ތަހުޒީބީ ތަރައްގީ އަކަށް ގަސް ކަނޑަން ނުޖެހޭނެ

9 އެޕްރީލް 2022 - 11:36

ތަހުޒީބަކީ އާއްމުގޮތެއްގައި ސިވިލް ނުވަތަ ޒަމާނީ ނުވަތަ ރަނގަޅު ރީތި ގޮތްތަކަށް ކިޔައި އުޅޭ ނަންއިތުރެކެވެ. ތަރައްގީއަކީ ކުރިއެރުމަށް ކިޔައި އުޅޭ ބަހެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނައިން އަޑު އިވެނީ “ތަރައްގީ” މި ލަފުޒު ބޭނުންކުރާ އަޑެވެ. ތަންތަން ތަރައްގީ ކުރާވާހަކައެވެ. ރަށްރަށް ތަރައްގީކުރާ ވާހަކައެވެ. މީހުން ތަރައްގީވާ ވާހަކައެވެ. މަގުތައް ތަރައްގީކުރާ ވާހަކައެވެ. ތަހުޒީބުގެ ވާހަކަ އަޑުއިވެނީ ވަރަށް މަދުންނެވެ.


ދުނިޔޭގެ ކުރިއަރާފައި ހުރި އަދި ކުރިއަރަމުން އަންނަ ގައުމުތަކުން އެގައުމުތައް ތަރައްގީކުރުމުގައި ތަހުޒީބީ ރަނގަޅު ނުވަތަ ޕްރޮގްރެސިވް ހަމަތައް ހިފަހައްޓަން ވަރަށް މަސައްކަތް ކުރެއެވެ. މިގޮތުން މިސާލަކަށް މަގު ތަރައްގީ ކުރާއިރު ވީހާވެސް ބޮޑަކަށް މަގުގައި ބިޔަ ގަސްތައް ބެހެއްޓޭތޯ ބަލައެވެ. ގަސް ހުރިނަމަ ނުކަނޑައިވޭތޯ ބަލައެވެ. ތާރު އެޅުމުގައި އަދި މަގުން ފެން ހިންދުމުގެ ނިޒާމު ހަދާއިރުވެސް އެރަށެއްގެ ފަސްގަނޑަށް އެންމެ ފައިދާ ހުރިގޮތް ހިޔާރުކުރެއެވެ. މިގޮތުން ރަށަށް ވެހޭ ވާރޭ ފެން ރަށުގެ ފަސްގަނޑުގައި ނުޖެހި އެކީ ކަނޑަށް ފޮނުވުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ވާރޭ ފެން ފަސްގަނޑަށް ލިބޭނެ ގޮތްތައް ބަލައެވެ. މިއީ އެންމެ މިސާލެކެވެ.
ދެން ރާއްޖެއަށް ބަލަމާ ހިނގާށެވެ. ރާއްޖޭގައި ތަރައްގީގެ ނަމުގައި ހިންގާ ވަރަށް ގިނަ ޕްރޮޖެކްޓުތަކަކީ ހިޔާ ދޭ ބިޔަ ބޮޑެތި ގަސްތައް މުލުން ލުއްސާލައިގެން ހިންގާ ޕްރޮޖެކްޓުތަކެވެ. މިސާލަކަށް ސ.މީދޫގެ މަގުތައް ބަލާލަމާ ހެއްޔެވެ. މިމަގަކީ މީގެ ކުރިން ބިޔަ ބޮޑެތި ގަސް ހުރި މަގެކެވެ. ނަމަވެސް މަގުހެދުމަށްޓަކައި އެރި ފޯރީގައި މިމަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި ހުރިހާ ބޮޑެތި ގަސްތައް ވަނީ ކަނޑާފައެވެ. މިމަގު މިއަދު މިއޮތީ ހަނަފަސް ސަހަރާއަކަށް ވެފައެވެ. ތާރުގަނޑާ އެކު އަރާ ހޫނުން ސަލާމަތްވާނެ އެއްގޮތެއްވެސް ނެތެވެ.


ސުވާލަކީ ގަސް ނުކަނޑައި ރާއްޖޭގެ ރަށްރަށުގެ މަގު ނުހެދެނީތޯއެވެ؟ ނޫނެކެވެ. މަގުގައި ތާރުއެޅިއަސް ގަސްތައް ނުކަނޑައި އެކަން ކުރެވޭނެއެވެ. ނަމަވެސް ކާރު ދުއްވާ މީހުންނާއި ޕިކަޕު ދުއްވާމީހުނަށް ދިމާވެދާނެ ކުޑަ ދަތިކަމަކަށްޓަކައި މުޅި ރަށުގެ ހިތްފަސޭހަ ކަމާއި ރިވެތިފެހިކަން ނަގާލުމަކީ މަދު ބައެއްގެ ބޭނުމަކަށްޓަކައި ގިނަ އެތައް ބައެއްގެ މުހިންމު ބޭނުމެއް ގުރުބާންކޮށްލުމެވެ.


މިފަދައިން ފެހިކަން ގެއްލުވާލާފައިވާ ރަށްތައް ވަރަށް ގިނައެވެ. ދ. ކުޑަހުވަދޫ އާއި ގދ. ތިނަދުއަށް ބަލާލުމުންވެސް ފެންނަނީ މިފަދަ ހިތްދަތި މަންޒަރެކެވެ. ރަށާއި ގާތްވާ އިރު ތިނަދޫގެ މަލަމަތިންވެސް ފެންނަނީ ކަޅު ރާތުގެ ކުލައެވެ. މިފަހުން ތަރައްގީގެ ނަމުގައި ހަލާކުކޮށްލި ހުރިހާ ރަށެއްކަހަލަ ގޮތަކަށް ހުރީ މިފަދައިންނެވެ. ތަހުޒީބީ ގޮތުގައި އެކަން ކޮށްފައެއް ނުވެއެވެ. ނަމަވެސް މިބނާ ފަނާކުރަނިވި “ތަރައްގީ” ނުގެންނަ ރަށްރަށުގެ އެތެރެއާއި މަގުތައް ނުހަނު ޗާލެވެ.


ދެން އޮތީ ރިޒޯޓުތައް ތަރައްގީކުރާ މީހުނަށް ރަށްރަށު ކައުންސިލުތަކުން ރުއްރުކާއި ގަސްތައް ވިއްކާ މައްސަލައެވެ. މިއީވެސް ފައިސާގެ ބޭނުމުގައި ކުރާ އަންއެތިކަލް ވިޔަފާރިއެކޭ ބުނެވިދާނެއެވެ. ގަސްތަކަކީ އެތަކެއް ދުވަހުން ބިޔަވާ އެއްޗަކަށް ވީ ހިނދު، ކައުންސިލަށް ފައިސާ ހޯދުމަށް ކުރެވޭނެ އެތައް ކަމެއް ހުއްޓައި ފަސޭހަ ގޮތަކީ ގަސް ވިއްކުން ކަމުން އެކަން ކޮށްލަނީއެވެ. މިއީ ތަހުޒީބީ އަމަލެއް ނޫނެވެ.


ތަރައްގީގެ ނަމުގައި ކަނޑުގެ ދިރުން މަރަމުން، އެއްގަމުގައި ހުރި ގަސްތަކާއި ހޭޅިފަށް މަރަމުން ދިޔުމަކީ އަމިއްލަ ނޭފަތް ބުރިކޮށްލައިގެން މޫނު އޮމާން ކުރުން ކަހަލަ ކަމެކެވެ. ތަހުޒީބީ ތަރައްގީ ކުރާނަމަ ރަށްތަކުގެ ނަލަ ކަން ނުގެއްލުނީހެވެ. ރަށްވަންތަކަންވެސް ނުގެއްލުނީހެވެ. މިއީ ކުރެވޭނެކަމެކެވެ. އަތަށް ފަސޭހަ އަވަސް ގޮތް ހިޔާރު ކުރާ ޑިވެލޮޕަރުންނާއި ދައުލަތުގެ މުއައްސަސާތަކުން މިއަށް ވުރެ ބޮޑަށް މިކަމުގައި ތަހުޒީބީ ގޮތް ހިޔާރުކުރަން އެބަޖެހެއެވެ.

ރިއެކްޝަންސް
3
5
2
9
1
1
0