ރިޕޯޓު: ހިޖާމާއިން ބަލިބަލި ރަނގަޅުވޭތަ؟

10 މެއި 2022 - 14:28

ހިޖާމާ ޖެހުން ނުވަތަ ކަޕިން އަކީ ދިވެހިންގެ ތެރޭގައިވެސް މިފަހަކަށް އައިސް، ސިއްހީ ފަރުވާއެއްގެ ގޮތުން ޑަކްޓަރީ ބޭހުގެ ބަދަލުގައި މީހުން ބޭނުންކުރާ ފަރުވާގެ ބާވަތެކެވެ. ހިޖާމާ ޖެހުމަކީ ގަދީމީ ޒަމާނުގައި އިޖިޕްޓް އަދި ޗައިނާ އިން ފެށިގެން އައިސްފައިވާ ކަމެކެވެ. މިކަމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ސިއްހީ ފަރުވާއެއްގެ ގޮތުން މިހާރުވެސް ކޮށްއުޅޭ ކަމެކެވެ. ހިޖާމާ ކިޔަވައިދޭ މަރުކަޒުތައް އެމެރިކާ އަދި އިނގިރޭސިވިލާތުގައި ވެސް ހުރެއެވެ.

ހިޖާމާއިން ފަރުވާ ލިބޭކަމަށް ގަބޫލުކުރާ ބަލިތަކުގެ ތެރޭގައި ލޭމަތިވުން، ދަރިން ނުލިބުން، މައިގްރެއިން، ފުއްޕާމޭގެ ބަލިތައް، ރާއްޖެބަލި، ލޭމަދުވުން، ކެންސަރު، ހަކުރުބަލި އަދި ހާސްވާ ބަލި އަދި މާޔޫސްކަމުގެ ބަލި ހިމެނެއެވެ. ނަމަވެސް މިއީ އެއްވެސް ސައިންޓިފިކް ދިރާސާތަކެއްގެ މައްޗަށް ބިނާވާ ގަބޫލުކުރުންތަކެއް ނޫނެވެ.

advertisement

ހިޖާމާއަކީ ކޮބާ؟

ގަދީމީ ހަކީމީ ޗައިނީސް ބޭސްވެރިކަމުގެ އަސާސީ އެއް ގަބޫލު ކުރުމަކީ ބަލިބައްޔަކީ އިންސާނާގެ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ރަނގަޅަށް ލޭ ދައުރުނުވުމުގެ ސަބަބުން އަދި ލޭ ދައުރުވާ ބާރުމިން ދަށްވުން ނުވަތަ ލޯ އެނާޖީ ފްލޯ ގެ ސަބަބުން ފެށޭ ބަލިތަކެއް ކަމުގައެވެ. “ހިޖާމާ” އަކީ ބްލަޑް ފްލޯ ނުވަތަ ލޭ ދައުރުވުމާއި ދައުރުވާ މިންވަރު ރަނގަޅު ކުރުމަށްޓަކައި ޖޯޑެއް ނުވަތަ ކަޕް އެއް ބޭނުންކޮށްގެން ދޭ ފަރުވާއަކަށް ކިޔާ ނަމެކެވެ.

ހިޖާމާ ޖެހުމަށް ބިއްލޫރި ނުވަތަ ރަބަރު ނުވަތަ އޮނުން ހަދާފައި ހުންނަ ޖޯޑެއް ބޭނުންކޮށްގެން ހަންގަނޑު ބާރަށް މައްޗަށް ދަމާފައި (ސަކްޝަން ކޮށް) ދޫކޮށްހެދުމުން ހަށިގަނޑުގެ ބޭނުންވާ ހިސާބެއްގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ އޮކްސިޖަން ފްލޯ ރަނގަޅުވާ ކަމަށް މި ފަރުވާ ދޭ މީހުން ބުނެއެވެ. ހިޖާމާގެ ދެ ވައްތަރެއް ވެއެވެ. އެއީ ޑްރައި ކަޕިން އާއި ވެޓް ކަޕިން އެވެ. ވެޓް ކަޕިން އަކީ ހަންގަނޑުގައި ތެޔޮ ހޭކުމަށްފަހު ހިޖާމާ ޖޯޑުން ވައި ދެމުން ނުވަތަ ސަކްޝަން ކުރުމެވެ. އެކިއުޕަންޗަރ ކަށްޓާއި އެކުވެސް ހިޖާމާ ޖަހައި އުޅެއެވެ.

ހިޖާމާއިން ބަލިބަލި ރަނގަޅުވޭތަ؟

ހިޖާމާއަކީ ބަލިބައްޔަށް ކިހާ ރަނގަޅު ފަރުވާއެއްތޯ ކަށަވަރު ކުރެވޭނޭ ފަދަ ސައިންޓިފިކް ރިސާޗްތަކެއް އަދި ނެތެވެ. ނަމަވެސް ހުޅުހުޅުގެ ރިއްސުން ކަށީގެ ރިހުން ފަދަ ތަދުތަކަށް ހިޖާމާއިން ލުއި ލިބޭކަމަށް ފަރުވާ ހޯދާ މީހުން ރިޕޯޓުކޮށްފައިވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

އެހެން ކަމުން މިހާތަނަށް ފެންނަން ހުރި މަދު ދިރާސާތަކުން ބުރަވަނީ މިއީ އުނަގަނޑުގެ ރިހުމާއި ކަނދުރާ އަދި ކަކުލު ހުޅުގެ ރިހުންދަފަ ރިހުންތަކަށް ފަސޭހަވާ ފަރުވާއެއް ގޮތަށެވެ.

ހިޖާމާގެ ސަބަބުން ދިމާވެދާނެ މާ ބޮޑު ސިއްހީ ނުރައްކަލެއް ނުވަތަ ނުރައްކާތެރި ސައިޑް އިފެކްޓްސްތަކެއް ނުހުރެއެވެ. ނަމަވެސް ހަފްތާއެއް ނުވަތަ ދެހަފްތާގެ މުއްދަތަކަށް ހަންގަނޑުގައި ހިޖާމާގެ ލަކުނު ފެންނަން ހުންނާނެއެވެ. ބައެއް ހާލަތްތަކުގައި ހަންގަޑުގެ އިންފެކްޝަނެއް އުފެދިދާނެއެވެ. ހިޖާމާ ޖަހަން ގެންގުޅޭ އާލާތްތައް ރަނގަޅަށް ސާފުނުކޮށް ހުންނަ ނަމަ ލޭގެ ޒަރީއާއިން ފެތުރޭ ހެޕަޓައިޓިސް ބީ އަދި ސީ ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ޑޮކްޓަރުން މައުލޫމާތުދޭ ގޮތުގައި ޑަކްޓަރީ ބޭސް ކާންޖެހޭ ފަދަ ބައްޔަކަށް ބޭސް ކެއުމުގެ ބަދަލުގައި ހިޖާމާ ޖަހާނަމަ އެފަދަ ބައްޔެއް ބޮޑުވެދާނެއެވެ. މިސާލަކަށް ހަށިގަނޑުން އިންސިއުލިން ނުއުފައްދާނަމަ ހަށިގަނޑަށް އިންސިއުލިން ދޭން ޖެހޭނެއެވެ. އޭގެ ބަދަލުގައި ހިޖާމާ ޖެހުމަކީ ފަރުވާއެއް ނޫނެވެ. ހިޖާމާއަކީ އިންސިއުލިން އުފެއްދޭނެ ފަރުވާއެއް ނޫނެވެ. ވީމާ މިފަދަ ހާލަތެއްގައި ބަލި ވާނީ ބޮޑެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ހިޖާމާ އަކީ އެހެން ފަރުވާތަކާއި އެކު ކުރިއަށް ގެންދާނަމަ އޭގެއިން ރަނގަޅު ނަތީޖާ ފެނުމުގެ ފުރުސަތު ބޮޑު ފަރުވާއެކެވެ. މިސާލަކަށް އަކުއަޕަންޗަރ، މަސާޖު ކުރުން، ފިޒިއޯތެރަޕީ އާއި އެކު ހިޖާމާ އަކީވެސް ތަދުތަދަށް ލުއި ލިބޭ ފަރުވާއެއްކަމަށް ގިނަ ސިއްހީ މާހިރުން އިއްތިފާގުވެއެވެ. 2015 ވަނަ އަހަރު ޖާނަލް އޮފް ޓްރެޑިޝަނަލް އެންޑް ކޮމްޕލިމެންޓަރީ މެޑިސިންގައި ހާމަކޮށްފައިވަނީ އޮށާޅަ ނެގުމާއި، ހާޕްސް އަދި ތަދުތައް މެނޭޖްކުރުމަށް ހިޖާމާ އިން އެހީތެރިވެދޭ ކަމަށެވެ.

މިއީ 2012 ވަނަ އަހަރު އޮސްޓްރޭލިއާ އަދި ޗައިނާގެ ދިރާސާވެރިން ރިވިއު ކުރި 135 ދިރާސާ އިންވެސް ދައްކަނީ އެހެން ފަރުވާތަކާއި އެކު ހިޖާމާ ބޭނުން ކުރުމުން ބައެއް ކަންކަމަށް ފަރުވާލިބުމުގައި އެހީއަކަށް ވާކަމަށެވެ. މިނޫން އެހެން ދިރާސީ ނަތީޖާއެއް އަދި ފެންނާކަށް ނެތެވެ. ނަމަވެސް ކެންސަރު ބައްޔާއި، ހަކުރު ބަލި ފަދަ ބޮޑެތި ބަލިތަކަށް ހިޖާމާ އަކީ ފަރުވާއެއް ނޫންކަމަށް ވެސް އެފަރާތްތަކުން އިއްތިފާގުވެއެވެ.

ހިޖާމާގެ ސަބަބުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުވޭތޯ ކަށަވަރުވާނެ ދިރާސާއެއް މިހާތަނަށް ހަދާފައި ނެތެވެ. ނަމަވެސް ހިޖާމާގެ ފަރުވާ ދޭ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ހިޖާމާއިން ހަށިގަނޑު ސާފުކޮށްދެއެވެ.

ހިޖާމާ ޖަހައިދޭ ތެރަޕިސްޓުން ރާއްޖޭގައިވެސް މިހާރު ގިނަ އަދަދަކަށް އުޅެއެވެ. ޑޮކްޓަރަކާއި މަޝްވަރާ ކުރުމަށްފަހު ރަނގަޅު ސިއްހީ އިރުޝާދުގެ ދަށުން ކުރާނަމަ މިކަމަކީ އެންމެ ރަނގަޅު ކަމެއް ނަމަވެސް ޑޮކްޓަރުން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ޑޮކްޓަރަށް ނުދައްކައި ނުވަތަ ދެއްކުމަށްފަހުގައި ވެސް ބޭސް ބޭނުން ނުކޮށް ހަމައެކަނި ހިޖާމާ އިން ބަލި ފަސޭހަވާނެ ކަމަށް ގަބޫލުކުރާ ފަރާތްތައް ގިނަވުމެވެ.

ރިއެކްޝަންސް
0
0
8
0
3
3
22