ބަރތް ކޮންޓްރޯލްއާއި އުރަމަތީގެ ކެންސަރާއި ގުޅުމެއްވޭތަ؟

8 މެއި 2022 - 14:33

އުރަމަތީގެ ކެންސަރަކީ ފަހަކަށް އައިސް އަހަރެމެންގެ ތެރޭގައި އާއްމު ވަމުން އަންނަ ބައްޔެކެވެ. އުރަމަތީގެ ކެންސަރަކީ އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ބާވަތެވެ. އުރަމަތީގެ ކެންސަރު ޖެހުމުން ސަލާމަތް ވުމަށް އަހަރެމެން އަމިއްލައަށް އުރަމަތީގެ ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ހޯދައި އެކަމަށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެމެންގެ އުރަމަތީގެ ދުޅަހެޔޮކަން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. އެގޮތުން އުރަމަތީގެ ކެންސަރު ޖެހެން މެދުވެރިވާ ބައެއް ސަބަބުތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ރައްކާތެރިވެވޭނެ ކަންކަމެވެ.

އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަން ގިނައެވެ. ނަމަވެސް ހޯދުންތަކުން ދައްކާގޮތުގައި ބާރތް ކޮންޓްރޯލްކުރުމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. މިކަން ދިމާވާ ސަބަބަކީ ބަރތް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެކިކަހަކަ ބޭސްތަކުގެ ސަބަބުން މީހާގެ ހޯމޯންއަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އަދި މިފަދަ ބޭސްތަކުގެ ސަބަބުން އުރަމަތީގެ ސެލްތަކަށް ބަދަލުއައިސް އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.

advertisement

މިހެން މިކަން އޮތް ނަމަވެސް، ސިއްހަތާ ބެހޭ މާހިރުން ވިދާޅުވަނީ، ދޭތެރެ ދުރުކުރުމަށް ކާ ބޭހުން ލިބޭ ގެއްލުމަށް ވުރެ ބޮޑަށް، ނުވަތަ ރިސްކަށްވުރެ ބޮޑަށް، އެއިން ލިބޭ ފައިދާތަށް ގިނަކަމެވެ. ހޯމޯން ބަރތް ކޮންޓްރޯލަކީ އެހެނިހެން ކެންސަރުތަކުން ސަލާމަތް ކޮށްދޭ އެއްޗެއް ކަމަށްވެސް ސައިންސްވެރިން ހާމަކުރެ އެވެ.

ބަރތް ކޮންޓްރޯލްކުރާ ބޭސްތައް ބޭނުންކުރުމުން އުރަމަތީގެ ކެންސަރަށް މަގުފަހިވާކަމަށް ދައްކާފައިވަނީ 2017 ގައި ހެދި ދިރާސާއަކުންނެވެ. މި ދިރާސާގައި 15 އަހަރާއި 49 އަހަރުގެ 1.8 މިލިއަން އަންހެނުން ވަނީ ބައިވެރިކޮށްފައެވެ. މި ދިރާސާއިން ވަނީ ބަރތް ކޮންޓްރޯލް ކުރުމުން އުރަމަތީގެ ކެންސަރުޖެހޭކަން ހާމަވެފައެވެ.

އުރަމަތީގެ ކެންސަރު ޖެހިފައިވޭތޯ ބެލުމަށް ނުވަތަ އުރަމަތި ހުރީ ދުޅަހެޔޮކޮށްތޯ ބެލުމަށް ގަވައިދުން އުރަމަތި ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަވައިދުން ސްކްރީން ކުރުމުން، އުރަމަތީގެ ކެންސަރު ޖެހިފައިވީނަމަވެސް ކުރީ ބައިގައި އެކަން އެނގި ފަރުވާ ކުރަން ފަސޭހަ ވާނެއެވެ. އަދި އުރަމަތި ބުރިކޮށްލަން ޖެހޭ ހިސާބަށް ނުގޮސް ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑު ވާނެއެވެ.

އުމުރުން 40 އަހަރުން މަތީގެ އަންހެނުން ކޮންމެ އަހަރަކު އެއްފަހަރު މަމޯގްރަފީ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަން ކުރުމަށް ސިއްހީ މާހިރުންވެސް ވަރަށް ބޮޑަށް ބާރު އަޅައެވެ. މަމޯގްރަފީ އަކީ އުރަމައްޗަށް ހާއްސަކޮށްގެން ނަގާ އެކްސްރޭއަކަށް ސިއްހީ މާހިރުން ކިޔާ ނަމެކެވެ. މަމޯގްރަފީއަކި ފަސޭހައިން އަދި އަވަހަށް ހަދައިލެވޭނެ އެކްސްރޭއެކެވެ. މީގެއިތުރުން އުމުރުން 60 އަހަރުން މަތީގެ އަންހެނުން ދެއަހަރުން އެއްއަހަރު އުރަމަތީގެ އެކްސްރޭ ނެގުމަކީ މުހިންމު ކަމެކެވެ.

އުރަމަތީގެ ދުޅަހެޔޮކަން ޔަގީން ކުރަން އެމީހަކަށް އެމީހެއްގެ އުރަމައްޗަށް އަންނަ އެންމެ ކުދިކުދި ބަދަލުތައް ވެސް ދެނެގަންނަ އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އުރަމައްޗާއި ދެއަތްވަޅާއި ކަނދުރާއަށް ބަދަލުތަކެއް އަންނަ ނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އުރަމަތި ރަތްވެ ނުވަތަ ގޮށް ފަދަ އެއްޗެހި ނަގާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން ވާނެ އެވެ. އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެ ތިބެން ބޭނުން ވާނަމަ އަހަރެމެންވެސް މިހާރަށްވުރެ ބޮޑަށް އެފަދަ ކަންކަމަށް ހޭލުންތެރިވެ ޒިންމާދާރުވާން ޖެހޭނެއެވެ. އަދި ސިއްހީ ރަނގަޅު އާދަކަށް ފަރުވާތެރި ވާން ވާނެ އެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ ކަމުގެ ރަނގަޅު މައުލޫމާތު އެނގުމެވެ.

ރިއެކްޝަންސް
0
9
1
3
0
2
1