މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

25 މެއި 2022 - 17:50

ބަންގްލަދޭޝް ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ، ބަންގްލަދޭޝްގެ ސަފީރު ވަނީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ވިޔަފާރިއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ހުރި ފުރުޞަތުތައްފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމާއި ތަފާތުކުރުމެއްނެތި ވެކްސިންގެ ފޯރުކޮށްދެއްވުމަށް ކުރައްވާފައި މަސައްކަތް ފާހަގަކުރައްވާފައެވެ.

advertisement

ފުލުހުންގެ ދުޅަހެޔޮކަން ދެނެގަތުމަށްޓަކައި ”ޑައިބެޓިކްސް ސްކްރީން” ޕްރޮގްރާމެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ދުޅަހެޔޮކަން ދެނެގަތުމަށްޓަކައި ”ޑައިބެޓިކްސް ސްކްރީން” ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމްގައި، މުވައްޒަފުންގެ ހަށިގަނޑުގެ ހަކުރު ހުންނަ މިންވަރު، ބީ.އެމް.އައި، ލޭގެ ޕްރެޝަރ އަދި ހަށިގަނޑުގައި ސަރުބީހުރި މިންގަނޑު ދެނެގަނެވި، ދިމާވެދާނެ ސިއްހީ މައްސަލަތައް ދެނެގަނެވޭނެއެވެ.

ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ: ފިނޭންސް މިނިސްޓަރ

ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރުގަދަކޮށްކަމަށާއި، ދަރަނި ނުދެއްކޭނެ ވަރުގެ ހާލަތަކަށް ދިއުމުގެ އެއްވެސް ބިރެއް ނެތްކަމަށް މިނިސްޓަރ އޮފް ފިނޭނެސް އިބްރާޙިމް އަމީރް ވިދާޅުވެއްޖެއެވެ.

ދ. މީދޫ ބަނދަރު މަސައްކަތުގެ ދަށުން އެއްގަމުތޮށީގެ މަސައްކަތް މިހާރު ކުރިއަށްދަނީ

ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް 24 މެއި 2022 ވަނަ ދުވަހު ނިމިއްޖެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެއް.

ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން: ޕްލޭނިންގ މިނިސްޓަރ

ސަރުކާރުން ވާ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އަސްލަމް ވިދާޅުވަނީ ވައުދުތައް ވަނީ ކުރުމުގެ ނިޔަތުގައި ކަމަށާއި އެހެން ނަމަވެސް ގިނަ ފަހަރު ވައުދުތައް ވެފައި ހުންނަނީ އޭގެ ހުރިހާ ތަފްސީލުތަކަށް ބެލުމަށް ފަހު ނޫން ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0