ރިޕޯޓު: ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ދިނުމަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ ޒިންމާއެއް، ޓެކްސީ ޑްރައިވަރުން ކުރަންޖެހޭ ކަމެއް ނޫން

14 މާޗް 2022 - 15:48

ޓެކްސީ ކުރަން ކާރު އެތެރެކުރަނީ ދައުލަތަށް އޭގެ އަގުގެ 200 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކާފައެވެ. އެތައް އުނދަގުލަކާ އެކު ގަރާޖް ސިޓީއެއް ގަނެގެން ރަޖިސްޓްރީކުރެވޭ ވަރު ވަނީ 80 ވަރަކަށް ހާސް ރުފިޔާ ދައްކައިގެންނެވެ. ދާދި ފަހަކާ ޖެހެންދެން ޓެކްސީ ބޯޑެއް ހޯދުމަކީ ވެސް އެހާ އަގު ބޮޑު ކަމެކެވެ. އެކަމަށް ވެސް ބައި ލައްކައެއްހާ ރުފިޔާ ހޭދަކުރަންޖެހެއެވެ. ޓެކްސީކުރަނީ ދައްކަންޖެހޭ އެތައް ފީއެއް ދައްކައިގެންނެވެ. ޕާކިން ފީ އާއި އެ ނޫން ވެސް ޓެކްސްތަކެވެ. ޓެކްސީ އަށް ކުރަންޖެހޭ ހުރިހާ ހޭދައެއް ކުރަނީ އޭގެ ވެރިމީހާއެވެ. ނަމަވެސް އެ ޓެކްސީން ދޭ ހިދުމަތަށް އަގު ކިޔަނީ ސަރުކާރުންނެވެ.

އެހެން ވިޔަފާރިތަކާއި ޓެކްސީތަކާ ތަފާތުކުރުން


މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު ރާއްޖޭގައި ތެލުގެ އަގު އުފުލުމުން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ޑްރައިވަރުން އަމުނާ ފަތިވަރެކެވެ. އެ ވާހަކަތަކުގައި ދޮގެއް ނެތެވެ. މި ނޫން ވެސް އެތައް ޝަކުވާތަކެއް އެ މީހުންގެ އެބަހުއްޓެވެ. އެތައް ޓެކްސްއެއް ނަގައި ދައުލަތުން ޓެކްސީ ދަތުރުގެ އަގު ކަނޑައަޅާއިރު ބަދަލުގައި އެ މީހުންނަށް ކޮށްދެނީ ކޮން ކަމެއްތޯ އާއި ރިސޯޓްތައް ހެދުން ފަދަ މުއްސަނދިންގެ ޖީބުފުރޭ މަސައްކަތްތަކަށް ބޭނުންވާ މުދާ އެތެރެކުރުމަށް ޓެކްސް މައާފްކުރުމާއި އެ ނޫން ވެސް އެތައް ކަމެއް އެ ފަރާތްތަކަށް ކޮށްދޭ އިރު ނިކަމެތި ޓެކްސީ ޑްރައިވަރުންނަށް ކޮށްދެނީ ކޮން ކަމެއްތޯ އެ މީހުން ސުވާލުކުރެއެވެ. ހިދުމަތެއް ދެމެހެއްޓޭނީ ލިބޭ އާމްދަނީއަކުން ދެކޮޅު ޖެއްސިގެން ކަމާއި ބޮޑުވާ ތެލުގެ އަގާއި އަދި އެ ނޫން ވެސް އެކަމާ ގުޅިފައިވާ އެހެން ހަރަދުތައް ބޮޑުވަމުންދާ އިރު ސަރުކާރުން ކަނޑައަޅާ ރޭޓެއްގައި ހިދުމަތް ދޭނީ ކިހިނެއްތޯ ވެސް އެއީ ޓެކްސީކުރާ ފަޜާތްތަކުގެ ސުވާލެކެވެ.

advertisement

އެއްވެސް ބެނިފިޓެއް ނެތް ވަޒީފާއެއް


މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޓެކްސީ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުކޮށްލިއެވެ. އާންމު ގޮތެއްގައި ޓެކްސީ ޑްރައިވަރަކަށް މަހެއްގެ މައްޗަށް ގެއަށް ގެންދަން ލިބެނީ ދިހަވަރަކަށް ހާސް ރުފިޔާ ކަމާއި ރަސްމީ ވަޒީފާއެއްގައި ނޫޅޭތީ ލޯނެއް ވެސް ނުލިބޭ ކަމާއި ހައުސިން ސްކީމަށް ޝަރުތު ހަމަނުވާ ކަމާއި މި ނޫން ވެސް އެތައް ޝަކުވާއެކެވެ. ޓެކްސީކުރުމަކީ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމަކަށްވާ އިރު ހާއްސަ ބޭސްފަރުވާގެ ނިޒާމެއް ނެތުމާއި ރޯޑްވާދިނަސް ފީ އާއި އަހަރީ ފީ ފަދަ އެތައް ފީއެއް ޓެކްސީ ޑްރައިވަރުން އަތުން ނަގާ އިރު މަގުތައް ރަނގަޅަށް ނުހެދޭ ކަމާއި މާލެ ތޮއްޖެހިގެންދާއިރު ޕާކް ކުރާނެ ތަނެއް ނުދެއްކޭ ކަމާއި އެފަދަ އިމާރާތްތައް ނޭޅޭ ކަމާއި މިހެން ގޮސް އެތައް ޝަކުވާއެކެވެ. ވިޔަފާރިވެރިޔާ އޭނާގެ ފިހާރައިން ބޭނުން އަގެއްގައި ތަކެތި ވިއްކޭ އިރު ޓެކްސީ ދަތުރުތަކަށް ދެކޮޅު ޖެހޭ އަގެއް ނުނެގެންވީ ކީއްވެތޯ ވެސް އެ ފަރާތްތަކުން ދަނީ ސުވާލުކުރަމުންނެވެ.


ބައެއް މީހުންނަށް މި ވާހަކަތައް ހަޖަމްވިޔަސް އަނެއް ބަޔަކު ދެނީ ރައްދެއެވެ. އެއްޗެހި ގޮވަނީ ޓެކްސީ ޑްރައިވަރުންނަށެވެ. ތެލުގެ އަގު ބޮޑުވާ އިރަށް ދަތުރުގެ އަގު ބޮޑުކުރާ އިރު ތެލުގެ އަގު ހެޔޮ ވިޔަސް ދަތުރުގެ އަގު ހެޔޮ ނުވާ ކަމާއި ބޮޑުކުރަން އުޅެނީ ތެލުގެ އަގަށް އައި ބަދަލާ ނުބައްދަލު މިންވަރެއްކަށް ކަމާއި ބޮޑު އަގު ނަގާ އިރު ރަނގަޅު ހިދުމަތެއް ނުދެވޭ ކަމާއި ތަނަކަށް ދާން ބަލާއިރު ވެހިކަލް ނުލިބޭ ކަމާއި މިހެން ގޮސް އާންމުންގެ ރައްދު ވެސް ވަކި ދެރައެއް ނޫނެވެ.

ހަގީގީ މައްސަލައަކީ ރަނގަޅު ޓްރާންސްޕޯޓް ނިޒާމެއް ނެތުން


ހަމަ އެގޮތަށް މި ދެ ބައި މީހުން މެދަށް ލާފައި ހުއްޓި ހުންނަ މީހާ ވެސް ކިޔަން ހުރި އެއްޗެހި މަދުހެނެއް ހިއެއް ނުވެއެވެ. ހަގީގީ މައްސަލަ އޮތީ މެދުގައެވެ. އެއީ ފަސޭހައިން، ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމެވެ. އާންމު ފަރުދަކު ހިދުމަތެއް ދޭ ނަމަ އެ މީހަކު އެ ހިދުމަތެއް ދޭނީ އޭނާ އަށް ކަމުދާ އަދި ދެކޮޅު ޖެހޭ އަގެއްގައެވެ. އެއީ ސަރުކާރަކުން ކޮންޓްރޯލްކުރަންޖެހޭ ކަމެއް ނޫނެވެ. އެ އަގާ މެދު އާންމުންގެ ގިނަ ބަޔަކު ހިތްހަމަނުޖެހޭ ނަމަ ސަރުކާރަށް އޮތް ގޮތަކީ އެ ނޫން އެހެން މަގެއް ދެއްކުމެވެ. އެއީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމުކުރުމެވެ. މި ސަރުކާރު އައީ ވެސް އެފަދަ ވައުދަކާ އެކީގައެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ދައުރު ނިމެންދާ އިރު ވެސް ސަރުކާރަށް އެ ވައުދު ފުއްދުމަށް ހަވާލުކުރެއްވި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަށް އެކަން ކުރެއްވިފައެއް ނުވެއެވެ. ތަފާތު އެކި ބަހަނާތަކާ އެކީގައި އެކަން އޮތީ ނުވެއެވެ. މިހުރިހާ މައްސަލައެއްގެ ވެސް އަސްލަކީ އެއީއެވެ.


ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކުރުމަކީ ދައުލަތަށް ބުރައަކަަށް ވާންޖެހޭ ސަބަބެއް ނުވިސްނެއެވެ. އަދި އެކަން ކުރެވޭނެ މަގެއް ނުހޯދި ދިގުލައިގެން ދަނީ އެކަން ކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިހްލާސްތެރިކަމެއް ނެތުމުން ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ސަބަބަކީ އެފަދަ ހިދުމަތްތައް ފެންވަރުގައި ދެވޭ ވަރުގެ އަދި ކަމުގެ ތަޖުރިބާ ހުރި ސަރުކާރުގެ ކުންފުނިތައް ގިނަ ކަމެވެ. އަދި ސަރުކާރުން އެކަށީގެންވާ މަގެއް ދައްކައިފި ނަމަ އަމިއްލަ ފަރާތްތަކަށް ހުޅުވާލާލައިގެން ވެސް ކުރެވޭނެ މަގު އެބަ އޮތް ކަމަށް އެއް ބަޔަކު ދެކެއެވެ.

ހުރިހާވެސް ދެރައެއް އޮތީ އާންމު ރައްޔިތުންނަށް


ޓެކްސީ ދަތުރުތަކުގެ މައްސަލާގައި ޓެކްސީކުރާ ފަރާތްތަކުން ވެސް ދުލެއް ދޭކަށް ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން ޓްރާންސްޕޯޓް މިނިސްޓްރީގެ ވެސް ބަސްމަގު ހުރީ ދޫދޭ ކަހަލަ ގޮތަކަށް ނޫނެވެ. މަޝްވަރާކޮށްގެން ހައްލެއް ހޯދޭނެ ގޮތެއް ނުފެނުނެވެ. މި ދެމެދުގައި ތާށިވެފައި ތިބީ އާންމު ރައްޔިތުންނެވެ. ޓެކްސީތަކުން ހިތުހުރި އަގެއް ނަގަމުންދާއިރު އަގުހެޔޮކޮށް ދަތުރުކުރެވޭނެ އެހެން ގޮތެއް ނެތެވެ. އަނެއްކޮޅުން ޓެކްސީތައް ލިބުމުގައި އެހާ އުނދަގުލާ ކުރިމަތިލާންޖެހެއެވެ. މިކަމުގައި އަވަސް ހައްލެއް މުހިންމެވެ. އޮބި އަޅައިގެން ދަތުރުތަކުގެ އަގު ކޮންޓްރޯލްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުރު ދަތުރަކަށް ކުޑަ އަގު ދިގު ދަތުރަކަށް ބޮޑު އަގު ނެގޭނެހެން މީޓަރު ސިސްޓަމެއް ނެތި އެއީ އިންސާފުވެރި ގޮތަކަށް ވެސް ނުވެއެވެ. ދަތުރުކުރާ މީހާ އަށް ވެސް އިހްތިޔާރު އޮންނަންޖެހެއެވެ. މިނީ ބަސް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއްގެ ތެރެއިން ދަތުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދޭންޖެހެއެވެ. އޭރުން ޓެކްސީތަކަށް މިނިވަންކަން ލިބުމުން އެ މީހަކަށް ދެކޮޅުޖެހޭ އަގެއްގައި އެކަންކުރާނެއެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމަކީ ޕްރައިވެޓް ޓެކްސީ ޑްރައިވަރުންގެ ޒިންމާއެއް ނޫންނެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރުގެ ޒިންމާއެކެވެ.

ރިއެކްޝަންސް
2
3
0
0
0
0
0