ރިޕޯޓު: ރިސޯޓްތަކުގެ ކުލި ކުޑަކުރުމުގައި މާލީ އިދާރާތަކުގެ އިންޒާރު، ސީރިއަސް ވާންޖެހޭ!

24 މެއި 2022 - 13:30

ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރުމަށް ސަރުކާރުން މަޖިލީހަށް އިސްލާހެއް ހުށަހެޅުމާ އެކު އާންމުންގެ ކަންބޮޑުވުން ހާމަވެގެން ދިޔައެވެ. ހާއްސަކޮށް އެކަން ކުރުމުގައި މިނިމަމް ވޭޖްއާ ގުޅުވައިގެން ސަރުކާރުން ވާހަކަ ދެއްކުމުން އެކަމާ ދެކޮޅަށް ބަސްބުނި ވަރަށް ގިނަ ބަޔަކު ތިއްބެވެ. މިފަދަ ކަންކަމުގައި އާންމުންނަށް އަދި އެންމެ ރަނގަޅަށް ނުވިސްނި އޮވެދާނެއެވެ. އޭގެ ސަބަބުން ދައުލަތަށް ވާ ހަގީގީ ފައިދާ ނުވަތަ ގެއްލުން ނޭނގި އޮވެދާނެއެވެ. މިއީ ސަރުކާރުން ބޭނުން ވެގެން ގެންނަ ބަދަލަކަށް ވިޔަސް ރިސޯޓް ކުލި ކުޑަކުރުމުގައި ދައުލަތުގެ މާލީ އިދާރާތަކުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ނަގަމުން އަންނަ ބިމު ކުލި ކުޑަކުރުމަށް ހުށަހަޅާފައިވާ ބިލް އިގްތިސާދީ ކޮމިޓީން ދިރާސާކުރަމުން އަންނަ އިރު ކަމާ ބެހޭ އިދާރާތަކުގެ ހިޔާލު އަންނަނީ ހޯދަމުންނެވެ. މިހާތަނަށް ދައުލަތުގެ މާލީ އިދާރާތަކުން އަދި އެ އިދާރާތަކުގެ ވެރިން ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލާއިރު މިއީ ނުބައި ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ.

advertisement

އިގްތިސާދީ ގޮތުން ރަނގަޅު ދަނޑިވަޅެއް ނޫން

އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ އެފަދަ ފިޔަވަޅެއް އެޅުމަށް ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށެވެ. ކޮވިޑްގެ ސަބަބުން އިގްތިސާދު ވެއްޓުނު އަޑިގަނޑުން އަރައިނުގަނެވިގެން އުޅޭ އިރު ޔޫކްރެއިންގެ ހަނގުރާމައަކީ ވެސް އިގްތިސާދަށް އޮތް ގޮންޖެހުމެއް ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ޔޫކްރެއިންގެ މައްސަލް އާއި މުދަލުގެ ސަޕްލައިގައި މައްސަލަތައް ކުރިމަތިވަމުން އަންނަ ދަނޑިވަޅެއްގައި ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ގޮތަކަށް އަމަލުކުރުން ބުއްދިވެރިއެއް ނޫނެވެ. އަދި އޭގެ ނުރައްކާ ސިފަކޮށްދެއްވަމުން ވިދާޅުވީ އަވަށްޓެރި ސްރީ ލަންކާ އަށް ދިމާވެފައިވާ ފަދަ ހާލަތެއް ރާއްޖެ އަށް ވެސް ކުރިމަތިވެދާނެ ކަމަށެވެ.

ލަންކާ ބަނގުރޫޓުވުމުގައި ވެސް ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ ދަށަށް ދާނެ ފިޔަވަޅުތައް އެޅުން ސަބަބަކަށް ވެއެވެ. އެ ގޮތުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދަނޑިވެރިކަމުގައި ބޭނުންކުރާ ފާޓިލައިޒާއާ ބެހޭ ކަންކަމަށް ގެނައި އިސްލާހުގެ ސަބަބުން ދަނޑުވެރިކަން ދަށްވުމާއި ކޮވިޑް ކޮންޓްރޯލްކުރުމުގައި ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ އިންތިހާ އަށް ދަށްވި ދަނޑިވަޅު ހަރަދުތައް ކުޑަކުރެވޭނެ މަގެއް ނުހޯދުމުގެ ސަބަބުން މުޅި އިގްތިސާދު ވަނީ އަޑިއަޅާލާފައެވެ. އަދި މުދާ ގަންނާނެ ބޭރު ފައިސާ ނެތުމުން ކަރަންޓާއި ކާބޯތަކެތި ފޯރުކޮށްދެވޭނެ މަގުތައް ދަނީ ބަންދުވަމުންނެވެ.

ގަވަރުނަރު ވިދާޅުވީ ދައުލަތަށް ލިބެމުން އައި އާމްދަނީއަކަށް އަސަރުކުރާ ފަދަ ނިންމުމެއް ނިންމުމުގެ ކުރިން އަތުވެދާނެ ބަދަލުތަކުގެ ތަފްސީލު އެނގޭނެ ދިރާސާއެއް ކުރުން މުހިންމު ކަމަށެވެ.

ދައުލަތަށް 590 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ

މިކަމުގައި ކަންބޮޑުވުން އޮތީ ހަމައެކަނި ގަވަރުނަރުގެއެއް ނޫނެވެ. ދައުލަތުގެ އާމްދަނީއާ ބެހޭ މައި އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާތު ހިސާބުތަކުން ވެސް ދައްކަނީ ރަނގަޅު މަންޒަރެއް ނޫނެވެ. މީރާ އިން އަންދާޒާކުރާ ގޮތުގައި މި ބަދަލާ އެކު، ރިސޯޓް ކުލިން ދައުލަތަށް ލިބެމުން އައި 1.6 ބިލިއަން ރުފިޔާގެ ތެރެއިން 590 މިލިއަން ރުފިޔާ ގެއްލޭނެއެވެ. މީރާގެ އުންމީދަކީ މިފަދަ ބަދަލެއް ސަރުކާރުން ގެންނަ އިރު އެތަން ފޫބެއްދުމަށް އާމްދަނީ ލިބޭނެ އެހެން ގޮތްތަކެއް ހޯދުމެވެ.

މި ބިލަށް ވަކާލާތުކުރައްވަމުން ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ވިދާޅުވަނީ އެފަދައިންނެވެ. ބިމު ކުލި ކުޑަކުރުމުން އާމްދަނީ ބައެއް މަދުވި ނަމަވެސް މި ބަދަލާ އެކު ޓުއަރިޒަމް ދާއިރާ އިތުރަށް ހިނގައިގަންނާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަންނަ ޓުއަރިސްޓުން އިތުރުމުން ގެއްލޭ އާމްދަނީ ފޫބެއްދޭނެ ކަމަށެވެ. ޑރ. މައުސޫމް އެ އިޝާރާތްކުރައްވަނީ ޓުއަރިސްޓުން އިތުރުވުމުން ރިސޯޓްތަކުން ލިބޭ އެހެން ޓެކްސްތައް އިތުރުވުމަށެވެ. މިހާރު ބިމު ކުއްޔަކީ ޓުއަރިޒަމް ދާއިރާ އިން ލިބޭ އާމްދަނީއާ އަޅާ ބަލާއިރު ނިސްބަތުން ކުޑަ މިންވަރެކެވެ. ބޮޑު އާމްދަނީއެއް ލިބެނީ ޖީއެސްޓީންނެވެ.  

ޑރ. މައުސޫމް އަދި ސަރުކާރުން ވެސް މި ބަދަލު ޕްރޮމޯޓްކުރަނީ ހުއްޓިފައިވާ ރަށްތަކުގެ މަސައްކަތްތައް ފަށައިގަތުމަށް އޮތް ހައްލެއްގެ ގޮތުގައެވެ. ނަމަވެސް އެއީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލުތޯ ކަމުގެ ތަޖުރިބާކާރުން ވެސް ދަނީ ސުވާލުކުރަމުންނެވެ. މަސައްކަތް ހުއްޓިފައި ހުރި ގިނަ ރިސޯޓްތަކެއް ހުރި އިރު އެ ތަންތަނުގެ މަސައްކަތް އަލުން ފަށައިގަތުމަށް ސަރުކާރުން އަންނަނީ ރިސޯޓު އޯނަރުންނަށް ބާރު އަޅަމުންނެވެ. އަދި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއްބަޔަކު ދެކޭ ގޮތުން ރިސޯޓު ހެދުމަށް ރަށްތައް ނަގައި ނުހަދައި ހުރި ތަންތަން މި ވަގުތުން ވަގުތަށް ވެސް ދައުލަތަށް ނަގަންޖެހެއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ނުދާ ނަމަ އެކަން ކުރެވޭނެ ފަރާތްތައް ހޯދުން މާ ރަނގަޅު ވާނެ ކަމަށް ވެސް އެއްބަޔަކު ދެކެއެވެ.

މި ބަދަލު ގެންނަން ސަރުކާރުން ބޭނުންވާ އަނެއް ސަބަބެއްގެ ގޮތުގައި އޮތީ ސަރުކާރާއި އަމިއްލަ ފަރާތްތައް ހިއްސާވެގެން ރިސޯޓްތައް ހިންގާ ގޮތަށް އޮތުމުން ދަތިތައް ކުރިމަތިވާ ކަމަށް މާލީ އިދާރާތަކުން ފާހަގަކޮށްފައި ވުމެވެ. މައިގަނޑު ގޮތެއްގައި އޮތީ އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓްގެ މައްސަލައެވެ. ކޮވިޑަށް ބަންދުކުރި ގޮތަށް އެ ރިސޯޓް ހުޅުވުމުގައި ވަނީ ހައްލެއް ނުހޯދިއެވެ. އެ ރިސޯޓް ހިންގަމުން އަންނަނީ ސަރުކާރުގެ 30 ޕަސެންޓާއި އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑާ ގުޅިގެންނެވެ. އެ ރިސޯޓް ނުހުޅުވި އަދި އެ ރިސޯޓުން ބޮޑު ގެއްލުމެއް ލިބެމުން އަންނާތީ އެ ހިއްސާ ދޫކޮށްލަން ސަރުކާރުން ބޭނުންވި ނަމަވެސް އެކަން ނުވެ އޮތީ ހިއްސާ ދޫކޮށްލާ ނަމަ ސަރުކާރުން ދައްކަންޖެހޭ މިންވަރު ބޮޑުވުމުގެ ސަބަބުންނެވެ. އެ ގޮތުން އެ ހިއްސާ ދޫކޮށްލާ ނަމަ 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ ސަރުކާރުން ދައްކަންޖެހެއެވެ. އެހާ ބޮޑު އަދަދެއް ދައްކަންޖެހެނީ އެ ރަށަކީ ބޮޑު ރަށަކަށްވުމުންނެވެ. އެއީ މި ހާލަތުގައި ސަރުކާރަށް އުފުލޭނެ ބުރައެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުން ހުރީ ގާނޫނު އިސްލާހުކޮށް ބިމު ކުއްޔަށް ޖެހޭ މިންވަރު ކޫޑަކޮށްގެން އެއަށް ހައްލެއް ހޯދުމަށެވެ.

ބިމު ކުލި ނަގާ ގޮތް ބަދަލުކުރި ނަމަވެސް އައްޑޫ ރިސޯޓްގެ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ބޭފުޅުން ވެސް މަދެއް ނޫނެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ގައުމުގެ އިގްތިސާދު އަޑި އަޅާލުމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ފަރާތްތައް ވެސް އެބަ ތިއްބެވެ. އަނެއް ގަބޫލުކުރާ ގޮތުގައި އެކަން ކުރަނީ ހަމައެކަނި އައްޑޫ މައްސަލަ އަށް ހައްލު ހޯދާކަށް ނޫނެވެ. ރިސޯޓު އޯނަރުންގެ ފިއްތުންތައް ވެސް ބޮޑުވެ. އަދި މިއީ މިނިމަމް ވޭޖް ކަނޑައެޅުމުން ރިސޯޓްތަކަށް ކުރަންޖެހިފައިވާ ހަރަދު ފޫބެއްދުމަށް ރިސޯޓު އޯނަރުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައިގެން ކުރުވާ ކަމެއްގެ ގޮތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ތުހުމަތުކުރައްވާފައި ވެއެވެ. މާލީ އިދާރާތަކުން ދެމުންދާ އިންޒާރުތަކަށް ބަލާއިރު މި ދަނޑިވަޅުގައި އެފަދަ ކަމެއް ކުރަމަކީ ބުއްދިވެރިކަމެއް ނޫނެވެ. މާލީ އިދާރާތަކުގެ އަޑު އަހަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0