ރައްޔިތެއްގެ އާދޭސް: އަމިއްލަނުވާ ގެދޮރަށް ކުލި ދެއްކުމުގައި ހަޔާތެއް

12 އެޕްރީލް 2022 - 11:54

ކުލި ހޯދާ މާލޭ ބިންވެރިންނާއި މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ވާހަކަ ނުވަތަ މާލެއާއި ރަށްރަށުގެ ބޮޑު ފަރަގުގެ ވާހަކަ ދެއްކުމަކީ ފަސޭހަ ވާހަކައެއް ނޫނެވެ. މާލެ ތޮއްޖައްސަނީ ގަސްތުގައި ކަމާއި މާލޭގެ ބިމުގެ އަގު އިންތިހާ އަށް މަތިވެގެން ދިޔައީ ސިޔާސަތުގެ ރޭވުމަކުން ކަމަށް ބުނުމުން ޤަބޫލު ނުކުރެވޭނަމަ، ތިޔަ ހެއްދެވެނީ ހަޤީޤަތާ ދެކޮޅެވެ. މާލެ ސަރަހައްދުގެ ކުލި ހޯދާ ބިންވެރިންގެ ވާހަކަ ދެކެވޭ އިރަށް، އަހަންނަކީ ވެސް މާލޭ މީހެކޭ، ނަމަވެސް އުޅެނީ ކުއްޔަށޭ ބުނެވޭއިރު މިދައްކަނީ ބިންވެރިން ނޫން ގެދޮރު ނެތް ހުރިހާ ދިވެހިންގެ ހައްޤުގައިކަން ހަނދުމަފުޅު ބަހައްޓަވާށެވެ. މާލޭގެ އެޑްރެސް އައިޑީ ކާޑުގައި އޮންނަ މީހެކޭ އެހެން ރަށްރަށުގެ  ކުލި ދައްކާ މީހާއެކޭ ވަނީ އެއްވަރެވެ. ދެބައި މީހުން ހަޔާތެއް ހޭދަކޮށް ދަނީ އަމިއްލަ ނުވާ ގެދޮރަކަށް ކުލި ދެއްކުމުގައެވެ. އައިޑީ ކާޑުގައި މާލޭގެ އެޑްރެހެއް އޮތަސް ވަންނާނެ ބޯހިޔަލެއް ނެތެވެ. ކަޅު މީހުންގެ ހައްގުގައި ވަކާލާތުކުރުމަކީ ދޮންމީހުންގެ ހައްޤަށް އަރައިގަތުމެއް ނޫނެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތު ތަކުން ޒަމާންތަކެއްވީ ނަސްލީ ތަފާތުކުރުންތަކާއި ކުރިމަތިވަމުން އަންނަ، ބޯފެނާއި ނަޖިސްހޮޅި ދާދި މިދާކަށް ދުވަހު ލިބުނު އެހެންރަށްރަށުގެ މީހުންގެ ހައްޤުގެ ވާހަކަ ދެއްކުމަކީ އެހެން ބައެއްގެ ހައްޤަށް އަރައި ގަތުމެއް ނޫނެވެ.

މާލޭގެ ރަށްވެހިން މަގުމަތިކުރިވީ ރާއްޖެގެ ރަށްރަށް އެކަހެރިކޮށް ސިޔާސަތު ރޭވުން ރާވަމުން އަންނަ ދިވެހި ދައުލަތުގެ އެކި ސަރުކާރުތަކުންނެވެ. މިއީ ‘ޕޮލިސީ-ޑްރިވެން’ ނުވަތަ ސިޔާސަތުތަކުން ކަނޑައަޅައިގެން ކުރާ ކަމެކެވެ. 2008 ވަނަ އަހަރު އައު ގާނޫނު އަސާސީ ލިބި އައު ފެށުމަކުން ފެށިތާ ސާދަ އަހަރުވެއްޖެއެވެ. ހުރިހާ ސަރުކާރަކުންވެސް ކުރަމުން މިއަންނަނީ އެއް ކަމެކެވެ. ތަފާތީ ދައްކާ ވާހަކަތަކެވެ. މިކަން އެނގެނީ ބަޖެޓަށް ބަލާލުމުންނެވެ. ކޮންމެ ސަރުކާރަކުންވެސް ބަޖެޓުން ހޭދަކުރާ ބޮޑު މަޝްރޫއުތައް ހިންގަނީ މާލެ ސަރަހައްދުގައެވެ. އާ މާލެއެއް ހެދުމަށް ހުޅުމާލެ ހިއްކައި އެތާ ސްކޫލާއި ހޮސްޕިޓަލާއި މަގުތަކާއި ފްލެޓު ހަދަން އެތައް ބިލިޔަން ރުފިޔާ ދައުލަތުން ހަރަދުކޮށްފިއެވެ. އާރަށެއް ހިއްކައި ރިވެޓްވެމެންޓް ޖެހުމަށް އެކަނި 100 މިލިޔަން ޑޮލަރު ހަރަދުކުރިއެވެ. މާލެހުޅުމާލެ ބުރިޖަށް 210 މިލިޔަން ޑޮލަރު ހޭދަކުރިއެވެ. ގުޅިމާލެ ހަދައި އެތަނުގައި ޕޯޓެއް ތަރައްގީކޮށް ބުރިޖެއް އެޅުމަށް 900 މިލިޔަން ޑޮލަރު ހޭދަކުރަން އޮތީ ނިންމާފައެވެ. މިއީ ހައްތަހާވެސް މާލެ ސަރަހައްދަށް މީހުން ޖަމާކުރުމަށް ނުވަތަ ޕުލް ފެކްޓާސް އުފެއްދުމަށް ހިންގާ މަޝްރޫއުތަކެވެ. މާލެއަށް ވުރެ ބިންބޮޑު ރަށްތައް ހުރިތާ ބަހައްޓާފައި އަލުން ބަލުން ފަޅުހިއްކައި މާލެ ބޮޑުކުރަނީ މާލޭ މީހުންނަށް ބޯހިޔާވަހިކަން ދޭން ކަމަށް ބުނެއެވެ. އެހެނަސް މިވީހާތަނަށް އެތަންތަނުން މޮޅެއް ލިބުނިއްޔާ ލިބުނީ ވިޔަފާރިވެރި ބިންވެރިންނަށެވެ. ވީއިރު، ރަށްރަށުން މާލެ ސަރަހައްދަށް ހިޖުރަކުރި އެތަށް ބަޔަކު މަހުރޫމް ވާގޮތަށް ސިޔާސަތު ހެދުމަށް މާލޭގައި ގެދޮރު ނެތް މީހުން ގޮވާލަމުން މިދަނީ ނަސްލީ އިމްތިޔާޒާއި ތަފާތުކުރުން ހިމެނޭ ގޮތުންކަން ނުވިސްނެނީ ބާވައެވެ؟

advertisement

“އަހަރެމެންވެސް އުޅެނީ ކުއްޔަށް” – މާލޭ އެޑްރެސްއެއް އައިޑީކާޑުގައި އޮންނަ މީހާ

މާލޭގެ ކުލި ބޮޑުވާހަކަ އަށް ރައްދުދެމުން މާލޭގެ ބިމެއް ނެތް މީހާ ބުނެއެވެ. އަހަރެމެން ރާއްޖެގެ ރަށްރަށަށް ގޮސްވެސް ތިބެނީ ހިލެއަކު ނޫނެވެ. ކުލި ދީގެންނެވެ. މިއީ ވަރަށް ހަނި ފިކުރަކުން ވިސްނާ މީހެއްގެ ޖަވާބެވެ. ކުލި ދީގެން މާލޭގައި މީހުން ދިރިއުޅެނީ އަސާސީ ހިދުމަތް ހޯދުމަށެވެ. ވަޒީފާ ރަށުގައި ނެތީމައެވެ. ރަށުން ތައުލީމު ނުލިބޭތީ އިހަށް ހިޖުރަ ކުރި މީހުން މިއަދު އެތާ އެތިބީ ވަޒީފާ އަދާކުރާށެވެ. ރާއްޖެތެރޭ ސްކޫލުތަކުން ކިޔަވާ ދަރިވަރުން އޯލެވެލް ޓޮޕްޓެން ހޯދުމުން އަދި އެހިސާބުން ނުނިމެއެވެ. ދެން ވެސް ދާން ޖެހެނީ މާލެއަށެވެ. ސަރުކާރުތަކުގެ ބަޖެޓާއި ހުރިހާ ވަޒީފާއެއް އޮތީ މާލެ ސަރަހައްދުގައެވެ. އެކަމަކު އަސާސީ ހިދުމަތް ހޯދަން ނުވަތަ ވަޒީފާ ހޯދަން ގެދޮރާއި އާއިލާ ދޫކޮށް ރާއްޖެތެރޭ ރަށަކަށް ގޮސް އުޅޭކަށް މާލޭގެ ވެސް އެހެން ރަށެއްގެ މީހަކަށްވެސް ނުޖެހޭނެއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭ ޓެކްސް ފައިސާ މާލެ ސަރަހައްދަށް އޮއްސާލުމަށްފަހު، މާލެ ސަރަހައްދު ވަކި ބަޔަކަށް ހާއްސަކުރުމަކީ ނަސްލީ އިމްތިޔާޒު ނޫން ކޮންކަމެއްތޯއެވެ. އެކަމަކު އަސާސީ ހިދުމަތް ހޯދަން ނުވަތަ ވަޒީފާ ހޯދަން ގެދޮރާއި އާއިލާ ދޫކޮށް ރާއްޖެތެރޭ ރަށަކަށް ގޮސް އުޅޭކަށް މާލޭގެ ވެސް އެހެން ރަށެއްގެ މީހަކަށްވެސް ނުޖެހޭނެއެވެ. މި ނަޒަރުގެ ތަފާތަކީ މިއީއެވެ.

އަނެއް ވާހަކައަކީ ގެ ގެދޮރު ހެދީ ލޯނުނަގައިގެން ކަމަށާއި ބެންކަށް ފައިސާ ދައްކަން ޖެހޭ ވާހަކައެވެ. މާލޭގެ ބިމުގެ އިމާރާތްތަކުގެ ބޮޑުބައެއް ހުރީ ކުއްޔަށް ދީފައެވެ. ދިރިއުޅެން ބޭނުންވަނީ އެންމެ ގެއެކެވެ. ދިހަ ގެއެއް ނޫނެވެ. ދިހަ ގެ ހަދަނީ މާލޭގައި އޮތް ކުލީ ވިޔަފާރިއަށް ވަނުމަށެވެ. ބޭންކުތަކުން ލޯނުގެ ބޮޑު ބައެއް ދެނީ މާލެ ސަރަހައްދުގެ ގެދޮރު ބިނާކުރުމުގެ ވިޔަފާރިއަށެވެ. ވީމާ އެހިސާބުން އެއީ ބިންވެރި ކުލީ ވިޔަފާރިވެރިއެކެވެ. މާލެ ސަރަހައްދުގައި ދިރިއުޅެން ބިންމަދީކީ ނޫނެވެ. ކުލީގެ ވިޔަފާރި ކުރުމަށް ބޭނުންވާވަރަށް ބިންނެތީއެވެ. ނަމަވެސް ހަމަ ހަގީގަތުގައިވެސް ވަންނާނެ ތަނެއް ނެތިފައި ތިބި މާލޭ މީހުން ކުއްޔަށް އުޅެއެވެ. މިފަދަ މީހުން މާލޭ ކުލީ ބިންވެރިންގެ ކޮޅަށް އަރައި އެމީހުންގެ ދިފާއުގައި ވާހަކަދައްކާއިރު މިކުރެވެނީ ކީއްކަން އެނގޭބާއެވެ؟ ތިމާމެންނަށް މިބާރުދެވެނީ ބިންވެރި މަހުޖަނަށް ކަން އެނގޭބާއެވެ؟ އެ މަހުޖަނަކީ މާލޭ މީހެއް ރާއްޖެތެރޭ މީހެއް ބެލުމެއް ނެތި އެންމެންގެ ބިން ވެރި ކުރަމުން ކުލީ މާކެޓު ބޮޑުކުރަމުން، ކުލިވެރިން ގިނަކުރުމުގެ ސިޔާސަތައް ތާއީދުކުރާ މީހާކަން ނޭނގެނީބާއެވެ؟

މާލޭ މީހަކަށްވީތީ ލިބޭ އިމްތިޔާޒުތައް ހުރިކަމަށް އެއްބަސްވާން ޖެހޭ

ދޮން ނަސްލުގެ މީހުން ވަނީ ކަޅު ނަސްލުގެ މީހުންގެ ކަރުގައި ޗޭނު އަޅުވައި އަޅުންގެ ގޮތުގައި ގެންގުޅެފައިވެއެވެ. ގަރުނުތަކެއް ކުރިން އެ ހިންގި ލާއިންސާނީ އަނިޔާވެރި ތަފާތުކުރުންތަކުގެ ސަބަބުން މިއަދާއި ހަމައަށްވެސް ކަޅު ނަސްލުގެ މީހުން ތިބީ އެ ތަފާތުތައް ނެތް ނަމަ އެމީހުންނަށް ލިބެން އޮތް ކުރިއެރުމާއި ތަމައްދުންގެ މިންވަރަށްވުރެ ފަހަތުގައެވެ. ތަފާތުކުރުންތައްވެސް އަދިވެސް އޮވެމެއެވެ. އެވާހަކަތައް އެމީހުން ދެއްކީމާ ބަލަގަ އަހަރެމެންގެ ހައްގުތައް ކޮބައިހޭ އަހާ ދޮންމީހުން ވަރަށް ގިނައެވެ. އެނގެން ޖެހޭ ހަގީގަތަކީ ވަކި ބައެއްގެ ހައްގުތަކުގެ ވާހަކަ ދެއްކުމަކީ ދެން ހުރި ބައެއްގެ ހައްގު އުނިވާ ސަބަބެއް ނޫންކަމެވެ. މިސާލަކަށް ކުޑަކުދިންގެ ހައްގުގެ ވާހަކަ ދެއްކީމާ ބޮޑެތި މީހުން ނިކުމެ ބަލަ އަހަރެމެން ބޮޑެތިމީހުންގެ ހައްގުގެ ވާހަކަ ކޮބާހޭ އެހުންވާނީ ލަދުވެތިކަމަކަށެވެ. ނުކުޅޭދޭ މީހުންގެ ހައްގޭ ބުނާއިރަށް ކުޅޭދޭ މީހުންގެ ހައްޤުގެ ވާހަކަ ދައްކާނީ ލަދުވެތިކަން ނެތީމައެވެ .

މާލެ ރާއްޖެތެރޭގެ މައްސަލައިގައި މި ނަޒަރުން ބަލާނަމަ، ރާއްޖެތެރޭމީހާގެ ހައްގުގެ ވާހަކަ ދެއްކުމަކީ މާލޭމީހާގެ ހައްގަށް އުނިކަން ލިބެންޖެހޭ ސަބަބެއް ނޫނެވެ. އެކަމަކު މާލެއަށް އުފަންވީތީވެ މާލޭ ރަށްވެހިންނަށް ލިބޭ ހާއްސަ އިމްތިޔާޒުތަކެއް ނުވަތަ ޕްރިވިލެޖުތަކެއް ވެއެވެ. މިސާލަކަށް މާލޭ މީހުންނަށް ހާއްސަ ކެޓަރީތައް ގެދޮރު ދިނުމުގައި ހިމެނުމެވެ. ތިމާ އުފަންވީ ރަށުގެ ސަބަބުން ނުވަތަ އަދާކުރާ ވަޒީފާގެ ސަބަބުން އިންސާނީ ހައްގެއް ލިބުމުގައި ނުވަތަ ލިބުމަށް ޝަރުތު ހަމަކުރުމުގައި ތިމާއަށް ހާއްސަ އުސޫލުތަކެއް އެބަ ލިބޭކަން ގަބޫލުކުރާށެވެ. ޕްރިވިލެޖްތައް ހުރިކަން ގަބޫލުކޮށް އެއްބަސްވުމަކީ ތިމާގެ ހައްގު އުނިވާނެ ކަމެއް ނޫނެވެ. އަދި ހާއްސަ އިމްތިޔާޒު ހުރުމޭ ބުނާ ބަހުގެ މާނައަކީ އެބައަކަށް ދަތިކަމެއް ހުރަހެއް ނެތޭ ބުނާ ބުނުމެއް ވެސް ނޫނެވެ. އޭގެ މާނައަކީ މިސާލަކަށް ރާއްޖެގެ އެހެން ރަށްރަށުގެ މީހަކަށްވީތީވެ މީހުންނަށް ހުރި ހުރަސްތައް ތިމާއަށް ނެތް ކަމަށް ގަބޫލުކުރުމެވެ. މިސާލަކަށް މިއަދު ތިމާ ވަންނާނެ ގެދޮރެއް ނެތެއް ކަމަކު ތިމާ އުޅެ ބޮޑުވީ މާހައުލަކީ މައިންބަފައިންނާއި އާއިލާ ގާތުގައި ބޮޑު ގެއެއްގައި ކަމަށް ވެދާނެއެވެ. އެއީ ޕްރިވިލެޖެކެވެ. ކުޑައިރު ކިޔަވަން ރަށްދޫކޮ ތިމާ ދާން ނުޖެހުން އެއީ މާލެ އުފަންވީތީވެ ލިބުނު ޕްރިވިލެޖެކެވެ. އޭގެ މާނައަކީ ތިމާގެ ހަޔާތުގައި އެހެން ހުރަސްތައް ނެތެކޭ އެއް ނޫނެވެ.

މާލޭ ހަސަނާއި ރާއްޖެތެރޭ އަލީގެ ވާހަކަ

އަލީގެ މައިންބަފައިން އޭނާއަށް ކިޔަވައިދޭންވެގެން މާލޭގެ އާއިލާއެއް ގާތަށް ފޮނުވީ 1990 ވަނަ އަހަރުއެވެ. އޭނާގެ އުމުރުން 14 އެވެ. އޭނާވީ އެގޭގެ ގެންގުޅޭ ކުއްޖާއަށެވެ. އެގޭ ކުދިން ސްކޫލަށް ލާދީ، ދަބަސް އުފުލައިދީ، މަސްގަނެ، ބާޒާރުކޮށް، އެގޭ މީހުން ހިންގި ހޮޓަލަށް ހެދިކާ ހަދައި ގޭ ބަދިގޭ އެހީތެރިއަކަށް އޭނާ 4 އަހަރު އުޅުނެވެ. ނިދަނީ ބަދިގެ ސާފުކުރުމަށްފަހު ކާ މޭޒުމަތީގައެވެ. ގައި މަތިން މީދާ ކުރަފި ދުވެއެވެ. ސްކޫލަށް ގޮސް ނުކިޔެވުނެވެ. މައިބަފައިންނާއި ވަކިވެ މީހާގެ ޅައުމުރު މިސްރާބެއްނެތި އޭބުރޭސް މީބުރޭސް އުސޫލަށް ވެއްޓުނެވެ. މިހާރު އޭނާ އަކީ މަސްތުގެ ހާލަތުން އަރައިގަނެ މަހަށް ދިޔުމުގައި އުޅޭ މީހެކެވެ.

މިހާލުގައި އުޅުނު ބައެއް މީހުން ވަރަށް ކާމިޔާބު ވިޔަފާރިވެރި މާލޭގެ ބިންވެރިންނަށް ވެފައިވެސް އެބަހުއްޓެވެ. އެކަމަކު ދައްކަން މިއުޅެނީ އުފަންވީ ރަށުގެ ސަބަބުން ދިމާވި ހާލަތްތަކަކުން ހަޔާތް އެތައް ގުނައަކަށް އަނދިރިވީ ވާހަކައެވެ. ދެން އޮތީ މާލޭގެ ހަސަނުގެ ވާހަކައެވެ. އޭނާއަށް ކިޔަވައިދޭން މައިންބަފައިން އޭނާ ފޮނުވީ މާލޭ މަދަރުސާއަށެވެ. ރަށުން ބޭރަކަށް ނޫނެވެ. އޭނާގެ ތުއްތު އިރުން ފެށިގެންވެސް އޭނާ އުޅެމުންއައީ މައިންބަފައިން ގާތު އުފަލުގައެވެ. ކިޔެވުމަކަށް ބުރައެއް ހުރަހެއް ނެތެވެ. އެހެންކަމުން ކާމިޔާބުކަމާ އެކު ތައުލީމީ ހަޔާތް ނިންމިއެވެ. ހަސަނުގެ ވެސް އަލީގެ ވެސް އަމިއްލަ ގެދޮރެއް ނެތެވެ. އެކަމަކު ހަޔާތުގައި އެ ދެމީހުންވެސް މިއަދު އެތިބި ހިސާބަށް އެމީހުން އައީ، އަދި ހަޔާތް ބައްޓަންވީވެސް ޅަފަތުގައި ކަޑައްތުކުރަންޖެހުނު ހުރަސްތަކުގެ މައްޗަށް ބިނާވެގެންނެވެ. އެކަކު އުޅުނީ ގެންގުޅޭ ކުއްޖާއަށެވެ. އަނެއް މީހާ އުޅުނީ ލޯބިލިބިގެން މައިންބަފައިންގެ ގާތުގައެވެ. އެއްކަލަ މިބުނާ ޕްރިވިލެޖަކީ އެއީ އެވެ. ވަންނާނެ ގެދޮރެއް ނެތީމާ މާލޭ ހަސަނުވީ ރާއްޖެތެރޭ މީހުންދެކެ ނަފްރަތުކުރާކަށް ނޫނެވެ. މާލޭ ބިންވެރިންގެ ދިފާއުގައި ވާހަކަ ދައްކައިގެން ތިމާވެސް ބިންވެރިއަކަށް ވާނަމޭ ހިތާ މި މުޖުތަމައުގައި އޮތް ނަހަމަކަމާއި ބޭއިންސާފަށް ބާރުނާޅާށެވެ. 

މާލެތޮއްޖެހެނީ އިއްތިފާގަކުން ނޫން ކަން ގަބޫލުކުރާށެވެ. އަދި ކުލި ހޯދާ ބިންވެރިންގެ ފައިދާއަށް އެމީހުން ކުރާ ކަންކަމުން އަހަރެމެން ދެރަށު މީހުންނަށްވެސް ޖެހެނީ އެއް ހާލެއް ކަން ގަބޫލުކޮށް ވަޒީފާއާއި އެހެނިހެން އަސާސީ ކަންކަން މާލެ ނޫން އެހެންސަރަހައްދުތަކުގައި ގާއިމުކުރުމަށް ގޮވާލާށެވެ. ރަށަށްދާންވީ ނޫންހޭ ބުނުމުގެ ބަދަލުގައި ދައުލަތުގެ އިހުމާލު މިކަމުގައި އޮތްވާހަކަ ދައްކާށެވެ. އެހެން ސަރައްހަދުތަކުން ލިބޭ ޓެކްސް ފައިސާ ހަމައެކަނި މާލެ ސަރަހައްދަށް އޮއްސާލުމާ ދެކޮޅަށް ވާހަކަދައްކާށެވެ.

ރާއްޖޭގެ ކޮންމެ ތާކުންވެސް މާލޭގެ ރަށްވެހިންނަށް ގޯތި ލިބެން ޖެހޭ

މިހާރު އޮންނަ އުސޫލަކީ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރަށްވެހިންނަށް ދިރިއުޅުމުގެ ބޭނުމަށް ހިލޭ ގޯތި ދިނުމެވެ. މާލޭ މީހުންނަށް ރާއްޖެތެރެއިން ގޯތި ނުލިބޭ ކަމަކީ ބޮޑު ބޭއިންސާފެކެވެ. ހިދުމަތެއް ނެތް ރަށަކުން މީހަކު ގޯއްޗެއް ބޭނުންވާނެތޯ ނޫންތޯ އެއީ އަދި އެހެން ވާހަކައެކެވެ. ނަމަވެސް އެންމެނަށްވެސް ފްރީޑަމް އޮފް މޫވްމެންޓް ކަށަވަރުކަމާއެކު ލިބެން ޖެހެއެވެ. އެމީހަކު ބޭނުންތާކު ވަޒަންވެރިވުމުގެ ހައްގު އެމީހަކަށް ލިބިދެވޭނީ ރަށްރަށުން ގޯތި ދިނުމުގައި މިހާރު އަމަލުކުރާ އުސޫލު ބަދަލުކޮށްގެންނެވެ. ނަމަވެސް ފާހަނގަ ކުރަންޖެހޭ ނުކުތާއަކީ މާލެއިން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމާއި ރާއްޖެތެރެއިން އެރަށުގެ މީހުންނަށް ހިލޭ ގޯތި ދިނުމާއި މިއީ ހަމަހަމަ ކޮށް މިނެކިރޭނެ ދެކަމެއް ނޫންކަމެވެ. އދ. ގެ މިންގަނޑުން އެކަށީގެންވާ (‘Adequate’) ހައުސިން ކަމުގައި ބަލަނީ ހަމަ އެކަނި ހަތަރު ބިއްގަނޑާއި ފުރާޅަކަށް ނޫނެވެ. ގެދޮރު ހުންނަ ތަނުން އަސާސީ ހިދުމަތްތަކާއި ވަޒީފާ ނުލިބޭނަމަ އެބަޔަކަށް ގެދޮރު ދެވުނީ ކަމުގައި ނުބެލެވެއެވެ. އެހެން ކަމުން ރާއްޖެތެރޭމީހާގެ ގެއެއް ރަށުގައި ހުރުން ނުވަތަ ގެވަޅެއް ލިބިފައި އޮންނަ އޮތުމާއި މާލޭ ސަރަހައްދުން ގެވަޅެއް ލިބުމާއި ތަފާތެވެ. މާލޭ ސަރަހައްދުގެ ގެވަޅަކީ އަހަރެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާ ހޯދޭނެ މުދަލެކެވެ. އެހެން ކަމުން މިދެކަންތައް އަޅާ ކިޔުމަކީ އިންސާފާއި ހަމަ ގަބޫލުކުރާ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.

މި މައްސަލައިގައި މާ ބޮޑޮ އޮޅުންބޮޅުންގަނޑެއް ނެތެވެ. މިތިބީ ގެދޮރު ނެތް މީހުންނާއި މާލޭގެ ކުލި ލިބޭ ބިންވެރިންނެވެ. ދައުލަތުން ހިލޭ ދޭން އުޅޭ މަދު ބިންތަކެއް ލިބޭނީ އަބަދުވެސް ކަން ހިނގާ އުސޫލުން އިންސާފުގެ ބޭރުންކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. ބޯހިޔާވަހިކަން ނެތް، އައިޑީކާޑުގައި މާލޭ އެޑްރެސް އޮންނަ މީހުން، ރަށްރަށުން ހިޖުރަކޮށް ޒަމާންތަކެއް ވަންދެން ހަޔާތެއް ކުލި ދެއްކުމުގައި ހޭދަކުރަމުންދާ އެތަށް ބައެއްގެ ހައްޤާދެކޮޅަށް ވާހަކަ ދެއްކުމަކީ ލަދުވެތިކަމެވެ. ދެބައި މީހުންނަށްވެސް ކުރިމަތިވެފައިވަނީ އެއް ހާލަތެކެވެ. ބުއްދިވެރި ތަހުޒީބުގޮތަކީ ދައުލަތުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތު ބަދަލުކުރުމަށް އެކުގައި ވަކާލާތު ކުރުމެވެ.

ރިއެކްޝަންސް
4
4
1
5
0
0
1