މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

14 މެއި 2022 - 18:24

ދިއްދޫގެ 2 ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ދިއްދޫގެ 2 ގެއަކަށް ފެންވަދެ ގެއްލުންތަކެއްވެއްޖެއެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މިއަދުގެ 14:30އާ ހަމައަށް ބ. އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލަރޓް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

advertisement

ވިލިމާލޭ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމަށް

މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ފާޠިމަތު ނާޒިމާ ކާމިޔާބުކުރައްވައިފިއެވެ.

އިންތިޚާބަށްފަހުވެސް އެމްޑީޕީ އެތެރޭގައި އެއްބައިވަންތަކަން އޮންނާނެ: ރައީސް

މިއަދު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ ވާދަވެރި އިންތިޚާބަށްފަހުވެސް އެޕާޓީ ބައިބައިވެގެން ނުދާނޭކަމަށް އެމްޑީޕީގެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ ކޮންމެ އިންތިޚާބަކީވެސް މުހިންމު އިންތިޚާބެއްކަމަށާއި، މިއިންތިޚާބުގެ ވޯޓު ލުމުގެ އިންތިޒާމްތައް ހަޖައްސަވާފައިވާ ގޮތްތަކާ ދޭތެރޭވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.

ޔޫއޭއީގެ ރައީސްގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާނުގައި، ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޔޫ.އޭ.އީ.ގެ ރައީސް އަކީ އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްކަމާއި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ޔޫ.އޭ.އީގެ ރައްޔިތުން ހަނދުމަ އާކުރާނެ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލެއިން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލެއިން 7،433،908.00 (ހަތް މިލިއަން ހަތަރުލައްކަ ތިރީސް ތިންހާސް ނުވަސަތޭކަ އަށް) ރުފިޔާ ލިބިއްޖެއެވެ.

ފަޤީރުން ނެތް ރަށްރަށުން ފައިސާގެ ގޮތުގައި 450،373 (ހަތަރުސަތޭކަ ފަންސާސް ހާސް ތިންސަތޭކަ ތިރީސް ތިން) ރުފިޔާ ލިބިފައިވެއެވެ. ފަޤީރުން ނެތް ރަށްތަކުގެ ގޮތުގައި 42 ރަށެއް ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0