ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި އިންތިހާ އަށް ބޮޑުވެފައި އޮތްއިރު، އާސަންދައިން އެ ފަރުވާ އަށް އެއްވެސް ވަރެއް ހަމަޖެހިފައި ނެތް!

16 މާޗް 2022 - 11:28

ފަހަކަށް އައިސް ދަރިމައިވުމުގެ މައްސަލަތަކަކީ އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ އެވެ. ބޮޑެތި ހަރަދުކުރަންޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ނިސްބަތުން ބަލާނަމަ މިފަދަ މައްސަލަތައް ދިމާވެފައިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މުޅި އާބާދީގެ 40 އިންސައްތަ މީހުން މި ބަލި ތަހައްމަލް ކުރަމުންދާ ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

އެއް ބަޔަކު އައިވީއެފް އާ ހިސާބަށް ދެވުނަސް ގިނަ މީހުންނަކީ އެކަމަށް ކެރިފޯރުންތެރި ބަޔަކަށް ނުވެ އެވެ. ނޫނީ އަނެއް ބަޔަކު އައިވީއެފަށ ްނުގޮސް ބޭސްކޮށްގެން މާބނޑުވާންވެސް ބޭނުންވެ އެވެ. ރާއްޖޭގެ އަންހެނުންގެ ބައްޔަށް ފަރުވާ ދޭ ހުރިހާ ޑޮކްޓަރުންނަށްވެސް ދެއްކިދާނެ އެވެ. އަދި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭ ބޭރުން އަންނަ ޑޮކްޓަރުންނަށްވެސް ދައްކާ މީހުންގެ އަދަދު މަދެއްވެސް ނޫނެވެ.

advertisement

ދާދި ފަހުން ދިމަވި ކަމެކެވެ. އިންޑިއާގެ މަޝްހޫރު އިސްފާޓިލިޓި ހޮސްޕިޓަލުގެ މޮޅު ޑޮކްޓަރަކު ރާއްޖެ އައެވެ. މަހަކު އެއްފަހަރު ގޮތަކަށް އެ ޑޮކްޓަރު ރާއްޖެ އާދެ އެވެ. އޭނައަށް ދެއްކުމަށް ހަފުތާއެއް ވަންދެން އެޕޮއިންޓުމެންތު ހައްދަ އެވެ. ކޮންމެ ދުވަހަކުވެސް ދަނީ ފުލްކޮށެވެ. ހަމައެކަނި މެމޯ އަށް 400 ރުފިޔާ ނަގަ އެވެ. މިއީ ފައިސާ ހުރި ތަނަސް މީހެއް ނޫންނަމަވެސް ދަރިއެއް ބޭނުންވާ މީހަކަށް ދެއްކޭނެ އަދަދެކެވެ.

މައްސަލައެއް ނެތެވެ. އެކަމަކު ވަގުތުން ހަދާ އެންމެ ސްކޭނަކަށް 500 ރުފިޔާ ނަގައެވެ. އަދި އެންމެ ޓެސްޓަކަށް 1500 އަށްވުރެ ގިނަ ރުފިޔާ ނަގަ އެވެ. ހިތާމައަކީ މިއިން އެއްވެސް ކަމަކަށް އާސަންދަ ނުލިބުމެވެ. ޑޮކްޓަރު އެއްފަހަރާ ހަތަރު ފަސް ޓެސްޓެއް ހަދަން ދެ އެވެ. މިއީ ޑޮކްޓަރަށް ފައިދާ އަކަށް ހދާ ޓެސްޓުތަކެއް ނޫން ނަމަވެސް މި ޓެސްޓުތަކަށް އެކަނިވެސް އަށެއްކެ ހާސް ރުފިޔާ ހަރަދުވެ އެވެ. މިއީ ސްކޭނާއި މެމޯ އަށް ވާ ފައިސާ ނުލާ ހަމައެކަނި ޓެސްޓުތަކަށް އަރާ އަދަދެވެ.

ގިނަ މީހުން މާޔޫސް ކަމާއެކު ނިކުމެގެންދަނީ އާސަންދަ ނުލިބޭ ކަމެއްގެ އަތުން ދާންޖެހޭ ހަރަދު ބޮޑުވެގެންނެވެ. އެންމެންވެސް ދައްކަނީ އެއް ވާހަކަ ތަކެވެ. ކުރަނީ އެންމެ ސުވާލެކެވެ. މިއީ މިހާރު ގައުމީ ބޮޑު މައްސަލައަކަށް ވެފައި އޮތް ބަލި މަޑުކަމަކަށްވެފައި އާސަންދަ ނުލިބެންވީ ސަބަބަކީ ކޮބައި ކަމެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި ސަރުކާރުގެ އެހީތެރިކަން މިކަމަށް ނުލިބުމުގެ މައްސަލަތަކުގެ ވާހަކަ ކިތަންމެ ގަދަ ވިޔަސް މިވާހަކަތައް އަޑު އަހާނެ ކަންފަތެއް ނެތެވެ. ރާއްޖެއިން މިފަދަ ގިނަ ކަންކަމަށް ފަރުވާ ނުކުރެވޭ އިރު އާސަންދަ އަދި އެންސްޕާއިންވެސް މިފަދަ ބަލިތަކަށް ފަރުވާ ހޯދަން ދާ މީހުންނަށް އެހީތެރިކަން ނުލިބުމަކީ އަބަދުވެސް ކުރަމުންދާ ޝަކުވާ އެކެވެ. ދަރިމައިވުމުގެ މައްސަލަތަކަށް އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ދާދި ފަހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް މިކަމުގެ އިތުރު އެއްވެސް ތަފުސީލެއް ނުވަތަ އެހީވެދޭނެ ގޮތްތަކެއްވެސް ބުނެދީފައެއް ނުވެ އެވެ.

ރިއެކްޝަންސް
0
0
0
14
1
1
2