ބިރުގަންނަހާ ބާރު މިނުގައި އުފެދެމުން އަންނަ ކުނިފަރުބަދަތައް

11 އެޕްރީލް 2022 - 13:31

ދެދުވަހެއްވަރު ކުރިން ފާހަގަކުރެވުނު ދުނިޔޭގެ ސިއްޙަތު ދުވަހާއި ދިމާކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވުނު ޕެނަލް ޑިސްކަޝަންތަކާއި ފަންނީ މާހިރުންގެ ބައްދަލުވުންތަކުގައި ތިމާވެއްޓާއި ކުނީގެ ވާހަކަ އަޑުގަދަކޮށް ދެކެވުނެވެ. ދިވެހިރާއްޖޭގައިވެސް އެކިއެކި މަންސާތަކުގައި މިވާހަކަ ދައްކާ މީހުންނާއި ދެކެވޭ މިންވަރު މަދެއް ނޫނެވެ. ކުނި މެނޭޖް ނުކުރެވި ކުނި ގިނަވާ ވާހަކައާއި މިމައްސަލަ ދިވެހިރާއްޖެއަށް ބޮޑުވެފައިވާ މިންވަރު ސާފުކޮށް ފެންނަން އޮތީއެވެ. ދުވަސްކޮޅަކުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ ރީތި ޗާލު ފަރުތަކުގެ ފުރިހަމަކަން ދިވެހީންނަށްވެސް ފެންނާނީ ތާރީޚަށްޓަކައި ތަނެއްގައި ރައްކާކުރެވިފައިވާ ކޮންމެވެސް ފޮޓޯއަކުން އެކަނިތާއެވެ. ތަފާސް ހިސާބުގެ ބޭނުމުގައި މުޅި ރާއްޖެ ހިމެނޭހެން ކުނީގެ ތަފާސް ހިސާބު ބެލެހެއްޓޭ ތަނެއް ނުފެނެއެވެ. މާލޭގައި އެކިއެކި ފަރާތްތަކުން އެއްކުރާ މަޢުލޫމާތު ފިޔަވާ ކުޑަ ނަމަވެސް ސައްޙަ މަޢުލޫމާތެއް ކަމާއި ގުޅޭގޮތުން ލިބޭކަށް ނެތެވެ. ގޮންޖެހުމަކާއި ކުރިމަތިލައި ކަމެއް ހައްލު ކުރެވޭނީވެސް އޭގެ ހަޤީޤި މަންޒަރު ފެނިގެންތާއެވެ. ކޮންމެއަކަސް ވަރަށް ގިނަފަހަރު ކުނި މެނޭޖްކުރުމާއި ތިމާވެއްޓާއި ގުޅޭގޮތުން ދައްކާ ވާހަކައަކީ ހަމައެކަނި ވާހަކައަކަށް އޮންނަނީވެފައެވެ.

ދިވެހި ތާރީހުގައި ކުނި މެނޭޖްކުރުމަށް ދެކެވުނު އެތަކެއް ވާހަކައެއް

2016 ވަނަ އަހަރުގެ ސާފުރާއްޖެ ޤައުމީ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވި ވާހަކައެއްގެ ޒިކުރާ އާކޮށްލަމާ ހިނގާށެވެ. މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރަން 100 މިލިޔަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ކަމަށާއި އެޕްރޮޖެކްޓްގެ ދަށުން ތިލަފުށީގެ މަސައްކަތް 2018 ގެ ނިމޭނެކަމުގެ ޔަޤީންކަންވެސް މުނައްވަރު އެދުވަހު ދެއްވިއެވެ. އެމަހާސިންތާގައި އެކި ލެވެލްގެ ސްޓޭކްހޯލްޑަރުން ތަމްޞީލްކުރައްވާ 260 އަށްވުރެ ގިނަ ބޭފުޅުންގެ ކުރިމަތީގައި އޭރުގެ އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެފައިވަނީ 2018 އަންނަން ވާއިރަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކަށް ބޭނުންވާ މިންވަރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކުރާނެ ކަމަށެވެ. ހަމައެކަނި ދައްކާލެވުނު ވާހަކައެއް އެހެން ނޫންތޯއެވެ؟ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޚިދުމަތްތަށް ރަނގަޅު ފެންވަރެއްގައި ފަށައިގަތުން ފިޔަވައި އެދައުރުގައިވެސް ކުނީގެ މައްސަލަ ހައްލުކުރަން ކުރެވުނު ކަމެއް ނެތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

advertisement
ބ. މާޅޮހުގައި ކުނި މެނޭޖްކުރުން

      18 މާރޗް 2019 އިގައި އޭރުގެ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ދެކުނު ކޮރެއާގެ ކުންފުންޏަކާއިއެކު “ވޭސްޓް ޓު އެނާޖީ’ ކިޔާ އުންމީދީ ޕްރޮޖެކްޓެއްގައި ސޮއިކުރެއްވިއެވެ. 16 މިލިޔަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓަށް ފަންޑުކުރަން ހަމަޖެއްސެވީ ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހިމެނޭ ގްރީން ފަންޑުން ހިންގޭ އެފަދަ ފުރަތަމަ މަޝްރޫޢުގެ ގޮތުގައި އެފަންޑުންނެވެ. ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ އައްޑޫ އާއި ފުވައްމުލައް ހިމެނޭގޮތަށް އެދެސިޓިގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި އަންދައިގެން ހަކަތަ އުފެއްދުމެވެ. 18 މަސްދުވަހުން ނިންމައި 2021 ވަނަ އަހަރު ޚިދުމަތްދޭނެކަމަށް ބުނި އެމަޝްރޫޢުގެ ވާހަކައެއްވެސް އަދި އެކަމާއި ގުޅިގެން ހިނގާ ކަމެއްވެސް މިހާރު ފެންނާކަށް ނެތެވެ. ހަމަމިގޮތަށް ‘ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ’ ގެ ނަމުގައި އިފްތިތާޙް ކުރެވުނު 304 މިލިޔަން ޑޮލަރުގެ މަޝްރޫޢުގެ ވާހަކަ މިތާނގައި ބަޔާންކުރަންވެސް ނެތީމެވެ. ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން އަޑަށް ބާރުލާފައި ކޮވިޑްގެ ޢާލަމީ ވަބާގައިވެސް މަޝްރޫޢުތައް ނުހުއްޓި ކުރިއަށް ދާ ވާހަކަ ދެއްކިޔަސް މިބިޔަ ބޮޑު މަޝްރޫޢުތަކުގެ އަދާހަމަ ޢާންމު ނުކުރަނީސް ބުނެވޭނީ އެއީވެސް ދައްކާލި ވާހަކައަކަށް ބަލަންޖެހޭ ވާހަކައެވެ.

އަދިއަދަށް ދާންދެންވެސް ހައްލެއް ނުލިބިފައި

      2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އުފައްދާ ހަކަތައިގެ 70 އިންސައްތައަކީ ‘ސާފު ހަކަތައަށް’ ހެދުމަށް އެކުލަވާލެވުނު މަގު ޗާޓު އޮތީއޮތްތާނގައެވެ. ރައީސް މައުމޫނުގެ ޒައާމަތުގައިވެސް ބޭރުގެ އެކި ފަރާތްތަކުން ތިމާވެއްޓާއި ގުޅޭ އެކިއެކި ކަންކަމަށް ދެއްވި އެހީތަކާއި ތިމާވެއްޓޭ ކިޔައިގެން ހޯއްދެވި އެހީތަކަށް ވީގޮތުގެ ވާހަކަވެސް ތުންތުންމަތިން ދައްކާތީ އިވެއެވެ. ތިމާވެށީގެ ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔެ ބަލައިގަތް ރައީސް މުޙައްމަދު ނަޝީދުގެ އެމް.ޑީ.ޕީ އަކީ މިހާރު ދިވެހިރާއްޖޭގެ ވެރިކަންކުރާ ޕާޓީއެވެ. ކުދިކުދި ބައެއް ނިންމުންތައް ނުނިންމަވާ ވާހަކައެއް ނުބުނަމެވެ. ދަރީންގެ ދަރިންނޭ ކިޔައިގެން ޝިޢާރުތައް ހަދައި ފާޅުކުރި ޝުޢޫރުތަކުން ހަޤީޤަތުގައިވެސް ދަރީންގެ ދަރީންނާ ހަމައަށް ދެމެހެއްޓެނިވި ގޮތެއްގައި ނިންމުނު އެއްވެސް ނިންމުމެއް، ހޯދައިދެވުނު އެއްވެސް ހައްލެއް އެބައޮތް ހެއްޔެވެ؟

      ދިވެހިރާއްޖޭގައި މިހާތަނަށް ވެރިކަންކުރާ އެއްވެސް ފަރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަސައްކަތްކުރައްވާކަމަށް ޤަބޫލެއް ނުކުރެވެއެވެ. ގްރީން އެނާޖީ ޕްރޮޖެކްޓެއްގެ ދަށުން ވެމްކޯ އުފައްދައި ކުނި އުފުލަން އެތަނަށް ގެނައީ ހެސްކިޔާފައި ދުން ބޭރުކުރާ އުޅަނދެވެ. މަގުމަތީގައި ދުވަނީ ކުނިވަހެވެ. ރަށްރަށުގެ ކުނި ފަރުބަދަތައް ވެމްކޯ ގޮނޑުތަކުގައި އެހެރަ އަންނަނީ ފުޅާވެ ބޮޑުވަމުންނެވެ. އަވަސް އަރުވާލައިގެން ކަނޑައަޅާ ޕޮލިސީތަކާއި ކުރުމުއްދަތެއްގައި އެކުވެރީންނާއި ގާތްމީހުންގެ ޖީބު ބޮޑުކޮށްދޭން ނިންމާ ނިންމުންތަކުން ރައްޔިތުންނަށް ވާ ގެއްލުމާއި ޖެހޭ އުނދަގޫ މާބޮޑެވެ. ގޮނޑުތަކުން ޕްލާސްޓިކު ކުނި އަންދަމުން މީހުން އެ ނުސާފު ކެމިކަލް ޖައްވަށް ނޭވާލަމުން ދާއިރު މިކަން އެނގޭ ދަނެހުރި މުވައްސަސާހެއް ސިއްހީ މާހިރެއް ނެތެވެ. ދައުލަތުން ހަދާ ސިޔާސަތުތައް ދެމި އޮންނަނީ ސިޔާސަތެއް ކަނޑައަޅާ މީހާ ބާރުގައި ހުންނަ ވަގުތުކޮޅަށް އެކަންޏެވެ. ވެރިކަން ބަދަލުވުމާއި އެކު ކުރީގެ ދައުރުގެ ސިޔާސަތުތައް ބޮލާލާއި ޖަހާލަނީއެވެ. މިނިސްޓާރު ބަދަލުވުމާއި އެކު ޕޮލިސީ ކަރުދާސްތައް ޝްރެޑްކޮށްލެވެނީއެވެ. އިޚްލާޞްތެރި ކަމާއިއެކު ޒިންމާ ނަގާނޭ ފަރާތެއް ނެތިއްޔާ ދަރީންގެ ދަރިންނަށް ވާއިރު މިރާއްޖެއެއް ނޯންނާނެއެވެ. ކުނިފަރުބަދަ ހުރެދާނެއެވެ.

ރިއެކްޝަންސް
0
0
0
2
1
0
1