ރިޕޯޓް: މާލެއިން ސިޔާސީ މީހަކު ދާއިރަށް ރަށްރަށުގެ ރައްޔިތުން އަތިރި މައްޗަށް ނިކުމެ ނެށުން ހުއްޓާލަންޖެހޭ

27 މާޗް 2022 - 14:18

މާލެއިން ސިޔާސީ މީހަކު ރަށްރަށް އައުމާއެކު ރަށުގެ ކުޑަބޮޑު ރައްޔިތުން ރަތްދައްކާ އަވީގާ ބޯބުރާންތިވަންދެން ފެށީ ނަށާށެވެ. ބަނދަރު މަރާމުތުކޮށްލިޔަސް، ވަށާފާރެއް ރޭނިޔަސް އަދި ގަބުރުސްތާނަށް ކަފުން ކޮޅެއް ހަދިޔާކޮށްލިޔަސް ގިނަ ރަށްރަށުގެ ރައްޔިތުންގެ މާލެއިން އަންނަ ސިޔާސީ މީހުން ރުއްސަން ރަތްދައްކާ އަވީގަ ނަށާފައި ބޮޑު ކެއުމެއް ކާންދިނުމަކީ ސަޤާފީ އާދައެކެވެ.

ޕާޓީ އެކްޓިވިސްޓުން ގޮތުގައި އުޅޭ ރަށްރަށުގެ ނިކަމެތި މީހުންގެ ނާޖާއިޒު ފައިދާ ނަގައިގެން އެމީހުން ލައްވާ ހިލޭ ސާބަހަށް މަސައްކަތް ކުރުވުން ހުއްޓާލަން ވަކާލާތުކުރުން މާބޮޑަށް ލަސްވެއްޖެއެވެ. މާލޭގެ ތާރު މަގާ ބުރިޖު ހުޅުވި އިރަކު މާލޭ އުޅޭ މީހުން މާފަތި ހިފައިގެން ރަތްދައްކާ އަވީގައި ނަށާ ކޭންތައްޔާރުކުރަން ހިލާ ގުޑާވެސް ނުލައެވެ. މިއީ ޒަމާންވީ ނަސްލީ އިމްތިޔާޒާއި މާލޭގެ ބައެއް އާއިލަތަކަކީ އާދަޔާ ހިލާފަށް މާތް ބައެއްގެ ގޮތުގައި ދުއް ޒަމާނުގެ ލަދުވެތި މަޒީގެ ނުފިލާ އާދަތަކެވެ.

advertisement

ރާއްޖެތެރޭ މީހުން އަދިވެސް ކުރަނީ އެކްސްޕްލޮއިޓް

ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައި، ނަމަވެސް އިޤްތސާދީ ގޮތުން ދިވެހިންނަށް ލިބެންޖެހޭ މިނިވަންކަން ނުލިބި ސިޔާސީ މިނިވަންކަން ފިސާރި ކުލަގަދަކޮށް ފާހަނގަ ކުރާތާ ބައިގަރުނުވެގެން މިދިޔައީއެވެ. ބޯހިޔާވާނެ ޓިނުގަނޑަކާއި، ސާފު ބޯފެނާއި، ނަޖިސް ސާފުކުރެވޭނެ ނަރުދަމާއާއި، ތަހުޒީބީ ސިއްހީ ނިޒާމެއް އަދި ދުނިޔޭގެ ފެންވަރަށް ރޯފިލުވާލަދޭނެ ތައުލީމެއް ނިޒާމެއްގެ ފޮނިމީރުކަން ނުލިބި އެތަށް ދިވެހިންނެއް އަދިވެސް ތިބީ ބާކީވެފައެވެ. ދިވެހިރާއްޖެއަކީ އިންތިހާއަށް މުއްސަނދިކަން ލިބިފައިވާ އަދި އިންތިހާއަށް ބޮޑެތި ހަރަދުކުރެވެމުންދާ ޤައުމަކަށް ވީއިރު، ހަތަރު ލައްކައެއްހާ ދިވެހިން އިޤްތިސާދީގޮތުން އަނދަގޮނޑިޖަހައިގެން އިޤްތިސާދީ އަޅުވެތިކަމެއްގައި ބައިޤަރުނު ހޭދަކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟


ކުޑަ ސިޓީ އާއި ވާރު ޓެކްސް ދައްކައިގެން ރާއްޖެތެރޭގެ ރައްޔިތުން މާލެ އަންނަންޖެހުނީ މާކުރީ ޒަމާނަކު ނޫނެވެ. އިބްރާހިމް ނާސިރު ވެރިކަމުގައި ވާރު ޓެކްސް އުވާލުމާއި މައުމޫން ވެރިކަމުގެ 2 ދައުރު ހަމަވުމުން ކުޑަ ސިޓީ އުވާލުމާ ހަމަޔަށް ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންނަކީ ފަސްކުޅަދު މަދު އަޅުންގެ ގޮތުގައި ކަންކުރެވުމުގެ ނަތީޖާއަކީ މާލޭގެ ވެރިކަމާ ދެކޮޅަށް އުތުރާއި ދެކުނުގައި ހިނގި ގަޑުބަޑު ތަކެވެ. ތިލަދުންމަތީ ބޮޑު ގަޑުބަޑާއި ދެކުނުގައި އުފެދުނު ސުވާދިވް ރިޕަބްލިކް އަކީވެސް ބޭއިންސާފާއި، ނާޖާއިޒް ޓެކްސް ތަކާއި، އިންސާނީ ކަރާމާތް ގެއްލުވާލައި ހިންގި ލާއިންސާނީ އަނިޔާއާއި ދެކޮޅަށް ތެދުވި ހަރަކާތްތަކެވެ.

ގދ. ތިނަދޫ އަކީ މިކަމަށް އޮތް ހެއްކެއް

އަދި މިފަދަ ހަރަކާތްތައް ނިމުމަކަށް ގެންނަށް މާލޭގެ މައިސަރުކާރުތަކުން ހިންގި ހަނގުރާމަވެރި ޖަރީމާތަކުގެ ތެރެއިން ގދ ތިނަދޫފަދަ ރަށްތަކުގައި ރޯކޮށްލައި، ބަޑިޖަހައި މީހުން މަރައި، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، އެތަށް ބަޔަކު މިކަމުގެ ސަބަބުން ބަލިވެ އިނދެ، ގެތަށް ލޫޓުވައި ހެދިކަން ތާރީހަކުން ނުފޮހޮވޭނެއެވެ. 1997 ގައި މިހާދިސާއާ ގުޅޭގޮތުން ދީފައިވާ ބަޔާތަކުން އެގޭގޮތުަގައި، މަސްތުވުމަށް ބޭނުންވާތަކެތި ބޮއެ އަންހެނުން ރޭޕްކޮށް ބަލިވެ ބައިންދައި ފޮށެ ހެދުމުގައި މާލެއިން ގެންދެވުނު ސިފައިންގެ އަމަލުތައް ހުރީ އިންސާނުންގެ ދަރަޖައިގައި ނޫން ކަމެވެ. އަދި މިފަދަ އެއްވެސްކަމަކަށް އެކަށީގެންވާ ތަހުގީގެއް ނުހިންގި އިންސާފު އަދިވެސް ލިބިފައިނުވާކަން ފާހަނގަކުރެވެއެވެ. ބޮޑުތިލަދުންމަތިން މިކަމާ ދެކޮޅަށް ތެދުވި ފަރާތްތަކަށް ދެވުނު ލާއިންސާނީ އަނިޔާތަކުގެ ވާހަކަ ދައްކަން ފަށާނެ މެދެއް ކޮޅެއްވެސް ނޭނގެއެވެ.


އިޤްތިސާދީ އަޅުވެތިކަމާއި ދެކޮޅަށް ތެދުވެ އުތުރާއި ދެކުނުގައި ހިނގާދިޔަ ގަޑުބަޑުތަކަށް ފަހު، ސަރުކާރުތަކުން ރައްޔިތުން ކޮންޓްރޯލްކުރުމަށް ބޭނުންކުރަންފެށީ ޤައުމިއްޔަތާއި، ވަތަނާއި، ދީނާ، ސަޤާފަތެވެ. ދައުލަތުގެ މީޑީއާ ނުވަތަ ރޭޑީއޯ މެދުވެރިކޮށް ޤައުމިއްޔަތު ދިރުވައި ޤައުމީލަވަ ހަދައި އެފަދަ ދުވަސްތައް އިންތިހާބޮޑުކޮށް ފާހަނގަކޮށް، އިޤްތިސާދީ ވޭނާއި ދަތިކަމުގެ ފޯކަސް މުޅިން އަނބުރާލެވުނެވެ. ގިނަ ބަޔަކަށް ދިވެހި ޤައުމަކީ ވަސީލަތްމަދު ފަޤީރު ޤައުމެއްގެ ގޮތުގައި ވިސްނައިދީ، މިންވަރަށް އީމާންުވުމުގެ ނަމުގައި ރައްޔިތުންނަށް ލިބެންޖެހޭ އެތަށް އަސާސީ ހައްޤަކުން މަހުރޫމްކުރެވުނެވެ. ނަމަވެސް ވަކިބަޔަކު ދިޔައީ ދައުލަތުގެ ވަސީލަތްތައް ބައްކޮށް އިންތިހާއަށް މުއްސަދި ވަމުންނެވެ. އަދި މިފަދަ ފަރާތްތަކުން ސަރުކާރުން ދަމަހައްޓައިދީ ސިޔާސީ ކަންކަމަށް ބޭނުންވާ ފައިސާ ދިނުމުގެ ބަދަލެއްގެ ގޮތުން ޤައުމުގެ ގުދުރަތީ ވަސީލަތްތަކުގެ ކޮންޓްރޯލް ލިބިގެންދިޔައެވެ.

އިގްތިސާދީ އަޅުވެތިކަން

ގިނައަދަދެއްގެ ދިވެހިން އިޤްތިސާދީ އަޅުވެތިކަމެއްގެތެރޭގައި ތިއްބުމަށްޓަކައި، ސަރުކާރުގެ ވަޒީފާ ނޫން އެހެން އާމްދަނީ ލިބޭނެ ގިނަ ދޮރުތަށް ބަންދުކުރެވުނެވެ. މިގޮތުން 1984 ގައި ލޯކަލް ޓޫރިޒަމް މަނާކުރުން ވެގެންދިޔައީ ރަށު ޢިޤްތިސާދު މުޅިން ބަންދުކޮށްލެވުނު ދޮރަކަށެވެ. އުތުރުރާއި ދެކުނުގެ ތަރައްޤީ ހުއްޓާލައި، މާލެ ސަރައްހައްދަށް އެންމެން ޖަމާކުރުމުގެ ޜޫހެއް އުފެދިގެން ގޮސް، އައްޑޫ ސަރަހައްދުގެ އިޤްތިސާދީ ހުރިހާ ހަރާކާތެއް ހުއްޓާލެވުނެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް މާލެއަަށް ހަރަދުކޮށް ރައްޔިތުން މާލެ ހިޖުރަކުރަން މަޖުބޫރުކުރެވުނު ހާލަތެއް އުފަންވެގެން ދިޔައެވެ.


މަޖުބޫރީ ހިޖުރައިގެ ސަބަބުން މާލޭގައި އިޖްތިމާއީ އެތަށް މައްސަލަތަކެއް އުފެދި މިއަދު މިފެންނަ ޑްރަގުގެ ވަބާއާއި، ކުށްކުރުމާއި، ނަފްސާނީ މައްސަލަތަކާއި، އިންތިހާއަށް ފަގީރުކަން މިއީ މިކަމުގެ ހިތި ނަތީޖާއެވެ. އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ގިނަ ބަޔަކު ކުލީގެ އަޅުންނަށްވެ، މަދު ބަޔަކު އިންތިހާއަށް މުއްސަދި ވެގެން ދިޔުމުގެ ނަތީޖާއަކީ، މިއަދު މިފެންނަ އިޖްތިމާއީ މައްސަލަތަކެވެ. އާއިލާތަށް ރޫޅި، ޖަލު އާބާދީ ބޮޑުވެ، ކުށްކުރުން ބޮޑުވެގެން ދިޔައީ އިއްތިފާގަކުން ނޫނެވެ. ގެދޮރުގެ ދަތިކަމާއި، ތައުލީމީ ނިޒާމުގެ ދޯހަޅިކަން އަދި ފަޤީރުންނާއި މުއްސަދިންގެ ފަރަޤުގެ ބޮޑުކަމެއް ނެތި، މިފަދަ ކަންކަން ކުރިމަތިވާނެ ހެއްޔެވެ؟ އަދި ޖަލުތޭރިއާއި ގަދަފަދަ އަދަބުދީގެން މިފަދަ އިޖްތިމާއީ މައްސަލަތަށް ހުއްޓޭނެ ހެއްޔެވެ؟


ދައުލަތުން ބޭސްފަރުވާ ލިބުމާއި، ހިލޭ ތައުލީމާއި، އެކަނިވެރި މައިންގެ އެލަވަންސް އަދި މުސްކުޅިންގެ ޕެންޝަން ލިބެންފެށީ ދާދި ފަހަކުންނެވެ. ހަމަ ހަމަ އާސަންދައަކާއި، ސާފު ބޯފެނާއި ނަރުދަމާ، އެންމެ ދަށް އުޖޫރައެއް ކަނޑައެޅުމާއި، ގެދޮރުގެ ދަތިކަމަށް އިންސާފު ލިބުންއެދި އަދިވެސް ރައްޔިތުން އާދޭސްކުރަނީއެވެ. އެންމެ ހަތަރު ލައްކަ ރައްޔިތުންނަށް ބިލިއަނުން އާމްދަނީ ލިބޭ ޤައުމެއްގައި، އެންމެ މަޤުބޫލު މުއްސަނދިންގެ ޗުއްޓީ މަންޒިލެއްގައި މިފަދަ ކަންކަމަށް ވަކާލުތުކުރަން އަދިވެސް ބައިގަރުނު މަޑުކުރަންޖެހޭނެތޯ މިއީ ގިނަބަޔަކު ކުރާ ސުވާލެކެވެ.


ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ، ފަގީރުކަމަކީ ރޭވިގެން ހިންގާ ސިޔާސަތުގެ ނަތީޖާކެމެވެ. ހަމައެކަނި މުއްސަދިންގެ ބޭނުމަށް ސިޔާސަތު ހަދައި ރާވައި ހިންގުމުގެ ނަތީޖާއަކަށް ވާނީ، ޤައުމެއްގެ އިޖްތިމާއީ ފޭރަން ވީދި ފުޑުފުޑުވެގެން ދިއުމެވެ. ހަޤީޤީ މިނިވަންކަމަކީ ވިހުރޭ ދިދައަކާއި ސިޔާސީ މިނިވަންކަން ލިބުނު ދުވަހު ކުލަބޮކި ދިއްލައި ބޭންޖަހައި ދިދަ ވިހުރުވުން އެކަންޏެއް ނޫނެވެ. އިޤްތިސާދީ މިނިވަންކަން ވަކިވަކި ފަރުދުންނަށް ނުލިބި، ނަޖިސް ފެނުން ފެންވަރައި، ޑިއުޓީ ބަހައިގެން ނިދައި، ބޭސް ފަރުވާއަށް އާދޭސްކުރާ ރައްޔިތުން އުޅެންޖެހޭ ޤައުމެއްގައި އޮންނަ ސިޔާސީ މިނިވަންކަމެއް އޮތުމުގެ މާނައެއް ނެތެވެ. މިނިވަން ޤައުމެއްގެ ހަޤީޤީ މާނައަކީ ޢިޤްތިސާދީ މިނިވަންކަމާއި ފުދުންތެރި ރައްޔިތުންތަކެއް ނިކަން އުފަލުން އުޅޭ ޤައުމެކެވެ. ބޭނުންވަނީ އިޤްތިސާދީ އަޅުވެތިކަމުން މިންޖުވެފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމެކެވެ. މިކަންކަން ބަދަލުކުރެވޭނީ, މާލެއިން ސިޔާސީ މީހަކު ދާއިރަށް, ޅަދަރިންނާއި މުސްކުޅި މައިންބަފައިން ރަތްދައްކާ އަވީގައި އަތިރި މައްޗަށް ނެރެ ހޭނެތެންދެން ނެށުން ހުއްޓާލި ދުވަހަކުންނެވެ.

ރިއެކްޝަންސް
5
27
5
1
2
3
6