ފުއްޕާމެއަކަށް ވޭޕިން ‘ކޫލް’ އެއް ނޫން. ކޮންޓްރޯލް ކުރޭ!

14 އެޕްރީލް 2022 - 12:25

ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި ދުންފަތް ބޭނުންކުރުމުގެ ބަދަލުގައޭ ކިޔައިގެން ދުނިޔޭގައި މިއަދު ޢާންމުވެފައިވަނީ ވޭޕްކުރުމެވެ. ދިވެހިރާއްޖޭގައިވެސް ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވޭޕިން މިހާރު ވަރަށް މަޤުބޫލެވެ. ވޭޕިން ޑިވައިސްތަކަކީ ނިކޮޓިންއާއި، ފްލޭވަރިން މާއްދާތަކާޢި އެހެނިހެން ކޮޕްމައުންޑްތައް ހޫނުކޮށްގެން ދުންފަތުގެ އިސްތިޢުމާލު ކުރާއިރު އަރާ ދުމުގެ ޒާތަކަށް ހުންނަ ދަމާލެވޭ ‘އެއަރަސަލް’ އެއް އުފައްދާ އާލާތެކެވެ. ސިނގިރޭޓު ބުއިމުގެ ބަދަލުގައި ޒުވާނުން މިހާރަކަށް އައިސް ކުރަނީ ވޭޕެވެ.

ސިނގިރޭޓާއި ވޭޕުގެ ތަފާތަކީ ދެބާވަތުގައި ބޭނުންކުރާ މާއްދާތަކެވެ. ސިނގިރޭޓުގައި ބޭނުންކުރާ ދުންފަތާއި ‘ޓާރ’ އަދި ކެންސަރު ޖައްސާ މާއްދާތައް ވޭޕުގައި ނުހުރެއެވެ. ވޭޕުގައި ހުންނަނީ އިންސާނުންނަށް ވިހަ މާއްދާތަކެއް ކަމަށްވާ ‘އަލްޑަހައިޑްސް، ‘ހެވީ މެޓަލްސަ’ އަދި ‘ސިލިކޭޓްސް’ އެވެ. މިމާއްދާތަކުންވެސް މައިގަނޑު ގޮތެއްގައި ނުރައްކާވަނީ ފުއްޕާމެއަށެވެ. ވޭޕުގައި ދުންފަތް ނުހުންނާތީ ދުންފަތުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވިޔަސް ސިނގިރޭޓަށްވުރެ  ‘ނިކޮޓިން’ ބޭނުންކުރެވޭ މިންވަރު ވޭޕުގައި އިތުރުކޮށްދޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނިކޮޓިން އަކީ އޭގެ ޒާތުގައި އެއަށް ދެވިހިފާ ސްޓިމިއުލަންޓެކެވެ. ދިގު މުއްދަތަކަށް ނިކޮޓިން ބޭނުންކުރުމުން ލޭގެ ޕްރަޝަރު މަތިވުމާއި ހާޓް އެޓޭކް ޖެހުމުގެ ރިސްކު ބޮޑުވެއެވެ.

advertisement

ޒުވާން އުމުރުގައި ކުއްލިއަކަށް ދިމާވާ އެކިކަހަލަ ހިތުގެ މައްސަލަތަކާއި ލޭގެ ޕްރެޝަރުގެ މައްސަލަތަކާއި ނިއުމޯނިއާ ޖެހުންފަދަ ސިއްޙީ މައްސަލަތަށް ރާއްޖޭގައި ގިނަވަމުންދާކަމަށް ފާހަގަ ކުރެވޭހެއްޔެވެ؟ ސިއްޙީ ކަންކަމާއި ބެހޭ ވުޒާރާތަކުން މި ތަފާސް ހިސާބު ޢާންމު ނުކުރިޔަސް ފެންނަ މަންޒަރުތަކުން މިފަދަ މައްސަލަތަށް އިތުރުވަމުންދާކަން ބަލައިލި ކޮންމެ މީހަކަށް ފެންނާނެއެވެ. ޒުވާން އުމުރުގެ ކުއްލި މަރުގެ ހާދިސާތައްވެސް ނިސްބަތުން އިތުރުވަމުން ދާކަން ފާހަގަކުރެވޭނެއެވެ. ފަހަރެއްގައިވެސް މިކަންކަމާއި ވޭޕްކުރުމާއި ސީދާ ގުޅުވާލަނީއެއް ނޫނެވެ. ނަމަވެސް ކުއްލި މަރުތަކުގައި އެކަށީގެންވާ ތަޙުލީލުތައް ނުކޮށް ވިޔަސް ގިނަފަހަރު މަރުފޯމުގައި މަރުވިކަމަށް ބެލެވޭ ސަބަބަކަށް  ‘ހިތް ހުއްޓުން’ ލިޔެވިފައި އޮންނަ ސަބަބާއި މެދު ފުންކޮށް ވިސްނާލަން އެބަ ޖެހެއެވެ.

ދިވެހި ޒުވާނުންގެ އާބާދީއަށް ބަލާލާއިރު ގިނަ ޒުވާނުން ވަޒީފާގައި އުޅޭއިރު ކެއުން ބުއިމަށް ދޭންޖެހޭ އަހަންމިއްޔަތުކަމެއް ނުދެވެއެވެ. ކަޅު ކޮފީތަކާޢި ތެއްލި ހެދިކާތަކުން ފުއްދާލައިގެން ހުރެ ދުވަސް ނިންމާލަނީއެވެ. ދެން މިއޮންނަނީ އޮންލައިން ގޭމިން ނުވަތަ ފުޓްސަލް ފަދަ ކުޅިވަރުތަކުގައި ގަދައަށް ފޯރިނަގައި ކުޅިވަރު ކުޅުމެވެ. މީގެ ތެރެއަށް ވޭޕިން، ދުންފަތުގެ އިސްތިޢުމާލުކުރުން އަދި ޕާޓީ ޑްރަގްސް އިތުރުކޮށްލީމާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ސިއްޙީ މައިގަނޑު ހުރިހާ ރިސްކަކަށް ނުވަތަ ނުރައްކަލަށް މީހާ ހުށައަޅާލެވެނީއެވެ. ހަޤީޤަތުގައިވެސް  މިއީ ‘ލިވިން އޮން ދަ އެޖް’ ދެއްތޯއެވެ؟ ދިވެހިރާއްޖޭގެ މިކަމާއި ގުޅޭ ޑޭޓާތައް ފެންނަން ނެތަސް އެމެރިކާ އަދި އިންޑިއާފަދަ ބޮޑެތި ޤައުމުތަކުގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް ތަކުން ކުރެވޭ ދިރާސާތަކާއި ޢާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާލައި ދިވެހިރާއްޖޭގެ ޙާލަތު އަޅުގަނޑުމެންނަށް ވަޒަންކޮށްލެވިދާނެއެވެ.

ވޭޕްކުރުން ޢާންމުވެ ކޮންޓްރޯލުން ނެއްޓިފައިވާއިރު މިއަށް ހުށަހެޅޭ ޅަ އުމުރުގެ ކުދިންވެސް އިންތިހާޔަށް ގިނައެވެ. ވޭޕްކުރުމަކީ ސިނގިރޭޓް ބުއިމަށް ނުވާތީ ބައެއް ބެލެނިވެރީން މިކަން ވަރިހަމަކޮށް ދޫކޮށްލާތަންވެސް މިހާރު ފެނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން އެހުން ބާރުގަދަ ވަސް، ވޭޕްކުރާއިރު ނުހުންނާތީ ސިއްރުން ވޭޕްކުރާ ޅައުމުރުގެ ކުދިން މިހާރު މަދެއް ނޫނެވެ. މިކަން ސްކޫލްތަކުން ކޮންފެސިކޭޓް ކުރެވޭ އައިޓަމްތައް ހޯދައި ބަލާލުމުން ފެންނާނެއެވެ. ޅައުމުރުގައި ވޭޕްކުރާ ކަމަށް ވަންޏާ ފަހުން ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށަން މަގުފަހިކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.  ވޭޕުކުރަމުން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންވެސް ވަކި މަދެއް ނޫނެވެ. މިހިރީ ސިއްޙީ މާހިރުންގެ ބޮޑެތި ކަންބޮޑުވުންތަކެވެ.

ވޭޕްކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާށޭ ނުވަތަ ހުއްޓުވާށެކޭ ބުނުމުގެ ބޭނުމެއް ނެތެވެ. ކަމުގެ ބޮޑުކަމާއި ހުރި ރިސްކުތައް ހާމައަށް ފެންނަން އެބަ ހުއްޓެވެ. ޒުވާން އުމުރުގައި ހަސްފަތާލުން ހަސްފަތާލަށް ދުވަންޖެހުމުގެ ކުރިން ފިރީން، އަނބީން ނޫނީ ދަރީންގެ މިނުބައި އާދަ ކޮންޓްރޯލް ކުރެވޭތޯ ބަލާށެވެ.       

ރިއެކްޝަންސް
0
0
1
9
1
0
0