ބަލިމީހާގެ އެހީތެރިޔާގެ ދުޅަހެޔޮކަމުގެ ވާހަކަ އަހަރުމެން ނުދައްކަނީ ކީއްވެ؟

19 މެއި 2022 - 11:06

ބަލިމީހަކަށް، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އެހީތެރިކަންދީ ބެލެހެއްޓުމަކީ އެހީތެރިޔާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސްކުރުވާ ކަމެކެވެ. އަދި ހަމަ އެހެންމެ، ޢާއިލާގެ ކަންކަން ބަލަހައްޓަމުން ނުވަތަ ވަޒީފާއަކަށް ދަމުން ނުވަތަ ގޭތެރޭގެ މަސައްކަތުގައި އަވަދި ނެތި ބުރަކޮށް އުޅެމުން، ބަލިމީހަކަށް އަޅައިލުމަކީ ދަތިތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ބަލިމީހާއަށް އެހީތެރިވެދިނުމުގައި އަމިއްލަ ނަފުސަށް އަޅައިނުލެވުމުން ހާސްވުމާއި، ކަންބޮޑުވުމާއި، ފިކުރުބޮޑުވުމާއި ރުޅިއިސްވުން ފަދަ ކަންކަން ދިމާވެ ތިމާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ ހާލަތްތައް މެދުވެރިވެދެއެވެ. ބަލިމީހުންނަށް އަޅައިލާ އެހީތެރިކަން ފޯރުކޮށްދޭ ބައެއް މީހުން ދެކޭގޮތުގައި، ބަލިމީހާގެ ހުރިހައި ކަންކަން އެހީތެރިޔާ އަމިއްލަޔަށް ކޮށްދޭން ޖެހެ އެވެ. މިވިސްނުމުގައި މަސައްކަތްކުރާނަމަ ތިމާއަށް ދިމާވެދާނެ މާޔޫސްކަމަކާ، ވަރުބަލިކަމަށް ސަމާލުކަމެއް ނުދެވެއެވެ.


އެހެންކަމުން ތިމާގެ ޖަޒުބާތުތަކަށާއި އިހުސާސްތަކަށް ފަރުވާތެރިވުމާއި އަނެކުންގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. ކަންބޮޑުވާ ކަންކަން އެހެން މީހުންނާ ހިއްސާ ކުރުމުން ނަފްސުގެ ވަރުބަލިކަން ކުޑަވެ، ހާސްކަމާއި ފިކުރު ކުރުން ކުޑަވާނެއެވެ. ބަލިމީހާގެ އެހީތެރިޔާއަށް ދިމާވާ މިފަދަ ކަންކަމަށް ރިއާޔަތްކޮށް އެމީހުންނަށް އެކަންކަމުން ހައްލު ހޯދައިދިނުމުގެ ގޮތުން ވަނީ “އެހީތެރިޔާ ވަރުބަލިކަމުން ދުރުހެލިވުމަށް މަގެއް” މި ނަމުގައި ފޮތެއް ނެރެފައެވެ.

މިފޮތުގައިވާގޮތުން ބަލިމީހާގެ އެހީތެރިޔާވެސް ހާސްވެ ކަންބޮޑުވާފަދަ ކަންކަން ކުރިމަތިވެއެވެ. މިފަދަ ހާލަތްތަކުގައި އަމަލުކުރެވިދާނެ ބައެއް ގޮތްތަކުގެ ތެރޭގައި:

  • އަމިއްލަ ނަފްސަށް ވަގުތު ހޯދައި ހިތްހަމަޖެހޭ ކަމެއްކުރުން
  • އަމިއްލަ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ގަވައިދުން ޑޮކްޓަރަށް ދެއްކުން
  • އެހީތެރިކަން ދެވޭނެ ގިނަ ފަރާތްތަކާއި ގުޅުން ދެމެހެއްޓުން
  • ބަލިމީހާގެ ކަންތައްތައް ރަނގަޅަށް ކޮށްދެވޭނީ ތިމާ ރަނގަޅަށް ވަރުބަލިނުވެ ހަމަޖެހިގެންކަން ދަނެ އެހެންމީހުންގެ ފަރާތުން އެހީތެރިކަން ހޯދުން.
  • ދިމާވާ ހުރަސްތަކާއި ގުޅިގެން ފިކުރު ބޮޑުވާނަމަ ކަމުގެ މާހިރަކާއި ނުވަތަ އިތުބާރުކުރެވޭ ރައްޓެއްސަކާ ނުވަތަ އާއިލާގެ ހިތްހަމަޖެހޭ މެންބަރަކާއި ވާހަކަދެއްކުން.

އެހީތެރިޔާގެ އަމިއްލަ ސިއްހަތު ރަނގަޅަށް ބެލެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ބަލިމީހުން ބަލަހައްޓަން އުޅޭ ގިނަ އެހީތެރިންނަށް އެމީހާގެ އަމިއްލަ ސިއްހަތައް ގިނަފަހަރު ސަމާލުކަމެއް ނުދެވެއެވެ. ސިއްހަތައް މައްސަލައެއް ދިމާވެއްޖެނަމަ މިކަންކަމަށް އަޅާނުލާ ދޫކޮށްނުލާށެވެ. ކަސްރަތުކޮށް ސިއްހަތައް ރަނގަޅު ކާނާކައި އާދަކޮށް މެޑިކަލް ޗެކްއަޕްއެއް ހަދައި މީހާ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރާށެވެ. މެދުމިނެއްގެ ކަސްރަތެއް ކުރުމުންވެސް ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހެލިފެލިވެ ނޫޅޭނަމަ ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ރިއެކްޝަންސް
0
0
0
1
0
0
0