ވަޒީފާގެ މާހައުލާއި ޖިންސީ ފުރައްސާރަ

10 އެޕްރީލް 2022 - 14:06

އަބަދުވެސް އޮފީސް މާހައުުލުގައި ޖިންސީ ފުރައްސާރަކުރާ ވާހަކަ އަޑުއިވެއެވެ. މިފަދަ ވާހަކަ ދޭތެރެ ދޭތެރެއިން ނޫސްތަކުންނާއި ޝޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެނެއެވެ. އޮފީހުގައި ވިޔަސް އޮފީހުން ބޭރުން ވިއަސް ދެމީހަކު ބައްދަލުވެ ގާތްވެ ލޯބީގެ ގުޅުން ފެށުމަކީ އެހެން ބަޔަކާ ބެހޭ ކަމެއް ނޫނެވެ. އެކި މީހުން ދިމާވާނީ އެކިތަންތަނުންނެވެ. ސޯޝަލް މީޑިއާ އައުމުގެ ކުރިން މީހުން އާއްމުކޮށް ބައްދަލުވެ ލޯބީގެ ގުޅުން ފެށެނީ އޮފީސް ތެރެއިންނާއި، ކާނިވަލް ތަކުންނާއި، ޝޯތަކާއި، އެކުވެރި ދަންނަ ރަހުމަތްތެރިންގެ ފުށުންނެވެ. ދައްކަން މިއުޅެނީ މިވާހަކައެއް ނޫނެވެ. އަހަރެން ދައްކަން މިއުޅެނީ އޮފީސްތަކުގެ ބާރުގަދަ މަގާމު ބޭނުންކޮށްގެން އަންހެނުންނާއި ފިރިހެނުންނަށް ޖިންސީ ފުރައްސާރަކުރާ ބައެއް މީހުންގެ ވާހަކައެވެ.


މައްސަލައަކީ ކޮބާ؟


ތަގައްޔަރުވެފައިވަނީ ހަމައެކަނި ވަޒީފާގެ މާހައުލެއް ނޫނެވެ. ވަޒީފާގެ މާކެޓު ވެސްމެއެވެ. ވަޒީފާއަށް ޝަރުތު ހަމަކުރުމާއި، ޝޯޓްލިސްޓު ކުރުމާއި، އިންޓަވިއުއިން ރަނގަޅު މާކްސް ދިނުމާއި ހަމައަށްވެސް އޮތީ ނުފޫޒާއި ބާރުގެ ނުފެންނަ އަތެވެ. އޮފީހަކަށް ގޮސް މޭޒުދޮށުގައި އިށީނދެވެން އޮތީވެސް ބާރުގަދަ މީހަކަށް ތިމާގެ “ވޯތް” ދައްކައިދީގެންނެވެ. ދެން އެއަށް ފަހު އޮންނާނީ ވަޒީފާގައި ދެމިހުރުމަށް ބޭނުންނަމަ ކުރަންޖެހޭ ކަންކަމެވެ. މިއީ ދައްކަން ކިތަންމެ އުނދަގުލަސް ކަން ހިނގާ ގޮތެވެ. ހާއްސަކޮށް އަންހެނުންނަށް މި އުނދަގޫ ކުރިމަތިވެފައިވާލެއް ބޮނޑެވެ.

advertisement


މައްސަލައަކީ އެއްކޮޅުން ވަލްނަރަބަލް ނުވަތަ ބާރެއް ނެތް މީހަކާއި އަނެއްކޮޅުން ބާރުގަދަ މީހެއްގެ މި ކުރިމަތިލުމެވެ. ޝަރުތު ހަމަވާ ވަޒީފާއެއްވިއަސް ތިމާ ކަޓުވާލާފައި އެހެން މީހަކަށް އެވަޒީފާ ދިނުމުގެ ފުރުސަތު ބޮޑު ކަމުން، ކިޔަވައިގެން ހުންނަ ގާބިލު މީހާވެސް ޖެހެނީ ބާރުގަދަ ބޮސްއާއި ގުޅޭތޯ ބަލާށެވެ. ނުވަތަ ބޮސް ދަންނަ ގާތް މީހަކު މެދުވެރިކޮށް ގުޅާށެވެ. އިންސާފުވެރި އިންޓަވިއު ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާއަށް ހޮވުމަކީ ނާދިރު ކަމެކެވެ. ރައްޔިތުންގެ މަޖިލީހުން އިންޓަވިއުކޮށް ޕޮއިންޓް ދޭ ވަޒީފާތަކަށް މީހުން ހޮވުމުގައި ކަނޑައެޅިގެން ފެންނަ ގޮތަށް ބޭއިންސާފުން މީހުން ކަޓުވާލާފައި އެބަހުއްޓެވެ. މިވާހަކަތައް ނޫސްތަކުންވެސް ފެނުނެވެ. މިނިވަން މުވައްސަސާތަކުގެ މަތީ މަގާމުތަކަށް ކުރިމަތިލައި ގިނަ ޕޮއިންޓު ލިބުނު ކިތަންމެ ބައެއްގެ ބޯމަތިން ގޮސް ދަށުން މާކްސް ލިބުނު މީހުން ވަޒީފާގައި އެބަތިއްބެވެ. މިދައްކަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ބާރުއޮތްކަމަށް ކިޔާ މަޖިލީހުން ކަންކުރާ ގޮތުގެ ވާހަކައެވެ. ބާކީހުރި އިދާރާތަކުން ކަންކުރާނެ ނާއިންސާފުވެރި ގޮތުގެ ވާހަކަ އޮތީ ހިތަށް އަރުވާލުމެވެ. އެކުގައި ކޮފީއަށް ދާން ދައުވަތު ދިނުމާއި، އެކުގައި ބޭރުގައުމުތަކަށް ދާން އެއްބަސްތޯ ބެލުމާއި، މީހަކާ އިނދެގެން ދަރިން ތިބިތޯ ބެލުންފަދަ ކަންކަމަކީ ވަޒީފާއަކަށް މީހަކު ހޮވުމުގެ ކުރިން ގޮތެއްފޮތެއް ނެތް “ބޮހުން” ބަލާ އޮޅުންފިލުވާ ކަންކަމެވެ. ވަޒީފާގެ ޒިންމާތަކުގެ ވާހަކައަށް ވުރެ ބޮޑަށް ބަލަނީ މިފަދަ ފްލެކްސިބިލިޓީ ހުރި މީހާ އަކީ ކޮބައިތޯއެވެ. މިދެއްކީ އިންޓަވިއު ޕްރޮސެސްގައި ހިންގާ ނުހައްގުކަންކަމުގެ ވާހަކައެވެ. ވަޒީފާ އަކީ ރޭހެކެވެ. ރަނގަޅަށް އުގެނި ތަޖުރިބާ ހުރި ނަޒާހާތްތެރިންގެ ރޭހެކެވެ. ނަމަވެސް މިމުޖުތަމައުގައި މިރޭހަކީ ގާތްމީހުންނާއި ބާރުގަދަ މީހުންނާ ގާތްގުޅުން އޮންނަ މީހުންގެ ރޭހެކެވެ. ކިޔަވައި ނިމިގެން ވަޒީފާ ހޯދަން މަސައްކަތްކުރާ އެތަކެއް ޒުވާނުން ކިޔެވުމުގެ ބޭނުމެއް ނެތެއް ނޫންހޭ ބުނަނީ މިހެންވެގެންނެވެ.


ދެން އޮތީ ވަޒީފާ ލިބުމަށްފަހު ވަޒީފާގައި ދެމިހުރުމަށްޓަކައި މީހުން ކުރިމަތިލާން ޖެހޭ ކަންތައްތަކުގެ ވާހަކައެވެ. މިކަހަލަ މަސައްކަތުގެ މާހައުލު އޮންނަ އޮފީސްތަކުގައި ތާށިވެފައި ތިބި އެތައް އަންހެނުންނެއް އެބަތިއްބެވެ. ތިމާގެ މައްޗަށް ހުންނަ މޭނެޖަރު ނުވަތަ ތިމާގެ ވަޒީފާ ގެއްލުވާލުމުގެ ބާރު އޮތް މީހަކު ކޮފީއަށް ދާން ދައުވަތު ދިނުމުން ނުވަތަ ގެއަށް އައުމަށް ދައުވަތު ދިނުމުން ބުނަންވީ އާނއެކޭ ތޯ ނޫންތޯ ވިސްނާލަން ޖެހެއެވެ. ނޫނެކޭ ބުނެފި ނަމަ އޭނަ އޮފެންޑުވެ ރުޅި އައިސްދާނެ ބާއެވެ؟ ނުވަތަ ވަޒީފާ އިން ކަނޑާލަފާނެބާއެވެ؟ މިއީ ރާއްޖޭގެ އޮފީސްތަކުން ކޮށްފައި ހުރި ކަންކަމެވެ. ބޮސް ނުރުއްސަވާ ގޮތަކަށް އޭނާގެ ހުށައެޅުމަކަށް ޖަވާބުދީފިނަމަ މާ ގިނަ މަސްތަކެއް ނުވެ ވަޒީފާ ރިޑަންޑަންޓް ކުރުމާ، ވަޒީފާގައި އުޅެން ދަތިވާ ވަރަށް މަސައްކަތް ހަވާލުކޮށް މީހާ ފެއިލް ކޮށްލަން އުޅުންފަދަ ކަންކަން ކުރުމަކީ އާއްމުކަމެކެވެ. އޮފީސްތަކުގެ ވެރިން އެމީހުންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ގެއަށް ގެންދެއެވެ. ސެކްޝުއަލް ފޭވާސް ޖިންސީ އެދުން ފާޅުކުރެއެވެ. ދާން ނުޖެހޭ ދަތުރުތައް އެކުގައި ދާން އެދެއެވެ. މިއީ ހައްތަހާވެސް ވަޒީފާގެ ބިރު ދެއްކުމުގެ އަމަލުތަކެވެ. ބިރަކީ ހަމައެކަނި ބޮލުގައި ބަޑިޖައްސައިގެން ނުވަތަ އަނގަބަހުން ބުނެލާ ބަހަކުން ދެއްކޭ އެއްޗެއް ނޫނެވެ. މިފަދަ އަމަލުތަކަކީ ނުސީދާ ގޮތުން ދައްކާ ބިރެވެ. މިބިރުގެ ސަބަބުން އެފަދަ “ބޮހުން” ގެ ކައިރީ ކުޑަވާން މަޖުބޫރު ވާ މީހުން ގިނައެވެ. ހާއްސަކޮށް އަންހެނުންނެވެ. އެއީ ކޮންސެންޝުއަލް ގުޅުމެއް ނުވަތަ އެއްބަސްވެގެން ހިންގާ ގުޅުމެއް ކަމަކަށް ނުބުނެވޭނެއެވެ. ކަނޑައެޅިގެން ދެކޮޅު ނުހެދި ކަމުގައި ވިއަސް އެފަދަ ކަންކަމުގެ ތެރޭގައި ބަންދުވެފައިވާ މަސައްކަތްތެރި އަންހެނުންނާއި ފިރިހެނުން ތިބެނީ ބިރުންނެވެ. ނަފްސާނީގޮތުން ބަލިވެ މާޔޫސްވެފައެވެ. ވަޒީފާ ހޯދަން އުނދަގޫ މި މުޖުތަމައުގައި އުނދަގުލުން ލިބޭ ވަޒީފާގައި ދެމިހުރުމަކީ ދިރިހުރުމަށް މުހިންމު ކަމެއް ކަމަށްވާތީއެވެ. ނަމަވެސް ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް މިފަދަ ވާހަކަ ފަޅާއަރުވާލައި، އޮފީސްތަކުން ނިކުންނަ މީހުންވެސް ތިބެއެވެ. އެ ހިތްވަރު ނުހުންނަ، އެހެންގޮތެއް ނެތް މީހުން ތިބެނީ އެފަދަ އަނިޔާވެރި ބޮހުންގެ މުށުތެރޭގައެވެ. މިއީ ނުދައްކާ ވާހަކައެވެ. ސިއްރުން ކުރިމަތިލާ ޓްރޯމާއެވެ. މީހުންކައިރީ ކިޔައިދޭން ލަދުގަންނަ ވާހަކަތަކެވެ.


މިފަދަ ވާހަކަތައް ފަޅާއަރުވައިފި ނަމަ އެހިސާބުން ނުނިމެއެވެ. އެފަދަ މީހުންގެ ފަރާތުން ބަދަލުހިފުމުގެ އަމަލުތައް ފެނެއެވެ. ރިފަރަލް ލެޓަރ ނުދިނުމާއި، ލެޓަރ ދިނަސްވެސް އެމުވައްޒަފަކަށް އެހެން ވަޒީފާއެއް ހޯދުން ދަތިވާގޮތަށް އަމަލުކުރެއެވެ. މިސާލަކަށް ރިފަރެންސް ހޯދަން ގުޅުމުން އެއީ ވަރަށް އެޓިޓިއުޑް ގޯސް މީހެއް ކަމަށް ބުނެއެވެ. މިއީ ޒުވާން ކުދިންނަށް ގިނައިން ދިމާވާ މައްސަލައެކެވެ. މިކަން އާއްމުވަނީ ވަޒީފާދޭ ފަރާތް ބާރުގަދަވެ ވަޒީފާގެ މާހައުލުގައި މަސައްކަތްތެރިން މާބޮޑަށް ނިކަމެތިވާތީއެވެ. މައްސަލަ ހިފައިގެން ޓްރައިބިއުނަލް އަށް ގޮސް ބާރުގަދަ ކުންފުނިތަކާ ދެކޮޅަށް މަސައްކަތްކުރާނެ ހިތްވަރު ނުހުންނަނީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އެކަމަށް ތަން ނުދޭތީއެވެ. ވަޒީފާއާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ޓްރައިނިއުނަލް އަކުން އެކަނި މިފަދަ ކަންކަން ހައްލުނުކުރެވޭނެއެވެ. ވަޒީފާގެ މާހައުލުގައި މަސައްކަތްތެރިން ހިމޭނުން ތަހައްމަލުކުރާ މިފަދަ އަނިޔާވެރިކަން ހުއްޓުވޭނީ މީހުން ބާރުވެރިވެގެންނެވެ. ވަޒީފާގެ ބާޒާރުގައި އޮތް ކޮރަޕްޝަން ނައްތާލެވިގެންނެވެ. މި ބާޒާރުގައި ވަޒީފާދޭމީހާ އެތައް ގުނައަކަށް ބާރުގަދަވެގެން އުޅޭ އުޅުން ކުޑަކުރެވޭނީ މިފަދަ މައްސަލަތަކަށް އިސްކަންދޭ ތަރުތީބު މަތިކޮށްގެންނެވެ. އެހެން ނޫންނަމަ މިގައުމުގެ ވަޒީފާގެ ބާޒާރުގައި ތިބޭނީ ނުހައްގުން ލިބޭ ފުރައްސާރައާއި އަނިޔާ އަށް ހުށައެޅިފައިވާ މަސައްކަތްތެރި އަންހެނުންނެވެ. އެވާހަކަ ދައްކާނެ ބަޔަކު ނުތިބޭނެއެވެ. އަޑު ނީވެންޏާ އެއީ ނުހިނގާ ކަމަކަށް ހަދައިގެން ތިބެވިދާނެއެވެ. އެކަމަކު އެއިން ކޮންމެ އަންހެނަކީ ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެމައްސަލަތަކުގެ ނަފްސާނީ ގެއްލުމާ ކުރިމަތިލާނެ މީހެކެވެ. މަސައްކަތްތެރިން އެކުގައި މިއަޑުވެސް އިއްވަން ޖެހެނީ މިހެންވެއެވެ. ބިރުގަތަސް މިފަދަ މީހުން ބޭޒާރުކުރަން ވީ މިހެންވެއެވެ.

ރިއެކްޝަންސް
1
2
0
9
0
1
0