ރިޕޯޓް: ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ 2.6 ބިލިއަން ރުފިޔާ އަދިވެސް ލިބޭނެ ދުވަހެއް ނޭންގޭ

5 މާޗް 2022 - 12:53

އެއްބަޔަކު ދެކޭ ގޮތުގައި ޓެކުހުގެ ނިޒާމަކީ ވަރަށް ބޭއިންސާފު ނިޒާމެކެވެ. ސަބަބުތައް ގިނައެވެ. އެންމެ ބޮޑު އެއް ސަބަބަކީ ތަންފީޒީ އިދާރާތަކަށް ހަމަހަމަ އުސޫލުން އަމަލު ނުކުރެވޭތީއެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގައި ކުރާ މަސައްކަތުގައި ވެސް މޮޅު މީހާ އަށް މޮޅު ގޮތް ދެރަ މީހާ އަށް ދެރަ ގޮތް އޮންނާތީއެވެ.

61 އިންސައްތަ އަކީ ޖޫރިމަނާ


މީރާ އިން ހޯދި މައުލޫމާތުތަކަށް ބިނާކޮށް އާންމު ފަރުދަކު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2011 ވަނަ އަހަރުން ފެށިގެން ޓެކުހާއި ޖޫރިމަނާގެ ގޮތުގައި މީރާ އަށް ލިބެންޖެހޭ 171 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) ނުލިބިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހިންގަމުންދާ ރިސޯޓްތަކާއި ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުއްޔާއި ޖޫރިމަނާއެވެ. އޭގެ ތެރެއިން 61 ޕަސެންޓަކީ ނުދައްކައި ހުރި ޖޫރިމަނާ ފައިސާއެވެ. މިއީ ދައުލަތުގެ އާމްދަނީ އަށް ބަލާއިރު ބޮޑު އަދަދެކެވެ.
ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް 2020 ވަނަ އަހަރު ލީސް ޕޭމެންޓްގެ ގޮތުގައި ލިބެންޖެހޭ 40 މިލިއަން ޑޮލަރު (617.5 މިލިއަން ރުފިޔާ) ދައުލަތަށް ލިބިފައެއް ނުވެއެވެ. އަދި ނިމިދިޔަ އަހަރު އެ އަދަދު އެއަށް ވުރެ ވެސް ބޮޑެވެ. މިދިޔަ އަހަރު ނުލިބޭ ފައިސާގެ އަދަދު އުޅެނީ 64.9 މިލިއަން ޑޮލަރު (996 މިލިއަން ރުފިޔާ) ގައެވެ.

advertisement


ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތައް ބަންދުކުރަންޖެހުމުން މީރާ އިން ވަނީ ރިސޯޓްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފައެވެ. ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާއިރު މީރާ އިން ލުއިދީ، ފައިސާ ދައްކަންޖެހޭ މުއްދަތުތައް އިތުރުކޮށްދީ ބައިބަޔަށް ބަހާލި ނަމަވެސް އެއާ އެއްގޮތަށް ގިނަ އަދަދެއްގެ ރިސޯޓްތަކުން އަމަލުނުކުރާކަން ވެސް ހާމަވެއެވެ.

ދައުލަތަށް ކުރެވޭނެ ކަމެއް ނެތް؟


މި ތަފާސް ހިސާބުތަކަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ ރިސޯޓްތައް ހިންގާ ފަރާތްތަކުން ދައްކަންޖެހޭ ފީތައް ނުދެއްކި ނަމަވެސް ރިސޯޓްތައް ހިންގޭ ކަމެކެވެ. ވިޔަފާރިތައް ފުޅާކުރުމަށް ހުރަހެއް ނެތް ކަމެކެވެ. އަދި އެ ފައިސާ ނުލިބިގެން އެތަންތަން އެވެރިންގެ ކިބައިން ވަކިނުކުރެވޭ ކަމެކެވެ. ދައުލަތަށް ދައްކަންޖެހޭ އެތައް ފައިސާއެއް އޮތް އިރު ވެސް ދައުލަތުގެ މަތީ މަގާމުތަކަށް އައުމަށް ހުރަހެއް ނެތް ކަމެވެ.


ރިޒޯޓް ތަރައްޤީކުރުމަށް ޑިއުޓީ އާއި ޓެކްސްގެ ގޮތުގައި އެތަށް ބިލިއަން ރުފިޔާގެ ލުއި ކޮންމެ އަހަރަކު ލިބޭއިރު, ކަންބޮޑުވާންޖެހޭކަމަކީ މިފަދަ އެއްވެސް ލުޔެއް ކުދި ވިޔަފާރިތަކަށް ނުލިބޭކަމެވެ. ލޯކަލް ޓޫރިޒަމް ހިންގުމަށް ޑިއުޓީ މާފެއް އަދި ޓެކްސް ލުޔެއް ނެތިފައި ރިސޯޓް ހަދަން ބިލިއަނުން ޓެކްސް މާފުކުރުމަކީ އިންސާފެއް އޮތްކަމެއްކަމަށް ޤަބޫލުކުރެވެން ނެތެވެ.


ޓެކުހަކީ އެ ދައްކާޖެހޭ ބަޔަކު ދައްކަންޖެހޭނެ އެއްޗެކެވެ. އެކަމުގައި ދެބަސްވުމެއް ނެތެވެ. ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން އެކަން ނުވާފަހަރު ވެސް އާދެއެވެ. ނުވަތަ ބަޔަކު އެކަމުން ރެކިގަނެގެން ވެސް އެބަ ތިއްބެވެ. ޓެކުހުގައި އާންމު މީހާގެ ހައްގެއް ވެއެވެ. ތަފާތަކީ އެކަމުގައި ދައުލަތުގެ ޓެކުހާ ބެހޭ އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތީރިޓީ (މީރާ) އަށް ވިސްނިފައި އޮންނަ ގޮތް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އާދައިގެ ފަރުދެއް ނަމަ އޭނާ ދައްކަންޖެހޭ ޓެކްސް ގަވާއިދުން ނުދައްކާ ނަމަ އެތައް ދަތިތަކެއް ކަމާ ބެހޭ ފަރާތްތަކުން ކުރުވައެވެ. ޖޫރިމަނާއެއް ނުވަތަ ވެހިކަލް ފީއެއް ނުވަތަ ޓްރެފިކް ވައިލޭޝަން ސްޓިކާއަކަށް ފައިސާ ނުދައްކައި އޮވެގެން ބައެއް ކަންކަން ނުކުރެވިފައި ތިބި ފަރާތްތައް މަދެއް ނޫނެވެ.

ރިއެކްޝަންސް
0
0
0
0
0
1
0