އޮޓިޒަމް – ބޭނުންވަނީ ހޭލުންތެރިކުރުވުމެއް ނޫން، ބަލައިގަތުން

7 އެޕްރީލް 2022 - 10:13

އޯޓިޒަމް ސްޕެކްޓްރަމްގެ އެކި ހިސާބުގައި ތިބޭ މީހުން ބުނާގޮތުން ކޮންމެ އަހަރެއްގެ އެޕްރީލް މަސް އޮޓިޒަމް އެވެއާނެސް މަހުގެ ގޮތުގައި ފާހަގަކޮށް ހޭލުންތެރިކުރުވުމުގެ އެކި ކެމްޕެއިންތައް ކުރުމަކީ އޮޓިޒަމް ހުންނަ މީހުންނަށް މާ ފައިދާކުރުވަނިވި ކަމެއް ނޫނެވެ. #ActuallyAutistic މި ހޭޝްޓެގް ބަލާލުމުން މިކަން ސާފުވެއެވެ.
ހޭލުންތެރި ކުރުވުމުގެ ތަފާތު ކެމްޕެއިންތަކުގެ އެންމެ ބޮޑު މައްސަލައަކީ އޮޓިސްޓިކް މީހުންގެ ދިރިއުޅުން ފަސޭހަކުރުމުގައި މިފަދަ ކެމްޕެއިންތަކުން އެއްވެސް ފައިދާއެއް ނުކުރާކަމެވެ. އޭގެބަދަލުގައި މި ކެމްޕެއިންތަކުގެ ސަބަބުން ނުރަނގަޅު މައުލޫމާތު ފެރުރޭލެއް މާ ބޮޑު ކަމަށް އޮޓިސްޓިކް ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި ބޯދާ ގަބޫލުކުރުންތައް އިތުރަށް ފެތުރި އޮޓިޒަމްއާ ބެހޭ ގޮތުން ކަމާއި އިދިކޮޅު މައުލޫމާތާއި ވާހަކަ ފެތުރެއެވެ. ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން އޮޓިޒަމް ހުންނަ ފަރާތްތަކަށް އިތުރަށް އުނދަގޫވާކަމަށްބުނެ އޮޓިޒަމް ކޮމިއުނިޓީގެ އެކި ފަރާތްތަކުން ބުނެފައިވާ ކުރު މެސެޖުތައް މި ލިންކުން ފެންނާނެއެވެ.

އޮޓިޒަމް ހުންނަ މީހުން ބަލައިގަންނަން ޖެހެއެވެ. އަހަރެމެންގެ ތެރޭގައި އުޅޭ ތަފާތު އެކިއެކި މީހުން ފަދައިން، މިސާލަކަށް ގިނައިން ނިދާ މީހުން، ގިނައިން ނުކެވޭ މީހުން، ވާހަކަ ދައްކާ ހިތްނުވާ މީހުން، ބޭރަށް ދާން ބޭނުނުން ނުވާ މީހުން ފަދައިން އޮޓިޒަމް ހުންނަ މީހުންނަކީ ވެސް ތަފާތު ކަންތައްތަކެއް ހުންނަ މީހުން ނަމަވެސް މުޖުތަމައުގައި ބަރާބަރަށް ބައިވެރިވާ މީހުންނެވެ. އާމްދަނީ ހޯދަން މަސައްކަތް ކޮށް އާދައިގެ ދިރިއުޅުމެއް އުޅެވޭ ފަރާތްތަކެވެ. ބޭނުންވަނީ ހޭލުންތެރި ކުރުވާނެ މެސެޖުތަކެއް ނޫނެވެ. ބޭނުންވަނީ ތަފާތުތަކާއެކު ބަލައިގަތުމެވެ. އޮޓިސްޓިކް މީހުން އެމީހުންގެ ހުންނަ ކަންކަން ހައްލުކުރަން މަސައްކަތްކުރާތަން ދެކޭކަށް ބޭނުމެއް ނޫނެވެ. އެއީ ނުވާނެ ކަމެއް ކަން ނުވަތަ އެކަން ކުރަން އުޅުމުން އެމީހުނަށް ވާ އުނދަގޫތައް މާ ބޮޑެވެ. ވީމާ އެމީހުން ބޭނުންވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒާތުގައި ބަލައިގަތުމެވެ. އޮޓިޒަމް ކޮމިއުނިޓީ އިން “އޮޓިޒަމް ޕްރައިޑް” ގެ ނަމުގައި ޖޫން 18 ފާހަނގަ ކުރަނީވެސް މިސަބަބައްޓަކައެވެ. އަދި އެމީހުންގެ މައްސަލަތަކާ މެދު މީހުން ހަދާ ބޭކާރު މީމްސް ތަކާއި ހޭލުންތެރިކުރވުމުގެ ނަމުގައި ކުރާ ކޫސަނި ކަންތައްތަކުން ދުރުވެ ތިބެ އެމީހުން ބޭނުންވަނީ އެމީހުންގެ ހުރި ނިއުރޮލޮޖިކަލް ތަފާތުތަކާއި އެކު އެމީހުންގެ ޝަހުސު މިނިވަންކަމާއެކު ފާހަނގަކުރާށެވެ.

advertisement

ފަރުވާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި އޮޓިސްޓިކް މީހުންނަކީ ތަފާތު ބޭޏުންތަކެއް ވާ، ތަފާތު ގޮތަކަށް ދިރިއުޅުން ހުންނަ ބައެއް ކަމާއި، އެއީ މުޅިން ނޯމަލް ކަމެއްކަމަށް ބަލައިގަން ޖެހޭކަމަށް އޮޓިޒަމް ކޮމިއުނިޓީ އިން ގަބޫލުކުރެއެވެ. އެއީ، އެމީހުންގެ އުޅުން ބަދަލުކުރަން އުޅޭނަމަ އެކަމުން އެމީހުންނަށް ދެން ދިމާވާ އުނދަގުލާއި ނަފްސާނީ މައްސަލަތައް ބޮޑުވާތީއެވެ. އެހެންކަމުން، ތިމާގެ އުޅުމާއި ތަފާތު އުޅުމެއް ހުންނާތީވެ އަނެކާގެ އުޅުން ބަދަލުކޮށްލަން ބާރުނާޅާށެވެ. ތިމާގެ އަމަލުތަކުގެ ސަބަބުން އަނެކާއަށް މާޔޫސްކަމާއި ފޫހިކަން ލިބިދާނެ އެވެ. ތަފާތުތައް ބަލައިގަންނާށެވެ. ބަދަލުވާން ޖެހެނީ އޮޓިސްޓިކް މީހާ އެއް ނޫނެވެ. ތިބާއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0