ރިޕޯޓް: ލަންކާ އިން ތަޖުރިބާ ލިބިގަންނަން ޖެހޭ!

7 އެޕްރީލް 2022 - 12:26

ސްކޫލްތަކުގެ ޓެސްޓް ޕޭޕަރު ޕްރިންޓްކުރާނެ ކަރުދާހެއް ނެތެވެ. ކައްކައި ކެވޭނެ ގޮތެއް ނެތެވެ. ގޭސް ނެތީއެވެ. ބޭކަރީތައް ބަންދެވެ. ފުށާއި ހަނޑުލާއި އެ ނޫން ވެސް އެކަމަށް ބޭނުންވާނެ ސާމާނެއް ލިބެން ނެތީއެވެ. ކަރަންޓެއް ނެތެވެ. ލިބެނީ މަދު ވަގުތުކޮޅެއްގައެވެ. ވެހިކަލްތައް ހުއްޓިފައެވެ. އަޅާނެ ތެލެއް ނެތެވެ. މިހުރިހާ ކަމަކާ މެދު “ބޯގޭނޭކަށް” ވެސް ނެތެވެ. ބޮލުގަ ރިއްސައިގަނެފި ނަމަ ކާނެ ބޭސް ވެސް ގައުމުގައި ނެތީއެވެ.  ސްރީ ލަންކާއަކީ ރާއްޖެ ފަދައިން އުފެއްދުންތެރިކަން ދަށް، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވެފައިވާ ގައުމެކެވެ. ކާބޯތަކެތީގެ އިތުރުން ބޭހާއި، ތެލާއި އެ ނޫން ވެސް އެތައް ސާމާނެއް ބޭރު ގައުމުތަކުން އެތެރެކުރެއެވެ. ލަންކާ އަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އެތަކެތި އެތެރެކުރާނެ ބޭރު ފައިސާ ނެތީއެވެ. ވީ ކިހިނެއް ހެއްޔެވެ؟

ލަންކާގެ އިގްތިސާދުގެ ތެރެއަށް މައިގަނޑު ގޮތެއްގައި ބޭރު ފައިސާ ވަންނަނީ ޓުއަރިޒަމުންނާއި އެ ގައުމުން އެކްސްޕޯޓްކުރާ ސައިފަތާއި އެ ނޫން ވެސް މަދު ބާވަތްތަކަކުންނެވެ. ނަމަވެސް އިގްތިސާދު މެނޭޖްކުރުމުގައި މާޒީގައި ހެދިފައިވާ ބޮޑެތި ގޯސްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު އަޑިއަޅާލައި ބޭރު ފައިސާ ލިބުން ދަތިވީއެވެ. އަދި ލިބޭ މަދު ފައިސާކޮޅު ވެސް ދައުލަތުގެ އެތެރޭގައި އޮތް ކޮރަޕްޝަންގެ ތެރެއިން ރައްޔިތުންނާ ހަމައަށް ނުފޯރުމަކީ ވެސް ލަންކާ މިހާލަތަށް ވެއްޓެން މެދުވެރިވި އެއް ސަބަބެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި ހުރިހާ ކަމެއް މެދުވެރިވީ ކޮވިޑްގެ ސަބަބުންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ކޮވިޑަކީ ރިހޭ ފައި މައްޗަށް ވެއްޓުނު ފޮޔެކެވެ. އޭގެ ކުރިން ވެސް މި ދުވަސް ދިޔައީ ކުރިމަތިވަމުންނެވެ. ސަރުކާރުތަކުގެ ފެއިލިއާގެ ސަބަބުންނެވެ.

advertisement

މިހާރު އޮތް ހާލަތަށް ބަލާ ނަމަ މި ކަމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތަށިފުޅުގައެވެ. ބޮޑުވަޒީރުކަމަށް 2004 ވަނަ އަހަރު ވަޑައިގެން އަދި ޖެހިގެން އައި އަހަރު ރައީސް ކަމަށް ވަޑައިގެން 10 އަހަރު ވަންދެން ބާރުތައް މުށުތެރެއަށް ލައްވައިގެން ކުރެއްވީ އާއިލީ ވެރިކަމެއް ކަމަށް އެއްބަޔަކު ތުހުމަތުކުރެއެވެ. ސަބަބުތައް ވެސް ގިނައެވެ. ވެރިކަމުގައި ވަޑައިގެން އާއިލާ ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް ލެއްވިއެވެ. ކޮއްކޮއިންނާއި އާއި ދަރިންނަކީ ވަޒީރުންނެވެ. މިހާރު ވެސް ރައީސަކަށް ހުންނެވީ ކޮއްކޮ ގޮތަބަޔާއެވެ. އިއްޔެއާ ޖެހެންދެން ފިނޭންސް މިނިސްޓަރަކަށް ހުންނެވީ ކޮއްކޮ ބަސިލް ރާޖަޕަކްސްއެވެ. ޔޫތު މިނިސްޓްރީގައި ހުންނެވީ ދަރިފުޅު ނަމަލްއެވެ. މިހެން ގޮސް ދުރުތާ ތިމާގެ މީހުންނަށް ދަންދެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވިއެވެ. ސަރުކާރުގެ މަޝްރޫއުތައް ލިބެނީ އާއިލާގެ ކުންފުނިތަކަށެވެ. ނުވަތަ ބައި އަޅާ ގޮތަށް ކަމަށް ތުހުމަތުކުރެވެއެވެ. ކޮރަޕްޝަންގެ ކަންކަން ބޮޑުކަމުން ބަސިލް އަށް ވަނަމެއްގެ ގޮތުގައި “މިސްޓަރ. ޓެން ޕަސެންޓް” ގެ ނަމުން ނަން ދީފައި ވެއެވެ.

ލަންކާ ވެއްޓެމުން ދިޔަ އަނދަވަޅުގެ ނާޖާއިޒް ފައިދާ ނަގަމުން ދިޔައީ މި ސަރަހައްދުގެ ބާރުވެރިކަމަށް ވާދަކުރަމުން އަންނަ ޗައިނާ އާއި އިންޑިއާ އިންނެވެ. ބޮޑެތި ލޯނުތައް ދީ ގައުމުގެ އިގްތިސާދާ ނުބައްދަލު އެތައް މަޝްރޫއެއް މި ގައުމުތަކުން ލަންކާގައި ހިންގިއެވެ. ހާއްސަކޮށް ޗައިނާ އިންނެވެ. މިއަދު އެ ގައުމުތަކަށް ލޯނު ދައްކަންޖެހިފައިވާ އިރު ލޯނު ދެއްކޭނެ ގޮތެއް ނެތުމުން ބިމުން ބައެއް ދޫކޮށްލުން ފަދަ ކަންކަން ކުރަން ލަންކާ އަށް ވަނީ މަޖުބޫރުވެފައެވެ.

މި މަޅިތަކުން ސަލާމަތްވުމަށް ފައިސާ ޗާޕްކުރުމުގައި އެ ނޫން ވެސް އެތައް ގޮތަކުން ލަންކާ އިން އައީ މަސައްކަތްކުރަމުންނެވެ. މި ހުރިހާކަމެއްގެ ތެރެއިން 2020 ވަނަ އަހަރުގެ ކުރީކޮޅު ކުރިމަތިވި ކޮވިޑާ އެކު އަރައިނުގަނެވޭ ވަރުގެ އަނދަވަޅަކަށް ލަންކާ ވެއްޓުނެވެ. ބޭރު ފައިސާ ލިބެން އޮތް މަގުތައް ބަންދުވެ، ދައްކަންޖެހޭ ލޯނުތައް ދެއްކުމަށް އޮތް މަގުތައް ބަންދުވިއެވެ. އަނެއްކާ ވެސް ސަލާންޖަހަންޖެހި ލޯނުގެ މަޗަށް ލޯނު އިތުރުވިއެވެ. މުދާ އެތެރެކުރަން ބޭނުންވާ ވަރަށް ބޭރު ފައިސާ ނެތި ގައުމު ވަނީ ބަންގަރޫޓުވެފައެވެ. ލަންކާ ފައިސާގެ އަގު ދަނީ ވެއްޓެމުންނެވެ. ކޮވިޑްގެ ކުރިއާ އަޅާ ބަލާއިރު ލަންކާ ފައިސާގެ އަގު 200 ވަރަކަށް ޕަސެންޓް ދަށަށް ވަނީ ވެއްޓިފައެވެ. ބޭރު ފައިސާގެ ރިޒާވް ފެބްރުއަރީ މަސް ނިމުނު އިރު ހުރީ 2.3 ބިލިއަން ޑޮލަރުގައެވެ. ކުރިން ހުރި 779 ބިލިއަން ޑޮލަރުގައެވެ.

ލަންކާއެކޭ އެއްގޮތަށް ރާއްޖެއަކީ ވެސް ބޭރު ފައިސާ އަށް، ހާއްސަކޮށް ޔޫއެސް ޑޮލަރަށް ބަރޯސާވެފައި އޮތް ގައުމެކެވެ. ދަތްކޮއްޓަށް ގެންގުޅޭ އިލޮށިކޮޅަށް ދަންދެން ބޭރުން އެތެރެކުރެއެވެ. މުޅި އިގްތިސާދު ބިނާވެފައި ވަނީ ޓުއަރިޒަމާއި މަސްވެރިކަމުން ލިބޭ އާމްދަނީގެ މައްޗަށެވެ. މި ދެކަމުން ކުރި އެއްކަމަކަށް ވެސް ބުރޫ އަރައިފި ނަމަ ލަންކާ އަށް ވުރެ ހާލުގައި ޖެހުމުގެ ފުރުސަތު ބޮޑެވެ. ކޮވިޑާ އެކު އެ ހިތި ރަހަ އަރުތެރޭގައި ލިޔެއެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރުގެ ކުރީކޮޅު ބޯޑަރު ބަންދުކުރަންޖެހުމުން ބޭރު ފައިސާ ލިބޭނެ މަގުތައް ބަންދުވިއެވެ. ޓުއަރިސްޓުން އައުން އެއްކޮށް ހުއްޓުނު އިރު ދަތުރުފަތުރުގެ ދަތިތަކާ ހުރެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި ވެސް ހުރަސްތައް ކުރިމަތިވިއެވެ. އެތައް ބައެއްގެ ވަޒީފާތައް ގެއްލުނެވެ. އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ ދަތިތައް ކުރިމަތިވިއެވެ. ލޯނުތައް ދެއްކޭނެ މަގު ބަންދުވިއެވެ. ސުވާލަކީ ލަންކާ އަށް ޖެހުނު ހާލު ރާއްޖެ އަށް އެފަހަރު ނުޖެހުނީ ކީއްވެޔެވެ؟

މިކަމުގެ ކްރެޑިޓް ސަރުކާރަށް ދޭންޖެހެއެވެ. ލަންކާގެ ހާލަތަށް ރާއްޖެ ނުވެއްޓި ސަލާމަތްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ބޭރުގެ އެހީތައް ހޯދުމުގައި ކާމިޔާބު ލިބުނެވެ. ލިބުނު އެހީތައް ހެޔޮގޮތުގައި ބޭނުންކުރެވުނެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިނދަޖެހުނަ ނުދިނުމަށް ލޯނުތައް ދޫކުރިއެވެ. ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދީ ކާބޯތަކެއްޗާއި ތެލުގެ ޔަގީންކަން ކަށަވަރުކުރިއެވެ. އަވަސް އަރުވާލައިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުން ވެންޓިލޭޓަރުތައް ނުލިބުން ފަދަ ބައެއް ކަންކަމުގައި ބޮނޑި ލިބުނަސް މައިގަނޑު ގޮތެއްގައި މުޅި އިގްތިސާދު ހިފެހެއްޓުނީ ރަނގަޅު ފިޔަވަޅުތަކެއް އެ ވަގުތު އެޅުނީމައެވެ.

ކޮވިޑުން އަރައިގަތުމުގައި ރާއްޖެއަކީ މިސާލެއް ކަމަށް ބައެއް ގައުމުތަކުން ސިފަކުރި ނަމަވެސް ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ނާޒުކު ހާލަތެއްގައެވެ. ބޭރު ފައިސާ ލިބޭނެ މަގުތައް ކިރިޔާ ހަނިވިޔަސް މުޅި އިގްތިސާދު ކުޑަކަކޫ މައްޗަށް ތިރިވާ ފަދަ ހާލަތެއްގައެވެ. ބޮޑެތި މަޝްރޫއުތައް ހިންގަނީ ބޭރު ގައުމުތަކުގެ ލޯނުތަކުންނެވެ. އެހެންކަމުން އެ ލޯނުތައް ނުދެއްކޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ގައުމުގެ ސިޔާސަދަތަށް ނުރައްކާވާނެއެވެ. މުދާ އެތެރެކުރެވޭނެ މަގު ބަންދުވެ ބަނޑަށް ޖެހުމުގެ ބިރު އަބަދު ވެސް އޮވެއެވެ. ބަޖެޓް ފޫބައްދަނީ ބޭރުގެ އެހީ އާއި ލޯނު ނަގައިގެންނެވެ. މިފަދަ ހާލަތެއްގައި ގައުމު އަބަދު ބޭއްވުމަކީ ނުރައްކާތެރި ކަމެކެވެ. ލަންކާ އިން އިބްރަތް ހާސިލްކޮށް ލިބޭ މިންވަރަކުން ހޭދަކުރާ ސިޔާސަތެއް ކުރިއަށް ނެރެންޖެހެއެވެ. ލިބޭ އެހީތައް ހެޔޮގޮތުގައި ބޭނުންކޮށް އިސްރާފު މަދުކުރަންޖެހެއެވެ. ކޮރަޕްޝަނަށް ހުރި މަގުތައް ބަންދުކޮށް ދައުލަތަށް ލިބޭ އާމްދަނީ ހެޔޮ ގޮތުގައި ބޭނުންކުރެވެންޖެހެއެވެ. ނޫން ނަމަ ލަންކާ އަށް ޖެހުނު ހާލު ކޮންމެ ދަނޑިވަޅެއްގައި ވެސް ރާއްޖެ އަށް ތަހައްމަލްކުރަންޖެހިދާނެއެވެ.  

ރިއެކްޝަންސް
0
2
1
5
1
0
0