ރިޕޯޓު: ކުރީ ސަރުކާރުގެ މަޝްރޫއުތައް ނިންމުމުގައި މި ސަރުކާރުގެ ރީތި މިސާލެއް!

14 އެޕްރީލް 2022 - 14:22

ފަސް އަހަރުގެ ދައުރެއްގައި ސަރުކާރަކުން ކުރަން ހުންނަ ކަންކަން ވަރަށް ގިނަ އެވެ. އެހެންކަމުން ދެ ވަނަ ދައުރެއް ހޯދުމަށް ކޮންމެ ރައީސަކު ވެސް އެންމެ ބޮޑަށް ދައްކަވާ ވާހަކަފުޅަކީ އެ ސަރުކާރެއްގައި ކުރަން ފެށި މަޝްރޫއުތައް ފުރިހަމަކުރުމެވެ. ނަމަވެސް އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް އެ ފުރުސަތު އެއްވެސް ރައީސަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ކޮންމެ ސަރުކާރެއްގައި ވެސް ފަށާ މަޝްރޫއުތައް އަނެއް ސަރުކާރަކަށް އޮންނަނީ ބަލަދު އަރާފައެވެ.

މިހާތަނަށް ކުރީ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތައް ނިންމުމާ ހަމައަށް ގެންދިއުމަކީ މަދުން ނޫނީ ފެނިފައި ނުވާ މަންޒަރެކެވެ. ނަމަވެސް މި ސަރުކާރުން ގެންދަނީ އެކަމުގައި މިސާލު ދައްކަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް އެބަ ގެންދެއެވެ. މަދު މަޝްރޫއަކަށް ނޫނީ ކުދި ކުދި ބަދަލުތައް ވެސް ނުގެނެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންދަވަނީ އެ ކަމަށް އިހްތިރާމްކުރައްވަމުންނެވެ.

advertisement

ކުރީ ސަރުކާރުތަކުގައި ކަންކަން ކުރި ގޮތް

ބޮޑެތި ހަމަނުޖެހުންތަކަކަށް ފަހު ދައުރުގެ މެދުތެރެއިން 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމާ އެކު، ކުރިން ކޮށްފައި ހުރި ވަރަށް ގިނަ ކަންކަން ބަދަލުކުރިތަން ފެނުނެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަދާފައިވާ އެގްރީމެންޓްތައް ބާތިލްކުރިއެވެ. ގިނަ މަޝްރޫއުތައް ހުއްޓާލިއެވެ. އަދި ފެށުމުގެ މަގުމަތީގައި ހުރި ގިނަ މަޝްރޫއުތަކެއް އެހިސާބުން ހުއްޓާލިއެވެ. ޑރ. މުހައްމަދު ވަހީދު ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި ކަމަކީ އެއީއެވެ. އެ ގޮތުން މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައި އޮތް އެއްބަސްވުން ބާތިލްކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑު ބަދަލެއް އެ ކުންފުންޏަށް ސަރުކާރަށް ދައްކަންޖެހުނެވެ. އޭގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަށް އިހްތިރާމްކުރުމަށް ވެސް ޑރ. ވަހީދުގެ ސަރުކާރުން ދެކޮޅު ހެދިއެވެ.

ޑރ. ވަހީދަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީން ވެސް ކަންކުރެއްވީ އެފަދަ ގޮތަކަށެވެ. ރައީސް ނަޝީދުގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ޑރ. ވަހީދުގެ ސަރުކާރަށް ހުއްޓާނުލެވި ހުރި މަޝްރޫއުތައް ވެސް ރައީސް ޔާމީންގެ ސަރުކާރު އައުމާ އެކު ހުއްޓާލިއެވެ. ނުވަތަ މަޑުޖައްސާލިއެވެ. އަދި ޑރ. ވަހީދުގެ ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާ ހަމައަށް ވެސް ނުނިމި ދިގުލައިގެން ގޮސްފައި ވެއެވެ.

‘ފައިސާއަކީ ރައްޔިތުންގެ މިލްކެއް، ވެރިޔާގެއެއް ނޫން’

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމުން ވެސް އެފަދަ ހީތަކެއް ވިއެވެ. ރައީސް ޔާމީންގެ ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ހުއްޓާލައި ނުވަތަ މަޑުޖައްސާލައި ނުވަތަ ބަދަލު ގެންނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އެ މަޝްރޫއުތަކަކީ ރައްޔިތުންގެ ލާބަޔަށް ފަށާފައިވާ މަޝްރޫއުތަކެއް ކަމަށް ބަލައި ރައީސް ސޯލިހްގެ ސަރުކާރުން ނިންމީ އެ މަޝްރޫއުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ނޫނީ ނުގެނެސް ކުރިއަށް ގެންދިއުމަށެވެ. އަދި އެއީ ވެރިއަކަށް ހުރި ބޭފުޅެއްގެ އަމިއްލަފުޅު ފައިސާއިން ހިންގަވާ މަޝްރޫއުތަކަކަށް ނުވާތި އާއި އެއީ ރައްޔިތުންގެ ފައިސާ އިން ހިންގާ މަޝްރޫއުތަކަކަށް ވާތީ އެކަން އެ ގޮތުގައި ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އިސްކަން ދިނެވެ. އޭގެ ނަތީޖާއަކަށްވީ ކުރީގެ މަޝްރޫއުތަކަށް މި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ވެސް އިންތިހާ އަށް ގިނަވެ ބުރަ ބޮޑުވުމެވެ. ކުރީ ސަރުކާރުން ނަމަކަށް ފަށާފައި ހުރި މަޝްރުއޫތައް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަންޖެހޭ ފައިސާގެ ސަބަބުން އާ މަޝްރޫއުތައް ހިންގުމަށް ވެސް ދަތިތަކެއް ކުރިމަތިވިއެވެ.

މިދިޔަ ސަރުކާރުން ފަށާފައި ހުރި އަދި ބޮޑު ބައި ނުނިމި ހުރި މަޝްރޫއުތަކުގެ ތެރޭގައި ބިޔަ މަޝްރޫއުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިޔާ ފްލެޓްތަކާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަކާއި ސަލަމާން މިސްކިތާއި އަދިވެސް އެ ނޫން އެތައް މަޝްރޫއެއް ހިމެނެއެވެ. އެ މަޝްރޫއުތައް ހުއްޓާލައި ނުވަތަ މަޑުޖައްސާލުމުގެ ބަދަލުގައި ރައީސް ސޯލިހްގެ ސަރުކާރުން ގެންދަނީ އެ މަޝްރޫއުތައް ހިންގަމުންނެވެ. އެ ގޮތުން ހަތަރު ފާރު ރާނައި ކޮޅަށްޖަހާފައި ހުރި ހިޔާ ފްލެޓްގެ 16 ޓަވަރުގެ މަސައްކަތް ނިންމުމާއި ސަލްމާން މިސްކިތް ވަނޫ ނިންމާފައެވެ. އެއަޕޯޓްގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. އެ ނޫން ވެސް ބައެއް އެހެން މަޝްރޫއުތައް ވެސް ކުރިއަށް އެބަދެއެވެ. މި ތަންތަން ނިމި މި ސަރުކާރުން ހުޅުވާތީ ބައެއް ފަހަރު ހަމަ އެކަނި ރިބަން ކަނޑާ ސަރުކާރެއްގެ ލަގަބު ވެސް ދެއެވެ. ނަމަވެސް އެހެން ވާންޖެހުނީ ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް ނިންމުމުގައި މި ސަރުކާރުން ދެމި އޮތުމުންނެވެ. ރައްޔިތުންގެ ފައިސާ އިން ހިންގި މަޝްރޫއުތަކަކަށް ވާތީ ލިބޭ ހުތުރު ނަމަކަށް ނުވިސްނައި އަމާނާތްތެރިކަމާ އެކު އެ މަސައްކަތްތައް ނިންމުމުގައި ދެމި ތިބީތީއެވެ.

ހަމައެކަނި ކުރީގެ ސަރުކާރުގެ މަޝްރޫއުތަކެއް ނޫނެވެ. ރައީސް ސޯލިހްގެ ސަރުކާރުން ގެންދަނީ ޑރ. ވަހީދުގެ ވެރިކަމުގައި ހިންގާފައިވާ ހަޑިތައް ވެސް ފިލުވުމުގައި މިސާލު ދައްކަމުންނެވެ. އެ ގޮތުން ފުލުހުންނާއި ސިފައިންނަށްޓަކައި ޑރ. ވަހީދުގެ ވެރިކަމުގައި މަސައްކަތް ފެށި ފްލެޓްތައް ރައީސް ޔާމީންގެ ދައުރުގައި ހުއްޓިފައި އޮތް ނަމަވެސް މި ސަރުކާރުން ވަނީ ގޮންޖެހުންތަކާ އެކު ވެސް އެ މަޝްރޫއު ނިންމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެވެ. މިހާރު ސްޕީޑް ހުރި ގޮތުން އަންނަ އަހަރުގެ ކުރީކޮޅު އެތަންތަނަށް ވެސް މީހުންނަށް ވަދެވޭނެ ކަމަށް ބެލެވެއެވެ.

ކޮވިޑްގެ ދަތި އުނދަގުލާއި އިގްތިސާދީ އަޑިގަނޑުގައި ވެސް ކުރީގެ މަޝްރޫއުތައް ހުއްޓުނަ ނުދީ މި ސަރުކާރުން ކުރިއަށް ގެންދާ އިރު އާ އެތައް މަޝްރޫއެއް ވެސް މި ސަރުކާރުން ވަނީ ފަށާފައެވެ. އެ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުގަ އާއި ރަށްރަށުގައި ބައެއް މަޝްރޫއުތައް ފަށައި އަނެއް ބައި ރަށްރަށުގައި ފެށި މަޝްރޫއުތައް ނިމި އެތަންތަނުގައި މީހުން ދިރިއުޅެން ފަށާފައި ވެއެވެ. އަދި މާލެ އާއި ވިލިމާލެ އަދި ތިލަފަޅު ގުޅައިލުމަށް ބްރިޖް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ދާއިރު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ފަށައި މަސައްކަތްތައް ބީލަމަށްލައި ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ދަނީ ކުރިއަށެވެ. އެތައް ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ އިރު އިތުރު އެތައް ރަށެއްގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. މި ނޫން ވެސް އެތައް އެތައް މަޝްރޫއެކެވެ.

ދެން އޮތް ސުވާލަކީ މި މަޝްރޫއުތައް ނިންމުމަށް މި މި ސަރުކާރަށް ދެ ވަނަ ދައުރެއް ނުލިބިއްޖެ ނަމަ ދެން އަންނަ ވެރިކަމަކުން މިކަންކަން ކުރިއަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟ މާޒީ އަށް ބަލާއިރު އެހެން ވެރިކަމެއްގައި މިކަންކަން ކުރިއަށް ގެންދާނެކަމާ މެދު ސުވާލު އުފެދެއެވެ. މި ސަބަބަށްޓަކައި މި މަޝްރޫއުތައް ނިންމަން ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް މުހިންމު ކަމަށް ދެކޭ ފަރާތްތައް މަދެއް ނޫނެވެ.

ރިއެކްޝަންސް
4
4
5
0
2
0
0