މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

18 މެއި 2022 - 18:45

ގެވެށި އަނިޔާއިން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ރ. މަޑުއްވަރީގައި

މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. މަޑުއްވަރީގެ މުއައްސަސާތަކުގެ މުވައްޒަފުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން، ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ ސަބަބުން ދިރިއުޅުމަށްކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާ ލިބެމުންދާނަމަ އެކަން ސިއްރު ނުކުރުމަށާއި އެއްވެސް މީހަކަށް ގެވެށި އަނިޔާ ލިބެމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

advertisement

މޮޅަދޫއާއި މާރަންދޫ ސްކޫލުގެ ޖާގަ އިތުރުކުރަނީ

ހއ. މޮޅަދޫ ސްކޫލާއި، އެއަތޮޅު މާރަންދޫ ސްކޫލުގެ ޖާގަ އިތުރުކުރުމަށް އަމިއްލަ 2 ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ވަކިވަކިން ބޭއްވެވި ރަސްމިއްޔާތެއްގައި ހއ.މޮޅަދޫ ސްކޫލުގެ ޖާގަ އިތުރުކުރުމަށް ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލީ ޝަމީޒެވެ.

ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރަނީ

ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އަލްފާޟިލާ އީނާސް ނަސީރުއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމަށް އޮންލައިން ޕޯޓަލްއެއް ތައާރްފްކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގައި ބޭނުންކުރުމަށް “މަހޯލި ޕޯޓަލް”ގެ ނަމުގައި އޮންލައިން ޕޯޓަލެއް އިންފޮމޭޝަން ކޮމިޝަނުން ތައާރްފްކޮށްފިއެވެ.

މި ޕޯޓަލް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދުއެވެ. މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މި ޕޯޓަލްއަކީ ހަމައެކަނި މައުލޫމާތަށް އެދި ހުށަހެޅުމަށް އޮތް ޕޯޓަލެއް ނޫންކަމަށާއި އޭގެ ދެންހުރި މަރުހަލާތައްވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށެވެ.

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެކިއެކި ރަށްރަށަށް 139 އެމްބިއުލާންސް

ވޭތުވޭދިޔަ 3 އަހަރުތެރޭގައި މުޅިން އައު 139 އެމްބިއުލާންސް އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވާފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ އެމިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމުން އަންނަ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ދިނުންކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0