ދޮށީ އުމުރުގެ މީހަކު ބެލެހެއްޓުމުގައި ކުރެވިދާނެ ބައެއް ކަންކަން

5 މެއި 2022 - 9:58

މުސްކުޅިކަމަކީ ބަދަލުވަމުންދާ ހަޔާތުގެ މަރުޙަލާތަކުގެ ތެރެއިން މަރުޙަލާއެކެވެ. އުމުރުގައި ތަން އޮތް ކޮންމެ މީހަކަށްމެ ކުރިމަތި ނުވެ ނުދާނެ ހަޔާތީ ތަޖުރިބާއެކެވެ. މިޢުމުރުގެ ގިނަ މީހުންނަށް ދިރިއުޅުން ތަޖުރިބާކުރެވޭ ގޮތާއި ބާވަތުން އެމީހުންގެ ހަޔާތާއިމެދު ދެކޭގޮތަށްވެސް ބަދަލުތަކެއް އަންނާނެއެވެ. މިނިވަންކަން ގެއްލި ފިކުރުބޮޑުވެފައިވާ ދަތި ދުނިޔެއެއްގައި އުޅެންޖެހިފައިވާ ކަމުގެ އިޙްސާސް އެމީހުންނަށް ކުރެވޭނެއެވެ. ސުވާލަކަށް ވާންޖެހެނީ މިމީހުންނަށް އަޅާލުމުގައި ބަލަހައްޓާ ފަރާތަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯއެވެ؟

ޢާންމުކޮށް ޒުވާން ދުވަސްރު މިޒާޖު ހުންނަގޮތުންވެސް ރުންކުރު، ކެތްތެރިކަން ކުޑަ، ރުޅިގަދަ މީހުން މުސްކުޅިވެ ގައިބާރު ދެރަވާ ހިސާބުން ކޮންޓްރޯލެއްނެތި މިސިފަތައް ހާމަވާން ފަށައެވެ. މިގޮތަށް އުޅޭ ތަންކޮޅެއް ހަރުކަށި ހަރު މީހުން ބުނެލާ ބަސްބަހާއި ކުރާކަންކަމާއި ޒާތީގޮތުން ކުރިމަތިނުލާށެވެ. އޭގެބަދަލުގައި އެމީހާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތާއި މެދު ވިސްނައި އެއީ އަޅާލުން ބޭނުންވާ މީހެއްކަމާއި، ތިމާއަށްވުރެ ނިކަމެތި މީހެއްކަން ހަނދާނުގައި ބަހައްޓައި އެހީތެރިވެވޭނެ ގޮތްތައް ހޯދާށެވެ.

advertisement

ސިކުނޑިއަށް ކަސްރަތު ހޯދަދީ

މިސާލަކަށް ގެއިން ބޭރަށް ނުދެވި މާބޮޑަށް ބަންދުވެފައިވާ ކަމުގެ އިޙްސާސްކުރެވޭ މީހަކު ވީވަރަކުން ބޭރަށް ގެންދެވޭތޯ ބަލާށެވެ. ލޯބިން ވާހަކަދައްކައި ތިމާއަށް އެމީހާގެ އިހުސާސްތައް އެނގޭކަން ބުނެދޭށެވެ. އަދި ކޮންމެވެސް ކަމެއްގައި ޝާމިލުކުރުވޭތޯ ބަލާށެވެ. ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމުގެ ގޮތުން އެމީހަކާއި ގިނައިން ވާހަކަ ދައްކާށެވެ. ޓީވީ ނުވަތަ ރޭޑިއޯ އިން ހަބަރާއި މައުލޫމާތު ބެލުން، ފިލްމު ބެލުން އަދި ރައްޓެހިންނާއި ބައްދަލުކުރެވޭނޭ އިންތިޒާމު ހަމަޖައްސައި ދޭށެވެ. ކުދިކުދި ބަސް އެތުރުމުގެ ގޭމު ކުޅެން އެޒާތުގެ ފޮތްތައް ހޯދައިދޭށެވެ. މިއީ ސިކުނޑި އަށް ކަސްރަތުލިބޭނެ ކަމެކެވެ.

އެހެންމީހުންގެ އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭ

ދޮށީ އުމުރުގެ މީހަކު ބަލަހައްޓަން ޖެހިއްޖެނަމަ އެއީ އެހެން މީހުންގެ އެހީތެރިކަން ހޯދާށެވެ. މައިންބަފައިން ބަލަހައްޓާނަމަ އެއްބަނޑު އެއްބަފާ އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެއެވެ. ޙާލަތާއި ގުޅޭގޮތުން އާއިލީ ފަރާތްތަކާއި ރަޙްމަތްތެރިންގެ އެހީތެރިކަންވެސް ހޯދިދާނެއެވެ. ސިކުނޑިއަށް ކުރާ ބާރު ކުޑަކުރުމުގެ ގޮތުން އަމިއްލަ ނަފްސަށް ވަގުތު ހޯދައި ބްރޭކްތައްވެސް ނަގަންވާނެއެވެ. އިތުބާރުހިފޭ ފަރާތްތަކާއި ވާހަކަތައް ޙިއްސާކޮށް، ފިކުރުބޮޑުވުންތަކާއި ކަންބޮޑުވުންތަކުން ނަފްސު ރައްކާތެރިވުމުން ކުރަންޖެހޭ މަސައްކަތުގެ ފޯކަސް ނުގެއްލޭނެއެވެ.

ސާފުތާހިރުކަމަށް އިސްކަންދިނުން

އުމުރުން ދުވަސްވެ ގައި ބާރުދެރަވެ، ހިއްސުތަކަށާއި ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން އަމިއްލަ ނަފްސާއި ޖިސްމުގެ ސާފުތާހިރުކަމަށް ދެވޭ އަހަންމިއްޔަތުކަމަށްވެސް ބަދަލުތަކެއް އާދެއެވެ. މިއީ ވެދާނެ ކަމެކެވެ. ވަހެއް ހުއްޓަސް އަދި ހެދުން ހަޑިވެފައި ހުއްޓަސް އަމިއްލައަށް އެކަން އިޙްސާސްނުކުރެވި އަޅާނުލެވި ހުރުން ގާތެވެ. މިއީ ގަސްތުގައި ސާފުތާހިރުކަން ކުޑަކުރަނީކަމަށް ނުބަލާށެވެ. ފެންވަރަން ވަނީމަ ފައިއެޅޭ ގޮތުން ކަހާލަފާނެތީ ނުވަތަ އެކަނި އުޅެނިކޮށް ތަނެއްގައި ނުހިފި ވެއްޓީދާނެތީ ފެންވަރަން ޖެހިލުންވާ މީހުންވެސް އުޅެއެވެ. މިއީ ވަރަށްވެސް ޢާންމު އެހެނަސް ސަމާލުކަން ދީގެން ބަލަހައްޓަންޖެހޭ ކަމެކެވެ. ހެލިފެލިވެ އުޅުން އުނދަގޫވެ އަމިއްލައަށް ސާފުތާހިރުވުން ނާދިރު ހާލަތަކަށް ދިޔުމުން އަޅާލާންޖެހޭ ވަރަށް އަޅާނުލެވި ދޫކޮށްލެވިއްޖެނަމަ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޖަރާސީމު އަށަގަނެ ހަމުގެ އެކި ބަލިތަކަށާއި އަދި އެހެނިހެންވެސް ސިއްޙީ މައްސަލަތައް ނިކުތުމަށް މަގުފަހިކޮށްދެއެވެ. އަނގަޔާއި ކަރުތެރެއިން އަރާ ވަހާއި އަދި ހަށިގަނޑުގައި ހުންނަ ވަސް ކޮންޓްރޯލްކޮށް އަނގަޔާއި ހަށިގަނޑުގެ ބޭރު އެދެވޭ މިންވަރަކަށް ސާފުތާހިރުކޮށް ބެލެހެއްޓެންވާނެއެވެ. މުސްކުޅި އުމުރުގައި ޖެހޭ އިންފެކްޝަން އަދި ހާއްސަކޮށް ހަކުރުބަލި ހުންނަ ނަމަ ފަސޭހަ ކުރަން އުނދަގޫ ވާނެއެވެ. އެހެންކަމުން ގަވާއިދުން އަމިއްލައަށް ފެން ނުވެރޭ ވަރުގެ މީހެއް ނަމަ ފެންވަރުވައި ސާފުކުރެވޭނޭ އިންތިޒާމު ހަމަޖެއްސައި، އިންފެކްޝަންތަކާއި ހަމުގެ ބަލިތައް ޖެހުމުން ސަލާމަތްވާނެ ގޮތްތައް ހޯދުން މުހިންމެވެ. ތަންމަތީ އޮންނަ މީހެއް ނަމަ ފެންފޮތިން ސާފުކޮށް ރަނގަޅަށް ފެން ހިއްކުންވެސް ވަރަށް މުހިންމެވެ. މޮއިސްޓް އުފެދޭނަމަ ހަންގަނޑުގައި ފަންގަލް އިންފެކްޝަން އުފެދުން ގާތެވެ.

މުސްކުޅި މައިންބަފައިން ނުވަތަ އާއިލާގެ އެހެން މީހެއްވިއަސް ބަލަހައްޓަން ޖެހުމަކީ ގަޑިން ގަޑިއަށް ތާވަލުކޮށްގެން ގިނަ ކަންކަން ކުރަންޖެހޭ މަސައްކަތެކެވެ. އަދި މިއީ އެމީހަކަށް އަޅާލުން ދީ ކަންކަން ބަލަހައްޓާ މީހާވެސް ފިކުރު ބޮޑުވެ ވަރުބަލިވާ ކަމެއް ކަމުން، އާއިލާގެ އެންމެންނަށް މަސައްކަތްތައް ބަހާލުމަކީވެސް އެހީއަކަށް ވެދާނެއެވެ. އެހެން މީހެއްގެ ކަންކަން ބެލެހެއްޓޭނީ ނަފްސު ކޮންޓްރޯލްކުރެވޭ ވަރުގެ މީހުންނަށެވެ. ތިމާގެ އެހީތެރިކަން ބޭނުންވާ މީހާދެކެ ރުޅިއާދެވި ކުޑައިމީސްކޮށް އިހާނެތިކޮށް ޢަމަލުތައް ބެހެއްޓޭނަމަ އެކަމާމެދު ތިމާވެސް ނަފްސާނީއެހީތެރިކަން ހޯދާށެވެ.

ރިއެކްޝަންސް
2
10
3
1
0
0
1