‘މަންކީޕޮކްސް’ — ނުރައްކަލަކީ ކޮބާ؟

22 މެއި 2022 - 11:03

މިދުވަސްވަރަކީ އެމެރިކާ، ކެނެޑާ އަދި ވިލާތުގެ ޤައުމުތަކުގައި ސްމޯލްޕޮކްސް އާއި ގުޅުންހުރި މަންކީޕޮކްސްގެ ވޭދަނަތައް ބާރަށް ފެތުރެމުންދާ ދުވަސްވަރެކެވެ. ބަލިފެތުރެމުންދާ ޕެޓާންއަށް ބަލާއިރު ބަލި ފެތުރެމުންދަނީ ކުރިން ބެލެވުނު ގޮތަށް ކޮންމެހެން މިބަލި ޢާންމުކޮށް ފެތުރިފައިވާ ހުޅަނގާއި މެދުތެރޭ އެފްރިކާގެ ޤައުމުތަކުން ބަޔަކު ވިލާތަށް ދަތުރުކޮށްގެން ކަމަށް މިހާރު ބެލެވޭކަށް ނެތެވެ. މަންކީ ޕޮކްސްގެ މައިގަނޑު ދެ ސްޓްރެއިން އެއް ފެތުރެއެވެ. އެއީ މިބަލީގެ ނުރައްކާތެރިކަން ބޮޑު ކޮންގޯ ސްޓްރެއިން އާއި ހުޅަނގު އެފްރިކާ ސްޓްރެއިންއެވެ. އިނގިރޭސިވިލާތުން ފެނިފައިވަނީ މީގެ ތެރެއިން ނުރައްކާތެރިކަން ކުޑަ ހުޅަނގު އެފްރިކާ ސްޓްރެއިން ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މެއި 7 ގައި މިބަލީގެ ވޭދަނައެއް އިނގިރޭސިވިލާތުން ފެނުނު ފަހުން ވިލާތުގައި މިހާރު 100 އެއްހާ ވޭދަނަ ރިޕޯޓްކުރެވިފައިވެއެވެ.

ކޮވިޑްގެ ބޮޑު ޢާލަމީ ވަބާއަކުން އަރައިނުގަނެވިގެން އުޅެނިކޮށް މަންކީޕޮކްސް ފެތުރެން ފެށުމާއިއެކު ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމްޢިއްޔާއިން މިހާރުވަނީ މިއައުޓްބްރޭކް އާއި ގުޅޭ ކުއްލި ބައްދަލުވުންތައް ފަށައި ބަލި ކޮންޓްރޯލް ކުރުމާއި ގުޅޭ މަޝްވަރާތައް ފަށާފައެވެ. ބަލީގެ ބިރު ބޮޑުވެފައި ވީނަމަވެސް ކޮވިޑް 19 ފެރުތުނު ގޮތަށް މިބަލި ފެތުރިދާނެކަމަށް ނުބެލެވޭކަމަށް ސިއްޚީ މާހިރުން ބުނެއެވެ. ސަބަބަކީ މިބަލި ޖައްސާ ވައިރަހަކީ އެހާ ހަލުވި މިނެއްގައި ފަސޭހަކަމާއިއެކު ފެތުރިގަނެވޭ ވައިރަހަކަށް ނުވާތީކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

advertisement

މަންކީޕޮކްސް އަކީ ކޮބާ؟

މަންކީޕޮކްސް ޖައްސަނީ ޖީނަސް އޯތޯޕޮކްސް ވައިރަހަކުންނެވެ. މިއީ އެހެނިހެން ޕޮކްސް ވައިރަސްތަކާއި ގުޅުންހުރި އެއާއި ވަރަށް އެއްގޮތް ވައިރަހެކެވެ. މިބަލި ފުރަތަމަ 1958 ވަނަ އަހަރު މަކުނު ކޮލޮނީއަކުންނެވެ. އެއަށްފަހު ފުރަތަމަ ފަހަރަށް އިންސާނުންނަށް މިބަލި ޖެހިގެން ރިކޯޑް ކުރެވިފައިވަނީ 1970 ގައި މިހާރުގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއިން އިންނެވެ. އޭގެ ފަހުން މިހާތަނަށް މެދުތެރޭ އެފްރިކާއާއި ހުޅަނގު އެފްރިކާގެ އެކި ހިސާބުތަކުން މިބަލީގެ އައުޓްބްރޭކްތައް ފެނިފައިވެއެވެ.

ބަލީގެ ޢަލާމާތްތަކަކީ ކޮބާ؟

މަންކީޕޮކްސް އަކީ ޒޫނޮޓިކް ބައްޔެކެވެ. އެހެންގޮތަކަށް ބުނާނަމަ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވުމާއި ފޫހިވުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.

ބަލިޖެހުމުން ހުންއައިސް ހަށިގަނޑުގައި ފިއްގަނޑުތައް ނަގައެވެ. އާންމުކޮށް ފެންނަން ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. ފިއްގަނޑުތަކުގައި ގަދައަށް ހިރުވާނެއެވެ. އޭގެފަހުން ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުކޮޅަކަށް ބަދަލުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 2 ހަފްތާއާއި 4 ހަފްތާ އާއި ދޭތެރޭގެ މުއްދަތެއް ހޭދަވެއެވެ.

ބަލިފެތުރެނީ ކިހިނެއް؟

އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ހަށިގަނޑުގެ ބޭރުފުށުން ހަލާކުވެފައި ހުންނަ ފާރުކޮޅުތަކާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވުމަށް މެދުވެރިކޮށްދެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ދުނިޔޭގެ ސިއްޚަތާއިބެހޭ ވުޒާރާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.  މިފަހުން އިނގިރޭސިވިލާތުގައި ފެނިފައިވާ ވޭދަނަތަކުގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ގިނަކަމަށް ޔޫކޭ ހެލްތް ސެކިއުރިޓީ އޭޖެންސީއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ބަލިޖެހިފައިވާ ހިކަނދި މީދާ ފަދަ ރޯޑެންޓްސްގެ ކިބައިންވެސް ބަލި ފެތުރޭކަމަށް ސިއްޙީ މާހިރުން ބުނެއެވެ.

މިބަލީގެ ފަރުވާއަކީ ކޮބާ؟

މަންކީޕޮކްސްއަށް އަދި ވަކި ފަރުވާއެއް ހޯދިފައެއް ނެތެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޑޮކްޓަރުން މަސައްކަތްކުރަނީ  މިބަލީގެ އިންފެކްޝަން ހުއްޓުވުމަށެވެ. އެންޓި ވައިރަލް ޑްރަގްތައް ބޭނުންކޮށްގެންނާއި ވެކްސިނިއާ އިމިއުން ގްލޯބުލިން (ސްމޯލްޕޮކްސް ވެކްސިން ޖަހައިގެން ބަލިން ރައްކާތެރިވެފައިވާ މީހުންގެ ލޭގައި ހިމެނޭ އެންޓިބޮޑީޒް ނަގައިގެން) މިބައްޔަށް ފަރުވާކުރެވެއެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އެހެން ނަމަވެސް 1980 ގައި ސްމޯލްޕޮކްސް ދުނިޔެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅައި މިވެކްސިން ޖެހުން ވަނީ ހުއްޓާލެވިފައެވެ. ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ އެޕިޑެމިއޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޑރ. އޭން ރިމޮއިން އާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ސްމޯލްޕޮކްސްގެ ވެކްސިނޭޝަން ކެމްޕެއިންތައް ހުއްޓާލުމަކީ މަންކީޕޮކްސްގެ ވޭދަނަތައް އިތުރުވާން މެދުވެރިވި މައިގަނޑު އެއް ސަބަބުކަމަށެވެ.

މިބަލި ޖެހިއްޖެނަމަ ހަދާނީ ކިހިނެއް؟

މިބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. އަދި ވޭތުވެދިޔަ މަހެއްހާ ދުވަހު ބަލީގެ ވޭދަނަތައް ރިޕޯޓްކުރެވިފައިވާ އެއްވެސް ޤައުމަކަށާއި، މެދުތެރޭ އެފްރިކާ ނުވަތަ ހުޅަނގު އެފްރިކާގެ ޤައުމަކަށް ޒިޔާރަތްކޮށްފައި ވާނަމަ އެމަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި އަވަހަށް ޙިއްސާކުރާށެވެ. މީގެ އިތުރުން ބަލިޖެހިފައިވާކަން ޔަޤީން ކުރެވިއްޖެނަމަ ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުންދޭށެވެ.

ރިއެކްޝަންސް
0
1
0
8
1
0
0