ރިޕޯޓު: އުންސުރު ހަމަނުވާ މަސްތުވާތަކެތީގެ މައްސަލަތައް!

16 މާޗް 2022 - 12:28

ޖުވެނައިލް ކޯޓު ގޯތިތެރޭގައި ހުރި އަނބުގަހަކުން އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް ލައިފިއެވެ. އޭނާގެ މައްޗަށް ވައްކަން ސާބިތުވެގެންނެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާ އާއި ލޯޝަން ފުޅި ވަގަށް ނެގި މީހާ އަށް ވެސް އަދަބު ދެވުނެވެ. ފަސޭހަކަމާ އެކުގައެވެ. އާދައިގެ ކުށްތަކާ ގުޅިގެން ހައްޔަރުކުރާ މީހާގެ މައްޗަށް ހެކި ވެސް ލިބެއެވެ. އަދަބު ވެސް ދެވެއެވެ. ނަމަވެސް ފަހަކަށް އައިސް ބޮޑެތި ކުށްތަކުގައި ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތައް ނިމިގެން ގޮސްފައި ވަނީ ސާބިތުނުވެއެވެ. ނުވަތަ އެކިއެކި ސަބަބުތަކާ ހުރެ މައްސަލަ އެތައް ދުވަހަކަށް ދެމިގެން ދެއެވެ. މި ވަނީ ކީއްހެއްޔެވެ؟

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު އަބަދު ވެސް އިވެނީ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހަދާފައި އޮންނަ ވާހަކައެވެ. އެ ގޮތުން 2019 ވަނަ އަހަރު އީރާންގެ ބޯޓަކުން 70 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހިމެނޭ މީހުންގެ މައްސަލަ ފާހަގަކޮށްލެވެއެވެ. އެ މައްސަލައިގައި ހިމެނޭ ދިވެހިންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ނިންމީ ތަހުގީގުގެ ތެރޭގައި ފުލުހުންގެ ފަރާތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެއެވެ. އެހެން ކަމުން އެ މައްސަލައިގައި ހިމެނޭ ބިދޭސީންގެ ބައި ވެސް ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުނުކުރެވޭތީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. މާނައަކީ މަތީ މަރުހަލާގެ ކޯޓެއްގައި ދެން އަލުން އިސްތިއުނާފު ވެސް ނުކުރެވި މައްސަލަ އެ ހިސާބުން އޮބިގެން ދިއުމެވެ. ތުހުމަތުކުރެވުނު މީހުން މިނިވަންވީއެވެ.

advertisement

ރާއްޖެއަށާއި ރާއްޖެ އަށް ޓްރާންސިޓްކޮށް ބޭރުގެ ގައުމަތަކަށް މަސްތުވާތަކެތި ގެންދިއުމަށް އީރާންގެ ބޯޓުފަހަރު ބޭނުންކުރުން އާންމުވެފައިވާ އިރު މީގެ ކުރިން 50 ކިލޯގެ މަސްތުވާކެތީގެ މައްސަލައެއް ވެސް ކޯޓުން ބޭރުކޮށްލާފައި ވެއެވެ. ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އެ މައްސަލަ ބޭރުކޮށްލީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް އެ ބޯޓު ސިފައިން ހިފެހެއްޓި ކަމަށް ބަލައިގެންނެވެ. ކުށްކުރިކަން ފާޅުގައި އެނގެން އޮންނަ އިރު އަދި ބޯޓުން މަސްތުވާތަކެތި އަތުލައިގަނެ އެތަކެތި ވެސް ހަމަލޮލަށް ފެންނަން ހުންނަ އިރު އެކަން ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާތަނެއްގައި ޝަރީއަތެއް ކުރިއަށް ގެންދިއުމަކީ ވެސް އުނދަގޫ ކަމަށް ވަނީ ވެފައެވެ. ދާދި ފަހުން އަތުލައިގަތް 140 ވަރަކަށް ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ވެސް ދިޔައި “ތޮޅިއަށެވެ.” މައްސަލައަކީ ކޮބައި ހެއްޔެވެ؟

ތަހުގީގު މަރުހަލާގަ އާއި ގާނޫނުގައި ބޮޑެތި ގޯސްތަކެއް!

މަސްތުވާތަކެތީގެ ބޮޑުން ފަސޭހައިން ސަލާމަތްވަނީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރެއެވެ. މިފަދަ މައްސަލަތަކުގައި އަބަދުވެސް އެޑްވާންޓޭޖް އޮންނަނީ ތުހުމަތު ރައްދުވާ ފަރާތަށެވެ. ފުލުހުންގެ ތަހުގީގުގައި ގޯސް ހެދުން އާންމު ކަމަކަށްވާއިރު ފުލުހުން ކުރާ ތަހުގީގުގެ އިޖުރާއަތަތްކުގައި މައްސަލަތައް ބޮޑުވުމުގެ އިތުރުން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޝަރީއަތުގެ މަރުހަލާގެ ތެރެއިން މައްސަލަތައް ބޭރުވުން ވަނީ އާންމު ކަމަކަށް ވެފައެވެ. މިފަދަ ގިނަ މައްސަލަތަކަކީ އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ މައްސަލަތައް ސާބިތުނުވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ރެކެވޭނެ ބާގަނޑުތައް ގާނޫނުތަކުގައި ވެސް ހުރުމުންނެވެ. އަދި ގާނޫނުތައް ހުރީ އެފަދަ ފަރާތްތަކަށް ފަސޭހައިން ސަލާމަތްވާނެ ގޮތްތަކަށް ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ. ސުވާލަކީ ގާނޫނުތައް ހަދާ ފަރާތްތަކުގެ މަސްލަހަތެއް މިކަމުގައި އޮންނަނީ ހެއްޔެވެ؟ ނުވަތަ މަންފާތަކެއް ލިބޭނި ގަސްތުގައި އެފަދަ ބާގަނޑުތައް ގާނޫނުތަކުގެ ތެރޭގައި ހިމަނަނީ ހެއްޔެވެ؟

މީގެ އިތުރުން ފުލުހުންނާއި ފަނޑިޔާރުންނާ މެދު ކުރެވޭ ތުހުމަތުތައް ވެސް މަދެއް ނޫނެވެ. މަސްތުވާތަކެތީގެ މައްސަލަތައް ބަލާ ފަނޑިޔާރުންގެ އާދަޔާ ހިލާފު މުއްސަނދި ދިރިއުޅުމާއި ބައެއް ފުލުހުންގެ މުއްސަނދި ދިރިއުޅުމުން މިކަމަށް ހެކި ދެއެވެ. އިންކަމް ޓެކްސް ނެގި ނަމަވެސް ހޯދާ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ކަންކަން ބަލައި ތަހުގީގުކުރުން ރާއްޖޭގައި އަދި އޮތީ އެހާ ހަރުދަނާކޮށެއް ނޫނެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފާޅުގައި ވެސް އުޅެން ފުރުސަތު އޮތީ ހުޅުވިފައެވެ. މިފަދަ ދިރިއުޅުންތައް އާހިރުގައި ގޮސް ގުޅެނީ މަސްތުވާކެތީގެ ވިޔަފާރިއާ ކަމުގެ ޝައްކު ބޮޑެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާވައިގެން ގޯސް ހަދާ މީހުން ދައުލަތުގެ ތެރޭގައި އެބަ ތިބި ކަމަށް  ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮޓީގައި ވާހަކަ ދައްކަވަމުން ރިއްފަތު ވިދާޅުވީ ޓެކްނިކަލް މައްސަލަތަކާ ހުރެ މީހުން ދޫވުމުގައި މައިގަނޑު ދެ ސަބަބެއް އޮންނަ ކަމަށާއި އޭގެ ތެރެއިން އެއް ސަބަބަކީ ތަހުގީގީ އިދާރާތަކުގެ ތެރޭގައި ނުވަތަ ދައުލަތުގެ އެހެން އިދާރާތާކުގެ ތެރޭގައި ރޭވި، އިންތިޒާމުވެގެން ގޯސް ހަދާ މީހުން ތިބުން ކަމަށެވެ.

“ނިޒާމު ރަނގަޅަށް އެނގިގެން ނިޒާމުގެ ތެރޭގައި ހުރި ލޫޕް ހޯލްތައް ހޯދައިގެން ގަސްތުގައި އެކަމުގެ ނިޔަތެއް ބާއްވައިގެން އެބަ ކުރިޔަށް ގެންދެވޭ،” ރިއްފަތު ވިދާޅުވެފައި ވެއެވެ.

ދެ ވަނަ ސަބަބެއް ކަމަށް ރިއްފަތު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނު އިސްލާހުނުވެ ދިގުލައިގެން ދިއުމުވެ. މި ވަގުތު ވެސް ކޯޓުތަކުން ހެއްކާ ބެހޭ ގޮތުން އަމަލުކުރަނީ 1977 ވަނަ އަހަރު ފާސްކޮށްފައިވާ ދެ ސަފުހާގެ ގާނޫނަކަށެވެ. ހެކި ވަޒަންކުރުމުގެ ވަރަށް ބޮޑު އިހްތިޔާރެއް އެ ގާނޫނުގެ ސަބަބުން ފަނޑިޔާރަށް ލިބިދީފައި އޮވެއެވެ. ހެއްކާ ބެހޭ އާ ގާނޫނު މިހާރު އޮތީ މަޖިލީހުގައެވެ. ހެއްކާ ގުޅުންހުރި ކަންކަން މި ގާނޫނުގެ ސަބަބުން އިސްލާހުވާނެ ކަމުގެ އުންމީދު ބަނޑާރަ ނައިބު ދެއްވި އިރު ދެން ހުރި ކަންކަން ވެސް ގާނޫނުތަކަށް އިސްލާހުކޮށްގެން ރަނގަޅުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސުވާލަކީ އެއީ ކޮން ދުވަހަކުން ހެއްޔެވެ؟

މިނިސްޓަރ އިމްރާން އަކަށް ފުލުހުންގެ މައްސަލައެއް ނުފެނޭ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ގަސްތުގައި ގޯސް ހަދާ ކަމަށް ތުހުމަތުކުރެވުނު ނަމަވެސް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިވާ ގޮތަށް ކަންކަން ހުރި ކަމަށް ބަންޑާރަ ނައިބު ތުހުމަތުކުރެއްވި ނަމަވެސް ފުލުހުންގެ ވެރިން އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިކަން ދޮގުކުރައްވައެވެ.

ބަންޑާރަ ނައިބުގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ގަސްތުގައި ގޯސް ހަދާ ބަޔަކު ފުލުހުންގެ ތެރޭގައި ތިބިކަން މިހާތަނަށް އެނގިފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ތަހުގީގުކުރެވިފައި ވެސް ނުވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު އޮފީހުން ވެސް އެފަދަ ކަމަކާ ބެހޭ ގޮތުން މިހާތަނަށް މަޝްވަރާކޮށްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. ބަންޑާރަ ނައިބު ކުރެއްވި ބޮޑު ތުހުމަތު ދޮގުކުރައްވައި އިމްރާން ވިދާޅުވެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނަކީ އެކަށޭނަ ތައުލީމާއި ތަމްރީން ލިބިގެން އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތްކުރާ ގާބިލް މުވައްޒަފުން ކަމަށެވެ.

އިމާރާން މިހެން ވިދާޅުވި ނަމަވެސް ޝަރީއަތުގެ މަޖިލިސްތަކުގައި ކަން ހިނގާ ގޮތަށް ބަލާއިރު ބާރު ދެނީ ބަންޑާރަ ނައިބުގެ ވާހަކަތަކަށެވެ. އެއީ އެފަދަ މައްސަލަތައް ސާބިތުވުމުގައި ފުލުހުންގެ ފަރާތުން ތަހުގީގު މަރުހަލާގައި ގޯސްތަކެއް ހެދިފައި ހުރި ކަން ފެންނަން އޮތުމުންނެވެ. ހަމައެކަނި އުފެދޭ ސުވާލަކީ އެއީ ގަސްތުގައި ހެދި ގޯހެއްތޯ ނުވަތަ ފަރުވާކުޑަވެގެން ނުވަތަ ނޭނގުމެއްގެ ތެރޭގައި ހެދޭ ގޯސްތަކެއްތޯއެވެ؟ އެނގޭ ކަމަކީ ކޮންމެ ސަބަބަކާ ހުރެ ވިޔަސް އެފަދަ މައްސަލަތައް ސާބިތުކުރުމުގައި އުނދަގޫތަކެއް ހުރި ކަމެކެވެ. އާދައިގެ ކުދި ކުދި މައްސަލަތަކާއި އަދި ވައްކަމުގެ އުނދަގޫ އެތައް މައްސަލަތަކެއްގައި ފަސޭހަކަމާ އެކު ހުކުމް ކުރެވިގެންދާއިރު ކިލޯކިލޯ އިން، ބަސްތަބަސްތާ އިން މަސްތުވާތަކެތި އެތެރެކުރާ އިރު ވެސް ކުށް ސާބިތުނުވާ ކަމެވެ. މަސްތުވާތަކެތީގެ މައްސަލަތަކާ ޖެހުމުން “ޓެކްނިކަލް” މައްސަލަތައް ގިނަ ކަމެވެ.

ރިއެކްޝަންސް
0
0
1
0
0
0
0