ރިޕޯޓު: ރަށްރަށުގެ މީހުންނަށް އޮތީ ތާއަބަދަށް މާލޭގެ ބިންވެރިންނަށް ކުލި ދެއްކުންތަ؟

9 އެޕްރީލް 2022 - 10:20

ތާރީހު ލިޔެވެން ފެށި ހިސާބުން ފެންނަން އޮތް ގޮތުގައި ރާއްޖޭގެ ވެރިކަން ކުރަމުން އައީ މާލޭގެ ސަރަހައްދުގައެވެ. ނަމަވެސް ވެރިރަށަށް ވުރެން ފުދުންތެރި، މަސްވެރި، ދަނޑުވެރި ރަށްތައް ރާއްޖޭގައި ހުރިކަން ތާރީހު ހެކިދެއެވެ. މިގޮތުން އައްޑޫ ހުވަދޫ ބޯޓު ފަހަރުތަކާއި އުތުރުގެ އޮޑިފަހަރުން ބޭރު ދަތުރުކުރި ވާހަކައަކީ ހަގީގަތެކެވެ. މެދުއިރުމައްޗާއި އަރަބި ގައުމުތަކާއި ޗައިނާ އިންޑިއާ ފަދަ ގައުމުތަކާއެކު ރާއްޖެތެރޭ މީހުން ވިޔަފާރި ގުޅުން ގާއިމުކޮށް ވިޔަފާރި ހިންގިއެވެ. މާލޭގައި އުޅޭ މީހުން ފަޓުލޫނު ގަންނަންވެސް އޭރު ދަނީ އައްޑު އަތޮޅަށް ކަމަށް އިހު މީހުން ބުނާތީ އަޑު އަހަމެވެ. އޭރު މާލެއަކީ ވެސް ރާއްޖޭގެ އެހެން ރަށްތައް ފަދަ ކުޑަ ރަށެކެވެ. މަގުމަތީ އޮތީ ވެއްޔެވެ. ގެތައް ހުރީ ފަނުންނެވެ. އަވަށު ވާދައަށް ކަންކަން ކުރުން އޮވެއެވެ. މަގުމަތީ ކުދިން ކުޅެ ހަދައެވެ. ބަކައްޓާއި ކުކުޅު ކޮށީގައި ގެންގުޅުނެވެ.

އެޗްސީޕީ ބެލްގެ މޮނޮގްރާފުން އެނގޭ ގޮތުގައި 1921 މާލޭގެ އާބާދީ އަކީ 6127 އެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން މާލޭގެ އާބާދީ އަކީ 129،381 އެވެ. 40 އިންސައްތަ އަކީ ކުލިދޭ އާބާދީ ނުވަތަ ކުއްޔަށް އުޅޭ އާބާދީއެވެ. މިހާރުގެ މާލޭގެ އާބާދީ ދެލައްކައަށް ވުރެ މަތިވެއްޖެއެވެ. 70 އިންސައްތަ އަކީ ކުލިދޭ އާބާދީއެވެ. އެއީ މާލޭ ސަރުކާރުން މަޖުބޫރުންނާއި އެގޮތްމިގޮތަށް މާލެއަށް ހިޖުރަކުރުވި އާބާދީއެވެ. 

advertisement

މީހުން ހިޖުރަކުރަން ފެށީ ކޮން ހިސާބަކު؟ ކީއްކުރަން؟

ރާއްޖޭގެ ރަށްރަށުގެ މީހުން މާލެ ހިޖުރަކުރީ އިއްތިފާގަކުން ނޫނެވެ. މާލޭގެ ސަރުކާރުތަކުގެ ސިޔާސަތާއި ރޭވުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އެހެން ރަށްރަށުގެ މީހުން ހިޖުރަކުރަން މަޖުބޫރު ކުރުވީއެވެ. އޭރު ރާއްޖެތެރޭގެ އޮޑިފަހަރުތަކުން މާލެއަށް ނުގޮސް ސީދާ ލަންކާއަށް ގޮސް ވިޔަފާރިކޮށް އުޅުނެވެ. ތިނަދޫ މީހުން މަސް އެކްސްޕޯޓުކުރިއެވެ. އައްޑޫ މީހުންވެސް އިމްޕޯޓު ވިޔަފާރިކުރިއެވެ. ބޭރުފައިސާ ހުރީ ރާއްޖެތެރޭމީހުން އަތުގައެވެ. އޭރު އުތުރާއި ދެކުނުގެ މުއްސަނދި މީހުން އަތުގައި ހުރި ފައިސާއާއި މުދަލަށް ދަހިވެތިވެގެން މާލޭގަ އޮތް ވެރިކަމުގެ އެތެރެކޮއިލުން ރޭވީ އެމީހުން މާލެ ގެނައުމަށެވެ. އެ ރޭވުމުގެ ދަށުން ފުރަތަމަ ކުރި ކަމަކީ އެމީހުން ކުރަމުން އައި ވިޔަފާރި މަނާކޮށް ހުއްޓުވުމެވެ. ހިޖުރައިގެ ކުޅިގަނޑު ފެށުނު ހިސާބަކީ އެއީއެވެ.

ހުވަދޫ، އައްޑޫ ތިލަތުންމަތީގެ މުއްސަނދިންގެ އަތު ހުރި ރަންރިހި ނާސިރުގެ ސަރުކާރުން ފޭރިގަތެވެ. މިކަންކަން ދިމާވި މީހުން އިހަށް ދުވަހު މިވާހަކަތައް ޓީވީ ރެޑިއޯތަކަށް ކިޔައިދިން އަޑު އެންމެންވެސް ވާނީ އަހާފައެވެ. ދެވަނަ ބޮޑު ހަނގުރާމަތެރޭ އައި ބޮޑުތަދުގައި ކާންބޯން ނުލިބި ބަނޑުހައި ހޫނުކަމުގައި އެދުވަސްވަރު އެތައް ބަޔަކު މަރުވިއިރު ކާޑު ބެހި އިރު ރާއްޖެތެރޭ މީހުންނަށް ބައި ލާހި ހަނޑޫ، މާލޭ މީހުންނަށް އެއް ލާހި ދިނުމުގެ ސަބަބުން ކެތްތެރިކަން ކޮޅުން ލައި ބޮޑުތިލަދުންމަތިން 552 އުޅަނދުގައި 9452 މީހަކު 1943 ވަނަ އަހަރު މުޒާހަރާ ކުރަން މާލެއަށް އައިކަން އަބްދުލް ހަކީމް ހުސައިންގެ ތާރީހީ ފޮތްތަކުން އެނގެއެވެ. ދެކުނު ގަޑުބަޑުވެސް އުފެދުނީ މިފަދައިންނެވެ. 18000 ރައްޔިތުން އޭރު އައްޑޫގައި ތިބީ އެންމެ ޑޮކްޓަރެއް ވެސް ނެތިއެވެ. ބޭރަށް ހިންގުމާއި ބޮޑެތި ބަލިތައް ފެތިރި މީހުން މަރުވާތީ އެހީއަށް އެދުމުން މާލޭ ސަރުކާރުން އެހީއެއް ނުމެ ދިނެވެ. އެންގީ ގުރުއާން ކިޔަވާލައިގެން ތިބުމަށެވެ. އަފީފްދީދީގެ ސިޓީގައި މިވާހަކަ ލިޔެފައިވެއެވެ. (ލަންޑަންގެ ނޫހެއް ކަމަށްވާ ދަޓައިމްސް ނޫހުގައި 25 މެއި 1959ގައި މި ސިޓީ ޝާއިއުކޮށްފައިވެއެވެ).

މާލޭގެ ބިމާއި ހިޖުރަވެރިން

މާލޭ ސަރުކާރުން ރާއްޖެތެރޭގެ މުދާވެރި ފުދުންތެރި މީހުން މާލެގެނެސް ބިން ދިނެވެ. އޭރުގަ މާލޭގެ އެކި ސަރަހައްދުތަކުން ރާއްޖެތެރެއިން އައި އެކި ހިސާބުތަކުގެ މީހުންނަށް ބިން ކޮށިކޮށި ކަނޑާފައި އޭރުގެ ސަރުކާރުން ދިނެވެ. އުތުރުގެ މީހުންނަށް ދިނީ މައްޗަންގޮޅިއެވެ. މާލޭގެ ނޮވެލްޓީ ހުރި ހިސާބުގަނޑުގައި މިހާރުވެސް އުތުރުގެ އާއިލާތައް ދިރިއުޅޭ ކަމީ މިކަމުގެ ހެއްކެކެވެ. ރާއްޖެގެ ރަށްރަށުގައި ތިބި ހިންގުންތެރި ތައުލީމީ މޮޅު ސިކުނޑިތައް މާލެއަށް ނެގީއެވެ. އެހިސާބުން އެމީހުން ފަހަތުން އެހެން މީހުންވެސް މާލެ ހިޖުރަކުރަން މަޖުބޫރުވީއެވެ. އޭރު މާލޭ މީހުންނަކީ ކުލި ނަގައިގެން ދިރިއުޅުނު ބައެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ރޭވުމަކަށްވީ މާލެއަށް އެންމެންގެނެސް މާލެ އަކީ ރާއްޖޭގެ ވިޔަފާރި ހަބަށް ހެދުމެވެ. އެއީ މިނިވަންކޮށް ވިޔަފާރިކޮށް ބޭރުފައިސާ ގެންގުޅެމުން އައި ރާއްޖެތެރޭގެ އަތޮޅުތައް އިގްތިސާދީގޮތުން ބަލިކޮށްލަން ގަސްތުގައި ރާވައިގެން ފެށި ކަމެކެވެ. އެހިސާބުން މާލޭގެ ބިމުގެ އަގު އަރަމުން އައިސް 1980 ހިސާބު މާލޭގެ ގެއެއްގެ އެއްބައި އެކީ 400ރ އަށް އެރިއެވެ. އަށްޑިހައިގެ އަހަރުތެރޭގައި ކުއްޔަށް މީހުން އުޅެމުން އައީ މާލޭގެ މީހުނާއި އެކު އެންމެން އެއްގެއެއްގެ ތެރޭގައެވެ. ކައްކައި ކައި އުޅުނީ އެކީގައެވެ. އޭރު މާލޭގެ ގެތައް ހުރީ ހަދާފައެއް ނޫނެވެ.

ރާއްޖެތެރޭގެ މުއްސަނދި އާއިލާތަކުން ވަރަށް ގިނަ ގޭގެ ހަދައިދިނެވެ. ބަދަލުގައި އެމީހުންނަށް އެގޭގޭގައި ވަކި މުއްދަތަކަށް އުޅެވޭ ގޮތަށެވެ. 2000 ވަނަ އަހަރު އައި އިރު މާލޭގައި އެޕާޓްމަންޓުތައް ގިނަވިއެވެ. ބޭންކު ލޯނުން ގިނަ ބަޔަކު ގެހަދައި ކުއްޔަށް ދޭން ފަށައިފިއެވެ. އޭރު ކުއްޔަކީ 2 ކޮޓަރީގެ ތަނެއް ނަމަ 4000ރ އެވެ. މިއަދު މާލޭގެ ކުލި ހުރީ 2 ކޮޓަރި 20000 ގައެވެ. (ނޮމިނަލް ވެލިއު). މިއަށް ކުރިއެރުމޭ ކިޔަނީ ކުލި ލިބޭ މީހުން އެކަންޏެވެ. ކުލި ދައްކައިގެން ދިރިއުޅޭ އާބާދީގެ އާއިލާތަކަށް މިއީ ހިތްދަތި ވޭނެކެވެ. އިގްތިސާދީ އަޅުވެތިކަމުގެ ޗޭނެކެވެ. މި ޗޭނުން ނެއްޓިގެން އަނބުރާ ރަށަށް ދެވޭނެ މަގުތަކެއް ނެތެވެ. އަހަރެމެންގެ ކާބަފައިން ގެ އިގްތިސާދު ވަގަށް ނަގައިގެން، ކާބަފައިންގެ އަތުގައި ހުރި ބޭރުފައިސާ މާލެ އަރުވައިގެން މާލޭގައި ކުލީގެ ވިޔަފާރި ގާއިމުކުރިކުރުމުގެ ސަބަބުން އަދިއަދަށްވެސް އަހަރެމެން އުޅެން ޖެހިފައި މިއޮތީ އަޅުވެތިކަމުގެ ހާއްޔެއްގައެވެ. ތޭރިތަކެއް ނެތް، އުޑު ހާމައަށް ފެންނަ ޖަލެއްގައެވެ.

ހިޖުރަކުރުމުގެ ދެވަނަ ރާޅު އައީ 1972 ވަނަ އަހަރު ރާއްޖެއަށް ޓޫރިޒަމް އައުމާ ހަމައިންނެވެ. އޭރު މާލޭ ސަރުކާރުން އޮތީ ރާއްޖެތެރޭމީހުން ކުރަމުން އައި އިމްޕޯޓު އެކްސްޕޯޓު ވިޔަފާރި މަނާކޮށް ހުއްޓުވާފައެވެ. ދެން ހުޅުވީ ރިޒޯޓުތަކެވެ. ފުރަތަމަ ވެސް ރިޒޯޓުތައް ހެދީ މާލެ ކައިރީގައެވެ. އެތަންތާ މަސައްކަތްކުރަން ރާއްޖެތެރޭ މީހުން، ހާއްސަކޮށް އައްޑޫ މީހުންނަށް ފުރުސަތުލިބުނެވެ. އޭރު އިނގިރޭސި ލިތަން ކިޔަން އަދި އެބަހުން ވާހަކަދައްކަން އެނގޭ ގިނަ ބަޔަކު އައްޑޫ ހުވަދޫ ފުވައްމުލަކުން ފުރައިގެން ރިޒޯޓުތަކަށް ދިޔައެވެ. އެއަށްފަހު އެމީހުންގެ އާއިލާތައް މާލެ ބަދަލުކުރިއެވެ. މިއަދާއި ހަމައަށް މިއޮތީ މި އުސޫލެވެ. މަސައްކަތް ކުރަން ދާން އޮތީ ކޮންމެވެސް ރިޒޯޓެކެވެ. އާއިލާ މާލޭގައި ކުއްޔަށް ބައިތިއްބައިގެން ލިބޭހާ އާމްދަނީ މާލޭގަ އޮތް މަދުބައެއްގެ އިގްތިސާދަށް އެޅުން ނޫން ކަމެއް މިއަދުވެސް އާއްމު މީހާއަށް ނެތެވެ..

ރަށަށްދާށޭ ބުނެވޭނެތަ؟

މިއަދުވެސް ރާއްޖެތެރޭގައި ހިންގާ “މެގަ ޕްރޮޖެޓް” ތަކަކީ ޕާކު ހެދުމާއި މަގު ހެދުމެވެ. ފަޅު ކޮންނަނީ ފަޅު ކޮންނަ ކުންފުންޏަށްޓަކައެވެ. ބިން ހިއްކަނީ ބިން ހިއްކާ ކުންފުންޏަށް ޓަކައެވެ. ރައްޔިތުންނަށް ގޯއްޗެއް ނުދެއެވެ.  ވޭތުވެދިޔަ 10 އަހަރު ރަށްރަށުގައި ހިއްކި އެއްވެސް ބިމަކުން، މާލެ ފިޔަވައި ހިލޭ ގޯތި ދިންކަން އެގޭނެ ރަސްމީ ހިސާބެއް ނެތެވެ. އިގްތިސާދެއް ބިނާ ކުރާކަށް ފުރުސަތެއް ނުދެއެވެ. ތަރައްގީއޭ ކިޔާފައި ދައްކަނީ ޕާކުތަކެވެ. މަގުތަކެވެ. ރަށުގައި މަގެއް ނެތިގެން މާލެ ހިޖުރަކުރީ ކިތައް މީހުން ހެއްޔެވެ؟ ރަށުގައި ޕާކެއް ނެތިގެން މަގެއް ނެތިގެން މަސްތުވާން ފެށީ ކިތައް ޒުވާނުން ހެއްޔެވެ؟ އަހަރެމެންގެ ތެރޭގައި ހުރި ސީރިއަސް މައްސަލަތަކާއި މި ހިންގާ ޕްރޮޖެޓުތަކާއި ގުޅުމެއް ނެތީ ކީއްވެހެއްޔެވެ؟

ރައްޔިތުންގެ ފައިސާއިން ހުރިހާ ބޮޑެތި އިގްތިސާދީ މަސައްކަތްތައް ހިންގަނީ މާލެ ސަރަހައްދުގައެވެ. ސަރުކާރުގެ ވުޒާރާތަކާ ވަޒީފާ އޮތީ މާލޭގައެވެ. ރަށުގައި ތިބެގެން ގޭގައި މަސައްކަތްކުރުމުގައި ފުރުސަތު ދިނުމުގެ ވިސްނުމެއް ސަރުކާރުގެ އޮފީސްތަކުގެ ތެރެއަކު ނެތެވެ. ސަރުކާރުތަކުގެ ސިޔާސަތުތައް ހުރީ އަދިވެސް މާލެ ބޮޑުކޮށް މާލޭގަ އާބާދީ ގިނަ ކުރާށެވެ. ހަމައެކަނި މާލެ ސަރަހައްދުގައި 20 ބުރިއަށް ގެތައް ނަގަން ހުއްދަ ދިނުމަށްފަހު، ބޭންކުތަކުގައި އޮތްހާ ފައިސާއެއް ހުރީ މާލޭގެ ބިންވެރިން ކުލީގެ ވިޔަފާރިކުރަން ހަވާލުކޮށްފައެވެ. ޕަބްލިކް ހައުސިން އޮއްސަނީ މާލެއަށެވެ. ރާއްޖޭގައި ހަގީގަތުގައި އޮތީކީ ބޯހިޔާވަހިކަމުގެ މައްސަލައެއް ނޫނެވެ. އޮތީ ގެދޮރު ހުރިތަނުގައި ވަޒީފާ ނެތި ވަޒީފާ ހުރި ތަނުގައި ގެދޮރު ނެތި ރާއްޖެތެރޭ މީހުން ޑިސްޕްލޭސް ކުރުމުން ދިމާވި މައްސަލަތަކެވެ. ދައުލަތުގެ ހުރިހާ ވަޒީފާއެއްވެސް އަމިއްލަމީހުންގެ ހުރިހާ ވަޒީފާއެއްވެސް ހުރީ މާލޭ ސަރަހައްދުގައެވެ. ހުރިހާ ރައްޔިތުންގެ ޓެކްސް އަޅަން މަޖުބޫރުވަނީ މާލެއަށެވެ. ވީމާ، ރާއްޖެތެރޭ މީހުން ރަށަށްދާށޭ ބުނުމުގެ ކުރިން ދައްކަން ޖެހޭ އެހެންވާހަކަތައް އެބްހުއްޓެވެ. މިސާލަކަށް ސަރުކާރުގެ މިނިސްޓްރީތައް ރާއްޖެތެރެއަށް ބަދަލުކުރާ ވާހަކައެވެ. ސަރުކާރު ކުންފުނިތައް ރާއްޖެތެރެއަށް ބަދަލުކުރާ ވާހަކައެވެ. ބޭންކުތަކުން ހަމައެކަނި މާލޭގެ ކުލީގެ ވިޔަފާރިއަށް ހުރިހާ ފައިސާއެއް ދޭދިނުން ހުއްޓާލާ ވާހަކައެވެ. ވަޒީފާ އޭ އިގްތިސާދޭ ކިޔަމުން ފަޅު ގޮއްވައި ބިން ހިއްކަމުން ދިޔުމުގެ ބަދަލުގައި ރައްޔިތުންނަށް ރަށުގައި ދިރިއުޅުނަދިނުމުގެ އިހުލާސްތެރި ވިސްނުމެއް ފިކުރެއް ގަސްތެއް އޮތްނަމަ ކުރަންވީ ކަމަކީ މިއީއެވެ..

އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް ވަކިބަޔަކު މިލިޔަނަރުންނަށް.

މާލޭގެ ބިމާއި ގެދޮރުގެ މާކެޓު ނުވަތަ ރިއަލް އެސްޓޭޓު މާކެޓުގައި ގެދޮރާއި ބިން ގަނެވޭނެ މާލީ ފުދުންތެރިކަން ހުރީ މަދު ބައެއްގެ ކިބައިގައެވެ. އެއީ އެއްކަލަ ކުރިން ބުނި ނުހައްގު މަގުންނާއި ނެޕޮޓިޒަމްގެ ތެރެއިން އުފެދިގެން އައި މަދު މުއްސަދިންނެވެ. މިއަދު ތިބީ މާލޭ ބިންވެރިންނާއި މާލޭގެ ފަގީރުންނެވެ. މާލޭ މީހާއާއި ރާއްޖެތެރޭ މީހާގެ ބަދަލުގައި މިއަދު މިއޮތީ ދެ ފަންތިއެކެވެ. އެއީ ބިންވެރި ފަންތިއާއި ކުލިދައްކާ ފަންތިއެވެ. މިއަދު މާލޭގެ ގިނަ ބަޔެއްގެ ހާލަކީ ވެސް ނިކަމެތި ލަދުވެތި ފަގީރު ހާލަތެކެވެ..

ދަރަޖަތަކާއި ފަންތިތައް އުފެއްދީ ދައުލަތުންނެވެ. ސިޔާސަތުތަކުންނެވެ. ވީމާ މިވާހަތައް ދައްކާ ދެއްކުމަކީ ފިތުނައެއް ކަމަށް ނުބުނެވޭނެއެވެ. ހަގީގަތް ހާމަކުރުމަކީ ފިތުނައެއް ނޫނެވެ. ބައިބައިވުމެއް ނޫނެވެ. ބައިބައި ވުން އުފެއްދީ ސަރުކާރުތަކުގެ ސިޔާސަތުތަކުންނެވެ. ހުއްޓުވަންވީ އެ ސިޔާސަތުތަކެވެ. މިވާހަކަތަކެއް ނޫނެވެ..

ބިމަކީ އެންމެންގެ ހައްގެއް ކަމުގައި ވީ ހިނދު، ހުރިހާ ސަރުކާރުތަކަކުންވެސް ބޭނުންވަނީ ފައިސާވެރިންނަށް ބިން އަމިއްލަކޮށްދީގެން ސަރުކާރު ހިންގަން ފައިސާ ހޯދުމަށެވެ. މާލޭގެ ބިންވެރިންގެ ކުލީގެ ވިޔަފާރިއަށްޓަކައި ރާއްޖެގެ ރަށްރަށުގެ މީހުންގެ ހަޔާތް ގުރުބާން ކުރުން އަދިވެސް އޮތީ ކުރިއަށް ހެއްޔެވެ؟ ބިންވެރިންގެ ދަހިވެތިކަން ހައްދުފަހަނައަޅައި ގޮސް، ދައުލަތުގެ ހިންގުމުގެ ތެރެއަށް ވަދެ ސިޔާސަތުތަކަށް ބާރުފޯރުވައިގެން އަނެއްކާވެސް މާލޭ ސަރަހައްދުގެ ނުފޫޒުގަދަ މަދު ބަޔަކަށް ހިލޭ ބިންދޭން އުޅޭ އުޅުން ހުއްޓާލަން ޖެހެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މުއްސަނދިކަމުން މާލޭ ސަރަހައްދަށް އެކަނި އިޤްތިސާދީ ފޮނި މީރުކަން ލިބޭލިބުން ނިމުމަކަށް ގެންނާންޖެހެއެވެ. އިގްތިސާދީ މިނިވަންކަން އެންމެނަށް ލިބި ހިންދަމާލެވޭނީ އޭރުންނެވެ. .

ރިއެކްޝަންސް
5
5
2
30
4
1
7