އުފާވެރި “ސްޓެޕް ފެމިލީ” އެއް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތައް

3 މާޗް 2022 - 14:52

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވަރި އެންމެ ގިނަ ގައުމޭ ބުނާއަޑު އަހަރެމެން އެންމެންވެސް އަޑުއަހަމެވެ. ކައިވެންޏަކަށްފަހު ދަރިން ލިބި ވަކި ހިސާބަކަށްގޮސް ނޫޅެވިގެން ވަކިވާން ޖެހެއެވެ. އެއަށްފަހު އަނެއްކާވެސް އައު ދިރިއުޅުމެއް ފަށަންޖެހެއެވެ. ރާއްޖޭގައި ވަރި ގިނަވުމުގެ ސަބަބުން ސްޓެޕް ފެމިލީތައްވެސް ވަނީ ގިނަވެފައެވެ. ކައިވެނިކުރާ މީހާގެ އެހެން ކައިވެންޏަކަށް ދަރިންލިބި ދޮންދަރިން ތިބެއެވެ. ކައިވެންޏަށްފަހުގައި ދޮން ދަރިންވެސް ވާނީ ހަމަ ތިމާގެ ދަރިންނަށެވެ. ގިނަ މީހުން ދޮންދަރިންނާއިމެދު ވަރަށް ރަނގަަޅަށް ކަންކަން ކުރާތަން ފެނެއެވެ. ނަމަވެސް މަދުން ނަމަވެސް ދޮންދަރިންނަކީ ތިމާގެ ދަރިންކަމަށް ގަބޫލުނުކޮށް އިހާނެތިކޮށް ކަންތައްތައް ދިމާވާ ފަހަރުވެސް އާދެއެވެ.

ހަޤީގަތަކީ ކައިވެންޏަށް ފަހުގައި އަންހެން މީހާ އަދި ފިރެހެން މީހާވެސް ކުރިން އެހެން ކައިވެންޏެއް ކޮށްގެން ދަރިން ލިބިފައިވާނަމަ އެއީ އާއިލާކަމުގައި ބަލަންޖެހޭކަމެވެ. އުފާވެރި ސްޓެޕް އާއިލާއެއް ބިނާކުރަންޖެހޭކަމެވެ. މި އާޓިކަލްގައި މި ހިމަނާލަނީ އުފާވެރި ސްޓެޕް އާއިލާއެއް ބިނާކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

advertisement

ދެމަފިރިންގެ ގުޅުން ވަރުގަދަކުރުން

ކައިވެންޏެއްގައި އެންމެ މުހިންމު ކަމަކީ ދެމަފިރިންގެ ގުޅުން ރަނގަޅުކޮށް ވަރުގަދަކުރުމެވެ. އެއީ އުފާވެރި އާއިލާއަކަށް އެންމެ މުހިންމު އެއްކަމެވެ. ދެމަފިރިންގެ ގުޅުން ރަނގަޅުނަމަ ދަރިންގެ ގުޅުންވެސް ރަނގަޅުވެގެންދެއެވެ. މައިންބަފައިންނަކީ އަބަދުވެސް ދަރިންނަށް ނަމޫނާ ދައްކާ ބައެކެވެ. އެހެންކަމުން އުފާވެރި އާއިލާއެއް ބިނާކުރުމަށްޓަކައި ތިމާއާއި ތިމާގެ ބައިވެރިޔާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރާށެވެ.

ޑިސިޕްލިން

ކޮންމެ އާއިލާއެއްގައިވެސް އެމީހުން ގަބޫލުކުރާ ގޮތްތަކާއި އަދި އާދަތައް ތަފާތުވާނެއެވެ. އެހެންކަމުން ސްޓެޕްއާއިލާ ވާނީ 2 އާއިލާއެއް ގުޅުންފަދަ ކަމަކަށެވެ. ތަފާތުތަކެެއް ހުންނާނެއެވެ. އައު މެންބަރަކު އާއިލާއަށް އަންނައިރު ދަރިންގެ މެދުގައި ހިތްހަމަނުޖެހުން ތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް ކައިވެނި ކުރުމުގެ ކުރިން 2 މީހުން ވާހަކަދައްކައިގެން އާއިލާގެ ތެރޭގައި ކަންތައްތައް ކުރާނެ ގޮތްތަކާއި ކަންކަން ބައްޓަން ކުރާނެ ގޮތާއި ގުޅޭގޮތުން ވާހަކަދައްކާށެވެ. އަދި ދަރިންނަށްވެސް މިކަން ބުނެދޭށެވެ. އެއިރުން ސްޓެޕް އާއިލާގެ ތެރޭގައި ޖެހޭ ހަމަނުޖެހުންތައް ކުޑަކުރެވޭނެއެވެ.

ފައިސާ ހަރަދުކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރޭ

ފައިސާއަކީ އާއިލާގެ ތެރޭގައި ބައެއް ފަހަރު ވަރަށް ބޮޑަށް މައްސަލަޖެހޭ ކަމެކެވެ. ސްޓެޕް އާއިލާއެއް ފަށަން އުޅޭނަމަ ބައިވެރިޔާއާއިއެކު ފައިސާ ހަރަދުކުރާނެ ގޮތާއި ގުޅޭގޮތުން ކުރީބައިގައި މަޝްވަރާކުރާށެވެ. އަދި ތިމާގެ ދަރިންނަށް ޚަރަދުކުރާގޮތާއި ގުޅޭގޮތުންވެސް ބައިވެރިޔާއަށް ކަންކަން އިނގިފައި އޮތުން މުހިންމެވެ.

ވަގުތު ހޭދަކުރުން

އާއިލާ އެކީގައި ވަގުތު ހޭދަކުރުމަކީ އުފާވެރި އާއިލާއެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ސްޓެޕް ފެމިލީއެއްގައިވެސް އެންމެން އެކުގައި ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް ކުދިންގެ ސްކޫލްގެ ހަރަކާތްތަކުގައި ބައިވެރިވުމާއި އެކީގައި ޕިކްނިކް ހަދާލުން ފަދަ ކަންކަން ކުރުމަކީ އުދާވެރި ސްޓެޕް ފެމިލީއެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
1
0
1