ގޭތެރޭގައި އެއްޗެހި ހިއްކަން އެޅުމަކީ ސިއްހީ ގޮތުން ކޮންކަހަލަ ކަމެއް؟

8 މެއި 2022 - 14:17

އެއްޗެހި ދޮވެ އެތެރޭގައި ހިއްކަން އެޅުމަކީ ޖާގަދަތި ކުދިކުދި އެޕާޓްމަންޓްތަކާއި ގޭގޭގައި އުޅޭ މީހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރާ ކަމެކެވެ. ގިނަ މީހުން އެއްތާކު ދިރިއުޅުމުގެ ސަބަބުން ހަފްތާގެ ގިނަ ދުވަސްދުވަހު އެއްޗެހި ދޮވެ ހިއްކަން އަޅަންޖެހޭ ގޭބިސީތައް ގިނަވާނެއެވެ. މިއީ އެކަމަކު އަހަރެމެންނަށް ވިސްނިފައި އޮންނަ މިންވަރަށް ވުރެ ސިއްޚަތަށް ގެއްލުންހުރި ކަމެއްކަން އެނގޭ ހެއްޔެވެ؟

ވައިބޭރުނުވާ ކުދިކުދި ތަންތަނުގެ ތެރޭގައި ކެއްކުމާއި އަންނައުނު ދޮވެ ހިއްކަން އެޅުމުގެ ސަބަބުން ތަނުގެ ތެރޭގައި މޮއިސްޓް އަށަގަނެ ފާރުތަކާއި އެދު ދަށް ފަދަ ތަންތަނުގައި މޮއިސްޓް އުފެދެން ފަށައެވެ. މޮއިސްޓް ނުވަތަ ތެތްކަން ހުންނަ ތަންތަނުގައި ދެން އުފެދޭ އެކި ޒާތްޒާތުގެ ފަންގަސްތަކަކީ ނޭވާލާ ނިޒާމުގެ ސިއްހަތަށް ގެއްލުން ދެނެވި އެއްޗެކެވެ.

advertisement

އަޔަލެންޑްގެ ނޭވާހިއްލުމާއި ބެހޭ ސޮސައިޓީ އިން ހާމަކޮށްފައިވާ ގޮތުން ތެތްކޮށް ހުންނަ ތަންތާނގައި ފަންގަސް (ފޫ) އާއި ޑަސްޓް މައިޓްސް ފެތުރިގަތުމަށް ބޭނުންވާ ހަމަލޮލަށް ނުފެންނަ ސްޕޯޒްތައް (ކުދި އޮށްފާޑު އެއްޗެއް) އަށަގަނެއެވެ. މި ސްޕޯޒްތައް ނެވާލާ ނިޒާމުގެ ތެރެއަށް ދިއުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމުން ޢާންމުގޮތެއްގައި ކެއްސުން ނޫނީ ކިނބިއްސެއްގެ ސިފައިގައި ހަށިގަނޑުން އެ ބޭރުކޮށްދެއެވެ. އެހެން ނަމަވެސް ނޭވަހިއްލުމުގެ މައްސަލަތައް ހުންނަ ބައެއް މީހުންގެ ނޭވާ ހިއްލުމުގެ ޓްރިގަރ އަކަށް މިބާވަތުގެ ސްޕޯޒްތައް ވެދެއެވެ. މީގެ ތެރެއިންވެސް ‘އެސްޕަޖިލަސް ފުމިގޭޓަސް’ ސްޕޯޒްތައް ފުއްޕާމޭގެ އިންފެކްޝަންތަކަށް މަގުފަހިކޮށްދެއެވެ.

މިއީ ހަމައެކަނި ނޭވާހިއްލާ މީހުންނަށް އޮތް ނުރައްކަލެއް ނުވަތަ ރިސްކެއް ނޫނެވެ. މިއީ ތުއްތު ކުދިންނާއި، ދޮށީ ޢުމުރުގެ މީހުންނާއި ހަމުގެ ބައްޔެއް ކަމަށްވާ ‘އެކްސަމާ’ އަދި ހަޑިގަނޑުގެ ދިފާޢީ ބާރު ދެރަ ކޮންމެ މީހަކުވެސް ވިސްނަންޖެހެނޭ ކަމެކެވެ. ދެ މޫސުން ބަދަލުވާ ހިސާބަކީ މިފަދަ މައްސަލަތައް ގިނަ ދުވަސްވަރެއްކަމަށް ކަމާއިބެހޭ މާހިރުން ބުނެއެވެ.

ކުރެވިދާނެ ކަމަކީ ކޮބާ؟

އެއްޗެހި ދޮވެފައި ހިއްކަން ބަހައްޓާއިރު ވައި ދައުރުވާ ގޮތަށް ހުންނަ ތަންތާނގައި ހިއްކަން އަޅާށެވެ. ބެލްކަނީ، ނޫނީ ގޭތެރޭގެ މީހުން ޢާންމުކޮށް ބޭނުންނުކުރާ ކުޑަދޮރެއް ކައިރީގައިވެސް ބެހެއްޓިދާނެއެވެ. ވިސްނަންވީ ކޮޓަރިއާއި އަދި މީހުން އަބަދު އުޅޭ ތަންތަނުގައި ހިއްކަން ނާޅާ ވޭތޯ ބަލާށެވެ. ކިރިޔާވެސް ތެތްކަމެއް ހުންނަ ތަނެއްގައި ނަމަ ފޫޖަހަން މަގުފަހިވެއެވެ. އެހެންކަމުން ވިނެގަރ އާއި ސައިބޯނި ބޭނުންކޮށްގެން ސާފުކުރެވޭ ޒާތުގެ ތަންތަން ރަނގަޅަށް ސާފުކުރަން އާދަކުރަންވާނެއެވެ.

އެއްޗެހި ދޮވުމަށްފަހު ރަނގަޅަށް ހިއްކާށެވެ. އެއްކޮށް ނުހިކެނީސް އެއްޗެހި ކަބަޑުތަކަށް އެޅުމާއި އެއްފަހަރާއި މާބައިވަރު އެއްޗެހި ކުޑަ ޖާގަތަކަށް އަޅައި ފިއްތައި ބާރުކުރުމަކީވެސް އެދެވިގެންވާ ކަމެއްނޫނެވެ. ކިރިޔާ ތެތްކަމެއް ހުއްޓަސް ކުރިން ފާހަގަކުރި ފަދައިން ފޫޖެހުމަށް މެދުވެރިވެ ލޮލަށް ނުފެންނަ ޖަރާސީމެއްގެ ސަބަބުން އެތައް އުނދަގުލަކާއި ކުރިމަތިވުން ގާތެވެ.

މީގެ އިތުރުންވެސް ތިމާ އުޅޭތަނަކީ ވައި ދައުރުކުރާ ތަނަކަށް ހަދަން ޖެހެއެވެ. ޢާންމު ދިރިއުޅުމުގައި މީހުން ދިރިއުލޭ ކޮންމެ ތަނެއްގައިވެސް ފެންވެރުމާއި، ކެއްކުމާއި ތަންތަން ސާފުކުރުން އޮންނާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ތެތްކަން އުފައްދައިދޭ ކަމަކަށް ވުމުން ދިރިއުޅޭ ތަނުގެ ދަތި ތަންތާނގައި ފޫޖަހަން މެދުވެރިވާ ސްޕޯޒްތައް އަށަގަތުމަށް މަގުފަހިވާނެއެވެ. އެންމެ ރަނގަޅުގޮތަކީ ފުރުޞަތެއް ލިބުމާއި އެކު ވީހާވެސް ގިނައިން ކުޑަ ދޮރުތައް ހުޅުވާފައި ބެހެއްޓުމެވެ. ތަނުގެ ތެރޭގައި ވައި ދައުރުކުރާނޭ އިންތިޒާމް ހަމަޖެއްސުމެވެ.

ރިއެކްޝަންސް
1
5
3
6
9
0
2