ޑިއުޓީން ބޭރުގައިވެސް އޮފީހަށް ވަގުތު ދޭންޖެހިފައި

11 މެއި 2022 - 16:10

ޓެކްނޮލޮޖީއާއިއެކު ދުނިޔެ މިއަދު މިވަނީ ވަރަށްވެސް ކުޑަ ތަނަކަށް ވެފައެވެ. އަތުގައި އޮންނަ ސްމާޓް ފޯނުން ނުވަތަ ލެޕްޓޮޕުން ކިތަންމެ ދުރުގައި ހުރި މީހަކަށްވެސް ވަގުތުން ވާހަކަދައްކާލެވެއެވެ. މީގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް ފަސޭހަތަކަކާއި ރަނގަޅު ގޮތްތަކެއް ގެނެސްދީފިއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން ގެނެސްދީފައިވަނީ ހަމައެކަނި ރަނގަޅެއް ނޫނެވެ.

އަބަދުވެސް ހުންނަނީ ކަނެޓްވެފައި

advertisement

މޯބައިލް ފޯނާއިއެކު އަހަރެމެންގެ މި މުޖްތަމައުގައި މަސައްކަތުގެ މާހައުލާއި އަދި އެހެނިހެންވެސް ގުޅުންތަކުގައި އަބަދުވެސް އެވެއިލަބަލްވާން ވަނީ މަޖުބޫރުވެފައެވެ. މިސާލަކަށް ބުނާނަމަ މަސައްކަތުގެ ޑިއުޓީ ނިންމާފައި ގެއަށް ދިއުމަށް ފަހުގައިވެސް އޮފީހާއި 24 ގަޑިއިރު ގުޅިފައި ހުންނަންޖެހެއެވެ. އޮފީސް ފޯނުކޯލަކަށް ނުވަތަ މެސެޖަކަށް ކޮންމެ ގަޑިއަކު ކޮންމެތާކު ހުރިނަމަވެސް އަވަހަށް ޖަވާބުދެވޭ ހާލަތެއްގައި ހުންނަން ވަނީ މަޖުބޫރުވެފައެވެ.

ދިރާސާތަކުން ދައްކަނީ ކިހިނެއް؟

ހޯދުންތަކުން ދައްކާގޮތުގައި މިކަމުގެ ސަބަބުން މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަންނަނީ އަސަރުކުރަމުންނެވެ. އޮފީހުގެ ވަގުތު ނިންމުމަށްފަހުގައިވެސް އޮފީހަށް އެވެއިލަބަލް ވާން ޖެހުމުގެ ސަބަބުން މީހުން ސްޓްރެސްވުމާއި ޑިޕްރެޝަންއަށް ދާކަމަށް ދައްކައެވެ.

ކޮންމެވެސް ސަބަބެއް ދިމާވެގެން އޮފީހުން ގުޅާ ނުވަތަ މެސެޖްކުރާ ވަގުތުގައި އެއަށް ޖަވާބު ނުދެވިއްޖެނަމަ އޭނާއަކީ ރަނގަޅު މުވައްޒަފެއް ނޫންކަމަށް ދެކޭ އޮފީސްތައްވެސް އަހަރެމެންގެ މި މުޖްތަމައުގައި އުޅެއެވެ. މީގެ ސަބަބުން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ކުރެއެވެ.

ފޯނުގައި ތަތްވެގެން ހުންނަން ޖެހޭނީ އޮފީސްކަންކަމުގައި އެކަންޏެއް ނޫން

އޮފީހުގެ މާހައުލުގައި ނޫނަސް އަމިއްލަ ދިރިއުޅުމުގައިވެސް ބައެއް މީހުންނަށް މިކަން ތަޖުރިބާކުރަން ޖެހިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ގުޅާ ވަގުތުގައި ފޯނު ނުނެގި ޖަވާބު ނުދެވިއްޖެނަމަ އެފަދަ ގުޅުންތައް ހީނަރުވެ ބުރޫއަރާ ފަހަރުވެސް އާދެއެވެ. ހޯދުންތަކުން ދައްކާގޮތުގައި މުޖްތަމައުގައި އަށަގަންނަމުން އަންނަ މި ކަލްޗަރގެ ސަބަބުން މީހުންނަށް ނަފްސާނީ ގޮތުގެ އިތުރު ޖިސްމާނީ ގޮތުންވެސް ބޮޑު އަސަރެއް ކުރުވައެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ކޮންމެ ހާލަތެއްގައިވެސް އޮފީހަށް ޖަވާބުދޭންޖެހޭ ކަމަށް ބުނާނަމަ މުވައްޒަފުންނަށް އަމިއްލަ ދިރިއުޅުމާއި ވަޒީފާއާއި ބެލެންސްކުރަން އުނދަގޫވެއެވެ. މީގެއިތުރުން މުވައްޒަފުން އެންޒައިޓީ، ޑިޕްރެޝަން، މުޖްތަމައުން އެކަހެރިވުން، ނިދި މަދުވުން، އަދި އެމީހުންގެ ހޮބީސްތަކާއި ދުރުވާކަމަށް ދައްކައެވެ. މީގެ އެންމެ ބޮޑު އަސްލަކީ މަސައްކަތުގެ މާހައުލުގައި މާބޮޑަށް ބިޒީވެގެންދިއުމެވެ.

ރިއެކްޝަންސް
0
1
0
0
0
0
1