޓަސް ތެޔޮ ނުވަތަ މެންތަލް ތެލުން ބޯ މަސާޖްކޮށްލާށެވެ. އޭރުން ބޮލުގައި ރިހުމަށް ހައްލެއް ލިބޭނެއެވެ.

މާމުޔާއި ލުނބޯ ޖޫސް ބޭނުންކުރުން

ސައިނަސްގެ އުނދަގޫވާނަމަ މާމުޔާއި ލުނބޯ ޖޫސް ތަށްޓެއް ބޯލާށެވެ. އޭރުން ސައިނަސްގެ އުނދަގުލުން ސަލާމަތްކޮށްދޭނެ އެވެ.

ތަރުކާރީ އާއި މޭވާ ބޭނުންކުރުން

ސައިނަސް ހުންނަނަމަ ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރީ ބޭނުންކުރާށެވެ. މޭވާ އާއި ތަރުކާރީ ހަމަައެކަނި ސިއްހަތަށް ފައިދާހުރ އެއްޗެއް ނޫނެވެ. އޭގެ ސަބަބުން ސައިނަސްގެ އުނދަގުލުންވެސް ސަލާމަތްކޮށްދޭނެ އެވެ.

އާވިއެރުވުން

ސައިނަސް ހުންނަނަމަ އާވިއަރުވާލާށެވެ. ކުޑަ ތެއްޔަކަށް ފެން އެޅުމަށްފަހު ހޫނުކޮށްލާށެވެ. އެއަށްފަހު ބޮލާއެކު ތުވާޔެއް އަޅާ ރަނގަޅަށް ނިވާކުރުމަށްފަހު 10 ނުވަތަ 15 މިނެޓް ވަންދެން އާވިއަރުވާލާށެވެ. އޭރުން ސައިނަސްއަށް އެދެވޭ ހައްލެއް ލިބޭނެ އެވެ.

ރިއެކްޝަންސް
2
0
0
0
0
0
0