ރައްޓެހިންނާ ގުޅައިގެން ހިދުމަތް ހޯދުން – ހަރުދަނާ ކުރަންޖެހެނީ އިދާރާތަކުގެ ހިންގުން

7 އެޕްރީލް 2022 - 12:27

ކޮރަޕްޝަން މަނާ ކުރާ ގާނޫނުގައި ބަޔާންވެގެންވާ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން ހިދުމަތް ދިނުމުގައި ވަކި މީހަކަށް ވަކިގޮތެއް ހަދައިގެން ނުވާނެއެވެ. އަދި ވަކި މީހަކަށް ވީތީ އެއްވެސް މީހަކަށް ދޭ ހިދުމަތް އަވަސްކޮށް ލަސްކޮށް ހަދައިގެންވެސް ނުވާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ކޮރަޕްޝަންގެ އަމަލެއް ކަމުގައި ބެލެވޭނެ އަމަލުތަކެވެ. މިކުށަށް ކަނޑައަޅާފައިވާ އަދަބަކީ 3 އަހަރުދުވަހަށް ޖަލަށް ލުން، ނުވަތަ އަރުވާލުން ނުވަތަ ގޭބަންދުކުރުމެވެ.


ކޮރަޕްޝަންގެ އަމަލެއް ކުރުމަށް އުޅުމަކީވެސް (އެކަން ނުކުރިނަމަވެސް) ކުށެކެވެ. އަދަބަކީ 5 އަހަރުގެ ޖަލު ހުކުމެއް ނުވަތަ އަރުވާޅުން ނުވަތަ އެ މުއްދަތައް ގޭބަންދުކުރުމެވެ.
މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. ކޮރަޕްޝަނަކީ ސަމާސާ ކަމެއް ނޫނެވެ. ކޮރަޕްޝަނަކީ އޭގެ ސަބަބުން މުޖުތަމައުތައް ހަލާކުވެ ގައުމުތައް ފަގީރުވެ ފަސާދަވެ ހަލާކުވެގެން ދާ ބޮޑު ބިރުވެރި އަމަލެކެވެ. އެހެންކަމުން ކޮރަޕްޝަންގެ އަމަލެއް ހިންގަން ނިއަތް ގަންނަ މީހާއަށްވެސް ބޮޑު ޖަލު ހުކުމް ހައްގެވެ. ނަމަވެސް ދެން އުފެދޭ ސުވާލަކީ އަހަރެމެންގެ މުޖުތަމައުގައި މިއޮތީ އާއްމު އާދައިގެ މީހާއަށް މި ގާނޫނަށް އަމަލުކުރެވޭނެ ފަދަ މާހައުލެއް ތޯއެވެ. ކިތަންމެ ކުޑަ ކަމެއް ލައްވާލިޔަސް ދައުލަތުގެ އިދާރާއަކުން ހިދުމަތް ލިބިގަންނަން ޖެހޭމީހާ ބޯހާސްވެ ގޮތް ހުސްވެ ކެތްތެރިކަން ކޮޅުން ލާ ހިސާބުން ނޫނީ ކުރަން އުޅޭ ކަމެއް ކުރެވޭ ކަމަކަށް މިގައުމުގައި ނުވެއެވެ. މިދައްކަނީ އެންމެ އާއްމު ހިދުމަތްތަކުގެ ވާހަކައެވެ. އެންމެ ގިނައިން އާއްމުން ހޯދާ ހިދުމަތްތަކުގެ ވާހަކައެވެ. އިދާރާއަކަށް މައްސަލައެއް ހުށައެޅުން، ޑޮކްޓަރުގެ އެޕޮއިންޓްމެންޓެއް ހޯދުން، ސްކޫލުން ޖާގައެއް ހޯދުން، ބެންކުން ހިދުމަތެއް ހޯދުން، މިނިސްޓްރީއަކުން ހުއްދައެއް ހޯދުން މިހެން ގޮސް އެކިއެކި އާއްމު ހިދުމަތްތަކުގެ ވާހަކައެވެ.

advertisement

ރައްޓެއްސަކު ހޯދަން ޖެހެނީ ކީއްވެ؟

އާއްމުގޮތެއްގައި ހިދުމަތަށް އެދެން ޖެހެނީ ފޯމެއް ފުރައިގެންނެވެ. ވަކި ކުލައެއްގެ ނުފޭދޭ ގަލަމަކުން ފުރައިގެން ވަކިކޮޅަކަށް ހީރަސް ޖަހައިގެން ފުރިހަމައަށް ފޯމު ފުރައިގެން ދިއައިއްޔާ ނޫނީ ހިދުމަތް ނުދޭ ކިތަންމެ އޮފީހެއް އެބަހުއްޓެވެ. އައިޑީ ކާޑު ކޮޕީ ކޮންމެ ކަމަކަށް ޕްރިންޓު ކުރަން ޖެހުމަކީ އަނެއް ތަކުލީފެވެ. ބައެއް އިދާރާތަކުން ބޭނުންވަނީ ދެފުށް އެއް ގަނޑަކަށް އަރުވާށެވެ. މިގޮތަށް ފިލިން ފިއްޔަށް ފޯމު ފުރިހަމަވެ އެއްހީރަސް ކުރަންޖެހޭ ލިޔުން ހަމަ ނުވެގެން ދެ ތިން ދުވަސް ހޭދަވެއެވެ. މިސާލަކަށް ހަފްތާއެއްގެ ބުދަ ދުވަހަކު ހިދުމަތް ހޯދަން ދާ މީހާ އަށް އޭނާގެ ފޯމު ފުރުނީ ބުނެފައިވާ ކުލައިގެ ގަލަމަކުން ނޫން ނަމަ ގެއަށް ފޮނުވައިލާނެއެވެ. އެދުވަހު އަދި އައިޑީ ކާޑުގެ ދެފުށުގެ ވާހަކަ ނުދައްކާނެއެވެ. ބުރާސްފަތި ދުވަހު ނޫ ކުލައިން ފޯމު ފުރައިގެން ދިޔައީމާ ދެން ބުނާނީ އައިޑީ ކާޑު ކޮޕީ އޮތީ ނުބައިކޮށް ކަމެވެ. އެކަން ރަނގަޅުކޮށްގެން އަންނަ އިރު 12 ޖެހީއެވެ. އެބަންދުކޮށްލީ ހިދުމަތްދޭ ކައުންޓަރެވެ. ދެން ހަމަ ހިލާ އެ ފޯމެއް ބަލައި ނުގަންނާނެއެވެ. ދެންވީ އަންނަ ހަފްތާ އާދީއްތަވަންދެން މަޑު ކުރާށެވެ.
މިއީ ދައުލަތުގެ އޮފީހަކުން ރައްޔިތުންނަށް ޖައްސަން ހެޔޮވާވަރުގެ ތަކުލީފެއް ހެއްޔެވެ. އޮންލައިންކޮށް ކުރެވޭ އެތައް ކަމެއް އަދިވެސް އޮތީ ފޯމު ފުރައިގެން މިސަކަރާތެއް ޖަހަން ޖެހޭ ގޮތަށެވެ. ގެވެށި އަނިޔާގެ ޝިކާއައަށް ވާ މީހާވެސް ކުޑަ ކުއްޖާވެސް ޖެހެނީ މި ބޯދާ ލަސް ތަރުތީބުގެތެރެއިން ހިދުމަތުގެ ފޯމު ބަލައިގަންނަންދެކަށެވެ. ދެން އޮތީ ފޯމު ބަލައިގަނެގެން ދެންވާ ގޮތުގެ ވާހަކައެވެ. ހިދުމަތް ލަސްވާތީ ދެން ޖެހޭނީ ރައްޓެއްސެއްގެ ރައްޓެއްސެއް ނުވަތަ ދަންނަ މީހެއްގެ ގާތް މީހެއް އެތާކު ހުރިތޯ ބަލާފައި އެމީހަކަށް ގުޅައިގެން އެކަން އަވަސްވޭތޯ ބެލުމެވެ. ޑޮކްޓަރަށް ދައްކަންވެސް އެޕޮއިންޓްމެންޓް ހޯދަންވެސް އެންމެ ފުރަތަމަ ބެލެނީ ދަންނަ މީހެއް ހުރިތޯއެވެ. އަވަސްވޭތޯއެވެ. 2020 އަހަރުގެ އޭސީސީ ތަފާސްހިސާބު ފޮތުގައި ވާގޮތުން ނާޖާއިޒު ފައިދާ ހޯދައިދިނުމާއި، އެފަދަ ފައިދާ އަމިއްލައަށް ހޯދުމާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ މައްސަލަތައް 30 އަށްވުރެ ގިނައެވެ.

ސީދާ މަގުން ގޮސް ހިދުމަތްތައް ހޯދަން ވާންވީ ކިހިނެތް؟

އާއްމުން މިގޮތަށް ކަންކަން ކުރަން ޖެހުން އެއީ އާއްމު މީހާގެ ކުށެއް ނޫނެވެ. އެއީ ދައުލަތުގެ އިހުމާލުން އާއްމު މީހާ ވައްޓާލާ ހިސާބެވެ. ހާލަތެވެ. ދަރިން ބަލަމުން، އާމްދަނީ ހޯދަން ބުރަ މަސައްކަތް ކުރަމުން، ގޭތެރެ ބަލަހައްޓަމުން ކައްކަމުން ސްކޫލުކަންތައް ބަލަހައްޓާ މަސައްކަތްތެރިއަކަށް ދައުލަތުން ލިބެން ޖެހޭ ހިދުމަތް ލަސްވެގެން މިސާލަކަށް ކަމެއް ކުރުމުގެ ހުއްދައެއް ނުވަތަ ލައިސަންސްއެއް ނުވަތަ ވިޔަފާރިއަކީ ގުޅުން ހުރި ލިޔުމެއް ލިބުން ލަސްވުން ފަދަ ކަންކަމަކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ. އައިޑީ ކާޑު ލަސްވުމަކީވެސް އެކަމުގެ ސަބަބުން އެތައް ގިނަ އެހެން ކަންތައްތަކަށް ބުރޫ އަރާ ކެމެކެވެ. ޑެޑްލައިންތަކަށް މަސައްކަތްކޮށް ކަންކަން ނިންމަން ޖެހޭ މީހުން ދެން ބަލާނީ ވަލުދޮރާށިން ގޮސް އެކަމެއް ކުރެވޭތޯއެވެ. މިއީ މިތަނުގައި އަށަގަނުވާފައި އޮތް ހާސްކަން ބޮޑު މާހައުލެވެ. މިކަން ބަދަލުކުރެވޭނީ ދައުލަތަށެވެ. އާއްމު މީހާ އޭނާގެ ދަރިއަކު ބަލިވެ ހާއްސަ ޑޮކްޓަރަކަށް ދެއްކޭނެ ގޮތް ނުފެނުނީމާ ދެން ބަލާނީ ދަންނަ މީހާގާތު ބުނެގެން އަވަސް އެޕޮއިންޓްމަންޓެއް ލިބޭތޯއެވެ. ކުށަކަށް ވިޔަސް ވެހެވެ. މިކަމުގައި އެމީހާ ކުށްވެރިކުރާ ހިތެއް ނެތެވެ. ބޭސްފަރުވާ ފަދަ އަސާސީ އަދި ކްރިޓިކަލް ކަންކަމުގައި މީހުން ރޭސް ޖަހަން ޖެހޭފަދަ ނިޒާމެއް ގާއިމުވެފައި އޮތްތަނެއްގައި ފެންނާނީ މިއާދަތަކެވެ. މިކަން ރަނގަޅު ކުރުމަށް ބޭނުންވަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމެވެ. ނިޒާމީ މައްސަލަތައް ހައްލުކުރުމުގައި ފަރުދެއްގެ ޒިންމާ އަށް ވުރެން ބޮޑީ ދައުލަތުގެ ޒިންމާއެވެ.

ރިއެކްޝަންސް
0
0
0
2
0
0
0