މާލެ ސަރަހައްދުގެ އޮތް ހަމަ އެކަނި ގުދުރަތީ ގޮނޑުދޮށްވެސް ހަލާކުކުރަނީ

9 މެއި 2022 - 11:21

ބޯޓު ބަނުމާއި ފައިބަރގެ އެކިއެކި މަސައްކަތް ކުރުމަށް ވިލިނގިލި މޫދު ސަރަހައްދު ބޭނުންކުރާތީ ސޭވް ދަ ބީޗްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސޭވް ދަ ބީޗްއިން ބުނެފައިވަނީ މާލޭ ސިޓީގައި ޕްލާސްޓިކް ބޭނުންނުކުރާ އަވަށެއްގެ ގޮތުގައި ވިލިމާލެ އޮވެ އެގޮތައް އެތަން ޕްރޮމޯޓްކުރަމުންދާއިރު މާލެ ސިޓީގައި ކުރިއަށްދާ ބްރިޖްގެ މަސައްކަތް ކުރުމަށް ވިލިމާލެއަށް ބޯޓު ބަނުމާއި، ފައިބަރގެ މަސައްކަތްތަކާއި، ޑޮކިންގ ގެ މަސައްކަތްތައް ބަދަލުކޮށްފައިވާކަމަށެވެ. މިކަމުގެ ކަންބޮޑުވުންތައް ވަނީ ސޭވް ދަ ބީޗްއިން ފާޅުކޮށްފައެވެ.

ވިލިމާލޭގެ އިރުމަތީ ފަރާތު މޫދު ސަރަހައްދު ނުވަތަ ޕޮލިސް ބީޗް ސަރަހައްދު މިހާރު ބޭނުންކުރަމުންދަނީ ދޯނި އެހެލާ ސަރަހައްދެއްގެ ގޮތުގައެވެ. އަދި ބާބަކިއު ބީޗް ސަރަހައްދު ބޭނުންކުރަމުންދަނީ ބޯޓު ޔާޑް ސަރަހައްދެއްގެ ގޮތުގައެވެ. އަދި ހުޅަނގު ބަނދަރު ސަރަހައްދު ބޭނުންކުރަމުންދަނީވެސް ބޯޓުތައް އަޅާ ސަރަހައްދެއްގެ ގޮތުގައެވެ.

ސޭވް ދަ ބީޗްއިން ބުނެފައިވަނީ މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ގުދުރަތީ ރީތި މޫދެއްގެ ހިތްގައިމުކަން ލިބޭ ހަމައެކަނި ސަރަހައްދަކީ ވިލިނގިލި ކަމަށެވެ. ވަކިން ޙާއްސަކޮށް ވިލިނގިލީގެ ޕޮލިސް ބީޗް ސަރަހައްދު ކަމަށެވެ. ނަމަވެސް މިހާރު ދޯނިތައް އެހެލާ އެސަރަހައްދު މިގޮތައް ބޭނުންކުރަން ފެށުމުގެ ސަބަބުން އެ ސަރަހައްދުގެ ހޭޅިފަށް ގިރައި ނެތެމުންދާކަމަށެވެ. 

100 އަށްވުރެ ގިނަ ފެތުންތެރިންގެ އިތުރުން މި ސަރަހައްދަކީ މާލެ ސަރަހައްދުގައި އުޅޭ މީހުން ޕިކްނިކް ހަދާލުމާއި، ގިނަ އަދަދެއްގެ ސްކޫލްކުދިން ތަޖުރިބާކުރުމުގެ އެކިއެކި ދަތުރުތަކާއި އަދި އެނޫންވެސް ހަރަކާތްތައް ހިންގާ ސަރަހައްދެއްކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މި ބީޗް ސަރަހައްދު ހިމާޔަތްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ސޭވް ދަ ބީޗްއިން ވަނީ ބުނެފައެވެ.

ރިއެކްޝަންސް
0
0
1
1
0
0
0