ނޭވާހިއްލުމާއި ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދުން

19 މެއި 2022 - 10:49

ނޭވާއަށް އުނދަގޫކުރުން ނުވަތަ ނޭވާހިއްލުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ދާއިމީ ބައްޔެކެވެ. މި ބަލި ޖެހުމުން ކުރިމަތިވާ މައިގަނޑު މައްސަލައަކީ ނޭވާކުރުވެ ނޭވާލާން އުނދަގޫވުމެވެ. ނޭވާހިއްލުމަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު ތަހައްމަލް ކުރަމުންދާ ބައްޔެކެވެ.

ނޭވާހިއްލުމުގެ ސަބަބުން ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދެއެވެ. އޭގެ ސަބަބުން ފުއްޕާމެއަށް އޮކްސިޖެން ލިބޭ މިންވަރު މަދުވެ، މެޔަށް ތަދުވުން އެކަށީގެންވެއެވެ.

advertisement

ނޭވާ ހިއްލުމަކީ އާއިލީ ގޮތުން ވާރުތަވުމުގެ ފުރުސަތު ބޮޑު ބައްޔެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ކޮވިޑް-19 ފަދަ ބައްޔެއް ޖެހިފައިވާ މީހެއްނަމަ، މި ބަލީގެ ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ނޭވާހިއްލުމުގެ އަލާމާތްތަކުގެ ތެރޭގައި ނޭވާކުރުވުން، މޭގައި ކުއްލިއަކަށް ރިއްސުން، ނޭވާކުރުވުމުގެ ސަބަބުން ނިދަން އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، ނޭވާލާ ހޮޅި ހިމަވުމުން ބޭރަށް ނެވާލާއިރު ވީޒް ކުރާ އަޑު އިވޭނެއެވެ. މި އަލާމާތް އާންމުގޮތެއްގައި ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ.

“އެސްމާ އެޓޭކް” އަކީ ކުއްލިއަކަށް ނޭވާހިއްލުމުގެ އުދަނގޫތައް ގޯސްވުމެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ނޭވާހޮޅި ވާންވެ، ފިތި، ދުޅަވެ، ދަވަ ޖަމާވެގެން ދެއެވެ.

އެސްމާ އެޓޭކް ނުވަތަ ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ފެންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި:

  • ކެއްސުން: ޙާއްސަކޮށް ރޭގަނޑު
  • ނޭވާލާއިރު ތޫލިއަޑެއް ހުރުން
  • ނޭވާކުރުވުން
  • ނޭވާލާން އުނދަގޫވުން
  • މެޔަށް ވާންވުން، ތަދުވުން

ކުއްލިއަކަށް ނޭވާހިއްލުން ގޯށްވެއްޖެނަމަ މިއީ ފަރުވާ ބޭނުންވާ ކަމެކެވެ. މިކަމަށް ފަރުވާ ނުލިބިއްޖެނަމަ ވާހަކަދައްކަން ނުކުޅެދި، ތުންފަތާއި ވަށައިގެންވާ ހިސާބު ނޫވެދާނެއެވެ. މިކަން މިހެން ދިމާވަނީ ލޭގައި އޮކްސިޖަން މަދުވެގެންނެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި އެކަށީގެންވާ ފަރުވާ ނުފެވިއްޖެނަމަ ޚަބަރު ހުސްވެ ފުރާނައަށް ނުރައްކާވެދާނެއެވެ.

ރިއެކްޝަންސް
2
0
0
30
1
0
0