ރިޕޯޓު: މާލެ ރައްޔިތުންނަށް މުހިންމީ ބޮޑު ލޯނުގައި ގަލޮޅު ދަނޑުތަ؟

10 އެޕްރީލް 2022 - 10:28

ގަލޮޅު ދަނޑު ތަޅާލުމަށް ފަހު އަލަށް ހެދުމަށް ނިންމާފައިވާ ސްޓޭޑިއަމްގެ ކުރެހުންތައް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވުމާ އެކު އެ ކުރެހުންތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ކުރެހުންތައް ވަރަށް ރީއްޗެވެ. ބަލާލަން ހިތްގައިމުވެފައި ތަރައްގީ ސިޓީއެއްގެ ކުލަވަރު ވެސް ފެނެއެވެ. ނަމަވެސް ކަންބޮޑުވުން އޮތީ އެ ފޮޓޯއާ އެކު އާންމު ނުކުރައްވާ މައުލޫމާތުތަކާ ގުޅިގެންނެވެ. އެވަރުގެ ސްޓޭޑިއަމެއް މާލޭގެ ކާރުބާރޫ ބޮޑު ސަރަހައްދެއްގައި ހެދުމަށް ނިންމުމާއި އެކަމަށް ދާނެ ހަރަދާ މެދުގައެވެ.

މިނިސްޓަރު މަހްލޫފް ކުރިން އާންމުކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު ގަލޮޅު ދަނޑު ތަޅާލައި ޒަމާނީ ސްޓޭޑިއަމެއް އެޅުމަށް ހިންގާ މަޝްރޫއަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަވާނެއެވެ. މި ކަމަށް ފަންޑްކުރަނީ އިންޑިއާ އިން ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ. މާނައަކީ އަނބުރާ ދައްކަންޖެހޭ ލޯނެއްގެ ގޮތުގައެވެ. ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އޮތީ އެހާ ބޮޑު ލޯނެއް ނަގައިގެން މާލޭގެ ރައްޔިތުން މި ވަގުތު ބޭނުމީ ކުޅިވަރުކުޅޭނެ ދަނޑެއް ކަމާ މެދުގައެވެ.

advertisement

މި ކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުތަކެއް ކުރައްވާފައެވެ. އެކަން ކުރަން ނިންމި އިރު “މާލޭ ރައްޔިތުން ކައިރީ، ހާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ އައްސަވާލެއްވިންތޯ؟” އާއި “ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވިންތޯ؟” ޑރ. މުއިއްޒު ސުވާލު ކުރެއްވިއެވެ. އެކަން ނުކޮށް “މަތިން ތިރިޔަށް ގެންނަ” ތަރައްގީއަކީ ރައްޔިތުންނާ ބީރައްޓެހި ނަހަމައެއް ކަމަށް ވެސް ޑރ. މުއިއްޒު ސިފަކުރައްވާފައި ވެއެވެ.

ގަލޮޅު ދަނޑު ނޫން ގޮތެއް ހޯދުމަށް މިދިޔަ ސަރުކާރުތަކުގައި ވެސް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ދަނޑު ބާވެ، ބޮޑު ބައެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ މަރާމާތުކުރެވޭތޯ ވެސް އެކި ފަހަރު މަތިން މަސައްކަތްކޮށްފައި ވެއެވެ. ސަޕޯޓަރުން ނުވަންނާތީ އާންމުކޮށް ފަޅަށް އޮތަސް، ގައުމީ ޓީމުގެ މެޗެއް ކުޅޭ ދުވަހެއް ނަމަ ދަނޑުގެ ހާލަތާ މެދު ވާހަކަ ދެކެވެއެވެ. އެކަށީގެންވާ އަދަދަށް ސަޕޯޓަރުންނަށް ނުވަދެވުމާއި ތަނުގެ ފެސިލިޓީތައް ނެތުމާއި ގައުމީ ޓީމު މެޗު ކުޅޭ ސްޓޭޑިއަމެއްގެ ހާލަތާ މެދު ބަހުސްތައް ކުރެވެއެވެ.

މި ބަހުސްގެ ތެރެއިން ދެތިން ކަމެއް ފާހަގަކޮށްލެވެއެވެ. އެއްބަޔަކު ދެކޭ ގޮތުގައި އަހަރަކު ތިން ހަތަރު މެޗެއް ފިޔަވައި ހުސްކޮށް ބޭއްވުމަށް 385 މިލިއަން ރުފިޔާ ހޭދަކުރުމުގެ މާނައެއް ނެތެވެ. އެއަށް ރައްދު ދޭ މީހުން ދެކޭ ގޮތުގައި އަހަރުގެ ބޮޑު ބައި ފަޅަށް އޮންނަންޖެހިފައި ވަނީ ފުޓުބޯޅައިގެ ފޯރި އިތުރުކުރުމަށް ފުޓުބޯޅައާ ގުޅުންހުރި އިދާރާތައް ފެއިލްވެފައި ވުމުންނެވެ. އެހެން ނޫން ނަމަ އެތަން ފަޅަކަށް ނޯންނާނެއެވެ. އަނެއްކޮޅުން އެފަދަ ސްޓޭޑިއަމެއްގެ ބޭނުމަކީ ކުޅޭ ކޮންމެ މެޗެއްގައި ސަޕޯޓަރުން ވަދެ ފުރައިލުމެއް ވެސް ނޫނެވެ. އެތަނުގައި ގާއިމުކުރެވޭ އެހެން ވަސީލަތްތަކާ އެކު މިހާރަށް ވުރެ ބޮޑަށް ސްޓޭޑިއަމްގެ ބޭނުން ހިފޭނެއެވެ. އަދި ދަނޑާއެކު ހަދާ އިމާރާތުގެ އެހީގައި ކްލަބްތަކަށް ވެސް އިތުރު ކަންތައްތައް ކޮށްދެވޭނެ މަގު ހުޅުވިގެން ދާނެއެވެ. އެހެންކަމުން އެއީ ހަމައެކަނި ދެތިން މެޗެއްގައި ދަނޑުފުރާލަން ހަދާ ސްޓޭޑިއަމެއްގެ ބަދަލުގައި ކުޅިވަރު ތަރައްގީކުރުމަށް ބޭނުންތެރިކަމެއްގެ ގޮތުގައި ދެކޭ މީހުން މަދެއް ނޫނެވެ. ނަމަވެސް ސުވާލަކީ އެވަރުގެ ލޯނެއް ނަގަގެން ދެކޮޅު ޖެއްސިދާނެތޯއެވެ؟

މީގެ ކުރިން ގަތަރު ސަރުކާރުން ވެސް ވަނީ ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ސްޓޭޑިއަމެއް އަޅައިދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ކުރީގެ ސަރުކާރުން ގަތަރާ އެކު އޮތް ގުޅުން ކަނޑައިލުމާ އެކު އެ މަޝްރޫއު އޮބުނީއެވެ. އެ ދަނޑު އެޅުމަށް އޭރު ނިންމީ ހުޅުމާލޭގައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ހުޅުމާލެ ފަދަ ބިން އޮތްތަނެއްގައި އެ ފެންވަރުގެ ދަނޑެއް ހާއްސަކޮށް ހިލޭ އެހީގައި އެޅުމަކީ ލިބޭ ނިއުމަތެކެވެ. ނަމަވެސް އެކި ސަބަބުތަކާ އެކު އެކަން ކުރިއަށްދާ ގޮތެއް ނުވިއެވެ. މި ސަރުކާރުން އެހެން ގޮތެއް ހޯދަނީ އެހެންވެގެން ކަމަށް ބެލެވެއެވެ.

އެއް ބައެއްގެ ކަންބޮޑުވުން އޮތީ މާލޭގެ ކާރުބާރޫ ބޮޑު ސަރަހައްދެއްގައި އެވަރުގެ ބިނާއެއް ހެދުމާ މެދުއެވެ. މިހާރު ވެސް ގައުމީ ޓީމު މެޗެއް ކުޅޭ ނަމަ މުޅި ސަރަހައްދު ބަންދުކޮށް މާލޭގެ ޓެރެފިކް ތޮއްޖެހެއެވެ. އެހެންކަމުން އެވަރުގެ ސްޓޭޑިއަމެއް އެޅުމުންނާއި އަދި މިހާރު ވެސް އިތުރުވަމުންދާ ވެހިކަލްތަކުގެ ސަބަބުން އިތުރު އުނދަގޫތަކެއް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިތުރުން މާލޭގެ ޓްރެފިކަށް ކުރިމަތިވާނެއެވެ. އެހެންކަމުން ގަލޮޅު ދަނޑު ސަރަހައްދު ހުސްކޮށް އެ ސަރަހައްދުގައި ޖާގަ ތަނަވަސްވާނެ ގޮތަކަށް ޑިޒައިންކުރުން މާ ރަނގަޅު ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އަދި އޭގެ ބަދަލުގައި ބިން އޮތްތަނެއްގައި ސްޓޭޑިއަމް އެޅުން ވެސް މާރަނގަޅެވެ.

ދެން އޮތް ކަންބޮޑުވުމަކީ އެހާ ބޮޑު ލޯނެއް ނަގައިގެން އެކަން ކުރުމެވެ. މީގެ ކުރިން ވެސް ގަތަރު އެކަން ކޮށްދިން ގޮތަށް އެފަދަ ކަމެއް ކޮށްދޭނެ ބަޔަކު ނުވާނެ ހެއްޔެވެ؟ ނުވަތަ ގަތަރުގެ ސްޓޭޑިއަމް ކުރިއަށް ގެންދެވޭނެ މަގެއް މި ސަރުކާރަށާއި މިނިސްޓަރު މަހްލޫފަށް ހަމަ ނުހޯއްދެވުނީ ހެއްޔެވެ؟

އަނެއް ކަންބޮޑުވުން ގޮސް ގުޅެނީ މާލޭ ރައްޔިތުންނާއެވެ. ސްޓޭޑިއަމަކީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޓަކައި އަޅައިދޭ ތަނަކަށް ނުވިޔަސް އަދި އެއީ ގައުމީ ޓީމަށާއި މުޅި ރާއްޖޭގެ ކުޅިވަރުގެ މަންފާއަށް ކުރާ ކަމެއް ނަމަވެސް އެތަން ހަދަނީ މާލޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ސަރަހައްދުގައެވެ. އަދި އެވަރުގެ ބޮޑު ލޯނެއް ނަގައިގެން ކުރަންވީ ކަމަކީ އެއީތޯ ސުވާލުކުރެވޭ މައިގަނޑު ސަބަބަކީ ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ އެތައް ރައްޔިތުނެއް މާލޭގައި ދިރިއުޅުމެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ސްޓޭޑިއަމެއް އެޅުމުގެ ބަދަލުގައި ގަލޮޅު ދަނޑު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތް އެތައް ރައްޔިތުންނަކަށް އެ ފައިސާ އިން ބޯހިޔާވަހިކަން ހޯދައިނުދެވޭނެ ހެއްޔެވެ؟ ގަލޮޅު ސްޓޭޑިއަމް ހުރި ސަރަހައްދުގައި ހިތްގައިމު ފެލެޓް އިމާރާތެއް ނޭޅޭނެ ހެއްޔެވެ؟ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ވެސް ބިނާވެފައި ވަނީ އެކަމުގެ މައްޗަށެވެ. މާލޭގެ ރައްޔިތުން ބޭނުންވަނީ ތިން ހަތަރު މެޗެއްގައި ނޫނީ ރަނގަޅަށް ބޭނުން ނުހިފޭ ތަނެއް ހެދުމަށް 385 މިލިއަން ރުފިޔާ ހޭދަކުރަން ހެއްޔެވެ؟ ނޫނީ ތޮއްޖެހިފައި މިވާ މާލޭގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ޕާކިންގެ މައްސަލަ އާއި ހިތްހަމަޖައްސާލަން ނުކުންނާނެ ޕާކެއް ފަދަ ހުސް ބިމެއް ނެތުން ފަދަ މައްސަލަތައް ހައްލުކުރުން އެއަށް ވުރެ މާ ރަނގަޅު ނޫން ހެއްޔެވެ؟

ރިއެކްޝަންސް
1
4
1
0
0
0
2