ދަރިންގެ ޚަރަދު އަބަދު އޮންނަންވީ 2،000 ރުފިޔާގަތަ؟

10 މާޗް 2022 - 15:06

ކައިވެންޏަށްފަހު ދަރިން ލިބި ދެމަފިރިން ވަކިވާ ހިސާބުން 2 މީހުންގެ ދިރިއުޅުންވެސް އެހެން ގޮތަކަށް ބަދަލުވެގެންދެއެވެ. އެހެންނަމަވެސް ދިރިއުޅުން ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަނަމަވެސް ބަދަލުނުވާނެ އެއްކަމަކީ ދަރިންނެވެ. ކައިވެނި ރޫޅުނު ނަމަވެސް ދަރިން ވާނީ ހަމަ ތިމާގެ ދަރިންނަށެވެ. ދަރިންނަށް ޚަރަދުކުރުމާއި އެކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަކީ ވާޖިބެކެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖްތަމައުގައި މަދުން ނަމަވެސް ފެންނަ ހިތާމަވެރި މަންޒަރަކީ ދަރިންނަށް ޚަރަދުކުރަނީވެސް ކޯޓުން އެގޮތައް އަންގާ އަމުރުކުރުމުންނެވެ. އަދި ކޯޓުން މިގޮތައް އެންގި ނަމަވެސް ގިނަފަހަރު ދަރިންނަށް ޚަރަދު ނުދޭ މީހުންވެސް އުޅެއެވެ.

advertisement

ދަރިންނަށް ދޭންޖެހޭ ޚަރަދުގެ ގޮތުގައި މިހާރު އޮންނަނީ 18 އަހަރު ވަންދެން 2000 ރުފިޔާއެވެ. ނަމަވެސް މި 2000 ރުފިޔާއަކީ މިހާރަށް ބަލާއިރު އެންމެ އެކަށީގެންވާ އަދަދުތޯ މިއީ އުފެދޭ ސުވާލެކެވެ.

އިންފްލޭޝަން އުފުލުމުންވެސް ހަމަ ދޭނެ ޖެހޭނީ 2،000 ރުފިޔާ؟

ދުނިޔޭގެ މަޞްރަހަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ތަކެތީގެ އަގުތައް ދަނީ އިންތިހައަށް އުފުލެމުންނެވެ. ކޯވިޑާއި ގުޅިގެން ކާބޯތަކެތީގެ ޑިމާންޑާއި އެއްވަރަށް ތަކެތި ނުއުފެއްދުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލުނެވެ. ރަޝިއާއާއި ޔޫކްރެއިނާއި މެދު ކުރަމުންދާ ހަނފުރާމައާއި ގުޅިގެން މިހާރު ތެލާއި ގޭހުގެ އަގު އުފުލި ރާއްޖޭގައިވެސް ތެލާއި ގޭހުގެ އަގުތައް ވަނީ އުފުލިފައެވެ. ތަކެތީގެ އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން އަހަރެމެން އުޅޭ އެޕާޓްމަންޓްތަކުގެ އަގުތައްވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ. ނަމަވެސް ބޮޑުނުވާ ހަމައެކަނި އެއްޗަކީ ދަރިންގެ ޚަރަދުގެ ގޮތުގައި ކޯޓުން ދޭން ކަނޑައަޅާފައިވާ އަދަދެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް ހުރި މިންވަރަށް ބަލާއިރު މިހާރު މަހެއްގެ މައްޗަށް 2000 ރުފިޔާއަކީ ކުއްޖެއްގެ ޙަރަދު ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަކަށް ނުވާނެއެވެ. ކުދިން ގެންގުޅޭ ބެލެނިވެރިންނަށް މިކަން އެނގޭނެއެވެ. ކުޑަކުއްޖަކު ގެންގުޅުމަކީ ޙަރަދު ބޮޑު ކަމެކެވެ. ކެއިންބުއިމާއި، އަންނައުނާއި، އުޅޭނެ ތަނެއްގެ ހަރަދާއި، ސިއްހީ ކަންކަމާއި، ދަތުރުކުރުމާއި މިފަދަ ކަންކަމަށް ބޮޑު ހަރަދެއް ހޭދަވެއެވެ. އެހެންކަމުން އެއިރެއްގެ ތަކެތީގެ އަގުތަކަށް ބަލައި ކޮންމެ 5 އަހަރަކުން ނުވަތަ 10 އަހަރުން ވިއަސް ދަރިންގެ ޙަރަދުގެ ގޮތުގައި ދޭންޖެހޭ އަދަދު މުރާޖާކުރުމަކީ މުހިންމު ކަމެކެވެ.

ބައެއް މީހުންނަކީ ކައިވެނި ރޫޅުމަށްފަހުގައިވެސް ދަރިންގެ ޙަރަދުތައް ވަރަށް ރަނގަޅަށް ބަލަހައްޓާ މީހުންނެވެ. ނަމަވެސް އަނެއްބައި މީހުން ޙަރަދުތައްވެސް ދެނީ ކޯޓުން އަމުރުކުރުމުންނެވެ. އަމުރުކުރުމުންވެސް ނުދޭ ފަހަރު އާދެއެވެ. އެހެންކަމުން މިފަދަ ހާލަތްތައް މެދުވެރިވާތީވެސް އެއިރެއްގެ އަގުތަކަށް ބަލައި ދަރިންގެ ހަރަދު ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
23
0
1
29
7
1
5