ދަނޑުވެރިކަމުގެ ސިނާއަތުގެ ފައިދާ ގައުމުން ބޭރަށް

12 އެޕްރީލް 2022 - 13:25

ދަނޑުވެރިކަމުގެ ގިނަ ބާވަތްތަށް އުފައްދާ އއ. ތޮއްޑޫ، ކ. ކާށިދޫ، ލ. އަތޮޅު،  އަދި އައްޑޫ ސިޓީގެ ދަނޑުތަކަކީ ކުރާ މަސައްކަތާއި ބަލާއިރު އެކަށީގެންވާ މިންވަރަކަށް ތަކެތި އުފައްދާ ދަނޑުތަކެކެވެ. މީގެތެރެއިންވެސް އއ. ތޮއްޑޫ، ކ. ކާށިދޫ އަދި ލ. އަތޮޅު ގަން ފަދަ ރަށްރަށަކީ މާލޭގެ ބާޒާރަށް ގިނަބާވަތްތަކެއް ނެރޭ ރަށްރަށެވެ. މިހުރިހާ ހިސާބެއްގެ ދަނޑުތަކުގައި މުޅީންހެން މަސައްކަތްކުރަނީ ބިދޭސީންނެވެ. އެދަނޑުތަކުގައި އުފައްދާ ތަކެތި މާލެއަށް ވިއްކުމުގައި ބިދޭސީންގެ ދައުރު އިންތިހާއަށް ބޮޑެވެ. ދަނޑުތަކުން އުފައްދާ ތަކެތި މައިގަނޑުގޮތެއްގައި މާލެ ފޮނުވަނީ ކަނޑު މަގުންނެވެ. ބޯޓުފަހަރުގެ ފަޅުވެރީންގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބިދޭސީން ތިބޭއިރު، ދަނޑުތަކުގައި ހައްދާ ތަކެތި މާލެ ގެންގޮސް ގަނޑުކޮށް ވިއްކުންވެސް މިއޮންނަނީ ބިދޭސީންނަށެވެ. ބޯޓުފަހަރު މާލޭގައި ބަނދަރުކުރާއިރުވެސް ގިނަފަހަރަށް މާލޭގައި މާރުކޭޓް ހިންގާ ބިދޭސީ ވިޔަފާރިތަކުން ހުންނާނީ ތަކެތި ގަނޑުކޮށް ގަނެ ފައިސާ ދައްކާފައެވެ.

ބިދޭސީ މަސައްކަތްތެރިއެއް، ބިދޭސީ ދަނޑުވެރިއެއް، ބިދޭސީ ޝިޕިން އޭޖެންޓެއް، ބިދޭސީ ހޯލް ސޭލަރެއްގެ އަތުގައި ޖެހިފައި ނޫނީ ފަހަރެއްގައިވެސް ދިވެއްސަކަށް އެއްޗެއް ވިއްކަން ލިބޭވަރު ވާއިރު ވިޔަފާރީގެ ޖުމްލަ ކޮންޓްރޯލް މިއޮންނަނީ ބިދޭސީންގެ އަތްމަތީގައެވެ. މިދެންނެވި އެންމެން ފައިދާއެއް ލާފައި ދިވެހި ވިޔަފާރިވެރިއާއަށް ވިއްކާ އެއްޗެއްގެ އަގު ހުންނާނެވަރު އަމިއްލައަށް ވަޒަންކޮށްލައްވާށެވެ. ދިވެހި ބާޒާރުގައި، ދިވެހި ދަނޑުތަކުގެ ދިވެހި އުފެއްދުމުގެ އަގު ކަނޑައަޅަނީ އަވައްޓެރި ޤައުމުތަކުގެ ހިންގުތެރި މަސައްކަތްތެރީންނެވެ. 1850ގެ ފަހުކޮޅުގައި ސަތޭކަ އެތައް އަހަރެއް ވަންދެން ދިވެހިރާއްޖޭގެ ވިޔަފާރި ކޮންޓްރޯލްކުރި ބުންބާ ވޯރާއިންގެ ނުފޫޒު ރާއްޖެއަށް ގަދަވެފައި އޮތް ވާހަކައަކީ ތުންތުން މަތީން ދެކެވޭ ވާހަކައެކެވެ. މިއަދު އަނެއްކާވެސް ޤައުމު އެފަދަ އަނދަވަޅަކަށް ވެއްޓުނީބާއޭ ހިތަށް އަރައެވެ.

advertisement

ދިވެހި އުފެއްދުންތަކާއި ވާދަކުރާ އަގުހެޔޮ ބޭރުގެ އުފެއްދުން

ދިވެހި އުފެއްދުންތަކުގެ އަގު އަތްނުފޯރާ ފަށަށް އުފުލިފައިވާއިރު އެއްކަލަ ބިދޭސީ ވިޔަފާރިތަކުން މިހާރު ހަދާގޮތަކީ ބަންގްލަދޭޝް، އިންޑިއާ ފަދަ ތަންތަނުން ގިނަ ޢަދަދަކަށް މޭވާ އާއި ތަރުކާރީ އެތެރެކޮށް ‘ހެޔޮ’ އަގުގައި އެތަކެތި ވިއްކަނީއެވެ. ފޭރު، ކުންނާރު، ކަރާ، މިރުސް، ފަތް ކެޔޮ އަދި ކިއުކަމްބާ ފަދަ ބާވަތްތަކަކީ ރާއްޖޭގެ މާކެޓަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދިދާނެ ބާވަތްތަކެވެ. އެހެނެއްކަމަކު މިފަހަކަށް އައިސް މިތަކެތި އުފެއްދުން ލިމިޓްވެ ބޭރުން ގެންނަ ތަރުކާރީއާއި މޭވާއަށް ދިވެހީން ބަރޯސާވާ މިންވަރު މާބޮޑެވެ.

ދިވެހި ރަށެއްގެ ދިވެހި ދަނޑުގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހަކަމާއިއެކު ރަނގަޅު އަގުގައި މާރުކޭޓަށް ނެރެވެން ހުރި ނަމަ ކަސްޓަމަރުންނާއި ހަމައަށް މޭވާ ތަރުކާރީ ފޯރާ އިރު އެތަކެތީގެ އަގު އިންޑިއާގެ އަގުހެޔޮ މޭވާ ތަރުކާރީއަށް ވުރެ ބޮޑު ނުވާނެއެވެ. ބައެއް ގައުމުތަކުގައި އެގައުމުގެ އުފެއްދުން ކުރިއަރުވައި، އިމްޕޯޓްކުރުން ޑިސްކަރޭޖް ކުރުމަށް ގައުމުގައި އުފައްދާތަކެތި ގަންނަ މީހުންނަށް ލުއިގޮތްތަކެއް ހަމަޖައްސައެވެ. މިގައުމުގައި އެފަދަ ކަމެއް ނެތެވެ. ދަނޑުވެރިކަމުގެ ކޮންޓްރޯލް ނަގާފައިމިވަނީ ޗީޕް ލޭބާ ފޯރުކޮށްދޭ ބިދޭސީންނެވެ. ތޮއްޑޫ ކަރައަކާއި އިންޑިޔާ ކަރައެއް ބާޒާރުގައި ވާދަކުރާއިރު، ތޮއްޑޫ ކަރާގެ އަގު ބިނާވެގެންވާ ގޮތުން އޭގެ އަގު މައްޗެވެ. ވީމާ އަގުހެޔޮވެފައި ބާރަށް ހިނގާނީ އިމްޕޯޓު ކުރި ކަރާތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ދަނޑުވެރިން މަދެވެ. މަސައްކަތް އޮތީ ބުރަކޮށެވެ. މެޝިނަރީސް ނެތުމާއި، ގަނެވޭނެ މާލީ ބާރު ނެތުމުން ބޮޑެތި ދަނޑުތަކުގައި މަސައްކަތް ކުރަނީ އަދިވެސް މެނުއަލްކޮށެވެ. މެނުއަލް ލޭބާއާ ޖެހުނީމާ އެއޮތީ ބިދޭސީ މީހާއަށް ޖެހިފައެވެ. ދަނޑުހައްދައި، ގޮވާންކުރާ ތަކެތި ރަށުން ބޭރަށް ވިއްކައި އެތަކެތީގެ އަގު ކަނޑައެޅުމުގައިވެސް މައިގަނޑު ރޯލެއް ކުޅޭ ބަޔަކީ ބުރަ މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނެވެ. ހަރުދަނާ ދަނޑުވެރި ސިޔާސަތުތަކެއްގެ މުހިންމުކަން ބޮޑުވާ އެއްސަބަބަކީ މިއީއެވެ. ބޭނުންވަނީ ހަމައެކަނި ދަނޑުވެރި ލޯނުތަކެއް ނޫނެވެ. ރެގިއުލޭޓްކުރުންވެސް ހަރުދަނާ ވާން ޖެހެއެވެ.

ދަނޑުވެރިން އުފައްދާ ތަކެތި ރިޒޯޓުތަކުން ނުނަގަނީ ކީއްވެ؟

ފަތުރުވެރިކަމުގެ ސިނާޢަތުގައި ރާއްޖޭގެ ދަނޑުތަކުގެ އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުވެގެން ދަނޑުވެރިން ކުރާ ޝަކުވާތައް ކޮޅުން ނުލައެވެ. މިވާހަކައިގެ އަޞްލަށް ޖެހިލާއިރު ހަޤީޤަތަކީ ރިސޯޓުތަކަށް ބޭނުންވާ މިންވަރާއި ގާތަށްވެސް ދިވެހި ދަނޑުތަކުން ތަކެތި ނުއުފެއްދޭކަމެވެ. އުފައްދަންތިބޭ ބިދޭސީ މަސައްކަތްތެރިން ކޮންޓްރޯލްކުރަނީ މާދުރުގައި ތިބޭ އެހެން ބިދޭސީންތަކެކެވެ. އަދި އެއްޗެއް އުފެއްދުނު ކަމުގައިވިޔަސް ރިސޯޓުތަކުގެ ޕްރޮކިއުމަންޓް އޮޕަރޭޝަން މިއޮންނަނީ އެއްކަލަ  ‘އަގުހެޔޮކޮށް’ ޓަނުން ކިޔަސް ތަކެތި ނަގާލެވޭ ސަރަޙައްދީ ވިޔަފާރިއެއް ދަށުވެފައެވެ. ދިވެހީން އުފައްދާ ތަކެތީގައި ‘އަގުބޮޑު’ ނުވަތަ ‘ކޮލިޓީ ކަޑަ’ ޓެގު އަޅުވާފައި ދިވެހި އުފެއްދުންތައް ބާކީކޮށްލައެވެ. މިހެންވުމުން ރިސޯޓުތަކަށް ތަކެތި ސަޕްލައިކުރާ ދިވެހީންވެސް އެއްޗެއް ލިބޭތޯ ދާންޖެހިފައި އޮންނަނީ ބިދޭސީ ވިޔަފާރިވެރިޔެއް ކައިރިއަށެވެ.

21 އޭޕްރީލް 2020 ގައި ސަރުކާރުގެ އިންސައްތަ ޙިއްސާ އޮންނަ ގޮތަށް ސަރުކާރުން އުފެއްދެވި އެގްރޯނެޓް ކުންފުނިން މިހިރަ މައްސަލަތަކަށް ހައްލެއް ލިބޭނެކަމަށް ކުރެވުނީ އުންމީދެކެވެ. އެކަމަކު ދިވެހި ދަނޑުވެރީންގެ ނަމުގައި ފަރުދާގެ ފުރަގަހުގައި، އެކޯޕަރަޝަނަށް ތަކެތި ވިއްކުމުގައިވެސް އުޅެނީ ބިދޭސީ ދަނޑުވެރިންނެވެ. އައްޑޫގައި ދަނޑުވެރިކަން ކުރާ ފަރާތަކާއިއެކު ކުރެވުނު މަސައްކަތެއްގައި މިހަޤީޤަތް އަމިއްލައަށް ތަޖުރިބާކުރެވުނެވެ. ދަނޑުތަކުގައި ރަނގަޅު ފެންވަރުގެ ގެއަޅައިދީ ދަނޑުތަކުގައި ދިރިއުޅެން ބިދޭސީނަށް މިހާރު ފުރުޞަތު އޮވެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު މުޅި ސިސްޓަމް މިއޮތީ ގަޑުބަޑުވެ ފާލުން ނެއްޓިފައެވެ. ދާދިފަހުން ލާމުއަތޮޅުންވެސް މިފަދަ ވާހަކަތަކެއް ތިލަވެގެން އުޅުނެވެ.

ދަނޑުވެރިންނާއި ކެމިކަލްބޭސް

ދަނޑުތަކުން އުފައްދާތަކެތީގެ ފެންވަރާއި އެތަކެތި އުފެއްދުމުގައި ބޭނުންކުރާ ގަސްކާނާއާއި، ޕެސްޓިސައިޑް އަދި ބާވަތްބާވަތުގެ ކެމިކަލް ރާއްޖޭގައި ބޭނުންކުރެވޭ ގޮތާއިމެދުވެސް ސުވާލު އުފެދެއެވެ. މިތަކެތި ބޭނުންކުރަން ގިނަފަހަރު މިތިބެނީ ދާއިރާގެ ޢިލްމެއް އަދި ތަޖުރިބާއެއްވެސް ނެތް ބިދޭސީ ލޭބަރުންނެވެ. ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ގިނަވަމުން އަންނަ އިރު މިއީ ދިރާސާއެއް ކުރަންވެސް ޖެހޭ ކަމެއް ނޫނެވެ. ކެމިކަލް ބޭހާއި ކެންސަރާއި އޮތް ގުޅުމަކީ ދުނިޔޭގެ ދިރާސާވެރިން ދިރާސާކޮށް ހޯދާފައިވާ ހޯދުންތަކެކެވެ. އެހެންކަމުން ކޮންޓްރޯލެއް ނެތި ރާއްޖެއަށް ކެމިކަލް އެތެރެކޮށް ވިއްކުން ރެގިއުލޭޓްކުރެވެން ޖެހެއެވެ. ރާއްޖޭގައި އުޅޭ ދޭސީއަކަސް ބިދޭސީއަކަށް ވެސް ކިޔަން ނޭނގޭ ބަސްތަކުން ލޭބަލްކޮށްފައި ހުންނަ ގަސްކާނާ އާއި ބޭހަކީ ހަގީގަތުގައި ކޯޗެއްކަންވެސް ނޭނގެއެވެ. ދަނޑުތަކުގައި އެތަކެތި ބޭނުންކުރާ މީހުން ބޭނުންކުރަނީ ސޭޕްޓީ ކިޓެއް ލައިގެންތިބެ އެއް ނޫނެވެ. ބޭސްޖެހުމަށްފަހު އެއްދުވަސް ނުވަނީސް ތަކެތި ބާޒާރަށް އެބަ ނެރެއެވެ. މިކަމާ ކަންބޮޑުވާންޖެހޭ މިންވަރަށް ކަންބޮޑުވުން އޮތްނަމަ މަސައްކަތެއް ނެތިގެން މަޖިލީސް މެމްބަރުން މިއަދު ގޭގައި ތިބީސްތޯއެވެ؟

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ގިނަ ސީރިއަސް މައްސަލަތަކެއް އެބަހުއްޓެވެ. ސިނާއަތަށް ދޭންވާ ސަމާލުކަން ދައުލަތުން ނުދިނުމެވެ. ދަނޑުތައް ރެގިއުލޭޓް ނުކުރެވުމެވެ. ދަނޑުވެރިންނަށް ލުއިފަސޭހަ ލޯނު ނުލިބުމެވެ. ދަނޑުވެރިކަމުގެ ބާޒާރުގައި ދިވެހި އުފެއްދުން މަދުކަމެވެ. ގައުމުގައި އުފެއްދެން އޮތް ތަކެތި ބޭރުން ގަތުމަށް އަހަރަކަށް އެތައް މިލިޔަން ޑޮލަރު ގައުމުން ބޭރުވުމެވެ. މިއީ ހައްތަހާވެސް މައްސަލަތަކެވެ. އިޤްތިޞާދެއް ކުރިއެރުމުގެ އެއް އަސާސަކީ އުފެއްދުންތެރިކަމެވެ. ހަމައެކަނި ދަނޑުވެރިކަމަށް ބަލާނަމަ އުފެއްދުންތެރިކަން ރަނގަޅުވިޔަސް މިހާރު މިކަން ހިނގާގޮތުން މި މާކެޓް ކޮންޓްރޯލްކޮށް އަގު ކަނޑައަޅައި އޭގެއިން އާމްދަނީވެސް މިހޯދަނީ ބިދޭސީންނެވެ. ވީމާ މިހުރިހާ އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ ފައިދާ ހަޤީޤަތުގައި ރެމިޓެންސްގެ ގޮތުގައި މިދަނީ ޤައުމުން ބޭރަށް ނޫންތޯއެވެ؟ ދިވެހިރާއްޖޭގެ އޮޅިތެރޭގައި މިފައިސާ ހަރުލާނެ ގޮތެއް ނެތިއްޔާ މީގެ ހަޤީޤި ފައިދާ ދިވެހީންނަށް ކުރާނެގޮތެއް ނޯންނާނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ އަހައްމިއްޔަތުކަން ދަނޑުވެރިކަމަށް ދީ، ހަރުދަނާ ދަނޑުވެރި ސިނާއަތެއް ގައުމުގައި ބިނާކުރުމަކީ އުފެއްދުންތެރި ބާރުވެރި ފުދުންތެރި އާއިލާތަކެއް އުފެދޭނެ ކަމެކެވެ.

ރިއެކްޝަންސް
0
0
0
4
0
0
0