މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

16 މެއި 2022 - 16:52

މިއަހަރުގެ ސްޓޫޑެންޓް ލޯން 393 ދަރިވަރަކަށް ދޫކޮށްފި

ސްޓޫޑެންޓް ލޯން 393 ދަރިވަރަކަށް ލިބިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވަނީ އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 720 ފުރުސަތު ހުޅުވާލާފައެވެ. މިލޯނު އެދި 1،000 ދަރިވަރުން ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން ލޯނު ލިބުނީ 393 ދަރިވަރުންނަށެވެ.

advertisement

ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން  ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 64.6 މިލިއަން ރުފިޔާގެ މަޝްރޫޢެއެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ނުވާނަމަ ނުރައްކާތެރިކަން ވަރަށް ބޮޑު: ނައިބު ރައީސް

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްނުކޮށް ތިބުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި “ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔޫ.އޭ.އީ. ގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔޫ.އޭ.އީ. އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީ. ގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންފައެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދަނީ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. 

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ  ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މަޙްމޫދުލް ޙަސަން (29އ) އާއި ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ޚައިރުލް އިސްލާމް (26އ) އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0