ރިޕޯޓު: ދޭންވީ އެއްހާސް މީހަކަށް ހިލޭ ގޯތި ނުވަތަ ދިހަހާސް ފްލެޓްތަ؟

22 މާޗް 2022 - 14:54

މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ ދެ ވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކި ރޭޓުން ބަލާ ނަމަ 1،000 ބިމިުގެ އަގަކީ 10އަންދާޒާ ކުރެވޭގޮތުގައި ބިލިއަން ރުފިޔާއެވެ. ދިހަހާސް ފްލެޓް އިމާރާތްކުރަން ބަލައިފިނަމަ އެއީ ގާތްގަނޑަކަށް ދިހަބިލިއަން ރުފިޔާއެވެ. މިކަން ކުރެވިދާނެކަމަށް ކޮންސްޓަރަކްޝަން އިންޑަސްޓްރީ ތަޖުރިބާކާރުން ދެކެއެވެ. ގިނަ ބައެއްގެ ސުވާލަކީ ހުޅުމާލެއިން ހިލޭ އެއްހާސް ގޯތި ދޫކުރުމުން ނުވަތަ ހިލޭ ދިހަހާސް ފްލެޓް ދިނުމުންތޯ މާލޭގެ ސަރަހައްދުގެ ރައްޔިތުންގެ ގޯތި ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ރަނގަޅުވާނެ ކަމުގެ ސުވާލެވެ. އަދި އެއްހާސް ގޯތި ހިލޭދޭން މިހާވަރަކުން މިއުޅެނީ ކޮން އެއްހާސް މީހަކަށްތޯ ކުރެވޭ ސުވާލެވެ. އަދި މިކަން އިންސާފުވެރިކަމާއެކު ކުރެވިދާނެކަމުގެ ސުވާލެވެ.

ވޭތުވެ ދިޔަ 10 އަހަރުތެރޭ ރާއްޖެއިން ގޯއްޗެއް ދުލެއް ނުކުރޭ

ރާއްޖޭގެ އެއްވެސް ރަށެއްގައި ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ހިއްކި ބިމަކުން ގޯތި ދޫކޮށްފައިވާ ކަމުގެ އެއްވެސް ތަފުސީލެއް މިނިސްޓްރީ އަކުން އަދި ކައުންސިލް އިދާރާއަކުން އެމްވީ ޕްލަސްގެ ޓީމުން ހޯދި މައުލޫމާތަކުން ފެންނާކަށް ނެތެވެ. ރަށްރަށުން ހިލޭ ބިން ދީފައި މާލެއިން ބިން ވިއްކާތީ ނުވަތަ މާލެ އިން ވެސް ހިލޭ ބިން ދޭންޖެހޭ ކަމާ މެދު ކުރެވޭ ބަހުސް ވެސް ބިނާވަނީ މި ދެ ކަމުގެ މައްޗަށެވެ. ބިމުގެ އަގުގެ މައްޗަށެވެ. ސޯޝަލް މީޑިއާގައި ކުރެވޭ ބައެއް ބަހުސްތަކުގައި ވަރަށް ރަނގަޅު މިސާލުތައް ކަމުގެ “ތަޖުރިބާކާރުން” ދައްކާފައި އެބަހުއްޓެވެ.

advertisement

އެފަދަ އެއް ޕޯސްޓެއްގައި މީހަކު ހިސާބު ޖަހާފައި ވެއެވެ. އޭނާގެ ނަޒަރުގައި ހުޅުމާލެ 2 ވަނަ ފިޔަވަހިން ހިލޭ ބިން ދިނުމަކީ ސަރުކާރުން އާންމު މީހާ އަށް ވިއްސަކަށް މިލިއަން ރުފިޔާ ހިލޭ ދިނުން ފަދަ ކަމެކެވެ. އަދި ތިންހާސް މީހަކަށް ތިރީސް ބިލިއަން ރުފިޔާ ބަހާލުމަކީ ކޮންފަދަ އިންސާފެއްތޯ ސުވާލު އުފެދެެއެވެ. އަދި މިކަމުން ރާއްޖެތެރޭގެ ރައްޔިތުންނާ މާލޭ ބޭފުޅުންނާ ޒަމާނުއްސުރެ އޮންނަ ނަސްލީ ތަފާތުކުރުން އިތުރުވެގެންދާނެކަން ޔަޤީނެވެ.

ސަރުކާރުގެ ހަރަދުގައި މިލިއަނަރުން އުފެއްދުން

އޭނާ ދެކޭ ގޮތުގައި އާންމު މީހާ އަށް ފައިދާވާ ގޮތަށް އެ ބިން ބޭނުންކުރުން މާ ބުއްދިވެރިއެވެ. އެ ގޮތުން ޝަރުތުތަކެއް ކަނޑައަޅައި ބިން ލިބޭނެ މީހުން ފުރަތަމަ ކަނޑައަޅާނީއެވެ. އޭގެ ފަހުގައި އެ ބިންތައް މާކެޓް ރޭޓުގައި ވިއްކާނީއެވެ. ދެން ލިބޭ ފައިދާ ދެ ބަޔަށް ބަހާނީއެވެ. ސަރުކާރަށް ވަކި ޕަސެންޓެއް ނަގާފައި ބިން ލިބުނު ކަމަށް ބުނާ މީހާ އަށް އަނެއް ބައި ދޭނީއެވެ. މިސާލަކަށް 10 މިލިއަން ރުފިޔާ އިން ފަސް މިލިއަން ސަރުކާރަށް އަނެއް ފަސް މިލިއަން އެމީހާ އަށެވެ. އޭރުން ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް އެ ފައިސާ އިން ހޯދައިދޭނީއެވެ. މާލެއިން ގޯތި ދޫކުރުމަކީ މިފަދަ ކަމެކެވެ. ސަރުކާރުގެ ހަރަދުގައި އާ މިލިއަނަރަކު އުފަންކުރުން ފަދަ ކަމެކެވެ.
އެހެން މީހަކު ބުނެފައިވާ ގޮތުން ހައްލުކުރަންޖެހޭ އަސްލު މައްސަލައަކީ ބޯހިޔާވަހިކަމެވެ. އެ ގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ވިއްކާ ބިންތަކުން ލިބޭ ފައިސާ މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ފްލެޓް އަޅައިދިނުމަކީ ކުރެވޭނެ ކަމެކެވެ. އޭނާ ދެކޭ ގޮތުން ބިމެއް ދިނަސް މިހާރު ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި ހައްލެއް ނުލިބޭނެއެވެ. އެއީ ހިލޭދޭ އެފަދަ ބިންތަކުގައި އިމާރާތެއް ހަދަން އެތައް އަހަރެއް ނަގާނެތީއެވެ. ފައިސާ ހަމަނުޖެހިގެންނާއި ލޯނު ނުލިބިގެންނެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހެޔޮ އަގުގައި އެ ގޮތަށް ދޫކޮށްފައި ހުރި ބައެއް ބިންތައް އަދިވެސް އެހުރީ އިމާރާތެއް ނޭޅިއެވެ. ނުވަތަ ކޮންމެ ވެސް ވިޔަފާރިވެރިއަކަށް ވިއްކާލާފައި ނުވަތަ ގެސްޓް ހައުސް ހަދަން ދިގު މުއްދަތަށް ކުއްޔަށް ދީފައެވެ. އެތަނުގެ ވެރިންނާއި އާއިލާތައް އުޅެނީ ރާއްޖެއިން ބޭރުގައި ނޫނީ ކޮންމެ ވެސް ތަނަކުން ފްލެޓް ގަނެގެން ނުވަތަ ކުއްޔަށް ހިފައިގެންނެވެ. އަސްލު މައްސަލަ އޮތީ އޮތްތަނުގައެވެ.
ބޯހިޔާވަހިކަމުގައި އިންސާފެއް ނެތް

މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ އެ ލިބޭ މީހާ މިލިއަނަރަކަށް ވުމަށް ސަރުކާރުން ކޮށްދޭ ކަމެކޭ ވެސް ބުނެވިދާނެއެވެ. ޝަރުތުތަކެއް ކަނޑައަޅައިގެން ގޯތި ދޭ ނަމަ އެތަންތަން ލިބޭ މީހުންނަކީ އެފަދަ ތަނެއް ހަދައިގެން އުޅެވޭނެ ފެންވަރުގެ މީހުންނެއް ނޫންކަން މާޒީން ހެކި ދެއެވެ. އެހެންކަމުން ދެން އޮންނަ ގޮތަކީ ކޮންމެ ވެސް ވިޔަފާރިވެރިއަކަށް ވިހި ތިރީސް އަހަރަށް ކުއްޔަށް ދެނީއެވެ. ދިހަ ބުރިއަށް އިމާރާތް ހަދައިފިއްޔާ ހަތަރު ބުރި ގޭގެ ވެރިމީހާ އަށް އަނެއް ހަ ބުރި ވިޔަފާރިވެރިޔާއަށެވެ. ކުދިން ގިނަ ނަމަ ކުދިންގެ މެދުގައި އެ ހަތަރު ބުރި ބަހާނެ ގޮތަކާ މެދު އެއްބަސް ނުވެވިގެން އިމާރާތް ނުހެދިފައެވެ. އެހެން ގޮތެއް ހޯދުމަށް ބޭންކް ލޯނަށް ޝަރުތު ހަމަވަނީ މަދު މީހެކެވެ. ބިމެއް އޮތީތީ ލޯނެއް ނުދެއެވެ. އެހެންކަމުން ގޯތި ގެދޮރު ހެދުމަކީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވެއެވެ.

މާލޭ ބިމާ ރަށްރަށު ބިމުގެ އަގު ހަމަހަމައެއް ނުވާނެ

ރަށްރަށުން ހިލޭ ގޯތި ދޭތީ މާލެއިން ގޯތި ދިނުމާ މެދު ކުރެވޭ ބަހުސް އެއް ލޮލުން ބަލައިގެން އިންސާފުވެރިއެއް ނުވާނެއެވެ. އެ އުސޫލުން އިންސާފުވެރިކުރާ ނަމަ ރަށްރަށުގައި ދޭ ގޯތީގެ އަގު ވެސް މިނެކިރަންޖެހޭނީ މާލެއެކޭ އެއްގޮތަށެވެ. ގޯތި ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅޭ ނަމަ އެ ގޯތީގެ އަގުގައި ވެސް ހަމަހަމަ އުސޫލެއް އޮންނަންޖެހެއެވެ. އަދި އެ މިނެކިރުމުގައި ބޭންކްތަކުން ވެސް ގެންގުޅެންޖެހޭނީ އެއް ހަމައެކެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ބިމުގެ އަގަކީ އެއް ހަމައެއްގައި ކަނޑައަޅޭނެ އެއްޗެއް ނޫނެވެ. އެއީ އެތަނެއްގައި އޮންނަ ޑިމާންޑަކާއި އެ ބިމުގެ ބޭނުމުގެ މައްޗަށް ބިނާވާ ކަމެކެވެ.

އެހެންކަމުން މާލެ އިން ގޯތި ދޫކުރުމުގައި ރަށްރަށެކޭ އެއް ހަމައިން ހިލޭ ދިނުމަކީ އިންސާފުވެރި ގޮތޭ ބުނެވޭކަށް ނެތެވެ. އިންސާފުވެރިކުރާ ނަމަ މުޅި މައްސަލަ އަށް އިންސާފު ހޯދަންޖެހެއެވެ. ހައްލު ހޯދަންޖެހެނީ ބޯހިޔާވަހިކަމަށެވެ. އިންސާފުވެރިވާންޖެހެނީ އެ ސިޔާސަތުގައެވެ. އެ ކަމުގައި މާލޭ މީހެކޭ ރަށްރަށުގެ މީހެކޭ ތަފާތުކޮށްގެން ނުވާނެއެވެ. އެކަން އޮންނަންޖެހޭނީ ދިވެހި ރައްޔިތަކަށްވީތީ ލިބެންޖެހޭ ހައްގެއްގެ ގޮތުގައެވެ. ނަމަވެސް އެކަން ހާސިލްކުރުމުގައި އެކި ތަންތަނުގައި އެކި ގޮތްތައް ބޭނުންކުރެވިދާނެއެވެ. މިނޫންގޮތަކަށް ދެވޭ ގެދޮރަކީ ރާއްޖެތެރެއާއި މާލެގެ ތަފާތުކުރުން އެހެން ދަރަޖައަށްގެންދިއުން ނޫންކަމުގައި ނުވާނެއެވެ.

ރިއެކްޝަންސް
0
0
1
1
0
0
0